ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް ނިހާން އިންތިޚާބު ކޮށްފި

ޖުމުހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް އެޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްގެ ސްޕެޝަލް އެޑްވައިޒަރ އަހުމަދު ނިހާން ހުސެއިން މަނިކު އިންތިޚާބު ކޮށްފިއެވެ.

ނިހާން އެ މަގާމަށް އިންތިޚާބު ކޮށްފައިވާ ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ވޯޓު ލައިގެންނެވެ. ޖޭޕީގެ ނައިބު ލީޑަރުކަމަށް ނިހާންގެ އިތުރުން ވާދަކުރީ އެޕާޓީގެ ކައުންސިލް މެންބަރު މުޙައްމަދު ސަޢީދެވެ. ޓޫރިޒަމް މިނިސްޓަރުގެ ކުރީގެ ނައިބު އަސްޢަދު ރިޒާ އާއި، ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ތަރުޖަމާން ޢަލީ ޞާލިޙް ގެ ނަން ވަނީ އަނބުރާ ގެންގޮސްފައެވެ.

މިބައްދަލުވުމުގައި އެޕާޓީން ހުސްވެފައިވާ އެހެން މަގާމަކަށް މެމްބަރުން އިންތިޚާބު ކޮށްފައިވެއެވެ. ޖޭޕީގައި 5 ނައިބު ލީޑަރުން ތިއްބަވައެވެ. އޭގެތެރެއިން ހުސްވީ އެއް ނައިބު ލީޑަރުގެ މަޤާމެވެ. އެއީ ކުރިން އެމަޤާމުގައި ހުންނެވި އިގްބާލް އާދަމް، އެމަޤާމުން އިސްތިއުފާދެއްވައި ރައީސް އޮފީހުގެ މިނިސްޓަރުކަމަށް ވަޑައިގަތުމުންނެވެ. ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާއި، އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ރަނިންމޭޓެއްގެ ގޮތުގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ހުންނެވި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ. އަމީން އިބްރާހީމާއި، ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޝަހުގެ އިތުރުން އެޕާޓީގެ ކުރީގެ ނައިބު ރައީސް އަޙްމަދު ސަޢުދެވެ.

ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ އެކި މަގާމުތަކަށް ހޮވުނު މެންބަރުންނަކީ:

  • ކޮމިޓީ އޮފް ސޯޝަލް މީޑިއާގެ ޗެއާމަންގެ މަގާމަށް ހުސައިން އަކްޝަރު،
  • އަންހެނުންގެ ލީގުގެ ރައީސާގެ މަގާމަށް ރީމާ ހުސައިން،
  • ޒުވާނުންގެ ލީގުގެ ރައީސްގެ މަގާމަށް ޝުއައިބް ޝިފާޒް ޝަރީފް،
  • ކޮމިޓީ އޮފް އެޑިޔުކޭޝަންގެ ޗެއާމަނަކަށް މޫސާ މުސްތާޤް،
  • ކޮމިޓީ އޮފް ހެލްތުގެ ޗެއާމަނަކަށް އައިޝަތު ރީޝާ
  • ކޮމިޓީ އޮފް ޑިފެންސްގެ ޗެއާއަކަށް އާއިޝަތު ޝުވޭޒާ
  • ކެމްޕެއިން އެންޑް އިލެކްޝަންސް ކޮމިޓީގެ ޗެއާމަނަކަށް އަބްދުﷲ ނާދިރު
  • ކޮމިޓީ ފޯރ ޑަޔަސްޕޯރާ – އިންޑިއާގެ ޗެއާމަނަކަށް އައިޝަތު އަފްރާ

މީގެ އިތުރުންވެސް، ޖޭޕީގެ ގައުމީ ކޮންފަރެންސުން ހޮވާ 25 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރުންގެ މަގާމު ހުސްވެފައިވާތީ އެ މަގާމުތަކަށްވެސް މެމްބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *