ވާހަކަ: ތޫފާން (5)

" އަޅެ ހަމަ އަސްލުތަ؟ އަހަރެން މިދަނީ ހަމަ މިހާރު އޭނައަށް ގުޅަން… އެހެންވީމަ ދެން އަހަރެން ނުޖެހޭނެތާ އެއްވެސް ކަމަކަށް ވިސްނާކަށް! އެހާ ބޮޑު މުސާރައެއް ދެންޏާ އޭނަ ޖެހޭނެ ވަރަށް ގިނަ ވަގުތު މަސައްކަތް ކުރަން"

އާލިމްގެ މޫނުގައި ފިރުމާލުމަށްފަހު ޖެނީ ދުއްވައިގަތީ ކޮޓަރިއާ ދިމާއަށެވެ. ލޯމަތިން ޖެނީ ގެއްލެން ދެން އާލިމަށް ހުރެވުނީ ބަލާށެވެ. ލުއި ހިނިތުންވުމެއްގައެވެ. ނަމަވެސް އެ މޫނުމަތީގައި އަދިވެސް ހުރީ ކަންބޮޑު ވުމުގެ އަސަރުތަކެވެ. އިތުރަށް ކުރަންޖެހޭ މަސައްކަތް ބޮޑުވީ ވަރަކަށް ސިކުނޑިއަށްވެސް ބަރުވާނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް ޖެނީގެ އުފަލަށްޓަކައި ކޮންމެ ކަމެއްވެސް އޭނާއަށް ކުރެވިދާނެކަން ޖެނީއަށް އަންގައިދޭން އާލިމް ބޭނުންވެއެވެ.

***

" ތިހާ ބޮޑު މުސާރައެއް ދެންޏާ އަހަރެން އެވަރު ދަންނާނަން! އެކަމަށް އެކަށީގެންވާވަރަށް އަހަރެން އިންޝާﷲ މަސައްކަތް ކުރާނަން"

ޝަޒާގެ އަޑުގައިވަނީ އުފާވެރިކަމެވެ. ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅު ކުރެވޭނެ އަލި މަގެއް ފެނުމުން އޭނާ އެކަމާ އިންތިހާއަށް އުފާވިއެވެ.

" ޝަޒާއަށް އެހީތެރިކަމެއް ފޯރުކޮށްދޭން އަސްލު އަހަރެން ބޭނުންވީ! އަހަންނަށް އެނގޭ ދަރިފުޅު ބަހައްޓާފައި ވަޒީފާއަކަށް ނުދާނެކަން.. އެހެންވެ ޝަޒާއަށް މިނިވަންކަމާއެކު މިގޭގައި އުޅެވޭނެ"

ޖެނީގެ އަޑުގައިވަނީ އެއަށްވުރެ ބޮޑު، އުފާވެރިކަމެކެވެ. ދިރިއުޅުމުގައި އަދާކުރަންޖެހޭ ޒިންމާތަކަށް ލުޔެއް ލިބޭނެކަން ޔަޤީންވާތީ ޙަޤީޤަތުގައިވެސް ޖެނީއަށްވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ.

" ހެނދުނު އައިސް ހުރިހާ އިރަކަށް ކައްކާލާނީ! ވަރަށް މަދު އެއްޗެއްތާ މިގޭގައި ހަދާނީ! ޝަޒާމެންނަށް ވާވަރަށް ކައްކަން ވާނެ.. ދެން ގޭތެރެ ސާފުކޮށް، އެއްޗެހި ދޮވެލީމަ ނިމުނީ! އަހަރެންވެސް އުޅޭނަން އެހީވާން! އެހެން ނޫނަސް އިތުރު މީހަކު ގޭގައި އުޅެންޏާ އަހަރެން ކިހާ ފޫހިވެސް ފިލާނެ!"

ޖެނީގެ ވާހަކަތައް އަޑުއަހަން ހުރި ޝަޒާ ފޯނު ބޭއްވީ ޖެނީގެ ވާހަކަތަކަށް އެއްބަސް ވަމުންނެވެ.

***

މަޣްރިބް ނަމާދަށާއެކު ގެއިން ނިކުތް ގޮތަށް އާލިމް ނައިސްގެން ޖެނީ އިނީ އޭނާގެ އިންތިޒާރުގައި ސޯފާގައެވެ. އިރުއިރުކޮޅާ އޭނާ ތާއްޔާ ޖެހެން ފެށެމުން ޓީވީ ހުޅުވާލީ ނުނިދާ އިނދެވޭތޯއެވެ. ނަމަވެސް ޓީވީ ބަލަން ފެށުމުން އޭނާގެ ދެލޮލަށް އިތުރަށް ނިދި ސަވާރުވާން ފެށިއެވެ. އެހެންކަމުން ޖެނީ މަޑުމަޑުން އޮށޯވެލީ، އާލިމް އައުމުގެ ކުރިން ކޮޓަރިއަށް ވަންނަން ބޭނުން ނުވާތީއެވެ. މާގިނައިރުތަކެއްނުވެ، އޭނާއަށް ރަނގަޅަށްވެސް ނިދިއްޖެއެވެ.

" ޖެނީ! ޖެނީ"

ނިދީގެ ތެރެއަށް ގެނބިފައި އޮތް ޖެނީއަށް ލޯ ހުޅުވާލެވުނީ އާލިމް އައިސް ސޯފާގެ ކޮޅުގައި އިށީންނަމުން އޭނާއަށް ގޮވާލުމުންނެވެ. އާލިމް ފެނުމާއެކު ޖެނީ ކަންނެތް ގޮތަކަށް ތެދުވެ ވާހަކަ ދައްކަން ފެށިއެވެ.

" ގަޑިން ކިހާ ވަރެއް؟ "

އާފުރިލަމުން ޖެނީ އެހެން އަހާލި އިރުގައިވެސް އާލިމް އިނީ ސޯފާމަތީގައި ކަނދުރާ ޖައްސާލައިގެން ދެލޯ މަރައިގެންނެވެ.

" ގަޑިން؟ ބާރަ ޖަހައިފި! "

ވަރުބަލި ކަމާއެކު އާލިމް އެހެން ބުނެލުމުން ޖެނީ ދެލޯ ބޮޑުކޮށްލިއެވެ. އަދި ނުހަނު ލޯތްބާއެކު އާލިމްގެ މޭގައި ބޯ ޖައްސާލިއެވެ.

" އެހާ ލަސްވަންދެން ކާރުގައި އުޅޭނެ ކަމެއް ނެތް!"

ޖެނީގެ ދުލުން އޯގާތެރިކަމުގެ ބަހެއް ބުނެލީތީ އާލިމަށް ހިނިތުންވެލެވުނެވެ. އޭނާގެ މޭމަތީގައި އޮތް ޖެނީގެ މަޑުމަޑު އަތްމަތީގައި އަތް ޖައްސާލަމުން އާލިމް ވާހަކަ ދައްކަން ފެށީ ނިދީގެ އަސަރު އެކުލެވިގެންވާ އަޑަކުންނެވެ.

" ކިތަންމެ ލަސްވިޔަސް… ޖެނީގެ އުފަލަށްޓަކައި އަހަރެން މިކަންވެސް ކުރާނަން.. ޖެނީގެ ދުލުން އަހަންނަށް ނުކުރެވޭނެ އެއްވެސް ކަމެއް ނުބުނެވޭނެ!"

އާލިމްގެ ލޯބިވެތި ބަސްތަކުން ޖެނީއަށް އޭނާގެ މޫނަށް ބަލައިލެވުނެވެ. އޭރު އާލިމްގެ ދެލޮލުން އޭނާއަށް ފެންނަމުން ދިޔައީ ވަރުބަލިކަމާއި ނިދީގެ އަސަރުތަކެވެ. އާފުރިފުރި އޭނާގެ ދެލޮލުގައި ތެތްކަން އެކުލެވި އެދެލޯވަނީ ރަތް ވެފައެވެ. އެހެންކަމުން އިތުރަށް އާލިމް މަޑުކުރުވާކަށް ޖެނީ ބޭނުމެއް ނުވިއެވެ.

" ފެންވަރާލައިގެން ނިދާލަން ދާންވީއެއްނު! މާދަމާ ހެނދުނު އޮފީހަށްވެސް ދާން ޖެހޭނެ"

" ޖެނީ ތިގޮތަށް ވާހަކަ ދެއްކީމަ އަހަންނަށް ހާދަ ހިތްވަރެއް ލިބެޔޭ! އަސްލުވެސް ޖެނީގެ ދުލުން ތިހާ ލޯބިން އެއްޗެއް ބުނެލާ އަޑު އިވޭނީ މަދު ފަހަރަކު…"

ބޭއިޚްތިޔާރުގައި އާލިމަށް ބުނެވުނެވެ. އެއާއެކު ޖެނީ އާލިމްގެ ކޮނޑުގައި ޖަހާލިއެވެ.

" ދެން! އަހަންނަށް މަލާމާތް ކުރަނީތަ؟ ލޯބިންދޯ އަބަދުވެސް ވާހަކަ ދައްކަނީ! އެހެން ނޫނަސް އަހަރެން މިރޭ މިހުރީ ވަރަށް އުފާވެފައި! މާދަމާއިން ފެށިގެން އަހަރެން އުޅޭނީ ހާދަ އަރާމެއްގައޭ! ހާދަ ފަސޭހައެއްގައޭ! އެހެން ހިތަށް އެރިޔަސް ވަރަށް އުފާވޭ! ތެންކިޔޫ އާލިމް.. އައި ލަވް ޔޫ! "

އުފަލުން އިނދެ ޖެނީ އާލިމްގެ ކަރުގައި ބެއްދިއެވެ. އެއާއެކު އާލިމް ޖެނީގެ ބުރަކަށީގައި އަތް ޖައްސާލިއެވެ. ނަމަވެސް އޭރު އޭނާގެ ހިތުގައިވަނީ ކޮންމެވެސް ވަރެއްގެ ރިހުމެއް އުފެދިފައެވެ. މީގެ ކުރިން ޖެނީ އޭނާ އަންނަންދެން ބޭރުގައި އިންތިޒާރަކު ނީނދެއެވެ. އޭނާގެ މަސައްކަތްތަކާމެދު ފިކުރުކޮށް، އެކަމާ ގުޅޭގޮތުން ވާހަކަތަކެއް ނުދައްކައެވެ. ޖެނީ ވިސްނަނީ ހަމައެކަނި ޖެނީގެ އުފަލާމެދުގައިކަން އާލިމަށް އިޙްސާސްވުމުން އޭނާއަށް ދެލޯމަރާލެވުނެވެ.

" އަހަރެން މިދަނީ އޮށޯންނަން! އަނެއްކާވެސް ނިދި އެބައާދޭ! ހިނގާ ދާން.."

ސޯފާއިން ތެދުވަމުން ޖެނީ ބުނެލިއެވެ. ނަމަވެސް ތެދުވާނެ ހިތްވަރު ނެތިފައި އާލިމްއަށް އިނދެވުނީއެވެ.

" އެހާ ގިނައިރު ކާރުގައި އިނދެއިނދެ ވަރަށް ބޮޑަށް އުނަގަނޑުގައްޔާ ބުރަކަށީގައިވެސް ރިއްސާ! "

ހަށިގަނޑު ދަމާލަމުން އާލިމް ބުންޏެވެ. އެއާއެކު ޖެނީ ފަހަތަށް އެނބުރި އާލިމަށް ބަލައިލިއެވެ.

" އާލިމްވާނެ މިހާރު ކަސްރަތު ކުރަން… އޭރުން ގައިގެ ރިހުންތައް ރަނގަޅުވެދާނެ! ދެންވެސް އާދެބަލަ ނިދަން.."

އާލިމްގެ ޖުމްލައަށް ޖެނީގެ މާބޮޑު ސަމާލުކަމެއް ނުލިބުމުން އާލިމް ވަރަށް ދެރަވިއެވެ. ޖެނީގޮސް ކޮޓަރިއަށް ވަތް އިރުގައިވެސް އާލިމަށް އިނދެވުނީ އެދިމާއަށް ބަލާށެވެ.

" ކަސްރަތު؟ އަހަރެން ކޮން ވަގުތަކު ކަސްރަތު ކުރާނީ؟"

ދެފަރާތަށް ބޯ ހޫރާލަމުން އާލިމަށް ބުނެލެވުނެވެ.

***

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ޝަޒާގެ އިންތިޒާރުގައި ކެތްމަދުވެފައި އިން ޖެނީ ދުވެފައި ގޮސް ގޭގެ ދޮރު ހުޅުވާލީ ޝަޒާގެ ފޯން ބިޒީކޮށްލާފައި ގޮހެވެ. އެއާއެކު އެންމެ ފުރަތަމަވެސް ޖެނީގެ ލޮލުގައި އަޅައިގަތީ ހިނިތުންވެފައިވާ ޝަޒާއާއި ލިވީގެ މޫނެވެ.

" އަނހަ! ލިވީވެސް އައިތަ؟ "

ލިވީގެ ކޮލުގައި ކޮއްޓާލަމުން ޖެނީ އެހިއެވެ. އެއާއެކު އެތެރެއަށް ވަންނަމުން ޝަޒާ ލިވީއަށް ބަލައިލިއެވެ.

" އާނ! ލިވީ އެކަނި ބާއްވާފައި އަންނާކަށް ނުކެރޭނެއެއްނު.. ނަގައިގެން މި ގެންނަނީ! ދެން އެކަމަކު އަދި މީނަ ނިދި އަންނާނެ.. މިގޭގައި ބޭއްވިދާނެތަ ނިދީމަ؟"

ޝަޒާގެ އެދުމަށް ޖެނީ ބަލައިލީ ހިނިތުންވުމާއެކުގައެވެ.

" އާނ! ކީއްވެ ނުބޭއްވެންވީ؟ ލިވީ ނިދިއައީމަ ނިންދަވާލާ! ދެން ހިނގާ ކޮފީއެއް ބޯލަން.. އަހަރެން މިއަދު ޝަޒާއަށް މިގޭތެރޭގެ ކަންތައްތައް ހުންނާނެގޮތް ކިޔައިދޭނަން.. އޭރުން ޝަޒާއަށް އެނގޭނެއެއްނު ހުރިހާ ކަމެއްވެސް އެކަނި ކުރަން"

ޖެނީގެ ޖުމްލައިން ޝަޒާ ހިނިތުންވެލަމުން ދެފަހަރަކު ބޯ ޖަހާލިއެވެ.

" އާލް ބޭބެ އޮތީ ނިދިފައޭ! ބޭބެ ހޭލީމަ ލިވީވެސް ފޫހި ފިލާނެއެއްނު! "

ބަދިގެބަޔަށް ވަންނަމުން ޖެނީ ބުނެލިއެވެ. ބްލޮކްސް އަޅާފައި ހުރި ފޮށިގަނޑު ކައިރީ އިށީނދެލައިގެން އޭރު ލިވީ އިނީ ކުޅޭށެވެ.

" އެގޮތަށް ކުޅެން އިނދެދާނެ ކިތަންމެ އިރެއް ވަންދެންވެސް. "

ލިވީއަށް ބަލައިލަމުން ޝަޒާ ބުންޏެވެ. އޭރު ކޮފީ ތައްޔާރު ކުރުމުގައި ޖެނީ އުޅެއެވެ.

***

ޝަޒާ އުޅުނީ ޖެނީއާއެކު އެގޭގެ ކަންތައްތައް ދަސްކުރުމުގައެވެ. އެއްޗެހި ހުންނާނެ ތަންތަނާއި ކުރަންޖެހޭ މަސައްކަތްތައް ޖެނީ ދިޔައީ ވަރަށް ރަނގަޅަށް ބުނެދެމުންނެވެ.

" އަނެއްކާ އަހަރެން ކައްކާ އެއްޗެހި އާލިމްއަށް މީރު ނުވިއްޔާޔޯ؟ "

ޖެހިލުންވެފައި ޝަޒާ އެހިއެވެ. އެއާއެކު ޖެނީއަށް ބާރުބާރަށް ހެވުނެވެ.

" އާނ! އޭނަ ބޭނުންވާނެ ވަރަށް މީރުކޮށް ކާން.. އެކަމަކު އަހަންނަކަށް ހުރިހާ ކަމެއް ނުވާނެ.. މާގިނަ ވައްތަރުތަކެއް ނުހެދޭނެ.. ބައެއް ފަހަރު ޝަކުވާވެސް ކުރާނެ އެކަމާ"

ވާހަކަ ދައްކަމުން ގޮސް ޖެނީ ސޯފާގައި އިށީނދެލިއެވެ. ޝަޒާވެސް ޖެނީ ފަހަތުން އައިސް އިށީނދެލީ ހިނިތުންވެލަމުންނެވެ.

" ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް އުޅެންޏާ އަހަރެންގާތު ބުނަންވާނެ! ފަހަރެއްގައި މާ ބުރަކޮށް އުޅެން ޖެހުނަސް ރުޅިގަދަވެދާނެތާ! ދެން ބަދިގެއާއި ގެއަށް ބޭނުންވާ އެއްޗެހި ހުސް ނުވަނީސް ބުނާތި! "

ޖެނީގެ ޖުމްލަ ނުނިމެނީސް ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ދެމީހުންނަށްވެސް އެދިމާއަށް ބަލައިލެވުނީ އެއްފަހަރާއެވެ. އޭރު އޮފީހަށް ދާން ތައްޔާރު ވެގެން އާލިމް ނިކުމެއްޖެއެވެ. އޭނާ ފެނުމާއެކު ޝަޒާއަށް އިސްޖަހާލެވުނީ އިޙްތިރާމް ކުރުމުގެ ގޮތުންނެވެ.

" އާލިމް! މި އިނީ ޝަޒާ!"

ކޮޅަށް ތެދުވަމުން ޖެނީ ބުންޏެވެ. އެއާއެކު ބޭއިޚްތިޔާރުގައި ޝަޒާއަށް އާލިމަށް ބަލައިލެވުނެވެ. އެހިނދު އާލިމް ލުއި ހިނިތުން ވެލަމުން ބުމަ ހިއްލާލިއެވެ.

" އާލް ސްކޫލަށް ގެންދަން ނަޔަސް އޯކޭ! ޝަޒާ ދާނެ އެއްނު"

ޖެނީ އެހެން ބުނުމާއެކު އާލިމް ބޯ ޖަހާލިއެވެ. ދޮރު ކައިރީގައި ހުރި ބޫޓު ރެކުން ބޫޓު ނެގުމަށްފަހު އޭނާ އަވަސް އަވަހަށް ބޫޓު ސާފުކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ.

" މިއަދު ބްރޭކަށް ނާންނާނަން އެހެންވީމަ! ވަރަށް ބިޒީ ވާނެ މިއަދު"

އަވަސް ހަރަކާތްތަކާއެކު އާލިމް ބޫޓަށް ފައިކޮށްޕާލަމުން ހިނގައިގަތީ ޖެނީއަށް މާބޮޑު ސަމާލުކަމެއް ނުދީއެވެ. އާލިމް ނިކުތުމާއެކު ޖެނީ އަނެއްކާވެސް ސޯފާގައި އިށީނެވެ. އޭރު ޝަޒާގެ މޫނުމަތީގައި ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން އެކުލެވިފައިވާތީ ޖެނީއަށް ބޭއިޚްތިޔާރުގައި ސުވާލު ކުރެވުނެވެ.

" ކިހިނެއްވީ؟ އާލިމް އަހަންނާ ނުގުޅެނީތަ؟ ހާދަ ފާޑަކަށް ތި އިންނަނީ؟"

ޖެނީގެ ސުވާލުތައް އަޑު އިވިފައި ދެފަރާތަށް ބޯހޫރާލަމުން ޝަޒާ ހީލިއެވެ.

" ނޫނޭ! އެހެންނެއް ނޫން.. ޖެނީ ކަހަލަ ރީތި ކުއްޖަކާ ގުޅޭނެ ކޮންމެ މީހަކުވެސް.. އަހަރެން މި ހިތަށް އަރަނީ އޭނަ އޮފީހަށް ދަނީ ސައި ނުބޮއި ބާވައޭ؟ "

ޝަޒާގެ ޚިޔާލާއި ވިސްނުން ހުރިގޮތް އެނގުމުން ޖެނީއަށް ބާރުބާރަށް ހިނިގަނޑެއް ޖަހާލެވުނެވެ.

" މިހާ ހެނދުނާ އޮފީހަށް ދާއިރު ސައެއް ނުކެއްކޭނެ އެއްނު.. ބުނާނެ އޮފީހަށް ގޮސް ކޮފީއެއް ބޯނަމޭ! އެހާ މައްސަލަ ބޮޑެއް ނުކުރާނެ.."

ޖެނީގެ ވާހަކަތައް އަޑުއަހަން އިނދެ ޝަޒާ ހީލި ނަމަވެސް އޭނާގެ ހިތުގައި ބުނެދޭން ނޭނގޭ ކަހަލަ އިޙްސާސްތަކެއް އުފެދެމުން ދިޔައެވެ.

" ޝުކުރިއްޔާ ޖެނީ! އަހަންނަށް އިތުރަށް ލާރި ލިބޭނެ މަގެއް ހޯދައި ދިނީތީ ޝުކުރު އަދާ ކުރާނެ ގޮތެއްވެސް ނޭނގެ! އަހަރެން މަސައްކަތް ކުރާނަން ވަރަށް ރަނގަޅަށް.. ޖެނީ ހިތްހަމަ ޖެހޭ ގޮތަށް ހުރިހާ ކަމެއްވެސް ކުރެވޭތޯ ބަލާނަން"

ޖެނީ ވާހަކަ ދެއްކި އިރު، އޭނާގެ ދެލޮލުން ކޮންމެވެސް ވަރަކަށް ކަރުނަ ވިދަން ފެށިއެވެ. އެހެންކަމުން ޖެނީއަށް އެކަން ސިއްރު ކުރުމަށްޓަކައި އޭނާ އަވަސް އަވަހަށް އިސްޖަހާލިއެވެ. ވަގުތަކީ އާލްވެސް ހޭލައިގެން ނިކުތް ވަގުތެވެ. އެހެންކަމުން ސޯފާއިން ތެދުވެ ޖެނީ ހިނގައިގަންނަމުން ވާހަކަ ދައްކަން ފެށިއެވެ.

" ދެން އަބަދު ޝުކުރު އަދާކުރާނެކަމެއް ނެތް.. އަހަރެން މިދަނީ އާލް ރީތިކޮށްލަން.. ޝަޒާވެސް ދެން ލިވީއަށް ސައި ތައްޔާރުކޮށްލާ! އާލް ތައްޔާރުކުރީމަ ސްކޫލަށް ގެންދަން ދާނަން ދޯ!"

ޖެނީގެ އެދުމަށް ޝަޒާ އާނއެކޭ ބުނެލިއެވެ. ހިނިތުންވެލަމުން ޖެނީގޮސް ކޮޓަރިއަށްވަނީ އާލްވެސް ގޮވައިގެންނެވެ. ހަމަ އެވަގުތެވެ. އެނދުމަތީގައި އޮތް ޖެނީގެ ފޯނަށް އާލިމް ގުޅަން ފެށިއެވެ.

" ޖެނީ! އާލްގެ ކަންތައްތައްވެސް ޝަޒާ ލައްވާތަ ކުރުވަނީ؟ އަހަރެން އެގަޑީގައި އެއްޗެއް ނުބުނީ އޭނަ އިނީމަ! ކައްކާ ސާފުކުރަން ގެނައި ކުއްޖެއްނޫންތަ އެއީ؟"

ސުވާލަކަށްފަހު ސުވާލެއް އާލިމް ދޫކުރަމުން ދިޔައެވެ.

" ދެން އާލިމް! އަހަރެންގެ އިތުރުން އާލިމަށްވެސް ފަސޭހަވާނެދޯ! އާލިމް ނުޖެހޭނެއެއްނު އަންނާކަށެއް.. އޭނަ ބުންޏޭ ގޮސްދޭނަމޭ!"

ޖެނީ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

" އަހަރެން ދާނަން އާލް ބަލައި! "

ހިތްހަމަ ނުޖެހޭ ރާގެއްގައި އާލިމް ބުންޏެވެ. އެއާއެކު ޖެނީގެ މޫނުމަތީގައި ފޫހިކަމުގެ އަސަރުތައް ވެރިވެގަތެވެ.

( ނުނިމޭ )

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *