ވާހަކަ: ތޫފާން (6)

" ދެން އާލިމް! އަހަރެންގެ އިތުރުން އާލިމަށްވެސް ފަސޭހަވާނެދޯ! އާލިމް ނުޖެހޭނެއެއްނު އަންނާކަށެއް.. އޭނަ ބުންޏޭ ގޮސްދޭނަމޭ!"

ޖެނީ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

" އަހަރެން ދާނަން އާލް ބަލައި! "

ހިތްހަމަ ނުޖެހޭ ރާގެއްގައި އާލިމް ބުންޏެވެ. އެއާއެކު ޖެނީގެ މޫނުމަތީގައި ފޫހިކަމުގެ އަސަރުތައް ވެރިވެގަތެވެ.

" އެކަމު އާލިމް ބުނި ވަރަށް ބިޒީވާނެޔޭ"

" އަހަރެން ބިޒީ ނޫން ދުވަހެއް ދޭތަ؟ ބިޒީވިޔަސް ދުވަހަކުވެސް އާލްގެ ކަމަކަށް ފަރުވާކުޑަ ކޮށްފައެއް ނުވާނެ"

އިތުރަށް ޒުވާބު ކުރަން ބޭނުން ނުވާތީ އާލިމް ފޯނު ބޭއްވިއެވެ. އޭރުވެސް ޖެނީ ހުރީ އިންތިހާއަށް ރުޅި ގަދަވެފައެވެ.

***

ކައްކާ ނިންމާލުމަށްފަހު ޝަޒާ ސާފު ކުރަން ފެށިއެވެ. އޭރުވެސް ލިވީ އިނީ ކުޅޭށެވެ. އާލް ސްކޫލުން އަންނަން ވާއިރަށް ސާފުކޮށް ނިންމާލަން ޝަޒާ ކޮންމެހެންވެސް ބޭނުންވިއެވެ. އެއީ ކުޑަ ދެކުދިން އުޅޭއިރު އެކަން ކުރަން އޭނާއަށް އުނދަގޫ ވާނެތީއެވެ. ބަދިގެ ތެރެއިންވެސް އޭނާއަށް ފެންނަނީ މުޅިންވެސް ރަނގަޅު ކުރަންޖެހޭ ކަންކަމެވެ. ކަބަޑުތައް ހުޅުވާލި އިރު ދަޅުފުޅިން އެތަންތަން އޮތީ ތޮއްޖެހިފައެވެ. ތަރުތީބެއް ނެތެވެ. އޭތިމީތިން، ފުނިޖެހިފައި އޮތް ކާމޭޒު ފެނި، އެގެއަށް ވަނީއްސުރެ ޝަޒާ ހުރީ ބޮލަށް އުނދަގޫވެފައެވެ. އެހެންކަމުން އަވަސް ޚަރާކަތްތަކާއެކު އޭނާ ސާފު ކުރުމުގައި އަވަދިނެތި އުޅުނެވެ. ބަދިގެ ކަބަޑުތަކުން ފެށިގެން އައިސް އަލަމާރިއާ ޖެހެންދެން އޭނާ ސާފުކުރިއެވެ.

އެންމެ ފަހު ކަމަކަށް، މޮޕް ޖަހަން ފެށިތަނާ، ސިޓިންގރޫމްގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އެއާއެކު ޝަޒާއަށް އެދިމާލަށް ބަލައިލެވުނެވެ. އޭރު އާލްއާއެކު އާލިމް ވަދެގެން އަންނަތަން ފެނުނެވެ. އެތެރެއަށް ވަތްގޮތަށް އާލިމްގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ ސިޓިންގރޫމްގައި ހުރި ކާމޭޒަށެވެ. ކާމޭޒުމަތީގައި ދާއިމީގޮތެއްގައި ބަހައްޓާފައި ހުންނަ ހުސްފުޅިތަކާއި ބޭކާރު ތަށިތަކެއް ނެތެވެ. ބަދިގެ ޝީޓުމަތީގައި އެގޮތް މިގޮތަށް ހުރި ތެލިތަކާއި ތަށިތަކެއް ނެތެވެ. ސިޓިންރޫމްގައި ދުވެލަ ދުވެލަ ހުންނަ ކުދިކުދި ކުޅޭ އެއްޗެއްސެއްވެސް ނެތެވެ. އަދި ބެލްކަނީގައި އަބަދުވެސް އަޅާފައި ހުންނަ އަންނައުނުތަކެއްވެސް ނެތެވެ. ފުންނަޒަރަކުން މުޅި ގެއަށް ނަޒަރު ހިންގާލެވުމާއެކު އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެހިނދު މޭގެ ތެރެއިން ފުރޭނިގެން އެތެރެއަށްވަނީ ތާޒާ ނޭވާއެއްކަން އިޙްސާސް ކުރެވުނެވެ. ގޭތެރޭގައި ހިފާލާފައި ހުންނަ ތަތްވަހެއް މިއަދަކު ނެތެވެ. ގޭތެރެއިން ފެންނަ މުޑުދާރުކަން ބަދަލުވެފައި އޮތީ ސާފުތާހިރު ތަނެއްގެ ގޮތުގައެވެ.

" މަންމީ! ލިވީ ނިދަން"

ތުއްތު ލިވީ އައިސް ޝަޒާގެ ހެދުމުގެ ފަސްބައިގައި ހިފަމުން ބުނެލި އަޑަށް އާލިމަށް ބަލައިލެވުނެވެ. އޭރު އާލް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

" ދަރިފުޅު މަޑުކޮށްލާ އިނގޭ! މިހާރު މި ނިމެނީ"

ނުހަނު އޯގާތެރިކަމާއެކު ވާހަކަ ދެއްކި ޝަޒާއަށް އާލިމަށް ބަލައިލެވުނެވެ. ނަމަވެސް އިތުރު ވާހަކައެއް ނުދައްކާ އޭނާވެސް ދިޔަގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އެއާއެކު ލޮލުގައި އަޅައިގަތީ ނިދާފައި އޮތް ޖެނީއެވެ.

" މަންމީ! "

އެނދުމައްޗަށް އަރާ، ޖެނީގެ ގައިގައި ބައްދާލަމުން އާލް ބުންޏެވެ.

" އޫން ދެން އާލް! މަންމިއަށް އުނދަގޫ ނުކޮށްބަލަ! އެއްޗެހި ބަދަލުކޮށްލައިގެން ދޭ ޖޫސްބޯން ދައްތަ ގާތަށް"

ފަރުވާކުޑަ ގޮތަކަށް ޖެނީ ބުނެލީ ދެލޯ މަރައިގެން އޮވެއެވެ. އެއާއެކު ހިތްހަމަ ނުޖެހޭ ގޮތަކަށް އާލިމްއަށް ބަލައިލެވުނެވެ.

" އޭނަ އެބައުޅޭ ގޭތެރޭގައި މޮޕްލާން! "

މިގަޑީގައި ޖެނީއާ ދިމާލަށް ރުޅި އައިސްގެން އެއްޗެއް ބުނެފިނަމަ، ޒުވާބަކަށް ވެދާނެތީ އާލިމް ވާހަކަ ދެއްކީ މަޑުންނެވެ.

" ނިންމާލާފައި މީނައަށް ޖޫސް ތައްޓެއް ދޭށޭ ބުނޭ! އަހަރެން ވަރަށް ބޮލުގައި ރިއްސާ"

މޫޑީ ރާގަކަށް ޖެނީ އެހެން ބުނުމާއެކު އާލްވެސް އެނދުން ފޭބިއެވެ.

" ޝްޝްޝް ބައްޕީ! މަންމި ބޮލުގައި ރިއްސަންޏާ ވަރަށް ރުޅި ގަދަވާނެ"

އާލިމަށް ބަލައިލަމުން އާލް ބުނެލިއެވެ. އެއާއެކު ލާނެތް ގޮތަކަށް އާލިމަށް ހެވުނެވެ.

" ހޫމް.. އެގޮތަށް ބޮލުގައި ރިއްސާ ދުވަސް ދުވަހު މަންމިއާ ވާހަކަ ދެއްކިޔަސް ރުޅި އަންނާނެ! ބޭނުންވާ ވަރަށް ނިދާލެވުނީ އެގޮތައް ރިހޭ ރިހުން ފިލާނެ"

އާލް ލައިގެން ހުރި ޓީޝާޓް ބާލުވަމުން އާލިމް ބުންޏެވެ.

" އަހަންނަށް މަލާމާތް ކުރިޔަސް ހެވޭ! "

މޫނުމަތީގައި ބާލީސް އަޅަމުން ޖެނީ ބުނެލީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި އޮވެއެވެ. އިތުރަށް ރައްދެއް ނުދީ އާލިމް، އާލް ގޮވައިގެން ކޮޓަރިން ނިކުތެވެ. އޭރު ޝަޒާ އުޅެނީ ކާން ހެދުމުގައި އަވަދި ނެތިއެވެ. ޝަޒާ ފެނުމާއެކު އާލް ގޮސް ޝަޒާގާތު ހުއްޓުނެވެ.

" މަންމަ ބުނީ ދައްތަ ގާތު ބުނާށޯ ޖޫސް ދޭށޭ"

އާލްގެ ޖުމްލައިން ޝަޒާއަށް ހެވުނެވެ. އެއާއެކު ދެލޯ ބޮޑުކޮށްލަމުން އޭނާ އާލްގެ މޫނާ ދިމާލަށް ކުޑަކޮށް ގުދުވެލިއެވެ.

" މިގަޑީގައި ޖޫސް ބުއީމަ ކޮއްކޮއަކަށް ދެން މެންދުރު ބަތެއް ނުކެވޭނެއެއްނު! ބަތާއެކު ޖޫސް ބޯނީ ދޯ!"

އާލްގެ ދަތްދޮޅީގައި ހިފާލަމުން ޝަޒާ ބުންޏެވެ.

" މަންމީ! ކޮއްކޮ ނިދާނީ ބަތްކައިގެން.."

އޭރުވެސް ލިވީ ހުރީ ޝަޒާގެ ހެދުމުގައި ހިފަހައްޓައިގެންނެވެ.

" ހޫމް.. ދެކުދިން އެއްކޮށް ކާނީ! "

ލިވީ، އުރާލުމާއެކު ޝަޒާގެ ނަޒަރު ހުއްޓުނީ ދުރުގައި ބަލަހައްޓައިގެން ހުރި އާލިމްއަށެވެ. އެއާއެކު އޭނާއަށް ހިނިތުންވެލެވުނީ ބީރައްޓެހި ގޮތަކަށެވެ. އާލިމްގެ އާދައިގެ ގޮތަކަށް ހީލުމަށްފަހު، ބޭރަށް ނިކުންނަން އެނބުރިލިއެވެ.

" ކާން ހަދައިގެންތަ؟ "

އާލިމް ހިނގައިގަތުމާއެކު ޝަޒާ އަހާލިއެވެ. އެއާއެކު އާލިމް ފަހަތް ބަލައިލުމަށްފަހު އަނެއްކާވެސް ހިނިތުންވެލިއެވެ.

" ޖެނީ ބުނި، އާލް ގެނެސް އާލިމްވެސް މިގަޑީގައި ކައިގެންނޯ އޮފީހަށް ދާނީ! "

ޝަޒާގެ ޖުމްލައިން އާލިމްއަށް އެއްމިޔަކަނުން ހީލެވުނެވެ.

" ކާން ހަދަން ވެގެން މިއުޅެނީ! މަޑުކޮށްލަންވީނު ކައިގެން ދާން"

ޝަޒާ ވާހަހަކަ ދެއްކީ ނުހަނު ހިތްހެޔޮކަމާއެކުގައެވެ. އޭނާގެ ސާފު މޫނުގައި ފެންނަން ހުރީވެސް ހިނިތުންވުމެވެ.

" އޮފީހުން އައިސް ޖެނީއާއެކު ކާނީ! ތޭންކްސް"

ޖީބަށް އަތް ޖަހާލަމުން އާލިމް ބުނެލިއެވެ. އެއާއެކި ޝަޒާ ބޯ ޖަހާލުމަށްފަހު އަނެއްކާޥެސް އަވަސްވެގަތީ ކުޑަ ދެކުދިންނަށް ކާން ތައްޔާރު ކުރުމަށެވެ.

***

ލިވީ ނިދާފައި އޮތުމުގެ ސަބަބުން ޝަޒާއިނީ ލިވީ ހޭލާނެ އިރެއްގެ އިންތިޒާރުގައި ސޯފާގައެވެ. އޭރު ގަޑިން ދޭއް ޖަހަން ކައިރި ވެއްޖެއެވެ. މުށިތައްމަތީގައި އަޅާފައި އޮތް މެޓެއް މަތީގައި ކުޅެން އިން އާލް އިރުއިރުކޮޅުން ޝަޒާއަށް ބަލައިލުމަށްފަހު ހީލައެވެ. އޭނާގެ އެ ހީލުމުގެ ސަބަބުން ޝަޒާއާ ވަރަށް ގަޔާވެއްޖެކަން ޝަޒާއަށް އެނގުނެވެ. އެހެންކަމުން ޝަޒާވެސް އާލްއާ ބައިވެރިވެލުމަށްޓަކައި ތިރީގައި އިށީނދެލިއެވެ.

" އާލް! ހާދަ މޮޅޭދޯ ޕަޒުލް ހަދަން"

އާލް ރާވަމުންދިޔަ ޕަޒުލްއަށް ބަލައިލަމުން ޝަޒާ ބުންޏެވެ. އެއާއެކު އާލް ވަރަށް އުފާވެއްޖެކަން އޭނާއަށް އެނގުނެވެ.

" ދައްތަވެސް މި ރާވަބަލަ! އޭރުން އާލްވެސް ބުނާނަން ދައްތަވެސް ވަރަށް މޮޅޭ! "

އާލްގެ ޖުމްލައިން ޝަޒާއަށް ހެވުނީ ނުހަނު ބާރަށެވެ. އެއާއެކު ޝަޒާއަށް ބަލައިލެވުނީ ކޮޓަރިން ނިކުމެގެން އަންނަ ޖެނީއަށެވެ. ނިދާނިދާ އޭރު އޭނާގެ މޫނުމަތި ހުރީ ވަރަށް ބޮޑަށް ދުޅަވެސް ވެފައެވެ. ޝަޒާ ފެނުމާއެކު ޖެނީގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ.

" މިއަދު މިހާ ވަރަށް މި ނިދުނީ އާލް އުނދަގޫ ކުރަން ނުދިޔައީމަ! ބަލިވެގެންވެސް ނުކެރޭނެ އިރުކޮޅަކުވެސް އޮވެލާކަށް"

ޖެނީ ވާހަކަ ދައްކަން ފެށުމުން ޝަޒާ ތެދުވިއެވެ.

" ލިވީ ނިދުނީދޯ! "

ސޯފާގައި ނިދިފައި އޮތް ލިވީ ފެނުމާއެކު ޖެނީ ހިނިތުންވެލިއެވެ.

" ހޭލީމަ، ގެއަށް ދާން މި މަޑުކޮށްލަނީ.. އިރުކޮޅަކުން ހޭލާނެ ކަންނޭނގެ.."

ޖެނީގެ ކުރިމަތީގައި ހުއްޓެމުން ޝަޒާ ބުންޏެވެ. އެއާއެކު ޖެނީއަށް މުޅި ގެއަށް ނަޒަރު ހިންގާލެވުނެވެ.

" ވަރަށް މަސައްކަތްކޮއްފިންދޯ! "

ހެވިފައި ހުރެ ޖެނީ ބުންޏެވެ. އެއާއެކު ޝަޒާ އިސްޖަހާލިއެވެ.

" ދެން.. އަހަރެން މިގެއަށް މިއައީ މިތާ އިންނާކަށް ނޫނޭ.. ޖެނީ ކާންވީއެއްނު.. "

ޝަޒާގެ ޖުމްލަ ނުނިމެނީސް އާލިމް އައިސް ގެއަށް ވަނެވެ. އެއާއެކު އޭނާގެ ނަޒަރު ހުއްޓުނީ ޖެނީގެ މޫނަށެވެ. ޖެނީގެ މޫނުމަތީގެ ކުލަވަރުން އޭނާ ހޭލައިގެން އެއައީ ދާދި ދެންމެކަން އާލިމަށް ދެނެގަނެވުނެވެ.

" އާނ! ކާންވީ ދެން.. ވަރަށް ބޮޑަށް ބަނޑުހައިވެއްޖެ!"

ބަދިގެއާ ދިމާލަށް މިސްރާބު ޖަހަމުން ޖެނީ ބުންޏެވެ. އެއާއެކު ބޫޓު ހަރުގައި ބޫޓު ބަހައްޓަމުން އާލިމްވެސް ޖެނީއާ ބައިވެރިވުމުގެ ގޮތުން ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެންވެސް ވަރަށް ބޮޑަށް ބަނޑުހައި!"

އެއާއެކު އާލިމްއާ ދިމާލަށް ޖެނީއަށް ބަލައިލެވުނީ ހައިރާންކަމާއެކުގައެވެ. އޭރުވެސް ޝަޒާ ހުރީ ސޯފާ ކައިރީ ކޮޅަށެވެ.

" އާލިމް އަދި ނުކަންތަ؟ "

ޖެނީއަށް ލިބިފައިވާ ހައިރާންކަމުގެ ސަބަބުން އާލިމްގާތަށް ނުހަނު ހިނިއައެވެ.

" އާނ! އަހަރެން އަބަދުވެސް ކަނީ ޖެނީއާ އެކުގައެއްނު..މި އަންނަނީ ފެންވަރާލައިގެން "

ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން އާލިމް ބުންޏެވެ. ޖެނީއަށް ގައިން ބާރު ދޫކޮށްލެވުނީ ދެފަރާތަށް ބޯ ހޫރާލަމުންނެވެ.

" ދެން އާލިމް! އަހަންނަކަށް ނުހުރެވޭނެ ދެން ނުކައެއް.. ކައިގެންވެސް ދެވިދާނެއެއްނު"

ޖެނީގެ ޖުމްލަ ނިމުނުއިރު އާލިމްއަށް ހުރެވުނީ ކޮޓަރި ދޮރުމަތީގައެވެ. ނަމަވެސް ޖެނީގެ އެދުމަށް ދެކޮޅު ނުހަދަން ވެގެން އޭނާ އެނބުރި އައިސް ކާމޭޒު ކައިރީ ހުރި ގޮނޑީގައި އިށީނދެލިއެވެ.

" ޝަޒާ ކައިފިންތަ؟ އާދޭ އަހަރެމެންނާއެކު ކާން"

ޖެނީ ގޮވާލިއެވެ.

" މެންދުރު ވަރަށް ނުކެވޭނެ! ކޮފީއެއް ބޯލީމަ އޯކޭވާނެ"

ޝަޒާ ބުނެލިއެވެ.

" ހާދަ ފެންވަރުގައޭ ކައްކާފަ މިއޮތީ! ލޮނުމިރުސްރިހަ އާލިމަށްވެސް ވަރަށް މީރުވާނެ ދޯ އާލިމް"

ތެއްޔެއްގެ މަތި ނެގުމަށްފަހު ޖެނީ ބުނެލިއެވެ. އެއާއެކު އާލިމަށް ކުރު ހިނިގަނޑެއް ޖަހާލެވުނެވެ.

" އެކަމަކު މިހާރު ގަރުނެއް ވެއްޖެކަންނޭނގެ ލޮނުމިރުސް ރިހަ ނުކާތާ"

އާލިމް އެހެން ބުނުމުން ޖެނީ އާލިމަށް ލޯ އަޅާލީ ހިނިތުންވެލަމުންނެވެ. އޭރު ލިވީ ހޭލައިގެން ޝަޒާ އުޅެނީ ލިވީގެ ބޯ ރީތި ކުރުމުގައެވެ.

" ޖެނީ! އަހަރެން ދެން ދަނީ! މާދަމާވެސް އަންނާނަން ހެނދުނު"

ޝަޒާ ހެވިފައި ހުރެ ބުނެލިއެވެ.

" ލިވީ އަންނައްޗޭ ވަރަށް އަވަހަށް"

ދުރުގައި ކުޅެން އިން އާލް ގޮވާލި އަޑަށް ލިވީއަށްވެސް ބަލައިލެވުނީ އެދިމާލަށެވެ. އެއާއެކު ޖެނީ ދެބުމަ ހިއްލާލަމުން ބުންޏެވެ.

" އާލްވެސް ވަރަށް ހެޕީ ދޯ ލިވީ އައީމަ! ޝަޒާއާވެސް ވަރަށް ގުޅޭ ދޯ އާލް"

" ހޫމް.. ވަރަށް ބަސްއަހައިގެން އުޅުނު.."

ޝަޒާ ހީލަމުން ބުންޏެވެ. އޭރު ކާން ހެދުމަށްފަހު ޖެނީ އިށީންނަނީއެވެ. ޝަޒާވެސް ދޮރާ ދިމާލަށް އެނބުރި ލިވީ އުރާލިއެވެ. ޝަޒާ ދިޔުމާއެކު ޖެނީ ވާހަކަ ދައްކަންފެށީ ފޯނާ ކުޅެން އިން އާލިމާއެވެ.

" މިއަދު އަހަންނަށް ހީވީ ބޮލުން ގާގަނޑެއް ނެގި ހެން! ހާދަ ފަސޭހަ ވެއްޖެޔޭ"

ޖެނީގެ އަޑަށް އާލިމް އަވަސް އަވަހަށް ފޯނު ބޭއްވިއެވެ. އެއަށްފަހު ތައްޓަށް ބަތް އަޅަމުން ވާހަކަ ދައްކަން ފެށިއެވެ.

" އެއީ ކީއްވެޔޯ؟"

" އެއީ ދެން… ކުރަން ހުރި ކަންތައްތައް އެހެންމީހަކު ކޮށްދިނީމަ… އަސްލުވެސް ޝަޒާ ވަރަށް ރަނގަޅު"

ޖެނީގެ ވާހަކައިން އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައިކަން އާލިމަށް އެނގުނެވެ.

" އަހަރެން ކިޔައިދިނީމެއްނު އޭނަގެ ޙާލަތު! ވަރަށް ހިތްވަރުގަދަ ކުއްޖެއްދޯ! "

ޖެނީ އަނެއްކާވެސް ޝަޒާއާ ބެހޭގޮތުން ވާހަކަ ދައްކަން ފެށިއެވެ.

" ހިތްވަރު ގަދަވީމަދޯ އެވަރުގެ ކުޑަ ކުއްޖަކު ގޮވައިގެން އެކަނިމާއެކަނި އެ އުޅެނީ! އަސްލު ޖެނީއަށްވެސް މި ހުރިހާ ކަމެއް އެކަނި ކުރެވޭނެ! އަހަރެން މިއަދު އާލް ގޮވައިގެން އައި އިރު އޭނަ ހެދުމުގައި ހިފަހައްޓައިގެން އެގޮއްޔަ ހުރީ ރޮއިލަރޮއިލާ! ވިސްނާލަބަލަ! މިގޭތެރޭގެ ހުރިހާކަމެއް ކޮށްފަ އޭނަ ގެއަށް އެދިޔައީ! އަދި މިއުޅެނީ ތިނެއް ނުޖަހާ! ޖެނީވެސް ހިތްވަރުކޮށްފައި، މުރާލިކަމާއެކު އެގޮތަށް މަސައްކަތް ކުރާނަމަ، ހަތަރުހާސް ރުފިޔާ ސަލާމަތްވީސްދޯ! "

އާލިމް އެހެން ބުނުމުން ޖެނީގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ. ރުޅިވެރި ލޮލަކުން އޭނާ އާލިމަށް ބަލައިލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

" ގެއަށް މެއިޑެއް ހޯދީ އަހަންނަށް ފަސޭހަ ކުރާކަށްނޫންދޯ! ދުވާލު ދެއިރަށް އެވާހަކަ ގޮވާލާ އަބަދުވެސް އަހަންނަށް މަލާމާތް ކުރަންވެގެން ތިކަމެއް މަށަށް ތި ކޮށްދިނީ! ތިފާޑަށް އަހަންނަށް އެއްޗެހި ކިޔަންޏާ އަހަރެން ބޭނުމެއް ނޫން ދެން ޝަޒާ ގެނެސް މަަސައްކަތް ކުރުވާކަށް.. "

" ޖެނީޖެނީޖެނީ! ހާދަ އަވަހަކަށް ތި މައްޗަށްދަނީ! އަހަރެން މިހެން ބުނީމަ ޖެނީ ޖެހޭނީ އެކަމާ ވިސްނާކަށްނު! އޭގެ ބަދަލުގައި އިތުރަށް ރުޅި އައިސް އަހަންނަށް އެތިވަރު ގޮވާލަނީ!"

އާލިމްވެސް މިފަހަރު ރުޅި އަތުވެއްޖެއެވެ. އެކަން ފާހަގަ ކުރެވިގެން ޖެނީ ފުންމައިގެން ތެދުވެ އާލިމާ ދިމާލަށް ބުންޏެވެ.

" އާލިމް އަހަރެންދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވެ! "

" ދެން ތިޖެހުނީ ބޮޑުތާ! ކޮންމެ ކަމެއް ވާއިރަށް އެހެން ބުނާނެ.. ޕްލީޒް ޖެނީ އިށީނދެބަލަ! އާލްއަށް އަޑު އިވިދާނެޔޭ… އެހާ ބާރަށް ވާހަކަ ނުދައްކާ"

ދުރުގައި ކުޅެން، އާލް އިން ހަނދާން ވުމުން އާލިމް ހަމަޖެހޭގޮތް ދެއްކިއެވެ.

" އަހަރެން މިދަނީ ޝަޒާއަށް ގުޅާފަ ބުނަން.. ދެން މިގެއަށް ނާންނާށޭ…"

އެހެން ބުނުމަށްފަހު އަތްވެސް ނުދޮވެ ޖެނީ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

( ނުނިމޭ )

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޖެނީތިއުޅޭގޮތުން ފަހުންހިތާމަކުރަން
    ޖެހިދާނެއިނގޭ އާލިމްތީހަމަޖަވާހިރެއް
    ޖެނީއަށްލިބިފަހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *