ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޑޮލަރު ނެގޭ ލިމިޓް އިތުރުކޮށްފިއެވެ. މިގޮތަށް ނިންމަވާފައިވަނީ ވަޒީރުގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ފެބުރުއަރީމަހުގެ 1ވަނަ ދުވަހުން ފެށިގެން ބީއެމްއެލްގެ ޑެބިޑް އަދި ކްރެޑިޓް ކާޑުގެ ޑޮލަރު ނެގޭ ލިމިޓް 1200އާ ހަމައަށް އިތުރުކުރުމަށް ރައީސް ނިންމަވާފައިވާކަމަށެވެ.
އެހެންވެ، އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކިޔަވާ ކުދިންނަށް ކާޑުން މަހަކު 1،200 ޑޮލަރު ނެގޭނެއެވެ. މިހާރު އޮންނަގޮތުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މަހެއްގެ މައްޗަށް ނެގެނީ 750 ޑޮލަރެވެ.
މިކަން ތަންފީޒްކުރުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީއާއި އަދި ބީއެމްއެލްއިން އެމަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ބޭންކުތަކުން ކަނޑައަޅާފައި އޮންނަ ޑޮލަރު ލިމިޓު އުވައިލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އިއްޔެގެ ނިންމެވުމާ ގުޅިގެން ކުރައްވަން ޖެހޭ ކަންތައްތައް މާލީ ވުޒާރާއާއި މަރުކަޒީ ބޭންކު (އެމްއެމްއޭ)އާއި ބީއެމްއެލް ގުޅިގެން ކުރިއަށް ގެންދަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. ޑޮލަރު ލިމިޓުކުރުން އެއީ ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނާއި އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
