ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާ ސްކޫލެއްގެ ބިންގާ މިއަދު އަޅައިފިއެވެ. ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ސްކޫލުގެ ބިންގާ އަޅުއްވައިދެއްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކިތަންމެ އުސްކޮށް ބިނާތަކެއް ކުރި ނަމަވެސް ސިކުނޑިތައް ބިނާނުކުރެވޭނަމަ އޭގެ ފައިދާ ނުފެންނާނެކަން ފާހަގަކުރެއްވިއެވެ.
“ސިކުނޑިތައް ބިނާކުރުމަކީ އަޅުގަނޑުމެންގެ އެންމެބޮޑު އެއް މަޝްރޫޢު. އިމާރާތްތައް ވަރަށް އުސްކޮށް ހެދިދާނެ. ކިތަންމެ އުސްކޮށްވެސް އިމާރާތް ހެދިދާނެ. އެހެންނަމަވެސް އެ އިމާރާތް އެހެދޭ އުސްމިނާ އެއްވަރަށް ސިކުނޑިތައް ތަރައްޤީ ނުކުރެވޭނަމަ ޤައުމަކުން ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އައު ސްކޫލުގެ ބިންގާއެޅުމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ގަސްދުކުރެއްވީ އެމަނިކުފާނުގެ ސަރުކާރުގައި ފުރަތަމަ ބިނާކުރާ އިމާރަތަކީ ތައުލީމަށް ބިނާކުރެވޭ އިމާރާތަކަށް ހެދުމަށްކަމަށެވެ.
ހުޅުމާލެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ސްކޫލުތަކުގެ ތެރޭން ފޭސް2 ގައި ބިނާކުރާ މި ސްކޫލަކީ 54 ކްލާސްރޫމާއި ހޯލަކާއި ސްކޫލުތަކުގައި ހިމެނޭ އެހެނިހެން ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް އެކުލެވޭގޮތަށް އިމާރާތް ކުރެވޭ ސްކޫލެކެވެ. ގާތް ގަޑަކަށް 1700 ދަރިވަރުންގެ ޖާގައިގެ މި ސްކޫލު އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އާއެވެ.
