ވާހަކަ: ގެއްލުނު ދުނިޔެ (9)

(ބުރާސްފަތި ދުވަހުގެ ނޫހާއިގުޅޭ)

"ދުނިޔޭގައި އެކުވެރިކަމަކީ ވަރަށް ބޮޑު އެއްޗެއް."

"މިހާތަނަށް އަހަރުމެން ފުލުހުންނަށް ޗެލެންޖު ދީދީގެން ކިތައްތަން ފެޅިއްޖެތަ؟"

"ސަތާރަތަން."

"ކިތައް ތަނުން އަހަރުމެން ނާކާމިޔާބުވީތަ؟"

"ކޮންމެ ތާކުން ފުލުހުންނަށް ޖެހެނީ އަނގަކޮޅު ހާވައިގެން ދާން."

"ތިޔައީ ހައްތާވެސް އަހަރުމެންގެ ކާމިޔާބު ރޭވުން."  ނޯތޭޖު ފަޚުރުވެރިކަމާ އެކު ކަނދުރާ އުފުއްލައިލައިފައި ބުންޏެވެ. “އަހަރުމެން ތަގުދީރުގެ ވާހަކައެއް ނުދައްކަން. އެކަމަކު މިހެން ބުނާނަން. ދުނިޔޭގައި ތަދުބީރަކީ ވަރަށް ބޮޑު އެއްޗެއް. މިހާތަނަށް އަހަރުމެން ކާމިޔާބީ ހޯދަމުން އައީ އަހަރުމެންގެ ރޭވުންތަކުގެ ސަބަބުން."

“އަހަރުމެންގެ ކޮންމެ ރޭވުމެއް ވަނީ ނާކާމިޔާބު.” ޑީ.އައި.ޖީ ސާހަބުގެ އަޑު ގުގުމައިލިއެވެ. ” މީ އަހަރުމެން ލަދުގަންނަން ވެއްޖެ މައްސަލައެއް. މިހާރު ފުލުހުންގެ މަހުކަމާގެ މަތީން އާންމުންގެ އިތުބާރު ގެއްލެން ވެސް ކައިރިވެއްޖެ."

"ތީޖް ސިންގގެ ހިތްވަރު އެއް ދުވަހުން އަނެއް ދުވަހަށް އެހެރަ ދަނީ ބޮޑުވަމުން. ކާކުތަ އެތީޖް ސިންގަކީ."

"ޑާކޫއެއް. އެހެން ކާކުތޯ." އަޑުގައި ހިސާބަކަށް ހިކިކަން ހުއްޓެވެ.

"އޭނާއަކީ ޑާކޫއެއްކަން އަހަންނަށް އެނގޭ. އެކަމަކު ވާހަކައަކީ އޭނާއަކީ ކޮންވައްތަރެއްގެ ޑާކޫއެއްބާ؟"

"ކޮންމެ ފަހަރަކު އަހަރުމެންގެ ލޮލުގައި އަނދުން އަޅުވައިފައި އޭނާ ދަނީ.” އަޑުގައި ރުޅިވެރިކަން ހުއްޓެވެ.

"ތިޔަހެން ދޮގެއްތޯ ބުނުއްވަން ތިޔަ އުޅުއްވަނީ."

"އާނ!" އަޑުގައި ހަރުދަނާ ގޮތް ހުއްޓެވެ.

"އަހަރެން ބުނަން މިއުޅެނީ މިހެން."

"އަޅުގަނޑުމެން ކޮންމެވެސް އެއް ދުވަހަކުން އޭނާ ހައްޔަރުކޮށްލާނަންކަން ޔަގީން."

"ކޮންމެވެސް އެއް ދުވަހަކުން ދުނިޔޭގެ ހުރިހާ ކަމެއްވެސް ވާނެ." އަޑުގައި ހުރީ ރުޅިވެރިކަމާއި ނަފުރަތެވެ.

"އެކަމަކު ތިޔަ ބުނާ ދުވަހަކީ ކޮބައިބާ. މައްސަލައަކީ އެއީ."

"އެއީ ހަތް ދުވަހުގެ ތެރެއިން ކޮންމެވެސް އެއް ދުވަސް ކަމަށް ބައްލަވާ. ހަމަ ގައިމުވެސް އަށްވަނަ ދުވަހެއް ނޯންނާނެ." މިހެން ބުނީމާ ވަރުގަދަ ހުނުންގަނޑެއްގެ އަޑު އަރައިގެން ދިޔައެވެ.

"މީ ސަމާސާ ކުރުމުގެ މައްސަލައެއް ނޫން. ވިސްނަންވީ މައްސަލައެއް."

"ތީޖް ސިންގއާއި އޭނާގެ މީހުން އަހަރުމެން މީ ކުޅޭ އެއްޗަކަށް ހަދައިފި."

"އަނެއްކާ އަހަރުމެންގެ ތެރޭގައި ތީޖްސިންގގެ މީހުން ނެތްބާއޭ ހިތަށްއަރައިފާ މިހާރު ޝައްކުވާން ޖެހޭ."

“ތިޔަ ބުނުއްވާ އެއްޗެއްގެ ސަތޭކައިން ސަތޭކަ ދޮގެއް ނޫން. ވެވެސް ދާނެ.”

"ކިހިނެއް ވެވެސް ދާނީ؟"

"ތިޔަ ބުނުއްވާ ގޮތަށް."

"މި ފަހަރު ތީޖް ސިންގގެ ޕާޓީ ނުހޯދިއްޔާ އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް ޖެހޭނީ އިސްތިއުފާ ދޭން."

"މި ފަހަރު ތީޖް ސިންގަކަށް ސަލާމަތެއް ނުވެވޭނެ."

"މި ފަހަރު ތީޖް ސިންގ، ރާއޭ ބަހާދަރު މަތުހަރީ ޕްރަޝާދުގެ ގޭގައި ހައްޔަރުކޮށްލަނަންކަން ޔަގީން."

ދެން މިއަށް ފަހު ޕޮލިސް ހައި ކޮމާންޑުގެ މި މީޓިންގ ނިމިއްޖެއެވެ. އަދި ހުރިހާ މީހުން ތީޖް ސިންގ ރާއޭ ބަހާދަރު މަތުހަރީ ޕްރަޝާދުގެ ގެއާ ދިމާކޮށްލާ ދުވަހަކަށް އިންތިޒާރު ކުރަން ފަށައިފިއެވެ. މިއީ އޭނާގެ ޗެލެންޖެކެވެ. މި ޗެލެންޖުގެ ޚަބަރު ޕޮލިސް މަހުކަމާއަށް އެއް ހަފުތާ ކުރިން ލިބިއްޖެއެވެ.

ޖަގްދޭޝް މަރުވަންވީ ހިނދު އޭނާގެ މީހުން އެއްކޮށް އެ އެންމެންނާ މުޚާތަބުކޮށް ބުންޏެވެ.

އަހަންނަށް ފަހުގައި ތީޖް ސިންގ އެއީ ކަލޭމެންގެ ސަރުދާރެވެ. ކަލޭމެންގެ ހުރިހާ އެންމެން އޭނާގެ އިޝާރާތުގެ މައްޗަށް ހިނގުން ހުއްޓެވެ. އޭނާގެ މީހުން އެ އަމުރަށް ކިޔަމަން ވިއެވެ. އަދި މަރުވަމުން ގޮސް މަރުވެ ދިޔަސް ސަރުދާރުގެ ހުކުމަކަށް ފުރަގަހެއް ނުދޭނެ ކަމުގެ ހުވާ އޭނާގެ ކުރިމަތީގައި ކުރިއެވެ. އޭގެ ތެރެއިން ކޮންމެ މީހެއްމެ ތީޖް ސިންގަށް ޓަކައި ފުރާނައަށް ދަންދެން ދިނުމަށް ހުވާ ކުރިއެވެ.

ދެން މި ގޮތުން ހިތްހަމަޖެހުން ހާސިލު ކުރުމަށް ފަހު، ޖަގްދޭޝް އޭނާގެ ލޯ ކަރުނައިން ފުރިފައިވާ ހާލުގައި ނޯތޭޖަށް ބުންޏެވެ.

"އަހަންނަށް ފަހު، ކަލޭ އަހަރެންގެ ދަރިފުޅު ޝަޝީއަށް ހުރިހާ ގޮތަކުން ބަލައިދޭތި އިނގޭ. ދުނިޔޭގައި އަހަރެންގެ ހުރިހާ ވެސް އެއްޗަކީ ޝަޝީ. އަހަރެން މި ދެތިން ގަޑިއިރުގެ މެހުމާނަށް ކަލޭ ކޮށްދޭންވީހާ ވެސް ކަމަކީ އެއީ." އޭނާ ހިތާމައިން ފުރިގެންވާ އަޑަކުން ބުންޏެވެ. "ޝަޝީގެ ބޯމަތީގައި ކަލޭގެ ލޯބީގެ އަތްތިލަ ބާއްވައިގެން އަހަރެންގެ ފުރާނައަށް ފަސޭހަކޮށްދީ. ނޯތޭޖު، އަހަރެން އޭގެ ބަދަލުގައި އަހަރެން ކުރި ހުރިހާ ހެޔޮކަމެއް ކަލެއަށް ދޭނަން. މިބުނީ އެހެންވެއްޖެއްޔާ އިނގޭ. ނޫނިއްޔާ ނޯތޭޖު އަހަންނަށް މާފުކޮށްދީ."

ދެން އޭނާ އޭނާގެ އެނދުގެ ކައިރީގައި ކަރުނަތައް އޮހޮރައޮހޮރައި ހުރި ޝަޝީ ގެނެސް އޭނާގެ މޭގައި ޖައްސައިލިއެވެ.

"ނުރޮއި މަގޭ ދަރިފުޅާ! ދަރިފުޅުގެ ކަރުނަ އަހަރެންގެ ފުރާނައަށް ފަހަރެއްގައި ވެސް އަރާމު ލިބުނަކަ ނުދޭނެ. އަހަރެންގެ މުޅި ދިރިއުޅުން ދަރިފުޅުގެ މަންމައަށް ޓަކައި މިހަލާކު ކުރަމުން ދިޔަ ގޮތަށް އަހަރެން މަރުވުމަށް ފަހު، ދަރިފުޅުގެ ކަރުނަ އަހަރެންގެ ފުރާނަ ވެސް ހަލާކުކުރާނެ."

އޭނާ ނޯތޭޖާ މުޚާތަބު ކުރިއެވެ.

"ތީޖް ސިންގ! އަހަރެން ޑާކޫއަކަށް ވީ ކީއްވެގެންކަން ދެނެހުރީމުތަ؟ އަހަރެންގެ އަންހެނުން މި ދަރިފުޅު ވިހޭމާ އަހަންނަށް އޭނާ މަރުގެ އަނގަމަތިން ސަލާމަތް ނުކުރެވުނީ، އޭނާ ސަލާމަތްކުރުމަށް ދޭންވާ ފަސްސަތޭކަ ރުފިޔާގެ ފީ އަހަރެންގެ އަތުގަ ނެތީމާ ޑޮކުޓަރުން އަހަރެންގެ އަންހެނުންނަށް ބޭސް ކުރުމަށް އިންކާރު ކުރީ. މިހެން ބުނެފައި “ކަލޭ ފަސް ސަތޭކަ ރުފިޔާގެ ނަގުދު ލިބޭ ގޮތް ނަހަދާހާ ހިނދަކު އަހަރެން އޭނާގެ ގައިގައި އަތްވެސް ނުލަނަމޭ. އަހަރެން އެންމެންނަށް ސަލާންޖެހިން. އެކަމަކު އަހަންނަށް އެކަކު ވެސް ފަސް ސަތޭކަ ރުފިޔާއެއް ނުދިން."

ދެން ކުޑައިރުކޮޅަކަށް ހުއްޓައިލައިފިއެވެ.

"އެންމެ ފަހުން އަހަރެން އޭނާގެ ނޯކަރަކަށް އުޅޭ ކުރޯޅުޕަތީ އަހަންނަށް ފަސް ސަތޭކަ ރުފިޔާ ނުދިނީ މިހެން ބުނެފައި. ކަލޭ ތިޔަ ދިރިއުޅެނީ ކަލޭގެ އަންހެނުންނާ އެކުގައިނު. އެހެންވީއިރު ތިޔަ ބުރަ އަހަރެން އުފުލަންވީ ކީއްކުރަން."

އަދިވެސް އެކަކު ބުންޏެވެ.

"ކަލޭމެން ފައިސާ ލިބޭނެ ގޮތެއް ނުހަދާ ތިޔަ ކުދިން ހޯދަނީ ކީއްވެގެންހޭ؟"

"މި ހިތިކަން އަހަރެން އެންމެ ފަހުން ޑާކޫއަކަށް ހެދީ. ދެން އަހަރެން އަހުދު ކުރީ ކޮންމެ ބޮޑު މީހަކު ފޭރެން. އެއިން ކޮންމެ މީހަކު މަރާލަން. އެ ގޮތުން އަހަރެންގެ ފުރާނައަށް ހަމަޖެހުންދޭން. ހަމަ ތެދެއް. އެ ގޮތުން އަހަންނަށް މިއަދު ވެސް އަހަރެން އެ މުދާވެރި ނުބައި މީހުންގެ ކިބައިން އަހަރެންގެ މަރުވެދިޔަ އަންހެނުންގެ މަރުގެ ބަދަލު އަތުލައިފީމޭ ހިތަށް އަރުވައިލީމާ އަހަރެންގެ ފުރާނައަށް ވަރަށް ފަސޭހަކަން ލިބިއްޖެ."

ދެން އޭނާގެ އަތް އޭނާގެ ދަރިފުޅުގެ ބޯމަތީގައި ލޯތްބާއެކު ބާއްވައިލިއެވެ. އެއަތް އަމިއްލައަށް އޭނާގެ ދަރިފުޅުގެ ބޯމަތިން ނައްޓައިލައިގެން ވެއްޓިއްޖެއެވެ. އޭނާގެ ދަރިފުޅު ހަޅޭއްލަވައިގެންފައި އޭނާގެ މައްޗަށް ވެއްޓިގެންފިއެވެ.

ނޯތޭޖު ނުހަނު އޯގާވެރިކަމާއި ލޯތްބާ އެކު، އޭނާގެ ބޯމަތީގައި އަތްބާއްވައިލައިފައި ބުންޏެވެ.

"ނުރޮއި މަގޭ ދަރިފުޅާ ނިކަން ބަލާބަލަ. އެކޮއިގެ ބައްޕަގެ ރޫޙާނީ އަތް މިއޮތީ ހަމަ ބޯމަތީގައި."

އެއީ ވަރަށް ވެސް ބޮޑު ތެދެކެވެ. ނޯތޭޖުގެ އަތަކީ ޝަޝީގެ ބޯމަތީގައި ބޭއްވިފައިވާ ލޮބުވެތި ބައްޕަގެ އަތެވެ. އޭނާ އޭނާގެ މައްޗަކަށް އެއްވެސް ސިފައެއްގައި ދަރިއަކަށް ވުރެ ކުޑައެއްކޮށް ހިއެއް ނުކުރެއެވެ.

ޝަޝީގެ މަސައްކަތަކީ ފާޅުގައި ރަށުގެ އަހުލުވެރިންގެ ދިރިއުޅުން އުޅެމުން އެކަށީގެންވީ ވަރަކަށް ފުލުހުންގެ ޚަބަރުތައް ފިލުވުމެވެ. އަދި ފުލުހުންގެ ބޮޑެތި އޮފިސަރުންނާ ރައްޓެހިވެ ލޯބީގެ ނާޓަކް ކުޅެގެން ފުލުހުންގެ މަޙުކަމާ އެބައިމީހުންގެ މި ގޭންގާ ބެހޭ ގޮތުން ކުރަމުން ގެންދަނީ ކީއްކަން ފިލުވުމެވެ. ނުވަތަ ކުރަނީ ކޮންކޮން ކަމެއްކަން ބަލައި ހޯދުމެވެ.

އޭނާ ގަވައިދުގެ މަތިން ލައިސަންސް ނަގައިގެން ކިންގ ސާކަލްގެ ނަމުގައި ކާނިވަލެއް ވެސް ހިންގައެވެ. އަދި މިސްތަކުންނަށް މުހައްޒަބު ޖުވާތައް ކުޅުވައިދެއެވެ. ދެން މި ތަނަށް އޭނާއަށާއި އޭނާގެ ގޭންގަށް ފައިދާ ހުރި ޚަބަރުތައް ޖަމާ ކުރަނީއެވެ.

ޝަޝީ އޭނާގެ މަގުސަދުގައި ސޯޅަ އަނާ ކާމިޔާބު ހޯދައިފައިވެއެވެ.

ރާއޭ ބަހާދަރު މަތުހަރީ ޕްރަޝާދުގެ ގެވަނީ އާ ކައިވެންޏަކަށް ތައްޔާރުކޮށްފައިވާ އަންހެންކުއްޖަކު ފަދައިން ޒީނަތްތެރި ކޮށްފައެވެ. އެ ރެއަކީ އޭނާގެ އިން އެންމެ އަންހެންދަރިފުޅުގެ އައު ކައިވެނީގެ ރެއެވެ. މި ކައިވެނީގެ ވަގުތު ތީޖު ސިންގ ޑާކޫ އެތަނަށް އައުމަށް ވަނީ ވައުދު ކޮށްފައެވެ. އަދި އެއާއެކު، އަލަތު އަނބިމީހާގެ ކަރުގައި އޮންނަ އަގުބޮޑު ހާރު އަތުލައިގަނެގެން ދިއުމަށް ވެސް ވަނީ ވައުދު ކޮށްފައެވެ. އެހާރަކީ މަތުހަރީ ޕްރަޝާދުގެ ދަރިދަރިކޮޅުއްސުރެ ވާރުތަ ވަމުން އަންނަ ނަސްލީ ނިޝާނެކެވެ. އެހާރުގެ އަގެއް އެއްވެސް ޖަވާހިރު ވިއްކާ މީހަކަށް ފުރހަމަ ގޮތެއްގެ މަތިން އަންދާޒާއެއް ނުކުރެވެއެވެ. އެއީ ހާރެއް ނޫނެވެ. އަދި ކީއް ހެއްޔެވެ؟ އެއީ ނުލިބޭ ކަހަލަ ޖަވާހިރު ތަކެކެވެ. އޭނާގެ މި ކަންތަކުގެ ޚަބަރު ފުލުހުންނަށް ވެސް ވަނީ ދީފައެވެ. އަދި ބުނެފައިވެއެވެ. ފުލުހުން އޭނާ އަތުލައިގަތުމުގައި ކާމިޔާބު ވެއްޖެ ނަމަ ފުލުހުންގެ މަހުކަމާއަށް އިނާމެއްގެ ގޮތުގައި އެއް ލައްކަ ރުފިޔާ ވެސް ދޭނަމެވެ.

މިހެންވުމާ އެކު ރާއޭ ބަހާދުރު ސާހަބުގެ ގެ ވަނީ ފުލުހުންގެ ވަރަށް ވަރުގަދަ ބެލެހެއްޓުމެއްގެ ދަށަށް ގެނެސްފައެވެ. މި ކައިވެންޏަށް ވަނީ ފުލުހުންގެ ބޮޑެތި އޮފިސަރުންނަށް ދައުވަތު ދެވިފައެވެ. އެ ހުރިހާ މީހުން މި ޖަލްސާގައި ހާޒިރުވެ އެބަ ތިއްބެވެ.

ޑީ.އައި.ޖީ ސާހަބު އަދިވެސް ނުދުރުވެއެވެ. އެންމެން އިންތިޒާރުކުރަނީ އޭނާއަށެވެ.

ހަމަ ވަގުތު ޖެހުނުއިރު އާދެ! 7:30 ވީއިރު އޭނާގެ ކާރުގައި ޑީ.އައި.ޖީ ސާހަބު ދުރުވެއްޖެއެވެ. މުޅި ޖަލްސާ އޭނާއަށް އިސްތިގުބާލު ކުރިއެވެ.

އޭނާ އައުމަށް ފަހު ކައިވެނީގެ ރަސްމިއްޔާތުގައި ހިމެނޭ ކައިވެނީގެ ދާނުގައި އަލަތު އަނބިމީހާ ބައިންދައިފިއެވެ. ޕަންޑިތުން ކިޔަވަން ފަށައިފިއެވެ. މެދުގައި ހުރި އަލިފާންގަނޑު ބޮޑުވަމުން ދިޔައެވެ.

ޕަންޑިތުން ކިޔަވަނީއެވެ. ދުންތައް މައްޗަށް އަރަނީއެވެ. މީހުންގެ ހިތުގެ ކޮންމެ ތެޅުމަކާ އެކު އިންތިޒާރު ކުރަނީއެވެ. އިންތިޒާރު ކުރަނީ ތީޖް ސިންގ ޑާކޫ އަންނާނެ އިރަކަށެވެ. އަދި އަލަތު އަނބިމީހާގެ ކަރުން ހާރު ގެއްލޭނެ ވަގުތަކަށެވެ. އެވަގުތު ޑީ.އައި. ޖީ ސާހަބު އޭނާގެ ގަޑި ބަލަން އިނދެފައި މަތުހަރީ ޕްރަޝާދުއަށް ނަންގަތެވެ.

"ތީޖް ސިންގ އަންނަ ގަޑިޖެހިއްޖެ. ކަލާ އޭނާގެ ކަރުން އެ އަގުބޮޑު ހާރު ނަންގަވައިފައި އަޅުގަނޑުގެ އަތަށް ދެއްވާ."

މަތުހަރީ ޕްރްޝާދު އެ ހާރު އޭނާގެ ދަރިފުޅުގެ ކަރުން ނަގައި އެ ހާރު އެންމެންގެ ކުރިމަތީގައި އޭނާގެ ޖީބަށް ލަމުން ބުންޏެވެ.

"އަހަރެން މިހެން މި ހަދަނީ އަލަތު އަނބިމީހާގެ ހުރިހާ ނުރައްކަލަކުން ސަލާމަތް ކުރުމަށް ޓަކައި."

ދެން އަނެއްކާ ވެސް ކިޔަވަން ފަށައިގަނެއްޖެއެވެ. އެންމެ ފަހު ބައި އަދި ފުރިހަމަ ނުވެގެން އުޅެނިކޮށް އެއް ފަރާތަކުން ފިސްތޯލައެއްގެ އަޑު އިވިއްޖެއެވެ. މުޅި ޖަލްސާ ސިއްސާލައިފިއެވެ.

ކުރިމަތީގައި ތީޖް ސިންގ ޑާކޫ ހޭން ހުއްޓެވެ. އަޑުފަށް ގަދަވެއްޖެއެވެ. ކުޑަކުދިން ގަންނާ ކުރައްވާ ބިރުން މަންމައިންގެ އުނގުތެރެއަށް ދުވެ ގޮސް ވަދެއްޖެއެވެ. ވަރަށް ގިނަ ބަޔަކު ބިރުންގޮސް ހޭވެސް ނެތިއްޖެއެވެ.

ޕަންޑިތުންގެ ކިޔެވުން ހުއްޓިއްޖެއެވެ. ތީޖް ސިންގު އެ އަގުބޮޑު ހާރު މައްޗަށް އެއްލައި ދައްކައިލައިފައި އެންމެންގެ ނަޒަރުން ގޮސް ޣައިބުވެއްޖެއެވެ.

ފުލުހުންގެ ހަރަކާތަށާއި ދުވުންތަކަށް ފެށިއްޖެއެވެ. ފަޔަރަކަށް ފަހު ފަޔަރެއް ކުރަމުން ގެންދެއެވެ. ނަމަވެސް ތީޖް ސިންގު ދެން އެކަކަށް ވެސް ނުފެނުނެވެ. ޑީ.އައި.ޖީ. ސާހަބުގެ ކާރު ކޮންމެވެސް އެއް ދިމާއަކުން ދުއްވަމުން ދަނިކޮށް އެންމެންވެސް ދުށްމެއެވެ.

ފުލުހުންގެ އެންމެން އެބައިމީހުންގެ ޖީޕުތަކުގައި ޑީ.އައި.ޖީ ސާހަބުގެ ފަހަތުން ދުއްވައިލިއެވެ.

ވަރަށް ގިނައިރުވަންދެން އެބައިމީހުން ޑީ.އައި.ޖީ ސާހަބުގެ ކާރުގެ ފަހަތުން ދުއްވިއެވެ. އެންމެ ފަހުން ކާރު ގޮސް އެއްފަރާތެއްގެ ގޯޅިއެއް އަޅައިގެން ގޮސް ލޮލަށް އޮބައިލައިފިއެވެ. ދެން އެބައިމީހުންނަށް ކާރު ފެނުނުއިރު އެހެން ތަނެއްގައި ނުލާހިކު ހިތްފަސޭހަ ކަމާއެކު ހުއްޓައިލައިފައި އޮތެވެ.

ދެތިން ހަތަރު އިނިސްޕެކްޓަރެއް، ޖީޕުތަކުން ފުންމައިލައިގެން ޑީ.އައި.ޖީ ސާހަބުގެ ކާރު ކައިރިއަށް ހިނގައްޖެއެވެ. ގޮސް ބަލައިލިއރު އެއަކު އެކަކުވެސް ނެތެވެ.

ދެން މީސްތަކުން އެތަން މިތަނަށް ދުއްވައިގެންފިއެވެ. އެބައިމީހުން ހީކުރީ ޑީ.އައި.ޖީ ސާހަބު ތީޖް ސިންގުގެ ފަހަތުން ދުވަމުން ގޮސް މިތަނަށް ކާރު ދޫކޮށްލައިފައި ކޮންމެވެސް އެހެން ފަރާތަކަށް ފައިމަގުގައި ދުއްވައިގަތީ ކަމަށެވެ. ނަމަވެސް ކޮންސްޓެބަލްއަކު ކާރުގެ ސީޓުގެ ދަށަށް ބަލައިލައިފައި ހަޅޭއްލަވައިގަތެވެ. ދެން އެންމެން އެދިމާއަށް ދުއްވައިގަތެވެ.

"ކިހިނެއްވީ…؟" ސާޖެންޓަކު އޭނާއާ ސުވާލު ކުރިއެވެ.

"ޑީ.އައި.ޖީ ސާހަބު." އޭނާ އާގެންފައި ބުންޏެވެ.

"ބަލަ މިހާރު!" ސާޖެންޓު އޭނާއަށް ބުންޏެވެ.

"ކިހިނެއްވީ ޑީ.އައި.ޖީ ސާހަބަށް."

"ސާހިބާ…!" އޭނާ އާގަންނަމުން ބުންޏެވެ.

"ނިކަން މިކޮޅު ބައްލަވާ ބައްލަވާ." އޭނާ ކާރާދިމާއަށް އިޝާރާތް ކުރިއެވެ.

"އެތާނގައި އޮތީ ކޮން އެއްޗެއް."

"ޑީ.އައި.ޖީ ސާހަބެވެ. ސަރުކާރު."

"ބަލަ މިއީ ޑީ.އައި.ޖީ ސާހަބުގެ ކާރެވެ. ޑީ.އައި.ޖީ ސާހަބެއް ނެތެވެ.

"ނޫން ސަރުކާރު." އޭނާ ބުންޏެވެ.

"ނިކަން ބައްލަވަ ޑީ.އައި.ޖީ ސާހަބު މިއޮތީ ކާރުގެ ތެރޭގައި ހޭނައްތައިލައިފައި."

ސާޖެންޓަކަށް މިތަން ފެނިފައި އިންތިހާ ދަރަޖައަށް ހައިރާން ވެއްޖެއެވެ. ޑީ.އައި.ޖީ ސާހަބު ސީޓު ދަށުގައި ހޭނެތިގެން ވެއްޓިފައި އޮތެވެ. އަދި އޭނާގެ ކައިރީގައި އޭނާގެ ޑުރައިވަރު ވެސް އޮތެވެ.

މިހާރު މައްސަލަ އެންމެންނަށް ވެސް ސާފު ވެއްޖެއެވެ. ތީޖް ސިންގ ޑީ.އައި. ޖީ ސާހަބާއި އޭނާގެ ޑުރައިވަރާ އެކު މަގުމަތީގައި ހޭނައްތާ ބާއްވައިފައި ޚުދު އޭނާ ޑީ.އައި.ޖީ ސާހަބުގެ މޭކަޕް ކޮށްގެން ކައިވެނި މަޖުލިހަށް ދިޔައީއެވެ. ދެން އެތަނުން ހާރު އަތުލައިގެން ޑީ.އައި.ޖީ ސާހަބުގެ ކާރުގައި ފިލީއެވެ. މީހުން ހީކުރީ ޑީ.އައި.ޖީ ސާހަބު ތީޖް ސިންގުގެ ފަހަތުން އަޅައިގަނެގެން ދުއްވަނީ ކަމަށެވެ. މިގޮތަށް އެ އެންމެން މޮޔައިންނަށް ހަދައިފައި އެ އެންމެންގެ ލޯމައްޗަށް އެވަރުގެ ކެއްސެއް ދީފައި ހާރު އަތުލައިގެން ފިލީއެވެ.

އާނއެކެވެ. މިއީ ތީޖް ސިންގުގެ ވަރަށް ބޮޑު ފަތަޙައެކެވެ. އާދެ! މިއީ ހަގީގަތުގައި މި ޚަބަރު އަހާ މީހުންނާއި ޚުދު ފުލުހުން ވެސް، އޭނާގެ މި ހުޝިޔާރު ކަމާމެދު އިނގިލި ހަފައިލަން ޖެހުނު މައްސަލައެކެވެ. އެބައިމީހުން ކުރާނެ ކަމެއް ނެތިގެން ހިތާމައިން ތިއްބެވެ.

އެފަކީރުންނަށް ދެން ކުރެވޭނީ ވެސް އެނޫން ދެން ކޮން ކަމެއްހެއްޔެވެ.

ޕޮލިސް ހެޑުކުއާޓަރުގައި ފުލުހުން ހިތާމައިން ސަފުސަފަށް ކޮޅަށް ތިއްބެވެ. މުޅި އެތަން ހީވަނީ ގަންނާ ކުރައްވާ ލަދުން ބިމުގެ ޢަޑިއަށް ގެނބިގެން ދަނީ ހެންނެވެ. އަނެއް ކޮޅުން ތީޖް ސިންގާއި އޭނާގެ މީހުން ވީ އުފަލުން ނަށަނީއެވެ. އަތްތިލަބަޑިޖަހަނީއެވެ. މިއުޒިކާއި ނެށުމުގެ މަހެފިލަކަށް ވަނީ އާ ފުރާނައެއް އެޅިފައެވެ.

ތީޖް ސިންގުގެ މީހުން މުޅި އެހިސާބު އަވަށް އަވަށުގައިވާ ފަގީރުންނަށް މުދަލާއި ފައިސާތައް ބަހަނީއެވެ. އަދި އެބައިމީހުންގެ ދުއާތައް ލިބިގަންނަނީއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *