ރައްޔިތުންގެ މަޖިލީހުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ ތަމްޞީލުކުރައްވާ 13 މެންބަރަކު، ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝެނަލް ކޮންގްރެސް، ޕީ.އެން.ސީއާއި ގުޅިވަޑައިގެންފިއެވެ.
މި 13 މެންބަރުން ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގެންކަން އިޢުލާންކުރައްވާފައިވަނީ ދަރުބާރު ގޭގައި ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ "ދިވެހީންގެރާއްޖެ ފެށުން" ޖަލްސާގެ ތެރެއިންނެވެ.
ކޮންގްރެސް ޕާޓީއާއި އަލަށް ގުޅިވަޑައިގެންނެވި މެންބަރުންނަކީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު، މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް، އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު، ނިލަންދޫ ދާއިރާގެ ޢަބްދުލްމުޙުސިން ޙަމީދު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް ޢަލީ، ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު، ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން އަދި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝާޒު އެވެ.
ކޮންގްރެސް ޕާޓީއާއި އަލަށް ގުޅިވަޑައިގެންނެވި އެމް.ޑީ.ޕީގެ މެންބަރުންގެ ފޯމުތަކާއި ޙަވާލުވެވަޑައިގަތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު، ކޮންގްރެސް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ކޮންގްރެސް ޕާޓީއާއި އަލަށް ގުޅިވަޑައިގެންނެވި މެންބަރުން އެ ނިންމެވި ނިންމެވުމަކީ ޤައުމީ ނިންމެވުމެއްކަން ފާހަގަކުރައްވާ، މިރޭގެ ޖަލްސާގައި ރައީސް ވަނީ ކޮންގްރެސް ޕާޓީއާއި އަލަށް ގުޅިވަޑައިގެންނެވި އެމް.ޑީ.ޕީގެ މެންބަރުންނަށް މަރުޙަބާ ދަންނަވާފައެވެ. އަދި އިތުރު މަޖިލިސް މެންބަރުން ސޮއިނުކުރެއްވި ނަމަވެސް އެމަނިކުފާނާއެކު އިތުރު އެމްޑީޕީ މެމްބަރުން އަދިވެސް އެބަ ތިބި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެމް.ޑީ.ޕީގެ ބައެއް މެމްބަރުން ތިބީ ވަރަށް ވަރުގަދަ އަޒުމެއްގައި ކަމަށާއި، "އިނގިލި ބުރިކޮށްލިޔަސް" އެމަނިކުފާނާ ދެކޮޅަށް އެ މެމްބަރުން ވޯޓު ނުދޭނެ ކަމަށެވެ.
ކޮންގްރެސް ޕާޓީއާއި އަލަށް ގުޅިވަޑައިގެންނެވި 13 މެމްބަރުންނަށް އިޝާރާތް ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެ ބޭފުޅުން ޚިޔާރު ކުރެއްވީ ގައުމު ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮންގްރެސް ޕާޓީގެ ޗެއާޕަރސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، އެ ޕާޓީން މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިއިރު ޕާޓީގައި ތިބީ އެންމެ 3022 މެންބަރުން ކަމަށެވެ. ނަމަވެސް މިހާރު އެ ޢަދަދު 40،000 އަށްވުރެ އިތުރު ވެފައިވާކަމަށް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ކުރިމަތިވި ކޮންމެ ވަގުތެއްގައި އިސްކުރީ ގައުމު ކަމަށާއި ޕާޓީގެ ކޮންމެ މީހަކަށްވުރެ މި ގައުމު މާ ބޮޑު ކަމަށެވެ. އަދި ކޯލިޝަނުގައި ހިމެނޭ ހުރިހާ ޕާޓިތަކުން ތިބީ ރައީސް މުއިއްޒުގެ ޒައާމަތުގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރަން ތައްޔާރަށް ކަމަށާއި ރައްޔިތުން އިންތިހާބަކުން އިންތިހާބު ކުރި ވެރިޔަކު ބަޣާވާތަކުން ވެރިކަން ވައްޓާލަން ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
މިއަހަރު ނިމިގެންދާއިރު ރާއްޖޭގައި އޮތް އެންމެ ބިޔަ ބޮޑު އެއް ޕާޓީއަކީ ޕީއެންސީ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ޕީއެންސީ ކިޔަން ފަސޭހަވިޔަސް އެ ޕާޓީއަށް ކިޔަން ނިންމަވާފައިވަނީ ކޮންގްރެސް ކަމަށާއި މީގެ ފަހުން އެންމެންވެސް އެގޮތަށް ޕާޓީއަށް ނިސްބަތްކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ ތެރޭގައި އެ ޕާޓީގެ ލީޑަރޝިޕް ބޭނުންވާ ގޮތަށް ކަންކަން ކުރާނެ މެންބަރުން ނެތް ކަމަށާއި ގައުމީ ވިސްނުންފުޅު ހުންނެވި މެންބަރުން ތިއްބެވި ކަމަށެވެ.
ކޮންގްރެސް ޕާޓީއަށް އަލަށް ސޮއިކުރެއްވި މެންބަރުންގެ ފަރާތްޕުޅުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ، ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގަތީ ޤައުމުގެ ޙައްގުގައި ކަމަށެވެ. އެ ބޭފުޅުންގެ ފިކުރަކީ އަބަދުވެސް ޤައުމު އިސްކުރުމުގެ ފިކުރު ކަމަށާއި އަދިވެސް ތިއްބެވީ އެގޮތުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބަވަނީ ކޮންގްރެސް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އެންމެ ދެ މެންބަރުންނެވެ. ނަމަވެސް އެމް.ޑީ.ޕީން އެ ޕާޓީއަށް ގުޅިވަޑައިގެންނެވި މެންބަރުންނާއެކު މިހާރު އެ ޕާޓީގެ މެންބަރުންގެ އަދަދު 15 އަށް އިތުރުވާނެއެވެ. އަދި މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ އަދަދު 42 ދަށްވާނެއެވެ.
