(2 ޖެނުއަރީ 2024ގެ ނޫހާއިގުޅޭ)
" މިހާރުވެސް މިގުޅީ މީހެއްގެ ފޯނުން.. ދެން އޯކޭވާނެ ނުގުޅުނަސް.. އާލިމް ގޮސް ބުނެބަލަ މަންމަ ވީ އެހެން ރަށެއްގައޭ.. އެއީ ދެން މިހާރު އެހާ ކުޑަކުއްޖެއްވެސް ނޫނެއްނު! "
" ހޫމް.. އޯކޭ.."
ޖެނީގެ ރާގު ހުރިގޮތުން ހިތްހަމަ ނުޖެހިގެން އާލިމް ފޯނު ކަނޑާލީއެވެ. އޭރު ހަމަ ރަނގަޅަށްވެސް އޭނާއަށް ރުޅި ގަދަވެވިއްޖެއެވެ. ލޮލަށް ޖަމާވެފައި ހުރި ނިދީގެ އަސަރު ފިލައިދިޔުމުގެ ސަބަބުން އޭނާ ސިޓިންގރޫމަށް ނިކުތީ ކޮފީއެއް ބޯށެވެ. އެއާއެކު ގޭތެރެއަށް ވެރިވެފައިވާ އަނދިރިކަން ފެނި އޭނާ އަވަސް އަވަހަށް ބޮކިތައް ޖައްސާލިއެވެ.
" ޝިޓް! ހަތެއް ޖަހަނީ؟"
އިޝާނަމާދު ވަގުތު ކައިރިވެފައި ހުރުމުގެ ސަބަބުން އާލިމް އެނބުރި ކޮޓަރިއަށް ދިޔައީ ނަމާދު ކުރުމަށްޓަކައެވެ. އޭރުވެސް ޖެނީގެ ސަބަބުން އޭނާއަށް ލިބިފައިވާ ނުތަނަވަސްކަން ފިލައިގެން ނުދެއެވެ.
ނަމާދުކޮށް އަވަދިވެގެން އެނދުގައި އިށީނދެލުމާއެކު އާލް މަތިން ހަނދާންވިއެވެ. އެހެންކަމުން އޭނާ ފޯނު ނަގައި ޝަޒާގެ ނަންބަރު ޖަހާލިއެވެ.
" މީ.. އާލިމް އިނގޭ! "
ޝަޒާގެ އަޑު ޖެހުމާއެކު އާލިމަށް ކޮޅަށް ތެދުވެވުނެވެ.
" އާލް އިނީ ކާން!"
މަޑުމަޑުން ޝަޒާ ބުނެލިއެވެ. އެއާއެކު އާލިމަށް ކޮޓަރީގެ ދެކޮޅަށް ހިނގަން ފެށުނެވެ.
" އާލިމް ކޮންއިރަކުން ކާން އަންނާނީ؟ "
ޝަޒާގެ އަޑުގައި ކޮންމެވެސް ވަރަކަށް އުދާސްވެރިކަމެއް އެކުލެވިފައިވާކަން އެވަގުތު އާލިމަށް ފާހަގަ ކުރެވުނެވެ.
" ޝަޒާވެސް ހީވަނީ ރޯގާ ޖެހިފައި ހުރި ހެން.! އަނެއްކާ… ބަލީތަ؟ "
ގާތްގޮތަކަށް އާލިމް އެހެން އަހާލުމާއެކު ޝަޒާއަށް އިސްޖަހާލެވުނެވެ. އޭރު ލިވީއާއި އާލް ތިބީ ޓީވީއަށް ގެއްލި ހުސްވެފައެވެ.
" ހޫމް.. ރޯގާ ލައްވާލައިފި! "
" އެހެންވިއްޔާ އަހަރެން މިދަނީ އާލް ބަލައި އިނގޭ! "
އާލިމް ވާހަކަ ދެއްކީ ކަންބޮޑުވެފައިވާ ރާގަކަށެވެ. އެއާއެކު ޝަޒާ ހީލި އަޑު އޭނާއަށް އިވުނެވެ.
" އަހަރެންވެސް ކަންބޮޑުވޭ އާލް ބަލިވެދާނެތީ! ޖެނީވެސް މިރޭ އަންނާނެދޯ!"
" ނޫނޭ.. ޖެނީ އަންނަނީ މާދަމާ"
ހިތްހަމަ ނުޖެހޭ ރާގަކަށް އާލިމް އެހެން ބުނެލުމަށްފަހު އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ. އެއާއެކު ޝަޒާއަށް ބަލައިލެވުނީ އާލްގެ މޫނަށެވެ.
" އާލް ކައި ނިމުނީދޯ! އަވަހަށް ހިނގާ ތައްޔާރުވެލަން.. ބައްޕި އެބަ އާދެ"
ޝަޒާ ވާހަކަ ދެއްކީ ނުހަނު ލޯތްބާއެކުގައެވެ. އެއާއެކި އާލް ޝަޒާގެ ގައިގައި ލެނގިލުމަށްފަހު ދެފަރާތަށް ބޯ ހޫރާލިއެވެ.
" އާލް ނުދާނަން ގެއަކަށް.. އާލް ގެއަށް ދާހިތެއް ނުވޭ."
" ކޮއްކޯ! ދައްތަ މިއުޅެނީ ވަރަށް ބަލިކޮށޭ.. އެހެންވީމަ އާލްވެސް ބަލިވެދާނެތީ ދައްތަ ވަރަށް ބިރުގަނޭ.. ދައްތައާ ލިވީ ރަނގަޅުވީމަ މިގެއަށް އަންނާނީދެން"
ޝަޒާ އެހެން ބުނުމުން އާލް ދެރަވެއްޖެކަން ޝަޒާއަށް އެނގުނެވެ. ނަމަވެސް އޭނާ އިތުރަށް އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނެ، ބަތްކާން ގެނައި ތަށިތައް ހިފައިގެން ބަދިގެއަށް ދާން ހިނގައިގަތެވެ. ވަގުތަކީ ކޮޓަރި ދޮރުގައި އާލިމް ޓަކި ޖަހާލި ވަގުތެވެ.
" ކޮބާ އާލް؟ "
އަތުގައި އޮތް ކޮތަޅު ޝަޒާއަށް ދިއްކޮށްލަމުން އާލިމް އަހާލިއެވެ. އެއާއެކު ހައިރާންކަމާއެކު ޝަޒާއަށް އެ ކޮތަޅަށް ބަލައިލެވުނެވެ. އާލިމް އެތެރެއަށް ވަނުމާއެކު ޓީވީ ބަލަން އިން އާލް ފެނި އޭނާއަށް ހިނިތުން ވެލެވުނެވެ.
" ތިއީ؟ "
ޝަޒާގެ އަޑަށް އާލިމަށް ޝަޒާގެ މޫނަށް ބަލައިލެވުނެވެ.
" ބޭސް…"
އާލިމް ބުންޏެވެ. އޭރުވެސް އާލިމް ހުރީ ބޭސްކޮތަޅު ޝަޒާއާ ދިމާއަށް އުފުލާލައިގެންނެވެ.
" ބޭސް؟ "
" ހޫމް.. ރޯގާ ބޭހާ ޕެނަޑޯލް ކަހަލަ އެއްޗެހި"
ހިނިތުންވެލަމުން އާލިމް ބުންޏެވެ. އެއާއެކު ޝަޒާއަށް އާލިމްގެ މޫނަށް ބަލައިލެވުނީ ވަރަށް ފުން ނަޒަރަކުންނެވެ. އޭރު އޭނާގެ ދެލޮލުގައި ކަަރުނައިގެ ތެތްކަން އެކުލެވެން ފެށިއެވެ. ދެތުންފަތް ތުރުތުރު އަޅަން ފެށުމުން ޝަޒާ އަވަސް އަވަހަށް އާލިމަށް ފުރަގަސްދިނުމަށްފަހު ފުންނޭވާއެއް ދޫކޮށްލީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ.
" ކިހިނެއްވީ؟ ބޭނުމެއް ނޫންތަ؟ "
އަތުގައި އޮތް ކޮތަޅު ތިރިކޮށްލަމުން އާލިމް އަހާލީ މަޑުމަޑުންނެވެ. އެއާއެކު ޝަޒާ ދެފަރާތަށް ބޯ ހޫރާލަމުން އަނެއްކާވެސް އާލިމަށް ބަލައިލިއެވެ. ގަދަކަމުން ހިނިތުންވެލަމުން އޭނާ ބޭސްކޮތަޅާ ދިމާލަށް އަތް ދިއްކޮށްލިއެވެ.
" ޝުކުރިއްޔާ! "
ރައްދުގައި އާލިމްވެސް ހީލީ، އިތުރަށް ދައްކާނެ ވާހަކައެއް ނޭނގޭތީއެވެ.
" ދަރިފުޅާ އާލް.. ހިނގާ ގެއަށް ދާން"
ދުރުގައި ހުރި ސޯފާއާ ދިމާއަށް ހިނގައިގަންނަމުން އާލިމް ބުންޏެވެ.
" އާލް ބޭނުމީ މިގޭގައި ނިދަން.. "
އާލް ދެކޮޅު ހެދުމުން އާލިމް ގޮސް ސޯފާގައި އިށީނދެލިއެވެ. އޭރު ސޯފާގައި އޮށޯވެލައިގެން އޮތް ލިވީއަށްވެސް އޮތީ ނިދިފައެވެ.
" ނިދިފައެއްނު މިއޮތީ! "
ދުރުގައި ބަލަހައްޓައިގެން ހުރި ޝަޒާއަށް ބަލައިލަމުން އާލިމް ހާސްކަމާއެކު ބުންޏެވެ. އެއާއެކު އަވަސް އަވަހަށް ޝަޒާއައިސް ލިވީ ނެގޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެވަގުތު ރޯގާ ކެހިގަނޑެއް އައިސްގެން ޝަޒާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ.
" އަހަރެން ނަގައިދީފާނަން.."
އާލިމް އެހެން ބުނެ، ލިވީ ނަގައި ކޮނޑުމައްޗަށް ލިއެވެ. އެއާއެކު ވަންނަންވީ ކޮޓަރިއާ ދިމާއަށް ޝަޒާ ހިނގައިގަތެވެ. ފަހަތުން އާލިމްވެސް ހިނގައިގަތެވެ. އެތެރެއަށް ވަދެގެން ގޮސް އެނދުމަތީގައި ލިވީ ބާއްވާލުމަށްފަހު އާލިމް އެނބުރިލިއެވެ. އޭރު ފެންކަޅިވެފައި ހުރި ޝަޒާ ފެނި އާލިމް މަޑުކޮށްލާ ހިތްވިއެވެ. މާނައިން ފުރިގެންވާ ލޮލަކުން ޝަޒާއަށް އާލިމް ބަލައިލުމުން އޭނާ އަވަސް އަވަހަށް އިސްޖަހާލިއެވެ. އަދި ގަދަކަމުން ހީލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
" މަޑުކޮށްބަލަ! ޝަޒާ!"
އާލިމްގެ އަޑަށް ޝަޒާ ހުއްޓުނީ ދެލޯ މަރާ ފިއްތާލަމުންނެވެ. އޭރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދެއެވެ.
" ކީއްވެ ތި ރޮވެނީ؟ "
އާލިމް ސުވާލު ކުރިއެވެ. ނަމަވެސް އެ ސުވާލަށް ދޭނެ ޖަވާބެއް ޝަޒާއަކަށް ނޭނގުނެވެ. އެހެންކަމުން އެއްޗެއް ބުނުމެއްނެތި އަނެއްކާވެސް އޭނާ ބޭރަށް ނިކުންނަން ހިނގައިގަތެވެ. އެއާއެކު އާލިމް ތަންކޮޅެއް ބާރަށް ގޮސް ޝަޒާގެ އަތުގައި ހިފެހެއްޓިއެވެ. މިފަހަރުވެސް ޝަޒާއަށް ނޭވާ އެތެރެއަށް ހިފަހައްޓާލެވުނެވެ.
" އަހަރެންގެ އަތުން ދޫކޮށްލާ އާލިމް! ޕްލީޒް.."
އެހެން ބުނެވުމާއެކު ޝަޒާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ހިތް ފަޅައިގެން ގޮސް އޭނާއަށް ގިސްލެވެން ފެށުނެވެ. އެއާއެކު އާލިމް އޭނާއާ ދިމާއަށް ޝަޒާ އަނބުރާލިއެވެ. ބާރުބާރަށް ޝަޒާ ގޮސް އާލިމްގެ ގައިގައި ޖެހުމާއެކު އާލިމް އޭނާގެ މެދުހަށީގައި ދެއަތުން ހިފައި ހައްޔަރު ކޮށްލިއެވެ. އޭރުވެސް އިސްޖަހައިގެން ހުރެ ޝަޒާ އެތެރެއަށް ރޮމުންދާކަން އާލިމްއަށް އިޙްސާސް ކުރެވުމާއެކު ޝަޒާގެ ހަށިގަނޑު އޭނާގެ ގައިގައި ޖައްސާ ބާރުކޮށްލެވުނެވެ. ދުރަށްދާން ބޭނުން ނުވާ ޙާލު ޝަޒާއަށްވެސް އާލިމްގެ ކަނދުރާގައި މޫނު ޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ. އެތަނަވަސް މޭމަތީގައި ބޯއަޅާލައިގެން މުޅި އުމުރު ހޭދަކުރަން އޭނާގެ ހިތްވެސް ބޭނުން ވެއްޖެއެވެ. ދެމީހުންގެ ހިތުގައި ހިނގަމުންދަނީ އެއް އިޙްސާސްތަކެއްކަން ދެހިތަށްވެސް އެނގޭ ފަދައެވެ. ނަމަވެސް މަދު ސިކުންތުކޮޅެއްގެ އެ ފޮނި ވަގުތުކޮޅުގެ ނިމުން ގެނުވީ ބޭރުން އިވުނު ބާރު އަޑުންނެވެ. ސިހިފައި ދެމީހުންނަށްވެސް ދުރަށް ޖެހެވުނީ އާލިމްއަށް އާލް ގޮވާލި އަޑަށެވެ.
ހާސްކަމާއެކު ޝަޒާގެ މޫނަށް ބަލައިލުމަށްފަހު އާލިމް އަވަސް ފިޔަވަޅުތަކެއްގައި ބޭރަށް ނިކުމެއްޖެއެވެ. ޝަޒާއަށް ހުރެވުނީ އާލިމް ފެންނަ ހިސާބަށް ދެވަނަ ފަަހަރަށް ދާންވެސް ނުކެރިފައެވެ.
" ރިމޯޓް ދޫވީ.."
އާލިމް ފެނުމާއެކު އާލް ބުންޏެވެ. މުށިތައްމަތީގައި ދެފަޅިވެފައި އޮތް ރިމޯޓް ނަގަމުން އާލިމް ސޯފާގައި އިށީނދެލިއެވެ.
" ހިނގާ ގެއަށް ދާން.. ބައްޕިއަށް ވަރަށް ލަސްވެޔޭ.. ދައްތަވެސް މިހާރު ނިދަން އޮށޯތީ ކަންނޭނގެ.. ހިނގާބަލަ ދާން.."
އާލިމަށް ވާހަކަ ދެއްކުނީވެސް ނުހަނު އަވަހަށެވެ. އާލްގެ ބަހެއް އަޑު އެހުމެއްނެތި އޭނާ އާލްގެ އަތުގައި ހިފައިގެން އަވަސް އަވަހަށް އެގެއިން ނިކުތީ ހާސްކަމާއެކުގައެވެ. ކުރެވުނު ކަންތަކުން އޭނާ ހުރީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. ބާރުބާރަށް ދުއްވާފައި ގެއާ ހަމައަށް ދެވުނު އިރުގައިވެސް އޭނާއަށް އާލްއާމެދު އެއްވެސް ސަމާލުކަމެއްވެސް ނުދެވުނެވެ. ކާރު ހުއްޓާލުމަށްފަހު އާލްއަށް ބަލައިލި އިރު އާލްއަށްވެސް އޮތީ ނިދިފައެވެ.
***
" ސޮރީ! "
ނުނިދިގެން ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް ޝަޒާ ސިހުނީ އާލިމްގެ މެސެޖް ލިބުމުންނެވެ. ރިޕްލައި ކުރަން ބޭނުން ނުވި ނަމަވެސް އޭނާގެ ހިތް އެދެނީ އާލިމްއާ ވާހަކަ ދައްކާލުމަށެވެ.
" ތޭންކްސް"
ރައްދުގައި ޝަޒާ ކުރި މެސެޖުން އާލިމަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އެހެންކަމުން ސުވާލުމާކެއް ޖަހާފައި އޭނާ މެސެޖްކޮށްލީ ކެތްމަދުވެފައިވާ ޙާލުގައެވެ.
" މިދުނިޔޭގައި އަހަންނަށް ކެއަރ ކުރާނެ އެކަކުވެސް ހުރިކަން އެނގުނީމަ ވަރަށް އުފާވެއްޖެ! ބޭސްކޮޅު ގެނެސްދިނީމަ ވަރަށް އުފާވި "
އާލިމްދެކެ ޝަޒާ ރުޅި ނާންނަ ކަން އެނގުމުން އާލިމަށް ލިބުނީ ބުނެދޭން ނޭނގޭ ކަހަލަ އުފާވެރި ކަމެކެވެ. އެހެންކަމުން އިތުރަށް ޝަޒާއާ ވާހަކަ ދައްކާ ހިތްވިއެވެ.
" އިތުރު ކަމަކާ އުފަލެއް ނުވޭތަ؟ "
ލާނެތް ގޮތަކަށް ހިނިތުންވެ އިނދެ އާލިމް ސުވާލު ކޮށްލުމުން ޝަޒާއަށްވެސް ހިނިތުންވެވުނެވެ. ނަމަވެސް ޖަޒްބާތުގައި ޖެހި ކުރެވޭ ކަމަކުން ނުބައި ނަތީޖާއެއް ނިކުމެދާނެކަމުގެ ބިރު ހިތުގައި އުފެދުމާއެކު ޝަޒާ ބިރުގަނެއްޖެއެވެ.
" އާލިމް ކީއްވެ އެގޮތަށް ކަންތައް ކުރީ؟ އަހަރެން ވަރަށް ބިރުގަނޭ! "
ޝަޒާ މެސެޖްގައި ލިޔެލިއެވެ.
" ބައެއް ކަންކަމަކީ ތިމާގެ އިޚްތިޔާރާ ނުލައި ކުރެވޭ ކަންތައްތައް! އެކަމަކު.. އެއީ ތިމާ އެންމެ ބޭނުންވެ އެހެނަސް ކުރަން ނުކެރިފައި ހުންނަ ކަންކަން! ބޭއިޚްތިޔާރުގައި ކުރެވެނީ އަސްލު އެހެންވެ! "
" ކީކޭތަ ތި ކިޔަނީ؟ އަހަންނަކަށް ނުވިސްނުނު"
ތިން ހަތަރު ފަހަރު އާލިމްގެ މެސެޖް ކިޔާލުމަށްފަހު ޝަޒާ ލިޔެލިއެވެ. އެއާއެކު އާލިމް ގާތަށް ހިނިއަތުވެއްޖެއެވެ.
" އަދި ކޮންމެވެސް ދުވަހަކުން ވިސްނޭނެ! ގުޑްނައިޓް "
އާލިމް މެސެޖް ފޮނުވާލުމަށްފަހު ޝަޒާގެ މެސެޖެއްގެ އިންތިޒާރުގައި އޮތެވެ. ނަމަވެސް އޭނާއަށް ނިދުނު އިރުގައިވެސް ޝަޒާގެ މެސެޖެއް ނުލިބުނެވެ.
***
ދަތުރު ނިންމާލުމަށްފަހު ޖެނީ ގެއަށް އައެވެ. އޭރު އާލިމާއެކު އާލްވެސް އިނީ ރޯކިރާއި ކޯންފްލެކްސް ކާށެވެ. ދޮރު ހުޅުވާފައި އެތެރެއަށް ވަތް ޖެނީ ފެނުނީ އުފާވެރި ހިނިތުންވުމެއްގައި ހުއްޓައެވެ. ނަމަވެސް އޭނާ ފެނުމުން އާލިމްގެ ހިތަށް ލިބުނު އެއްވެސް އުފާވެރިކަމެއް ނެތްކަން އާލިމަށް އިޙްސާސް ކުރެވުނެވެ.
" މަންމީ! "
ޖެނީއާ ދިމާއަށް ދުއްވައި ގަންނަމުން އާލް ބުނެލިއެވެ. އާލްގެ ގައިގައި ބައްދާލަމުން ޖެނީއަށް ބަލައިލެވުނީ މޭޒު ކައިރީގައި އިން އާލިމަށެވެ. އާލިމްގެ މޫނުމަތީގައިވާ ނުތަނަވަސްކަން ފެނި ޖެނީގެ ހިތަށް އުނދަގޫވިއެވެ.
" މިއަދުވެސް ޝަޒާ ނާދޭތަ؟ މިހާރު ދިހައެއް ޖަހަނީއެއްނު"
މޭޒުމަތީގައި ހުރި ކިރުތަށި ފެނުމުން ޖެނީ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. އެއާއެކު އާލިމަށް ކުޑަކޮަށް ބޯ ހޫރާލެވުނެވެ. ޖީބުގައި އޮތް ފޯން ނެގުމާއެކު އޭނާ ޝަޒާއަށް ގުޅަން އުޅޭކަން އާލިމަށް ފަހުމުވިއެވެ. އެހެންކަމުން އާލިމް އަވަސް އަވަހަށް ބުންޏެވެ.
" ޝަޒާވެސް ރޯގާ ޖެހިގެންނޭ އަހަރެން ރޭގަ އާލް ގެނައީ! އެދެމައިން ވަރަށް ބަލި.. އެހެންވީމަ ނާދެވޭނެއެއްނު"
އާލިމްގެ ޖުމްލައިން ޖެނީއަށް ދެއަތުން އިސްތަށިގަނޑުގެ ތެރެއަށް އަތްކޮށްޕާލެވުނެވެ. އޭރު އާލް ދުވެފައި ގޮސް ޓީވީ އަޅުވައިފިއެވެ.
" މިހާރު ޝަޒާއަށްވެސް ޖެހުނީ؟ "
ސުވާލުގެ ނަޒަރަކުން އާލިމަށް ބަލައިލަމުން ޖެނީ ބުނެލީ ފަރުވާކުޑަ ގޮތަކަށެވެ. އާލިމް އެއްވެސް ޖަވާބެއް ނުދިނުމުން ޖެނީ ގޮސް ވަރުބަލިކަމާއެކު ގޮނޑީގައި އިށީނދެލީ ކޮނޑުގައި އޮތް ދަބަސް ފައިބުޑަށް ވައްޓާލުމަށްފަހުގައެވެ.
" އަހަރެން ވަރަށް ބަނޑުގައި! އަޅެ ހޮޓަލުން އެއްޗެއް ގަނެގެން އައިސްބަލަ! ބަނޑަށް އެބަ ހޫނު އަރާ! "
އާލިމްގެ ކޮނޑުގައި ބޯ ޖައްސާލަމުން ޖެނީ ބުނެލިއެވެ. އެއާއެކު ކުރިމަތީގައި ހުރި ކިރުތަށި ޖެނީއާ ދިމާއަށް ޖައްސާލަމުން އާލިމް ވާހަކަ ދެއްކިއެވެ.
" އަހަންނާ އާލްވެސް މީތި މި ކާލީ! ޖެނީވެސް މި ކައިބަލަ! "
އާލިމްގެ ޖުމްލައިން ޖެނީ އޯކާދެމިގަތެވެ.
" ޗީޑި.. މިލްކް.. ނުބޯނަން "
ދެކޮނޑު ހިއްލާލަމުން ޖެނީ ބުނެލީ ފޮނި ގޮތަކަށެވެ. އޭރު އާލިމް ތެދުވެގެން ގޮސް ސިންކް ކައިރީ ހުއްޓިއްޖެއެވެ.
" ދެން.. ދަތުރު މަޖާތަ؟ "
ރުޅި އަންނަން ބޭނުން ނުވާތީ އާލިމް ބޭނުންވީ އާދައިގެ ގޮތަކަށް ވާހަކަ ދައްކައިގެން އޭނާގެ ހިތަށް ހަމަޖެހުން ހޯދާށެވެ. ޙަޤީޤަތުގައި ޖެނީގެ އަމަލުތައް ހުންނަ ގޮތާމެދު އާލިމް ހިތްހަމައެއް ނުޖެހެއެވެ. ނަމަވެސް އަބަދު ޒުވާބުކޮށް، ދެބަސްވުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ.
" މަޖާހޭ؟ ތިއީ އަހާ ކަހަލަ ސުވާލެއްވެސް ނޫނެއްނު.. އަދި އެނގޭތަ؟ އޭރު ކްލާހުގައި އަހަންނާ އަޅުވާ ކިޔާ ކުއްޖެއް ހުންނާނެ އިއްސޭ! އިއްސެވެސް ދިޔަ.. އެ ގުރޫޕް އަނެއްކާ އަހަރެމެންނާ ދިމާކުރަން ފެށީއެއްނު! ދެން ހީވީ ލޯމަތިން އޭރުގެ ދުވަސްތައް ފެނުނުހެން"
ހީހީފައި ޖެނީ ދައްކަމުން ދިޔަ ވާހަކަތަކަށް އާލިމްގެ އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ. އައިސް އަލަމާރިން ފެންފުޅިއެއް ނަގަމުން އަނެއްކާވެސް އާލިމް ސުވާލު ކުރިއެވެ.
" ދެން އިއްސެއާ އޭރު ރައްޓެހި ނުވަންތަ؟ "
" އޭރު އޭނަ، މިހާ ސްމާޓެއް ނޫނޭ.. ވަރަށް ހިކިކޮށް ހުންނާނީ އޭރު.. އެނގޭތަ މިހާރު އިއްސެއަކީ ޖިމެއް ހިންގާ މީހެއް! އަހަރެން މަޖަލަކަށް ބުނިން އޭރު އިއްސެގެ ބޮޑީ ތިހެން ހުރި ނަމަ ފަހަރެއްގައި ޔެސް ޖެހީމުހޭ! "
ގަޔާވެގެން އިނދެ ޖެނީ ވާހަކަ ދެއްކިއެވެ. އެއްމިޔަކަނުން ހީލަމުން އާލިމް ކޮޓަރިއާ ދިމާއަށް ހިނގައިގަތީ އިތުރަށް އެއްޗެއް ނުބުނެއެވެ. އެއާއެކު ފަހަތުން ޖެނީވެސް ހިނގައިގަތެވެ.
" އަހަރެން ހީކުރީ އާލިމް ރުޅި އައިސް ކަމަށް ހުންނާނީ! "
ކޮޓަރިއަށް ވަދެ ޖެނީ އެހެން ބުނެލުމާއެކު އާލިމްގެ ހަނދާނަށް އައީ ޝަޒާއެވެ.
" ބައެއްފަހަރު ތިގޮތަށް ދާ ދަތުރު ތަކަކީ ވަރަށް ފައިދާކުރަނިވި ދަތުރު ތަކެއް! "
ހީލަމުން އާލިމް ބުންޏެވެ. އެއާއެކު ޖެނީއަށް އާލިމްގެ މޫނަށް ބަލައިލެވުނީ ނުވިސްނޭފަދަ ގޮތަކަށެވެ.
" ތިބުނީ؟ "
ޖެނީ އަހާލިއެވެ.
( ނުނިމޭ)

ކިޔުންތެރިންގެ ޚިޔާލުތައް
Vaahaka v reethi
ވ ރީތި….ގެނެސްދޭ ދުވަސްތައް އިތުރުކޮށްލާނެނަމައޭ ގޮތައް އަރާ…