ވާހަކަ: އައިން (ފަހުބައި)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

"ދުރަށް ހިނގާ." އައިންގެ ދެއަތުން މެދުކެނޑުމެއްނެތި ހާއިޝްގެ މޫނުގައި ފިރުމާލަމުން ދިޔައެވެ. އަދި ހާއިޝްގެ ލޮލުން ކަރުނަ ފޮހެލިއެވެ. ރޮވިފައިވާ އައިންގެ މިހަރަކާތުން ހާއިޝް ހަމައަކަށް އެޅުނެވެ. އޭނާ އިތުރު އެއްޗެކޭ ނުބުނެ ބާރުބާރަށް ހިނގާފައި ގޭތެރެއަށް ވަނެވެ. އައިންވެސް ހާއިޝްގެ ފަހަތުން ގެއަށް ވަނެވެ.

"އައިން. އޭނާ ތަންކޮޅެއް ކުރިން އެކަމާއި އުޅުނުނަމަ…" ހާއިޝް އަކަށް ވާހަކައެއް ނުދެއްކުނެވެ.

"ދެން އަޅާނުލާ. ދެންވެސް އަހަރެމެންނަށް މިކަމުން ސަލާމަތް ވެދާނެއެއްނު."

"އަހަރެމެންނަށް މިކަމުން ސަލާމަތް ވެދާނެ. އެކަމަކު ކުރިން އެކަން އެނގުނުނަމަ ނިޝާ އުފާވެރިކަމާއެކު ނިމި ދިޔައީސް. އަދި ރިފާ ބައްޕަ ނެތް ކުއްޖަކަށްވެސް ނުވީސް."

"ތިބުނީ…" އައިންއަށް އެއްޗެއް ވިސްނިއްޖެއެވެ.

"އާން. އެއީ ރިފާއު. ނިޝާއާއި ރައްޓެހި ވެގެން އުޅުނީ އެރިފާއު. އަހަރެންނަށް މިލަނޑުދިނީވެސް އޭނާ. ނިޝާ ނުބުނަން ވައުދުވިޔަސް މިއަދު އަހަރެން އައިންއަކަށް މިކަމެއް ސިއްރެއް ނުކުރާނަން."

"އެހެންވީއިރު އަހަރެމެންނަށް ރިފާއަށް ހައްގު އަދަބު ދެވޭނެ. އަދި ހާއިޝް މިނިވަން ކުރެވޭނެ." އަރީޝާ އެކު ނަތާ ފެންޑާއަށް ވަނެވެ.

"ނޫން. އަރީޝް. ދެންވެސް ކަންތައްވާނީ ކުރިން ކަންތައްވީގޮތަށް. އަހަރެން މިނިވަންވާނެ ވަރަކަށް ހެއްކެއްނެތް. މީގައިވެސް އެއީ ރިފާއުގެ ކަމަކަށް ދޭހަވާވަރުގެ ހެއްކެއްނެތް." ހާއިޝް ނާއުންމީދުވެހުރެ ބުނެލިއެވެ. އަރީޝާއި ނަތާމެން އައިންމެންނަށް އެތައް ހިތްވަރެއް ދިނެވެ. އަދި އެމީހުން އެކުގައި ވަގުތު ކޮޅެއް ހޭދަކުރިއެވެ.

 

ނަތާއާއި އަރީޝްގެ އުންމީދަކަށް ބަދަލެއް ނާދެއެވެ. އެމީހުން ފުރައިގެން މާލެ ދިޔައީ ވީހާވެސް އަވަހަކަށް ހާއިޝްގެ މައްސަލަ އަލުން ބަލާގޮތަށް ޢަޒުމް ކަނޑަ އަޅައިގެންނެވެ. ހަފްތާއެއްގެ ތެރޭގައި އެމައްސަލަ އަލުން ބެލުމަށްޓަކައި ހާއިޝް މާލެ ގެނެވިއްޖެއެވެ. އަރީޝްގެ ފަރާތުން އައިންއަށް ލިބެމުން ދިޔަ ލޯތްބާއި އަޅާލުމުން މައިންބަފައިން ނެތްކަމުގެ ހިތާމަ ވަރަށް ކުޑައެވެ.

"ހާއިޝް. އެއްވެސް ހެއްކެއްނެތް އިރު ކިހިނެއް މިފަހަރުވެސް ސަލާމަތްވާނީ."

"އެއްވެސް އުންމީދެއްނެތް."

"ޒޫނާ." ކޯޓަށް ވަންނަމުން އައި ޒޫނާއަށް ނަތާ ގޮވާލިއެވެ. ޒޫނާ ހައިރާން ކަމާއެކު ނަތާއަށް ބަލަން ހުއްޓެވެ.

"ކީއްވެ އަލުން އެމައްސަލަ ބަލަނީ." ޒޫނާ ހުރީ ހިތްހަމަ ނުޖެހިފައެވެ.

"އަހަރެންނަށް ހުރިހާ އެއްޗެއް އެނގިއްޖެ."

"އެކަމަކު ހަމައެކަނި ނަތާގެ ބަހަކުން އަހަރެމެން ކުށްވެރިއެއް ނުވާނެ."

"މި ފައިލު ބަލާލަބަލަ." ނަތާ ދިއްކޮށްލި ފައިލު ޝައުގުވެރިކަމާއެކު ޒޫނާ ބަލަމުން ދިޔައެވެ. އެއީ ނިޝާގެ ފައިލެވެ. އޭގައި ނިޝާގެ ބަލީގެ ތަފުސީލުގެ އިތުރުން އިރާލާފައިވާ ފޮޓޯގަނޑެއް އޮތެވެ. އެފޮޓޯގަނޑު ފެނުމާއެކު ޒޫނާއަށް އެއީ މީގެ ދުވަސްތަކެއް ކުރިން ރިފާއު އަތުގައި ހުރި ފޮޓޯތަކެއްކަން ހަނދާންވިއެވެ. އެފޮޓޯ ތަކުގައިވެސް އެހުރީ އެއް އަންހެން ކުއްޖެކެވެ. އެދުވަހު އޭނާ ސުވާލު ކުރުމުން އެއީ ރިފާއުގެ ކުރީގެ ރައްޓެހިވެގެން އުޅޭކުއްޖާކަމަށް ބުންޏެވެ.

"މީކިހިނެއް ލިބުނު އެއްޗެއް." ރޮވިފައިވާ ޒޫނާއަށް ބުނެވުނެވެ.

"ޒޫނާ. ތީ އައިންގެ އަތުން ލިބުނު އެއްޗެއް؟"

"އައިން ކޮބާ؟"

"އެދުވަހު އަހަރެންގާތު ތެދަށް ބުނިނަމަ މިއަދު އައިން އެހާލުގައެއް ނޫޅުނީސް." ނަތާ ބުންޏެވެ.

ޒޫނާއަށް ކުއްލިއަކަށް އައިން މަތިން ހަނދާންވިއެވެ. ހާއިޝާއެކު އައިން ދިޔަކަން އެނގުނެވެ. ހާއިޝް ދާންޖެހުނީ ކީއްވެގެން ކަމާ އައިންގެ އެދުވަހުގެ ހާލަތު އޭނާއަށް އިހުސާސް ކުރެވުނެވެ.

ވިހަން ތައްޔާރުވެފައިއިން އައިން މަޑު ހިނގުމެއްގައި ކޯޓަށް ވަންނަނީއެވެ. އޭރު އޭނާގެ އަތުގައި ހިފަހައްޓާލައިގެން ހުރި ހާއިޝް ޒޫނާއާއި ދިމާއަށް ފުންގޮތަކަށް ބަލާލިއެވެ. ޒޫނާއަށް ހާއިޝްގެ މިނަޒަރުން ރޫރޫ އަޅައިގެން ދިޔައެވެ. އޭނާއަށް ހާއިޝާ ކުރިމަތިލާން ބިރުގަނެއެވެ.

"އެވާހަކަތައް ފަހުން ކިޔައިދޭނަން. މީއްޗިހި މީތެދު. އަހަރެމެން ހާއިޝް މިނިވަން ކުރުމުގެ މަސައްކަތް ފަށައިފިން. ޒޫނާ އަހަރެމެންނާ އެހީތެރި ވެދީފިއްޔާ އޭނާ ކުށެއްނެތްކަން ސާބިތުވާނެ." ނަތާ ދިޔައީ ޒޫނާ އޭނާއަށް އެހީތެރިވާނެކަމުގެ ޔަގީން ކަމެއްނެތިއެވެ.

ހާއިޝް އަށް ފަސް އަހަރަށް ހުކުން ކުރީވެސް ރިފާއު ސަލާމަތްކުރަން ޒޫނާ އެއްވެސް ރަހުމެއްނެތި ދޮގު ބަޔާން ދީގެންނެވެ. މިއަދުވެސް އޭނާ ހާއިޝް ސަލާމަތްކުރަން ތެދުބުނާނެ ހެއްޔެވެ؟ އޭރުން އޭނާއާއި ރިފާއުވެސް ކުށްވެރިވާނެކަން އޭނާއަށް އެނގެއެވެ. އެފައިލުގައި ހުރީ ތެދުކަމަށްވިޔަސް ޒޫނާ ގަބޫލެއް ނުކުރާނެކަން ނަތާއަށް އެނގެއެވެ.

އޭނާއަށް ވަކީލު ދައްކަމުން ދިޔަ ވާހަކަތަކުން ނިޝާއަށް ރިފާއު ދިން ގެއްލުންތައް އިވެމުން ދިޔަވަރަކަށް އޭނާއަށް ހީވީ ހިތަށް އެއްޗިހިތަކެއް ހަރާހެންނެވެ. އޭނާޔާ އިނދެގެން ހުރެ އޭނާ ރާއްޖޭން ބޭރުގައި ބަހައްޓާފައި ހަމަސްދުވަހަށް ރާއްޖެ އައިސްފައި އޭނާވީ ބޭވަފާ އެނގިގެން ދަނީއެވެ. ރިފާއު މިކަމަށް އިންކާރު ކުރިނަމަވެސް އެފޮޓޯތަކާއި ނިޝާގެ އަތުން ލިޔެފައިހުރި އިގިރޭސި ޅެންތަކާއި ފޮނުވާފަ ހުރި އީމެއިލްތައް ފެނުނު ދުވަހު ރިފާއު ހެދި ދޮގުތައް އޭނާއަށް މިހާރުވެސް އިވެމުން ދާކަހަލައެވެ.

ޝަރީއަތް ކުރިއަށް ދިޔައިރު އެންމެންވެސް ތިބީ ވަރަށް ހަމަހިމޭނުންނެވެ. ނަމަވެސް އިރުއިރު ކޮޅާ ރިފާއު ޒޫނާއަށް ބަލާލައެވެ. އަދި ޒޫނާގެ އަތުގައި ހިފާލައެވެ. މި ކޮންމެ ފަހަރަކު ޒޫނާއަށް ރިފާއާއި އެއްކޮޅަށް ހުރެވޭ ގޮތްވެއެވެ.

"އަހަރެން އެބައަންނަން." ޝަރީއަތް ފެށުނުތަނާހެން އައިން ހާއިޝް ގާތު ބުނެލިއެވެ.

"ކޮންތާކަށް." ހާއިޝް މަޑުމަޑުން ބުނެލިއެވެ.

"ފާޚާނާއަށް." އައިން ހާއިޝަށް ދޮގު ހެދިއެވެ. އައިންއަށް އެތައް އުނދަގޫތަކެއް ވަނީއެވެ. ބައެއް ފަހަރަށް މުޅި ހަށިގަނޑުގައި ރިއްސާހެންވެސް ހީވެއެވެ. އައިން މަޑުމަޑުން ހިނގާލާފައި ބޭރަށް ނިކުތެވެ. އައިންއަށް ކޯޓުން ބޭރަށް ނިކުމެވުނީ ކިރިޔާއެވެ. އޭރު އޭނާއަށް އުނަގަނޑުގައި އަތްއަޅައިގެންހުރެ ތިރިވެވެނީއެވެ. ދުރުގައި ތިބި މީހުން އައިން ގާތަށް އައެވެ. އަދި އެމްބިއުލާންސްގައި ހޮސްޕިޓަލަށް ފޮނުވާލެވިއްޖެއެވެ.

ހާއިޝަށް އިނދެވުނީ ޝަރީއަތް ނުނިމިގެން ލަސްވެފައެވެ. އައިން ދިޔަފަހުން ބައިގަޑިއިރު ވީއިރުވެސް އައިންގެ ޚަބަރެއް ނުލިބިގެން ލަސްވެފައެވެ. އޭނާ ދުވެފައި ކޯޓުން ނިކުތެވެ. އަދި ހާސްކަމާއެކު ވަށައިގެން ހޯދާލެވުނެވެ.

"އަންހެނުންދޯ އެއީ. ވަނީމެއްނު ބަނޑު ބޮޑު ކުއްޖެއް ގޮވައިގެން. އޭނާ އެންބިއުލާންސްގައި ހޮސްޕިޓަލަށް ގެންދެވިއްޖެ." ސަރުދާރަކަށް ހުރި މީހާއަށް ހާއިޝްގެ ހަރަކާތްތަކުން އެނގިގެން ބުންޏެވެ.

"ކޮން ހޮސްޕިޓަލަކަށް." ހާއިޝް ވަނީ ހާސްވެފައެވެ.

"އައި ޖީ އެމް އެޗަށް."

ހާއިޝް ޓެކްސީއެއް  ހުއްޓުވާ އަވަހަށް ހޮސްޕިޓަލަށް ދިޔައެވެ. އަދި ވިހާ ކޮޓަރިން މައުލޫމާތު ސާފުކުރަން އޭނާ ކައިރިވެލިއެވެ. އެވަގުތު އެނދެއްގައި މާބަނޑު މީހަކު ނެރެނީއެވެ. އޭނާ އެމީހަކަށް ބަލާލިއެވެ. އައިވީ އެއްގުޅާފައިވާ އެއަންހެންކުއްޖާ ވަނީ ލޯމެރިފައެވެ.

"އައިން. ކީއްވެ ނުބުނީ." އެއީ އައިންކަން ޔަގީންވުމުން ހާއިޝް ދުވެފައި އައިންގާތަށް ދިޔައެވެ. އަދި އައިން އޮތް ފުރޮޅުލީ އެނދު ބާރަށްގެންދަމުން ދެއެވެ. ހާއިޝްވެސް އެމީހުންނާ އެއްވަރަށް ދެއެވެ.

"ހާއިޝް. ކިހިނެއްވީ. ހުކުން ކޮށްފިތަ. ކިހިނެއް ނިމުނީ." ލޯ މެރިފައިވާ އައިން ވަރު ދެރަކަމާއެކުވެސް ސުވާލުތަކެއް ކޮށްލިއެވެ.

"ތީ އައިންގެ ފިރިމީހާތޯ. އޭނާ މިދަނީ ކުއްލިހާލަތުގެ ފަރުވާއަށް އޮޕްރޭޝަން ކުރަން. އެއީ ދެމައިންގެ ސިއްހަތަށް ރައްކާތެރި ކަމަށްޓަކައި. މީގައި ސޮއި ކޮށްލައްވާ." އަވަސް އަވަހަށް ނަރުސް ކުއްޖާ ވާހަކަ ދެއްކިއެވެ. އޭރު އައިން ތިއޭޓަރަށް ވައްދަން ގެންދަނީއެވެ. އެކަކު އަނެކަކަށް އެއްޗެއް ނުބުނެވެނީހެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ނަތާމެންވެސް ތިބީ ހާއިޝްގާތު ހޮސްޕިޓަލުގައެވެ.

ކަންބޮޑުވެ ޖެހިލުންވެފައިވާ ހާއިޝް ހުރީ ބިރުގެންފައެވެ. ތިއޭޓަރު ކައިރީގައި ހުރި ގޮޑިބަރިތަކުގައި އިށީނދެގެން އިން ހާއިޝް އިރުކޮޅަކާ ތެދުވެލައެވެ. އައިން އޭނާއާއި ވަކިވެގެން ހިނގައިދާނެތީ އޭނާ ވަނީ ދެރަވެފައެވެ. ކުރީފަހަރުގެ ހަނދާންތަކުން އޭނާ އިތުރަށް ހާސްކުރުވަނީއެވެ. ވިހި މިނެޓްފަހުން އައިން ނެރެވިއްޖެއެވެ. އޭނާއާއެކު ލޯބި ލޯބި އަންހެން ކުއްޖެއްވެސް ނެރެވުނެވެ.  އަދި ވަގުތުން އައިން ޕުރައިވެޓް ރޫމަކަށް ބަދަލު ކުރެވިއްޖެއެވެ.

"ހާއިޝް." އައިން ކޮޓަރިއަށް ބަދަލުކުރި ނަރުހުން ނުދަނީސް އައިން ވާހަކަ ދައްކަން ފެށިއެވެ.

"އައިން. ހިތްހަމަ ޖައްސާލާ." ހާއިޝް އައިންގެ އަތުގައި ހިފާލިއެވެ.

"ކިހިނެއްވީ ހުކުމަށް. ކިހިނެއް މިތަނަށް އާދެވުނީ." އައިންވަނީ ޖަވާބު ބޭނުންވެފައެވެ.

"އައިން އަހަރެންނަށް އޮޅުވާލެވުނީ. އެއީ ހާއިޝެއްނޫން. އަހަރެންނާއި ރިފާއު ކޮލެޖުގެ އެ އޮފީހުގައި ހުއްޓާ ނަތާއަށް ފެނުމުން އޭނާ ކުޑަދޮރުން ފުންމާލީ. ދެން މީހުން އެއްވީއިރު އޭނާވެސް ދުރުގައި ބަލަންހުރި. އަދި އަތުގެ އިޝާރާތުން  އޭނާ ބުނީ އޭނަޔޭ ނުބުނާށޭ. އެހެންނޫނީ ދުވަހަކުވެސް އަހަރެމެން ދެމީހުންގެ ކައިވެއްޏެއް ނުކުރެވޭނޭ. އަހަރެން ހުރީ ބިރުގެންފައި. ދުވަހަކުވެސް އެހާ ހާހެއްނުވޭ. އެވަގުތު ނަތާ އަހަރެންނާ އެއްކޮޅަށް ހުރުމުން އަހަރެންނަށް އެ ދޮގު ސާބިތު ކޮށްދޭން ފަސޭހަވީ." ޒޫނާގެ އަޑުބެދިއްޖެއެވެ. ވާހަކަދައްކަން ދަތިވެއްޖެއެވެ.

"ދެންމިއަދު ހުރިހާ ވާހަކައެއް ކިޔައިދިނީ ކީއްވެ؟" އައިން އެހިއެވެ.

"ނިޝާއަކީ ރިފާއުގެ ސިއްރު ބައިވެރިއެއް. އެދެމީހުން އެކުގައި ނަގާފައި ހުރި ފޮޓޯތަކާއި ސިޓީތަކާއި އީމެއިލްތައްވެސް އަހަރެން އަތުގައި ހުންނާނެ. އެހެންވީމާ ހަމައެކަނި ހިތާމަ ލިބުނީ އައިންއަކަށްވެސް ނޫން. އަހަރެމެން އެންމެންނަށް." ޒޫނާ ތެދުވެރިކަމާއެކީ ކޯޓުގައި ދެއްކި ހުރިހާ ވާހަކައެއް ކިޔައިދީ މާފަށްއެދުނެވެ. މިހާރު އޭނާ ބޭނުންވަނީ އައިންގެ ކިބައިން މާފަށްއެދޭށެވެ.

 

"ޒޫނާ….." ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުން އައިން ރޮވިފައިވާ ޒޫނާއަށް ގޮވާލިއެވެ. އަދި ޒޫނާއާއި ދިމާއަށް އަތް ދިއްކޮށްލިއެވެ.

"އައިން. އަހަރެންނަށް ނުގޮވާ. އަހަރެން މީ އެއަށްވުރެ ގޯސްމީހެއް. އަހަރެންނަށް މާފުކުރޭ." ޒޫނާ އައިންގެ އަތުގައި ހިފާލިއެވެ. އަދި  އައިން އޮތް އެނދު ކައިރީގައި އިން ގޮނޑިއެއްގައި އިށީނެވެ. ދެން އޭނާއަށް  ރޮވެން ފެށުނެވެ.

"ދެން އެކަމާ ނުވިސްނާ. މީވެސް ލިބުނު ތަޖުރިބާއެއް." އައިން ޒޫނާއާމެދު ހަމްދަރުދީ ވެވުނެވެ.

"ހާއިޝް." އައިން މަޑުމަޑުން ގޮވާލިއެވެ.

"އައިން." ހާއިޝް އައިންގެ އެނދުގައި އިށީނދެލިއެވެ. އޭނާ އައިންގެ އަތުގައި ހިފާލިއެވެ.

އޭރު ޓީވީ މޯލްޑިވްސް އިން ގެނެސް ދެމުން ދިޔަ ޚަބަރަށް ހުރިހާ އެންމެންނަށްވެސް ބަލާލެވުނެވެ. "މަޝްހޫރު މުދައްރިސް ހާއިޝް މިނިވަންކުރުމުގެ ހުކުމް އިޢުލާން ކުރެވިއްޖެއެވެ. ބޭއިންސާފުން އަނިޔާ ދެވިފައިވާތީ މާފަށް އެދެމުން ހާއިޝްދެއްކި ޖޫރިމަނާގެ ތިންލައްކަ ރުފިޔާ ހާއިޝަށް ދޭން ހުކުން ކުރަމުން ރިފާއު ދޮގުހަދާ މަކަރު ހަދާފައިވާތީއާއި ބަދުއަޚްލާގީ އަމަލު ހިންގާފައިވާތީއާއި ނިޝާއަށް ލިބުނު އަނިޔާގެ ބަދަލުގައި ފަނަރަ އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރެވުނެވެ."

މިޚަބަރު އަޑު އިވުމުން ހާއިޝް އައިންގެ އަތަށް ފިތާލިއެވެ. އަދި އައިންގެ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަދިނެވެ.

"މި އޮތީ  ބޭބީ." ނަރުސް ކުއްޖާ ގެނައި ތުއްތު ކުއްޖާ އައިންގެ ގާތުގައި ބާއްވާލިއެވެ. ހާއިޝް އެ ތުއްތު ކުއްޖާގެ މޫނަށް ދޮނެއްދިނެވެ. ދެން އައިންގެ އަތުގައި ހިފާލާ ބާރުކޮށްލިއެވެ. އޭރު ގޭގައި ތިބި ދެ ފިރިހެން ކުދިންނާއި ރިފާ ގޮވައިގެން އަރީޝް އެތެރެއަށް ވަންނަނީއެވެ. ނަތާއާއި ޒޫނާ އައިންގެ އަނެއް ފަރާތުގައި ފެންކަޅިވެފައި ތިބީ އައިންގެ އުފަލުގައި ހިތުގެ އަޑީން ބައިވެރި ވެވިގެންނެވެ. އެކަކު އަނެކަކަށް އިތުބާރު ކުރަމުންނެވެ.

(ނިމުނީ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *