ވަގުތުން މޫޑު ރަނގަޅުކޮށްލާށެވެ.

އަޅުގަނޑުމެން ތެރެއިން ބައެއް މީހުންނަކީ ވަރަށް އަވަހަށް މޫޑު ސަކަރާތްވެ ފޫހިވާ ބައެކެވެ. ކަމަކާ ކަންބޮޑުވެ އަދި އެ ކަންބޮޑުވަނީ ކީއްވެގެންކަންވެސް ގިނަފަހަރު ބައެއް މީހުންނަކަށް ނޭނގެއެވެ. ކޮންމެ އާ ދުވަހެއް ފެށުމުން ކޮށްލެވޭ ބައެއްކަންކަމުން ތިމާގެ މޫޑު ރަނގަޅުވެ އުފާވެރި މީހަކަށް ވެވިދާނެއެވެ.

ކޮންމެ ދުވަހަކުވެސް ހެނދުނު ހޭލާށެވެ. ނުހޭލެވޭނަމަ އާންމުކޮށް ތެދުވުމުގެ 15 މިނެޓް ކުރިން އެލާމްކޮށް ކުޑަ ހިތްވަރެއް ލާށެވެ. މި އިތުރު ވަގުތުގެ ސަބަބުން ދުވަހެއް ރަނގަޅަށް އިންތިޒާމުކޮށް އުފެއްދުންތެރި ދުވަހެއް ހޭދަކުރުމަށް މަގުފަހި ވެގެން ދެއެވެ.

އަބަދުވެސް ހިނިތުންވެލާށެވެ. ދެކެފަރިތަ މީހުންނާއި ރައްޓެހިންނަށް ހިނިތުންވެލުމަކީ ދުވަސް ރަނގަޅު ކުރުމަށް ކުރެވިދާނެ ވަރަށް މޮޅު ކަމެކެވެ. އޮންލައިންކޮށް މަޖާ ވީޑިއޯއެއް ފޮނުވާލާ ނުވަތަ މެސެޖެއް ފޮނުވާލައިގެންވެސް އެމީހުންގެ ހާލު ބަލާލެވިދާނެއެވެ.

ކޮންމެ ދުވަހަކު އެންމެ 5 މިނެޓަށް ނަމަވެސް ތިމާގެ މާހައުލު ތަރުތީބު ކުރުމަށް ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ތިބާ ދިރިއުޅޭތަން ސާފުކޮށްލުމުން ތިމާއަށް އުފާވެރިކަން ލިބި ސާފުމާހައުލަކުން ލިބޭ ހިތްހަމަޖެހުން ލިބޭނެއެވެ.

ލިޔުމަކީ އަމިއްލަ ޖަޒުބާތުތަކާއި އިހުސާސްތައް ޕްރޮސެސް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދުވަހުގެ ކަންކަން ލިޔަން ކޮންމެ ދުވަހަކު ވެސް ވަގުތެއް ކަނޑައަޅައި، އަމިއްލަ ޖާނަލް ލިޔަން އާދަކުރާށެވެ.

ސްޓްރެސް ނުވަތަ ކަންބޮޑުވުން އިހުސާސް ކުރެވޭނަމަ ބޭރަށް ނިކުމެލާ 10 މިނިޓްނަމަވެސް ހިނގާލުމަކީ މޫޑު ރަނގަޅުވެ ހަމަޖެހުން ވެސް ލިބިގެންދާނެ ކަމެކެވެ.

ކުރީގެ ފޮޓޯތަކަށް ބަލާލުމަކީ ވަގުތުން އުފާވެރިކަން ގެނެސްދޭ ކަމެކެވެ. އެއީ އުފާވެރި ހަނދާންތައް އަނބުރާ ގެނެސްދީ ވަގުތުކޮޅަކަށް އުފާވެރިކަން އިހުސާސް ކުރެވޭނެ އެއްޗެހިތަކެކެވެ.

އެއްޗިހި ދޮވުމަކީ ފަސްކުރަން ވަރަށް ފަސޭހަ ކަމެކެވެ. އެކަން ފަސްކުރުމުން ނޭދެވޭ އިހުސާސް ކުރެވެއެވެ. ވީމާ ދޮންނަން ޖެހޭ އެއްޗެއް ނުބަހައްޓާ އަވަހަށް ދޮވެލާށެވެ.

މިއުޒިކަކީ އުފާވެރިކަން އިތުރުކޮށްދީ، ހާސްކަން ކުޑަކޮށްދޭ އެއްޗެއްކަން އެންމެންނަށް ވެސް އެނގެ އެވެ. ކަމުދާ ލަވައެއް ޖަހާލުމުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަމިއްލައަށް އޭގެތެރެއަށް ވަދެވި ބައެއްފަހަރު އެލަވަ ކިޔާލެވި ނުވަތަ ނަށަމުންދާކަން ފާހަގަ ކުރެވޭނެއެވެ.

އެހެންމީހަކު އުފާވާނޭ ކަހަލަ ކަމެއް ކޮށްލާށެވެ. މީހަކާއެކު ހިނގާލުންކަމުގައިވިޔަސް ނުވަތަ ކިޔާފައިވާ ފޮތެއް މީހަކަށް ދިނުންކަމުގައިވިޔަސް ތިމާގެ މީހެއްގެ ގެއަށް ޒިޔާރަތްކޮށްލުން ކަމުގައިވިޔަސް ކުދިކުދި ހެޔޮ އަމަލުތަކުން ގިނަ ފައިދާތަކެއް ކޮށްފާނެއެވެ. އެއީ ތިމާއަށް އިތުރަށް ޕޮޒިޓިވް އިހުސާސެއް ކުރެވޭނެ ކަމެކެވެ.

މުޅި ދުވަހު ގޭގައި ހުންނައިރުވެސް ލޯބިވާ ބައެއް ހެދުންތައް ލައިގެން އުފާވާގޮތަކަށް ފުނާއަޅައިގެން މީރުވަސްދުވާ ސެންޓެއް ޖަހާލައިގެން ހުރުމުންވެސް ވަގުތުން މޫޑުރަނގަޅުވެ ކުރިއަށް އޮތް ދުވަހަށް ތައްޔާރަށް ހުރި ކަމުގެ އިހުސާސް ކުރެވޭނެ އެވެ.

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ވަރުބަލިކަން އިހުސާސްކުރުން ކުޑަކުރުމަށް ރެއަކު ގާތްގަނޑަކަށް 8 ގަޑިއިރު ނިދި ބޭނުންވެއެވެ. ވީމާ ރަނގަޅަށް ނިދި ލިބޭތޯ މަސައްކަތް ކުރާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *