(5 ޖެނުއަރީ 2024ގެ ނޫހާއިގުޅޭ)
" އަހަރެން ހީކުރީ އާލިމް ރުޅި އައިސް ކަމަށް ހުންނާނީ! "
ކޮޓަރިއަށް ވަދެ ޖެނީ އެހެން ބުނެލުމާއެކު އާލިމްގެ ހަނދާނަށް އައީ ޝަޒާއެވެ.
" ބައެއްފަހަރު ތިގޮތަށް ދާ ދަތުރު ތަކަކީ ވަރަށް ފައިދާކުރަނިވި ދަތުރު ތަކެއް! "
ހީލަމުން އާލިމް ބުންޏެވެ. އެއާއެކު ޖެނީއަށް އާލިމްގެ މޫނަށް ބަލައިލެވުނީ ނުވިސްނޭފަދަ ގޮތަކަށެވެ.
" ތިބުނީ؟ "
ޖެނީ އަހާލިއެވެ.
" މިބުނީ މާ ބޮޑު އެއްޗެއް ނޫނޭ.. ޖެނީއަށްވެސް އާ ރައްޓެހިންތަކެއް ލިބި އުފާވެރި ވަގުތުތަކެއް ހޭދަކުރެވުނެއްނު.."
ޖެނީއަށް މާބޮޑު ސަމާލުކަމެއް ނުދީ އާލިމް އެނދުގައި އޮށޯވެލިއެވެ.
" ހޫމް.. ދެން ތިވާހަކައެއް ނޫނޭ! ކޮން ޑިޔުޓީއެއްތަ އޮތީ؟"
ފާޚާނާއާ ދިމާއަށް ހިނގައިގަންނަމުން ޖެނީ އެހިއެވެ.
"މިރޭ ދަންވަރު ޑިޔުޓީ އޮތީ.. އެހެންވެ އަހަރެން އަދި ނިދާލަން މިއުޅެނީ.. އޭރުން މެންދުރުފަހު ކާރަށް އެރޭނެއެއްނު.. މެންދުރު އަހަރެން ތެދުވަން ވާއިރަށް ރަނގަޅު އެއްޗެއް ކާން ހަދާލައްޗޭ"
އާލިމްގެ ވާހަކަ އަޑުއަހަން ހުރި ޖެނީގެ މޫނުމަތިން އޭރު ފެންނަން ހުރީ ފޫހިކަމުގެ އަސަރުތަކެވެ. ދޮރުކަނީގައި އަތް ވިއްދާލުމަށްފަހު އޭނާ ވާހަކަ ދައްކަން ފެށީވެސް އެހާމެ ރުންކުރު ގޮތަކަށެވެ.
" އަހަރެންވެސް ރޭގަ ނުނިދާތީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާ! މަވެސް ނިދާލާނީ.. އާލިމް ދެން މިއަދު ބޭރުން ކާލަބަލަ! "
އާލިމް ބުނާނެ އެއްޗެއްގެ އިންތިޒާރުގައި އިރުކޮޅަކު މަޑުކޮށްގެން ޖެނީ ހުއްޓެވެ. ނަމަވެސް ފުރަގަސްދީގެން އޮތް އާލިމް އިތުރަށް އެއްވެސް އެއްޗެއް ނުބުންޏެވެ.
" ހެޔޮ އާލިމް ރުޅި އަޔަސް.. ދެން އަހަރެންވެސް ވަރުބަލިވާނެދޯ ރޭގައިވެސް ތެޅިތެޅިފައި މިއައީ"
ފާޚާނާގެ ދޮރު ލައްޕާލަމުން ޖެނީ ކުދިކިޔަން ފެށިއެވެ.
***
އާދަޔާ ޚިލާފް އިޙްސާސްތަކެއް ޝަޒާގެ ހިތުގައި ހިނގަމުންދާކަން ޚުދު އޭނާއަށްވެސް އިޙްސާސް ކުރެވެން ފަށައިފިއެވެ. ބުނެދޭން ނޭނގޭ ޖަޒްބާތުތަކަކުން އެތައް ދުވަހެއް ވަންދެން ނިދާފައިވާ ހިއްސުތައް ހޭލައްވަމުންދާކަންވެސް ޝަޒާއަށް އެނގޭ ކަހަލައެވެ. މުޅި ދުވަހު އޭނާގެ ކުރިމަތީގައި އެނބުރެމުންދަނީ އާލިމްގެ ސޫރައެވެ. އާލިމްގެ ބިޔަ ހަށިގަނޑުގެ ހޫނުކަން ކޮންމެވެސް ވަރަކަށް އިޙްސާސް ކުރެވިފައިވާތީ، އަދިވެސް އެ ހޫނުކަމަށް ހިތް އެދެން ފެށިއެވެ.
" އާލިމް ފެންނަ ހިސާބުގައި އުޅެން އަހަންނަށް ދެން ވަރަށް އުނދަގޫވާނެ.. އެކަމަކު… ކިހިނެއް އަހަރެން ހަދާނީ؟ އަހަންނަށް ހީވަނީ ކުޑަކުޑަ ވަގުތުކޮޅެއްގެ ސަބަބުން އަހަންނަށް އާލިމްދެކެ ލޯބި ވެވިއްޖެހެން"
ޝަޒާއަށް ހިތާހިތާ ވާހަކަ ދައްކަން ފެށުނެވެ.
" އެކަމަކު.. އަހަންނަށް އެނގޭ މިއީ ވަރަށް ބޮޑު ގޯހެއްކަން.. އެކަމަކު އަހަރެންގެ ހިތަށް އަހަންނަކަށް ބާރެއް ނުފޯރުވުނު.. ހިތް ދޫވެއްޖެ! "
އެނދުގައި ނޯވެވިގެން ޝަޒާއަށް ތެދުވެ ހެޑްބޯޑުގައި ލެނގިލެވުނެވެ. އޭރު ދާދި ގާތުގައި ލިވީ ނިދާފައި އޮތެވެ. ލިވީގެ މައުސޫމް މޫނަށް ބަލައިލަމުން ޝަޒާއަށް ހިނިތުންވެލެވުނެވެ.
" ލިވީއަށް ބައްޕައެއްގެ ލޯބިވެސް ހޯދައިދޭން އަހަރެން ބޭނުން.. އެހެންވީމަ އަހަރެން ޖެހޭނެ ދިރިއުޅުމެއް ފަށަންވެސް! އެކަމަކު… އަހަންނަށް ނޭނގި ނަމަވެސް ލޯބި މިވެވުނީ މީހެއްގެ ފިރިއެއް ދެކެ… އެއީވެސް އަދި އަހަރެންގެ ގާތް އެކުވެރިއެއްގެ… ޙާލުގައި ޖެހިފައި ހުއްޓާ ކޮންމެ ސިފައެއްގައި ނަމަވެސް އެހީތެރިކަން ފޯރުކޮށްދިން އެކުވެރިޔާގެ.. އާހް! ޔާ ﷲ! އަހަންނަށް މިކަމުގައި ރަނގަޅު މަގެއް ދައްކަވާށި! "
މައްޗަށް ބަލައިލަމުން ޝަޒާއަށް ބުނެލެވުނެވެ. އޭރުވެސް އޭނާގެ ހިތަކަށް އެއްވެސް ތަސައްލީއެއް ނުލިބެއެވެ.
***
ޖެހިގެން އައި ދުވަހެވެ. ދަންވަރު ޑިޔުޓީ ނިންމާލުމަށްފަހު އާލިމް ގެއަށް އައީ ޝަޒާ ފެންނާނެ ކަމުގެ އުއްމީދުގައެވެ. ގޭގެ ދޮރު ހުޅުވާލުމަށްފަހު ފުރަތަމަވެސް އޭނާއަށް ބަލައިލެވުނީ ބަދިގެއާ ދިމާއަށެވެ. ނަމަވެސް ގޭތެރޭގެ ޙާލަތު އޮތް ގޮތް ފެނުމުން ޝަޒާ މިއަދުވެސް ނާންނަކަން އޭނާއަށް ވިސްނުނެވެ. އިއްޔެ ހެނދުނުއްސުރެ ކާމޭޒުމަތީގައި ހުރި ތަށިތަކާއި ފުޅިތައް އަދިވެސް އެބަހުއްޓެވެ. އިރުކޮޅެއް ވަންދެން ބަދިގެއަށް ބަލަހައްޓައިގެން ހުރެ ވަރުބަލިކަމާއެކު އާލިމް ހިނގައިގަތީ ކޮޓަރިއަށެވެ.
" އަދިވެސް ނުތެދުވަންތަ؟ "
ހިތްހަމަ ނުޖެހޭ ރާގެއްގައި އާލިމް ބުނެލިއެވެ. އެއާއެކު ނިދިފައި އޮތް ޖެނީ ފުރޮޅިލަމުން، އަލަމާރި ކައިރީގައި ހުއްޓި ހުރި އާލިމަށް ބަލައިލިއެވެ.
" އައީތަ؟ އާލްވެސް ނިދާފައި އޮތީމަ އަހަރެންވެސް މި އޮތީ!"
ކަންނެތް ގޮތަކަށް ޖެނީ އެހެން ބުނެ، ތެދުވެއްޖެއެވެ.
" ޝަޒާ ނާދޭ ދޯ މިއަދުވެސް"
އެނދުމަތީގައި އިނދެ އާ ފުރެމުން ޖެނީ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
" އާނ! އޭނަ ނާންނާތީވެ މިއަދި މިޖެހުނީ ހެނދުނު ސައި ނުބޮއި ނިދަން"
މިފަހަރުވެސް އާލިމަށް ވާހަކަ ދެއްކުނީ ރުންކުރު ގޮތަކަށެވެ. އެޖުމްލައިން ޖެނީގެ ހިތަށް ކޮންމެވެސް ވަރެއްގެ އުނދަގުލެއްވީކަން ޖެނީއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން އޭނާ ފަރުވާތެރިކަމާއެކު އާލިމްގެ މޫނަށް ބަލައިލަމުން ބޯ ޖަހާލިއެވެ.
" ޝަޒާ އައުމުގެ ކުރިންވެސް އާލިމް ނިދަނީ ސައި ނުބޮއެއްނު! "
" ރަނގަޅޭ! މީހަކު ސައިހަދާފަ ހުންނަ ނަމަ ސައި ބޯނެ ދޯ މަވެސް…"
ފާޚާނާއާ ދިމާއަށް ހިނގައިގަންނަމުން އާލިމް ބުންޏެވެ. އެއާއެކު ޖެނީވެސް ތެދުވެއްޖެއެވެ.
" އެހުރިހާ ކަމެއް ކުރަންދޯ ބޮޑު އަގުދީފައި މީހަކު ހޯދީ! އެހެން ނޫނަސް އާލިމް މިހާރު އަބަދު ހުންނަނީ އަހަރެންދެކެ ރުޅި އައިސް"
ދެއަތް އުރާލަމުން ޖެނީ ބުނެލީ ޝަކުވާގެ ރާގުގައެވެ. އެއާއެކު ފާޚާނާގެ ދޮރު ހުޅުވާލުމަށްފަހު، އާލިމް ޖެނީއަށް ބަލައިލިއެވެ.
" ރުޅިއެއް ނާންނަން! އަހަރެންގެ ވާހަކައަކީ ކިތަންމެ ބޮޑު އަގެއް ދީފައި ދުނިޔޭގެ ކޮންމެ ހިސާބަކުން މީހަކު ގެނެސް މަސައްކަތް ކުރުވިޔަސް އެމީހަކަށް މިގެއަށް ނާދެވޭ ޙާލަތެއްގައި އަހަރެންގެ ކަންތައްތަކުގެ ޒިންމާ ޖެނީ ނަގަން ޖެހޭނެޔޭ! "
އެހެން ބުނުމަށްފަހު ޖެނީ ދޭނެ ރައްދަކަށް އިންތިޒާރު ކުރުމެއްނެތި އޭނާ ފާޚާނާއަށްވަދެ ދޮރު ލެއްޕިއެވެ. އާލިމްގެ ވާހަކަ އަޑުއެހުމަށްފަހު ޖެނީއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
" މީގެ ކުރިންވެސް އަހަރެމެންނަކީ ކައްކައިގެން އެހާ ވަރަށް ކާ ބައެއް ނޫން.. ދެން މިހާރު ކޮން ވާހަކަ އެއް ދައްކާކަށް.."
ރުޅިވެރި ރާގަކަށް ޖެނީއަށް ބުނެވުނެވެ. އެނދުމަތީގައި އޮތް ފޯނު ނެގުމަށްފަހު ފޯނާ ކުޅެން ފެށި އިރުގައިވެސް އޭނާގެ ހިތުގައިވާ ހަމަނުޖެހުން ފިލައިގެން ނުދެއެވެ. ނަމަވެސް ފޯނަށް އައިސް އޮތް ވައިބަރ މެސެޖެއްގެ ސަބަބުން ބޭއިޚްތިޔާރުގައި ޖެނީއަށް ހިނިތުންވެލެވުނެވެ. ދަތުރު ދިޔަ ގުރޫޕް މިރޭ ކޮފީއަކަށް ދައުވަތު ދީފައި އޮތް މެސެޖް ފެނި، ޖެނީގެ ހިތަށް ހަމަޖެހުން ލިބުނު ކަހަލައެވެ.
" އާލްއަށް ގޮވަން ވީނު ދެން.. ސައިބޮއިގެން ސްކޫލަށް ދެވޭނީ އޭރުން.. އޭގެ ފަހުންތާ އަހަންނަށް ނިދޭނީވެސް! "
ތުވާލިން ބޯ ހިއްކަމުން ނިކުތް އާލިމްގެ އަޑަށް ޖެނީއަށް ފަހަތް ބަލައިލެވުނެވެ.
" ހޫމް! ދެން އާލިމް ތިހުރިހާ އެއްޗެއް އަކުރުން އަކުރަށް ކިޔައި ނުދިނަސް އަހަންނަށްވެސް އެނގެޔޭ! "
ފުންމައިގެން ތެދުވެ އަތުގައި އޮތް ފޯނު އެނދުމައްޗަށް އެއްލާލަމުން ޖެނީ ބުނެލިއެވެ. ޖެނީގެ ބާރު އަޑަށް އާލްއަށްވެސް ހޭލެވިއްޖެއެވެ. ލޯ ހުޅުވާލެވުމާއެކު އާލް ތެދުވެއްޖެއެވެ.
" ޖެނީ ދެން މާ ބާރޭ ވާހަކަ ދައްކާގޮތް! ތިހާވަރު ވާން ޖެހޭތަ؟ "
އާލިމް ބުނެލީ މަޑުމައިތިރިކަމާއެކުގައެވެ. އޭރު އާލް ކޮޓަރިން ނިކުމެގެން ސިޓިންގރޫމަށް ގޮއްސިއެވެ.
" ދެން އާލިމް އަބަދު އަހަރެންގެ ކުށް ދައްކަން އުޅެނީ؟ "
ޖެނީ ބުނެލިއެވެ. ވަގުތަކީ އާލް އެނބުރި އައިސް ކޮޓަރިއަށް ވަތް ވަގުތެވެ. އޭރު އޭނާގެ މޫނުމަތީގައިވަނީ ފޫހިކަމުގެ އަސަރުތަކެވެ.
" މަންމީ! ލިވީ ކޮއްކޮ ނާދޭތަ؟ އާލް ބޭނުން އެގެއަށް ދާން"
" އުނހު! ނުދެވޭނެ.. ފެންވަރަން ވަދޭ ސްކޫލަށް ދާން! ހޭލެވުމާއެކު ކުޅެން މިއުޅެނީ؟"
އައިއްސަ ހުރި ރުޅިން ޖެނީއަށް އާލްގެ ކުރިމަތީގައިވެސް ވާހަކަ ދެއްކުނީ ވަރަށް ރުޅިވެރިކަމާއެކުގައެވެ. އެކަން ވެގެން ދިޔައީ އާލިމްއަށް ބަރުދާސްތު ކުރަން ނުހަނު އުނދަގޫ ކަމަކަށެވެ. ނަމަވެސް އާލްގެ ކުރިމަތީގައި ޖެނީއާ ދިމާއަށް ބާރަށް އެއްޗެއް ބުނަން ބޭނުން ނުވާތީ އޭނާ މަޑުކޮށްލީ އާލް ފާޚާނާއަށް ވަންނަން ދެނެވެ. އިސްޖަހާލައިގެން ގޮސް އާލް ފާޚާނާއަށް ވަތްތަން ފެނި އާލިމް ހިތުގައި ޖެހުނެވެ. އެ ކުޑަކުޑަ ހިތް ދެރަވެފައިވާވަރު އޭނާއަށް އިޙްސާސް ކުރެވުނެވެ.
" ޖެނީ! އާލްއަށް ކޮން ރުޅިއެއް ތި ބާލަނީ؟ އަހަރެންދެކެ ރުޅި އަޔަސް އާލްގެ ކުރިމަތީގައި އެއްވެސް އެއްޗެއް ނުކިޔާށޭ ބުނަމެއްނު! "
ގަޔަށް ޓީޝާޓް މަހާލުމަށްފަހު އާލިމް ސިޓިންގރޫމަށް ނިކުތީ އިތުރަށް ޖެނީ އެއްޗެހި ކިޔާފާނެތީއެވެ. ކޮޓަރިން ނިކުތް ގޮތަށް އާލިމް ގޮސް ސިޓިންގރޫމްގައި އިށީނދެ، ސޯފާގައި ބޯ ޖައްސާލުމަށްފަހު ދެލޯ މަރާލީ ހިތަށް ތަސައްލީއެއް ލިބޭތޯއެވެ.
" ސޮރީ! "
އެހެން އިރުކޮޅަކު އޮއްވަ ދާދި ގާތުން ޖެނީގެ އަޑު އާލިމަށް އިވުނެވެ. އެހެންކަމުން ލޯ ހުޅުވާލަމުން އޭނާ ޖެނީއަށް ބަލައިލިއެވެ. އޭރު ޖެނީ ސޯފާގައި އިށީންނަނީއެވެ.
" ކޮބާ އާލް؟ "
އާލިމަށް އަހާލެވުނެވެ. އެއާއެކު ޖެނީ ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
" އާލް ހިތްހަމަ ޖައްސާލަން މިއައީ އަމިއްލައަށް އެއްޗެހިލައި ރީތިވާށޭ ކިޔާފަ! އެއީ އާލް ވަރަށް ކުރާހިތްވާ ކަމެއްނު.."
ޖެނީގެ ޖުމްލައިން އާލިމް ކުރުގޮތަކަށް ހީލިއެވެ.
" ސޮރީ އިނގޭ.. އަހަންނަށް މާ ބޮޑަށް ރުޅި އާދެވުނީ"
އާލިމްގެ އަތްމަތީގައި ބޯ އަޅާލަމުން ޖެނީ ބުނެލިއެވެ. މިފަހަރުވެސް އާލިމް އެއްވެސް އެއްޗެއް ނުބުންޏެވެ.
" އާލިމް ބޭނުންވަނީ އަހަރެން ލައްވާ ހުރިހާ މަސައްކަތްތަކެއް ކުރުވަންތަ؟ ބޭނުންވާ ގޮތެއް ބުނެބަލަ! އޭރުން އަހަރެން ބުނެފާނަން ޝަޒާ ގާތު މިގެއަށް ދެން މަސައްކަތްކުރަން ނާންނަން.. އަހަރެން ޓްރައި ކުރާނަން ގޭތެރޭގެ ކަންތައްތައް ކުރެވޭތޯ!"
އެއީ މާ ކުރިން ޖެނީގެ ދުލުން އަޑުއަހަން އާލިމް ބޭނުންވި ޖުމްލަތަކެކެވެ. ނަމަވެސް ގޭތެރޭގެ މަސައްކަތްތަކުގެ ޒިންމާ ނަގަން ޖެނީ އޭރު ބޭނުން ނުވީއެވެ. ޝަޒާއަށް އެ ފުރުޞަތު ދޭން ޖެހުނީވެސް އެހެންވެއެވެ.
" ކީއްވެ އެއްޗެއް ނުބުނީ؟ "
އާލިމްގެ ފަރާތުން ބަހެއް ނުލިބުމުން ޖެނީ އަހާލިއެވެ. އެއާއެކު އާލިމް ހިނިތުންވެލިއެވެ. އެކަމާ އެއްބަސްވާން އާލިމްއަށް އުނދަގޫވަނީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ޝަޒާ ނުފެނި އެންމެ ދުވަހެއް ވޭތު ވިޔަސް އާލިމްގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އެހެންކަމުން ޖެނީއަށް ދޭނެ ޖަވާބަކާމެދު އޭނާއަށް ޖެހުނީ އަދިވެސް ވިސްނާށެވެ.
" ތީގަ ދެން އަހަރެން ކީކޭ ބުނާނީ؟ އަހަރެން ބުނެގެންނެއް ނޫން ޝަޒާ ގެނައީ! އެހެންވީމަ ދެންވެސް ގޮތް ނިންމާނީ ޖެނީ..! އަހަރެން މި މަސައްކަތްކުރަނީ މުޅިންވެސް ޖެނީގެ ހިތްހަމަޖެހުމަށް!"
އާލިމް އެހެން ބުނި އިރު އާލް ހުރީ ރީތިވެގެން ނިކުމެއެވެ. އެހެންކަމުން އިތުރަށް އެމައުޟޫއަށް ވާހަކަ ދައްކާނެ ފުރުޞަތެއް އެމީހުންނަކަށް ނުލިބުނެވެ.
***
ހަވީރުގެ ހިތްގައިމު ވަގުތެވެ. ދޮރުގައި ޓަކި ޖަހާލުމާއެކު ޖެނީ ގޮސް ދޮރު ހުޅުވާލިއެވެ. އެއާއެކު ދޮރުމަތީގައި ތިބި ޝަޒާއާއި ލިވީ ފެނި އޭނާއަށް ހިނިތުންވެލެވުނެވެ.
" އަނހަ! ލިވީ! މިހާރު ރަނގަޅުތަ؟ "
އެތެރެއަށް ވަންނަން ޖާގަ ދެމުން ޖެނީ އެހިއެވެ.
" ހޫމް! ކިރިޔާ ރަނގަޅުވެލި އިރަށް އާލް ބޭބެ ގާތަށް ދާންވެގެން ކިޔަން ފަށައިފި! އަހަރެން ފިހާރައަކަށް ދާން ނިކުތީމަ ދެން ގެއަކަށް ނުދާނަމޯ މިގެއަށް ނައިހެއް.. އެހެންވެ މިއައީ"
ހެމުން ހެމުން ޝަޒާ ވާހަކަ ދެއްކީ ލިވީއަށް ބަލަހައްޓައިގެން ހުރެއެވެ. ޖެނީއާ ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް އޭނާގެ ކިބަައިގައި ނެތް ކަހަލައެވެ. ޖެނީ ފެނުމާއެކު، ޝަޒާއަކީ ކުށްވެރިއެއްކަމުގައި އަމިއްލައަށް ނިންމުނެވެ. ޖެނީގެ ޙައްޤަކަށް އަރައިގަނެވުނު ކަމުގެ އިޙްސާސް ކުރެވެން ފެށުމުން ޝަޒާގެ މޫނުމަތި އުދާސްވެގެން ދިޔައެވެ.
" އެކަމަކު ޝަޒާ ހިއެއްނުވެ އަދިވެސް ރަނގަޅު ހެންނެއް! "
ސޯފާގައި އިށީންނަމުން ޖެނީ ބުނެލިއެވެ. އެއާއެކު ޝަޒާއަށް އިސްޖަހާލެވުނެވެ. އޭރު ލިވީ ގޮސް އާލްގެ ކައިރީގައި ކުޅެން އިށީނދެއްޖެއެވެ.
" އަދިވެސް ވަރުބަލިކަން ނުފިލާ! އެކަމަކު މާދަމާ އަހަރެން އަންނާނަން މިގެއަށް! "
ގަދަކަމުން ހިނިތުންވެލަމުން ޝަޒާ ޖެނީއަށް ބަލައިލިއެވެ.
" އާނ އަންނައްޗޭ! އަސްލުވެސް ޝަޒާ ނެތީމަ ވަރަށް އުނދަގޫވި.. އަހަންނަކީ އެހާ ގެވެހި މީހެއް ނޫން.. މި ދެދުވަހު މިއޮތީ ހުރިހާ ކަމެއް ބޮއްސުން ލައިގޮސް.."
އެހެން ބުނުމާއެކު ޖެނީގެ ފޯން ރިންގްވާން ފެށިއެވެ.
" އެބަ އަންނަން އިނގޭ! މި ގުރޫޕް ގުޅިއްޔާ މަޑަކުން ވާހަކައެއް ނުދެއްކޭނެ.. ކުޑަ އިރުކޮޅަކުން އެބަ އަންނަން"
ފޯނަށް ބަލަމުން ޖެނީ ގޮސްވަނީ ކޮޓަރިއަށެވެ. ލޯމަތިން ޖެނީ ގެއްލުމާއެކު ޝަޒާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަދި ކުޅެން ތިބި ދެކުދިންނަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނީ އާލިމްގެ ޚިޔާލުގައެވެ.
" ޝަޒާ؟ "
ޚިޔާލްތަކަށް ގެއްލި އިން ޝަޒާ ސިހުނީ ފަހަތުން އިވުނު އާލިމްގެ އަޑަށެވެ. އެއާއެކު ޝަޒާއަށް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނީ ސިހިގެންނެވެ. އާލިމްގެ ދެލޮލުގެ ތެރެއަށް ފީނައިގަނެވުނުގޮތަކަށް އެހެން ދިމާއަކަށްވެސް އޭނާއަކަށް ނުބެލުނެވެ. އާލިމްވެސް ހަމަ އެފަދައެވެ. ދަހިވެތި ނަޒަރަކުން ޝަޒާއަށް ބަލަހައްޓައިގެން އޭނާއަށްވެސް ހުރެވުނީއެވެ.
" ތަންކޮޅެއް ލަސްވެއްޖެ ދޯ! "
ދެމީހުންނަށްވެސް ސިހުން ލިބުނީ ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ނިކުތް ޖެނީގެ އަޑަށެވެ.
" ހޫމް… ބަންގި ގޮވާތީވެ ގެއަށް ދާން ވެގެން މި ތެދުވީ! "
ތުރުތުރުއަޅާ އަޑަކުން ޝަޒާއަށް ބުނެވުނެވެ.
" އެހެންތަ؟ އާލިމްވެސް އެ އައީނު! އާލިމް ދާންވީނު ޝަޒާ ގެއަށް ލައިދޭން"
ޖެނީ އެހެން ބުނުމާއެކު ޝަޒާއަށް ވަގުތުން ދެފަރާތަށް ބޯ ހޫރާލެވުނެވެ.
" ނޫނޭ! ހިނގާލާފަ ދެވޭނެ.. އެހާ ދުރެއްވެސް ނޫނެއްނު.."
ޝަޒާ އިންކާރު ކުރުމާއެކު ލިވީ ދުވެފައި އައިސް ޝަޒާގެ ގައިގައި އޮޅުލައިގަތެވެ. އެއާއެކު އެންމެންގެ ނަޒަރުގޮސް ހުއްޓުނީ ސީދާ ލިވީއަށެވެ.
" ކޮއްކޮ ދާނީ ކާރުގަ"
އާދޭހުގެ ރާގެއްގައި ލިވީ ބުނެލިއެވެ. އެއާއެކު ޖެނީ ހީގަންނަމުން ޝަޒާއަށް ބުންޏެވެ.
" ކޮބާ؟ ކޮއްކޮ ބޭނުންވާ ގޮތަކަށް ހަދާބަލަ! "
އެންމެފަހުން ޝަޒާއަށް އިންކާރު ކުރާކަށް ނުކެރުނެވެ. އެހެންކަމުން އާލިމްގެ ފަހަތުން އޭނާ ނިކުމެއްޖެއެވެ.
" ކާރު އޮންނާނީ ތަންކޮޅެއް ދުރުގައި! އަހަރެން މި އަންނަނީ! "
ކުރިއަށް ހިނގައިގަންނަމުން އާލިމް ބުނެލިއެވެ. އެއްޗެއް ނުބުނެ ޝަޒާ އެގޭ ދޮރުމަތީގައި މަޑުކޮށްލިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ކާރުގައި އާލިމްވެސް އަތުވެއްޖެއެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ޝަޒާ ކާރަށް އެރުމާއެކު އާލިމް ކާރު ދުއްވާލިއެވެ. އަދި ކުރިމަތީގައި ހަރުކޮށްފައި ހުރި ކުޑަ ލޯގަނޑުން އޭނާ ޝަޒާގެ މޫނަށް ބަލަމުން ދިޔައެވެ. ދެމީހުންނަށްވެސް ވާހަކަ ދައްކަން ނުކެރިފައި ތިބުމުގެ ސަބަބުން ކާރުގެ ތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ކިތަންމެ ފަހަރަކު އަނގައިން ބުނަން ބޭނުންވި ނަމަވެސް އާލިމްއަކަށްވެސް ވާހަކަ ދައްކާކަށް ނުކެރުނެވެ.
ޝަޒާގެ ގޭގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު އަވަސް އަވަހަށް ޝަޒާ، ކާރު ދޮރު ހުޅުވާލިއެވެ. ލޯމަތިން އޭނާ ގެއްލެން އުޅޭތީ އާލިމްގެ ހިތަށް ނުހަނު އުނދަގޫވިއެވެ. އެހެންކަމުން އާލިމް ފަހަތަށް އެނބުރުމަށްފަހު ތަންކޮޅެއް ބާރަށް ބުނެލިއެވެ.
" ކޮފީއެއް ނެތްތަ؟"
އާލިމްގެ އަޑަށް ޝަޒާ ބަލައިލިއެވެ. އެއާއިއެކު އާދޭހުގެ ބެލުމަކުން ބަލަމުންދާ އާލިމްގެ ދެލޯފެނި ޝަޒާއަށްވެސް އުނދަގޫވި ކަހަލައެވެ.
( ނުނިމޭ)

ކިޔުންތެރިންގެ ޚިޔާލުތައް
އަޅޭ ސަލާ ތިހެންނަހަދާ ކޮންމެދުވަހަކުވެސް އެންމެރީތި
ހިސާބުންވިއްޔަ ތިޔަނިންމާލަނީ
؟؟؟