(ބުރާސްފަތި ދުވަހުގެ ނޫހާއިގުޅޭ)
ތީޖް ސިންގުގެ މުޅި މަސައްކަތަކީ އަމީރުން ލޫޓުވައިގެން ލިބޭ މުދާ ވެވުނުވަރަކުން ފަގީރުންނާއި ނިކަމެތިންނަށް ބެހުމެވެ. އޭނާ އަބަދުގެ ވެސް މަސައްކަތަކީ މިއްޔެވެ.
މި ވަގުތު ވެސް އޭނާގެ ޚާންދާނުގެ ހަނދާން ހިތަށްވަނުމާ އެކު، އޭނާގެ އެކުވެރިންނަށް ގޮވައިލިއެވެ. ދެން އެ މީހުންނާ ބައިވެރިވެގެން ދެ ތިން ދުވަހެއްގެ ތެރޭގައި އެންމެ މަދުވެގެން ވެސް ދެތިންހަތަރު މުދާވެރިއެއްގެ ގެ ލޫޓުވާލައި އެ މީހުންގެ މަރުހިފުމަށް ޕްރޮގުރާމެއް ރާވަނީއެވެ.
"މި ފަހަރު އަހަރެމެން ބޮމްބޭގެ ކޮންމެވެސް ބެންކެއްގެ ޚަބަރު ބަލާނުލައި މިތިބީ ކީއްވެގެން." އޭނާގެ އެކުވެރިއަކު މަޝްވަރާ ދިނެވެ.
"ތިޔައީ ވަރަށް ރަނގަޅު ޚިޔާލެއް." ނޯތޭޖު ބުންޏެވެ.
"ނަމަވެސް ހަނދާންކުރަންވާނެ ތިޔަ މަސައްކަތުގައި އެއްވެސް ނިކަމެތި މުލާޒިމެއްގެ ފުރާނައަށް ގެއްލުމެއް ދީގެން ނުވާނެ."
"ދައުލަތުގެ ޚަޒާނާއާ ވެސް ދިމާކޮށްލަންވާނެ."
"ނޫނޭ." ނޯތޭޖު ބުންޏެވެ.
"ސީދާ ސަރުކާރާ އަހަރެމެން އެއްވެސް ދެކޮޅުވެރިކަމެއް އޮވެގެން ނުވާނެ."
ދެން މި މީޓީންގ ނިމިއްޖެއެވެ. މީހުން އެބައިމީހުންގެ ފަރުޟުތައް އަދާކުރުމަށް ޓަކައި އެކި ދިމަދިމާއަށް ފެތުރިއްޖެއެވެ.
ޕޮލިސް ހެޑްކުއާޓަރުގައި މިއަދު ވަރަށް ޚާއްސަ މީޓިންގެއް އޮތެވެ. މި ރެއަކީ ތީޖު ސިންގު ރަށުގެ އެންމެ މަޝްހޫރު
ކުރޯޅުޕަތީ ލާލާ ތިޖޯރީމިލް ގެއާއި ދިމާކޮށްލުމުގެ އިސްކީމް ރާވައިފައި އޮތް ރެއެވެ. އޭނާ މިކަމުގެ ޚަބަރު ވަނީ ފުލުހުންނަށް ވެސް ދީފައެވެ. ލާލާ ތިޖޯރީމިލްގެ ގެއާ ދިމާކޮށްލަނީ މިރޭ އެގާރަ ޖަހާއިރުއެވެ.
މި މީޓިންގ ވަމުންދަނީ މި ކަމާ ބެހޭ ގޮތުންނެވެ. ޕޮލިސް ކޮމިޝަނަރު މި ފަހަރު ތީޖް ސިންގު އަތުނުވެ ނުދާފަދަ ރޭވުމެއް ރާވައިލިއެވެ. ފުލުހުން ތިބީ ފުރިހަމަ ގޮތުގެ މަތިން ހަތިޔާރު އަޅައިގެން ތައްޔާރަށެވެ. އަދި ފުލުހުންނަށް މިފަހަރު ތީޖް ސިންގު ހައްޔަރުނުވެ ނުދާނެކަން ޔަގީނެވެ.
ވަރަށް ގިނައިރު ވަންދެން މި ސިއްރު މީޓިން ދެމިއޮތެވެ. ފުލުހުންނަށް ސީ.އައި.ޑީ ގެ ބޮޑެތި އޮފިސަރުން ބައިވެރިވިއެވެ. ދެން ޖަލްސާ ނިންމައިލައިފިއެވެ.
ދުވާލުގެ އެގާރަ ޖެހިތަނާ ލާލާ ތިޖޯރީމިލްގެ ގޭގައި ފުލުހުން ފޯރިމަރަން ފަށައިފިއެވެ. އަދި މުޅި އަވަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައެވެ. ރާވައިލައިފައި ހުރި ވަރުގަދަ އިންތިޒާމުތަކުން ފުލުހުންނަށް ނޭނގި ސުބުޙަނަﷲ އެވެ!
ދޫންޏަކަށް ވެސް ފިޔަޖަހައިނުލެވޭނެއެވެ.
އިރުއޮއްސެން ވީއިރަށް އެތަނަށް ހަތިޔާރުއެޅި ސިފައިންގެ އަނެއް ޖަމާތެއް ހާޒިރުވެއްޖެއެވެ. އަދި ތީޖް ސިންގުގެ އައުމަށް ނުހަނު ކެތްތެރިކަމެއް ނެތް ގޮތުގައި އިންތިޒާރު ކުރަން ފަށައިފިއެވެ.
ހަވީރު އިރުއޮއްސިއްޖެއެވެ. ދެން އެގާރަ ޖަހަން ފަނަރައަށް ވުމަކާ ދާދި ކައިރިވެއްޖެއެވެ. ގަޑީގެ ކަށި އެގާރައާ ހަމަވި ވަގުތު ސޭޓު ތިޖޯރީމިލްގެ ގޭގެ ދެވަނަބުރިން އަޑުފަށްގަނޑެއް އިވުނެވެ. އެއާއެކު ސޭޓު ތިޖޯރީމިލްގެ މުޅި ގޭތެރޭގައި ރުއިމާއި ހަޅޭކުގެ އަޑުން މުޅި ހިސާބު ގުގުމައިލިއެވެ.
ފުލުހުން ދުއްވައިގެންފިއެވެ. ރައިފަލްތަކާއި ފިސްތޯލަތަކުގެ އަޑުން މުޅި އެ ހިސާބު ގުގުމައިލިއެވެ. ކޮންމެވެސް މީހަކު ސޭޓު ތިޖޯރީމިލްގެ ގޭގެ މަތީބުރިން ތިރިއަށް ފުންމައިލައިފިއެވެ. އަދި އޭނާ ފުލުހުންގެ ޖީޕަކަށް އަރައިގެން ވައިރޯޅިއެއްހާ ހަލުވިކޮށް ދުއްވައިލައިފިއެވެ. ފުލުހުން އެ ފިލަންދާ މީހާގެ ފަހަތުން ދުއްވައިލިއެވެ.
ސޭޓު ތިޖޯރީމިލްގެ ގޭދޮށުން ފުލުހުންގެ ފޯރިމަރަން ތިބި މީހުންތައް އެތަންމިތަނަށް ވިއްސިވިހާލި ވެއްޖެއެވެ. ކާރުގެ ފަހަތުންދާ ޖީޕު ފުލުހުންގެ ޖީޕުގެ ޓައިރަށް އެތައް ފަޔަރެއް ކުރިއެވެ. އެންމެ ފަހުން ޖީޕުގެ ފަހަތު ދެ ޓައިރު ހަލާކުވެއްޖެއެވެ. އަދި ޖީޕު ހުއްޓިއްޖެއެވެ.
މީހަކު އެއިން ފުންމައިލައިގެން ދިއުމުގެ ކުރިން ފުލުހުން ހަތަރު ފަރާތުން ގޮސް ޖީޕު ވަށައިލައިފިއެވެ.
"ބޭރަށް ނުކުމޭ!" ޑި.އައި.ޖީ ޖީޕުގެ އެތެރޭގައި އިށީނދެލައިގެން މޫނު ނިވާކޮށްފައިވާ މީހަކަށް ވަރަށް އަމުރުވެރި ގޮތެއްގައި ބުންޏެވެ.
އެމީހަކު އޭނާގެ ދެއަތް މައްޗަށް އުފުލައިގެން ހުރެ ބޭރަށް ނުކުމެއްޖެއެވެ.
"ތިޔައީ ކާކު…؟" ޑީ.އައި.ޖީ ވަރުގަދައަކަށް އަހައިލިއެވެ.
"މަނިކުފާނުގެ ޝިކާރަ." އޭނާ ބުންޏެވެ.
"އަޅުގަނޑު މިއީ ތީޖް ސިންގު" އޭނާ ބުންޏެވެ. " މިރެއަކީ މަނިކުފާނުގެ ނަސީބުގެ ރޭ. އެހެން ނޫން ނަމަ އަޅުގަނޑެއް ފަހަރެއްގައި ވެސް އަތަކުނުވީސް. މިހާރު އަޅުގަނޑު ވަނީ އަޅުގަނޑުގެ ތަގުދީރުގެ އަތުން ހައްޔަރުވެފައި. ވީމާ މަނިކުފާނުގެ ތިޔަ ކާމިޔާބީއަށް ޓަކައި ހިތުގެ އަޑިން މަނިކުފާނަށް މުބާރަކްބާދީ އަދާ ކުރުމަކީ، އަޅުގަނޑުގެ ފަރުޟެއް ކަމަށް ދެކެން…"
"އަތުލައިގަނޭ ނުލަފާމީހާ." އައި.ޖީ. ގެ އަޑުގައި ކާމިޔާބީގެ ބޮޑާކަން އެކުލެވިފައިވެއެވެ.
"ނުލަފާ މީހާއޭ ނުކިއުއްވާ. ހިތްވަރުގަދަ ވަރުގަދަ މީހާއޭ ކިއުއްވާ." އެމީހާ ބުނެލިއެވެ. "ނުލަފާ އެއީ ވަރަށް ދަށް ލަފުޒެއް."
ދެން ތީޖް ސިންގު ހައްޔަރުކޮށްލެވިއްޖެއެވެ. ޑީ.އައި.ޖީ ސާހަބު ފަތަޙައާއި ކާމިޔާބުގެ މަސްތުގައި ނެށެމުން ސޭޓު ތިޖޯރީމިލްގެ ގޭދޮށަށް އޭނާގެ އެކުވެރިންނާ އެކު އެނބުރި އައި ހިނދު އޭނާއަށް ފެނުނީ އޭނާގެ ހެއި ބުއްދިއަށް ދަންދެން އުދުހިގެން ދިޔަ މަންޒަރެވެ. ސޭޓު ތިޖޯރީމިލްގެ ގޭދޮށުން ރޮއި ގިސްލާއަޑު ވަނީ މުޅި އެ ހިސާބުގަނޑު ބައްދައިލައިފައެވެ. މީސްތަކުން އޮތީ ބޮނޑިވެފައެވެ. ސޭޓު ތިޖޯރީމިލްގެ މަރުވެފައިވާ މަސްގަނޑު ކުރިމަތީގައި އޮތެވެ.
"މީ ކޮން ކުޅިވަރެއް؟" އޭނާ ފިކުރުބޮޑުވެފައި އަހައިލިއެވެ.
"ތީޖް ސިންގު އައީ ހަމަ އެގާރަ ޖެހިއިރު. ދެން ސޭޓު ތިޖޯރީމިލް ޚަންޖަރުން ގަތުލު ކޮށްލައިފައި އޭނާގެ ހުރިހާ ޖަވާހިރުތައް އަތުލައިގެން ރައްކާވީ."
"އެކަމަކު ތިޔަހެން ވާނީ ކިހިނެއް؟" އޭނާގެ ހައިރާންކަން ބޮޑުވެއްޖެއެވެ.
"ތީޖް ސިންގު އަހަރެމެން ހައްޔަރު ކޮށްލައިފިން. އޭނާ ތިރީގައި އަހަރެންގެ ފުލުހުންގެ ރައްކާތެރިކަމުގެ ދަށުގައި އެބައޮތް."
"ތިޔަވާނީ ކޮންމެވެސް އެހެން މީހަކަށް." ސޭޓު ތިޖޯރީމިލްގެ ޒުވާން ދަރިފުޅު ފޫހިވެލައިފައި ބުންޏެވެ.
"ތީޖް ސިންގު ކަލާއަށާއި ކަލާގެ މަހުކަމާ އަށް ކޮންމެ ފަހަރކު ދެނީ ތިޔަ ކަހަލަ ބޮނޑިއެއް."
މިއަޑު އަހައިފައި ޑީ.އައި.ޖީ ސާހަބު ތިރިއަށް ފައިބައިގެން ޖީޖް ސިންގު ހައްޔަރުކޮށްފައިވާ ތަނަށް ހިނގައްޖެއެވެ.
"ކަލޭ ތިޔައީ ކާކު؟" އެ މީހަކު ބިރުގަންނަވާލުމުގެ ގޮތުން އަހައިލިއެވެ.
"ތީޖް ސިންގު!"
މިހެން ބުނެފައި އެމީހަކު ކަކަކަކަ އަޅައިފައި ހޭން ފަށައިފިއެވެ. އޭނާ މި ގޮތަށް ހޭން ފެށީމާ ޑީ.އައި. ޖީ އަދި ވަކިން ބޮޑަށް ހައިރާންވެއްޖެއެވެ. އޭނާ، އޭނާގެ މޫނުމަތީގައި ވަރަށް ވަރުގަދަ އެތިފަހަރެއް ޖަހައިފިއެވެ. އަދި އޭނާގެ މޫނުމަތީ ނިވާކޮށްފައިވާ ފޮތިގަނޑު ދަމައިގެންފައި އެއްފަރާތަކަށް އެއްލައިލައިފިއެވެ.
"ވަގު ބުޅަލެއްހެން އަރައިގަންނަން ނަހަދާ." އޭނާ ވަރަށް ހަމަޖެހުމާ އެކު ބިންމައްޗަށް ކުޅު ޖަހަމުން ބުނެލިއެވެ.
"ކަލޭމެން ތިޔައީ ތީޖް ސިންގުގެ ކުރިމަތީގައި އަދި ކުޑަކުދިން."
"ކޮން އަނގައެއް ގަދަކުރަނީ."
"އަނގައެއް ގަދަ ކުރަނީއަކީ ނޫން. ހަގީގަތް ބަޔާން ކުރަނީ. ތީޖް ސިންގަކީ ހަރަކާތެއްގެ ނަމެއް." އޭނާ ވަރަށް ސާބިތު އަޑަކުން ބުނެލިއެވެ. "އެ ހަރަކާތަށް ޓަކައި ވަގުތު ޖެހުނީމާ އަހަރުމެން އަހަރެމެންގެ ފުރާނަތަކާ ވެސް ކުޅެނީ. ސޭޓު ތިޖޯރީމިލްގެ ނުތާހިރު ދިރިއުޅުން ނިންމައިލުމަށް ޓަކައި އަހަރެމެންގެ ސަރުދާރަށް އަދި އެކެއްގެ ހަޔާތް ބޭނުންވީ. އަހަރެން މިއީ އެ މާތް މަގުސަދަށް ޓަކައި ބޭނުން ހިފުނު ހަޔާތުގެ ނަސީބުވެރިޔާ."
"ތީޖް ސިންގު ވީ ކޮންތާކު؟"
"ތީޖް ސިންގަކީ ވައިރޯޅިއެއް.އެ ހުރިހާ ތަނެއްގައި ވެސް ވާނެ."
"އޭނާ ވަނީ ކޮންތަނެއްގައި ކަން އަހަރެމެން ކަލޭ ލައްވައި ފިލުވާނަން."
"އެއްވެސް އެއްޗެއް ކަލޭމެންނަކަށް އަހަރެން ލައްވައެއް ނުފިލުވޭނެ. އެއީ އެކަމަށް އަހަރެންގެ ލޭ ގުރުބާން ކޮށްފައިވާތީ. މިހާރު އަހަންނަކީ ހަމައެކަނި ދެތިން ގަޑިއިރެއްގެ މެހުމާނެއް." މިހެން ބުނަމުން އޭނާ ވެއްޓިގަތެވެ. "މިފަދަ ބޮޑު މަގުސަދަކަށް ޓަކައި އަހަރުމެންގެ ލޭ އޮހޮރުވައިލުން ދެކެނީ އަހަރުމެންގެ ޝަހީދު ކަމަށް." ހުއްޓެމުން ހުއްޓެމުން އޭނާގެ އަނގައިން މިފަހު ލަފުޒުތައް ނުކުތުމާ އެކު އޭނާ ހޭނެތިއްޖެއެވެ.
ޑަކުޓަރުން މި މީހާގެ މަސްގަނޑު ވަރަށް ރަނގަޅަށް ޓެސްޓު ކުރިއެވެ. އެ އެންމެން އެއް ދުލުން ބުންޏެވެ. އެ މީހާ ހަލާކުވެފައި ވަނީ ވަރަށް ތޫނު، ނުރައްކާ ބާވަތެއްގެ ޒަހަރަކުންނެވެ. ދުނިޔޭގެ އެއްވެސް ބާރަކަށް އޭނާ ދެވަނަ ފަހަރަށް ދުނިޔެއަކަށް ނުގެނެވޭނެއެވެ.
ފުލުހުންގެ ހުރިހާ އުންމީދެއްގެ މައްޗަށް ގަނޑުފެން އެޅިއްޖެއެވެ. ތީޖް ސިންގު ކުރިން ވެސް އެންމެން ހީކުރާ ފަދަ ނުރައްކަލަކަށް ވެފައި އޮތީއެވެ. މުޅި ރަށުގައި ކުޑަކުދިންނަށް ދަންދެން ތީޖް ސިންގުގެ ނަން ކިޔައެވެ. އޭނާ ހައްޔަރު ކުރުމުގެ މަސައްކަތުގައި ސަރުކާރުގެ ވެރިންގެ ރޭގަނޑުގެ އަވަހާރަފުޅުތަކަށް ދަންދެން ހަރާން ކުރައްވައިފިއެވެ.
ފުލުހުން ގަންނާ ކުރައްވާ ލަދުން އެކަކު އަނެކަކަށް މޫނުބަލައިލާ އުޅުމަށް ވެސް ކުޅަދާނަ ނުވެފައި ތިއްބެވެ.
"ޕޮލިސް އިސްޓޭޝަނުގައި އަތުގައި އަޅާ ބިޑި ބޭނުން ކުރާ ތަންތަންނަށް މިހާރު ބޭނުން ކުރަނީ އަތުގައި އަޅާ ތަނޑޭ ބުނާތީ އަހަން." ލަތާ ދީޕު ގާތުގައި މަލާމާތާ އެކު މިހެން ބުނެލިއެވެ.
"ކީކޭ ތިޔަ ބުނަނީ؟."
"މިބުނި އެއްޗެއް ރަނގަޅަށް އޮންނާނީ އެނގިލައްވައިފައި ކަލާއަށް." ލަތާ ބުނެލިއެވެ.
"ބިޑި ބޭނުން ކުރަންވީ ތަންތަނަށް ތަނޑު ބޭނުން ނުކުރާ ނަމަ މިހާރު ތީޖް ސިންގު ހައްޔަރުކުރެވިއްޖައީސްނުން!"
ލަތާގެ މި ތޫނު މަލާމާތުން ދީޕު ވަރަށް ބޮޑަށް ފިކުރުބޮޑު ކޮށްލިއެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އެއާ ވިދިގެން ދޭނެ ޖަވާބެއް އޭނާ ކިބަޔަކު ނެތެވެ. ވީމާ ހިތްވަރުކޮށްލައިގެން ހުރެއްޖެއެވެ.
"ކީކޭތޯ؟" ލަތާ ބުންޏެވެ.
"އެއްޗެއް ނުބުނުއްވީ ކީއްވެތޯ؟"
"ކަލާ އަބަދުވެސް އުޅެނީ ސަމާސާ ކުރަންވިއްޔަ."
"އަދި އައްސަވާ." އިތުރަށް އޭނާ ބުނެލިއެވެ."އަޅުގަނޑު މިކުރީ ސުވާލެއް. ނަމަވެސް ތިޔަ ހީކުރައްވަނީ އެއީ ސަމާސާ ކަމަށް."
"ތީޖް ސިންގު ކޮންމެވެސް އެއް ދުވަހަކުން ދަންޖައްސާ ފިލާގަނޑު މައްޗަށް އަރުވައިފައި ހުއްޓާލާނީ."
“ނަމަވެސް އެއީ ކޮން ދުވަހެއް." ލަތާ ބުނެލިއެވެ."ހޮނިހިރު ދުވަހުން ފެށިގެން ހުކުރާ ދެމެދުގެ ހުރިހާ ދުވަސްތައް މިޔޮއް ވޭތުވެގެން ދަނީނު." ދެން އޭނާ އަމިއްލައަށް ބުންޏެވެ.
"އާނ. ތީޖް ސިންގު ދަންޖައްސާ ފިލާގަނޑަށް އެރުވޭ ދުވަސް އެއީ ކޮންމެވެސް އާ އަށްވަނަ ދުވަހަކަށް ވެދާނެ ކަން ނޭނގެ. އެދުވަހުގެ ނަމަކަށް ވާނީ 'ތަގުދީރުގެ ދުވަސް' އޭ ކިޔާ ދުވަހެއް."
"ވަރެއްގެ އަންހެނެއް މިވެސް." ދީޕު ލަތާގެ އިސްތަށިގަނޑުގައި ހިފާ ހިސާބަކަށް ތަދުކޮށްލިއެވެ.
"ބައްލަވަ މަނިކުފާނު." އޭނާގެ ލޮލަށް ގޮތެއް ހަދައިލައިފައި ބުންޏެވެ.”ވަގު ބުޅަލެއް ހެން ގަޔަށް އެރުން އިސްކުރުމުގެ ޝަރުތު ވަރަށް ވެސް ނުބައި. ގަދަބަދވިކަން ދެއްކުން އެއީ އަހަރެންގެ ގޮތެއް ނޫން އެނގިލައްވައިފިތޯ؟"
"މާބޮޑަށް ވިޔާނުދާ އަނގަތަޅާ ނަހަދާ." ދީޕު ހީނލިއެވެ.
"ބުނެބަލަ ކިޔެވުމުގެ ކަންތައް ކިހިނެއް."
މަވްޟޫޢުން ބޭރުވާން މަސައްކަތް ނުކުރައްވާ." އޭނާ ބުނެލިއެވެ."އަހަންނަށް ވަކީލު ކަމުގެ ޑިގުރީ ލިބިއްޖިއްޔާ ކަލޭމެންގެ މަހުކަމާ ބޭޒާރުކޮށްލާނަން."
"އެއީ ކިހިނެއް؟"
"އަހަރެން ކޮންމެ ޝަރީއަތެއްގައި ފުލުހުންނާ އިދިކޮޅަށް ހިފާނީ…އަދި."
"އަދި ކުށްވެރިންގެ ކުށަށް އެހީވާނީ."
"ކުށްވެރިންގެ ކުށަށް އެހީވާނީ ކިހިނެއްތަ؟" ލަތާ ބުނެލިއެވެ.
"މިހެން ބުނުއްވާ. ކުށެއްނެތް މީހުން ފުލުހުންގެ ބިޑިން ސަލާމަތް ކުރަން މަސައްކަތް ކުރާނީ."
"ކަލޭ ހީކުރާ ގޮތުގައި ފުލުހުންގެ މަހުކަމާއަކީ، ކުށެއްނެތް މީހުންނަށް ދަތިކޮށް ދަންޖައްސަން ހުރި ތަނެއް ކަމަށްދޯ!”
"ބުނުއްވައިފި ނަމަ ކަލާއަށް ޓަކައި ނޫނެކޭ ނަންގަނެފާނަން."
"އާނ. ދެން އެންމެ ރަނގަޅުތާ. އަހަރެންގެ މައްޗަށް ތިޔަވަރުގެ ޚިޔާލެއް ވެސް އެބަ އޮތިއްޔާ."
"ދެން ހެޔޮ." އޭނާ ހީނލިއެވެ.
"ކަލާ އަޅުގަނޑުގެ އެވަރުގެ ޚިޔާލަކަށް އުފާވެލެއްވީ ދޮގެއްތޯ؟ ކަލާއަށް ޓަކައި އަޅުގަނޑުގެ ކިބައިގައި ޚިޔާލުތަކުގެ ފުރިހަމަ ޚަޒާނާއެއް އެބަހުރި."
"ޝުކުރިއްޔާ!"
"ކޮންކަމަކާތަ ތިޔަ ޝުކުރިއްޔާ އަދާކުރީ."
"މި ނިކަމެތި އަޅުގަނޑަށް ޓަކައި ކަލާގެ ކިބައިގައި ޖަމާކޮށްފައި ހުރި ޚިޔާލުތަކުގެ ޚަޒާނާތަކަށް ޓަކައި."
"ނިކަން ބައްލަވާ." އޭނާ ސަމާސާއަށް ބުނެލިއެވެ. "އަނެއްކާ ވެސް ތިޔަ ބުނުއްވީ ކުށެއް. އަޅުގަނޑު ޚަޒާނާތަކެއްގެ ވާހަކަ ނަމެއް ނުގަންނަން. އަޅުގަނޑު ނަންގަތީ ޚަޒާނާއެއްގެ ވާހަކަ." އޭނާ ހީނލިއެވެ.
“އެހެންވެ ނޫންތޯ، މިނަންގަންނަނީ ތިޔަ ފުލުހުންނަކީ މާ ކުޑަކުޑަ ވާހަކައެއް މާ ބޮޑު ވާހަކައަށް ހަދާ ބައެކޭ.”
"ވަރަށް ގިނަ ރީތި މަލާމާތްތައް ކުރައްވަން ފައްޓަވައިފީމު." ދީޕު އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "ތިޔަހާ މައްޗަށް ރީތި މަލާމާތް ކުރަން ކަލޭ ދަސްކުރީ ކޮންތާކުން؟"
"މިއީ ކަލާގެ އަނގަމަޑުކަމުގެ ބަދަލުގައި އަޅުގަނޑަށް ލިބުނު ކަމެއް.” ލަތާ ބުންޏެވެ.
"އަހަރެން ހިތަށްއަރާ އަހަރެންވެސް ކަލޭ ކަހަލަ އަނގަމަޑު މިތުރަކަށް ވީނަމަ ކަލެއަކަށް އަހަންނަށް ވުރެ ވަކި މައްޗަކަށް ތިޔަ ބާވަތުގެ އެއްވެސް ވާހަކައެއް ހަމައެއް ނުޖެއްސޭނެތާއޭ. ދެން އަހަރެން ވެސް ޖެހޭނީ ޣާލިބު އެބުނާ ފަދައިން ‘ވާހަކައެއް ހަމަޖެއްސޭން ނެތް ތަނެއްގައި ހަމަޖެއްސޭނީ ކޮން ވާހަކައެއް’ ބުނެފައި ތިބެން."
"ދެން ހެޔޮ ލަތާ." ދީޕު ބުނެލިއެވެ.
"މިހާރު ސަމާސާ ހުއްޓާލަންވީ. ކޮންމެވެސް އަމަލީ ވާހަކައަކަށް ސިފަ ގެންނަންވީ."
"އަމަލީ ވާހަކައަކަށް ސިފަ ގެންނަންވިއްޔޭ."
"އެހެންނަ މިދެން ކޮން ކަމެއް މިއޮތް ރީތި ހަވީރު މިގޮތަށް ނަގަލަންދޯ. އަހަރެމެން ބޮމްބޭ އިން މިއޮތް ދުރަށް އައިސް މި ތިބީ."
"އެހެންވީއިރު ތިޔަ ބުނުއްވާ ކަހަލަ ކަމެއް ވިސްނަވަ ބައްލަވާ."
"ހުއްދަ އޮތިއްޔާ އިސްތަށިގަނޑުގައި ކިސްކޮށްލަންތަ؟" ދީޕު ލަތާގެ ގަތައިލައިފައި އޮތް އިސްތަށިގަނޑުގައި ހިފައިލައިފައި ބުންޏެވެ.
"މީތަ ތިޔަ އަމަލީ ސިފަ ގެންނަންވީ ކަމަކީ." ލަތާ އޭނާގެ އިސްތަށިގަނޑު ކުއްލިއަކަށް އޭނާގެ އަތުތެރެއިން ދަމައިގަތެވެ.
"އަޅުގަނޑު ތިޔަ ބާވަތުގެ އަމަލީ ކަންތައްތަކުން ސަލާމަތް ކުރައްވާ. އެއްވެސް އަމަލީ ކަމެއްގެ ވާހަކަ އެއްގޮތަކަށް ނުދެއްކެވުން ވެސް ތިޔައަށް ވުރެ މާ ތާހިރު."
މިހެން ބުނެފައި އޭނާ އެތަނުން ތެދުވެގެން ދުއްވައިގެންފިއެވެ. ދީޕު އޭނާ އަތުލަންވެގެން އޭނާ ފަހަތުން ދުއްވައިގެންފިއެވެ. އެ ރީތި ފެހި ވިނަތައްމަތީގައި ދުވަމުން ދުވަމުން ގޮސް އެ މީހުންނަށް ވަރަށް ދުރައް ދެވިއްޖެއެވެ.
އެބައިމީހުން އެކަކު އަނެކެއްގެ ފަހަތުން ދުވަނީއެވެ. އިރުއޮއްސޭ ވަގުތުގެ ރަންކުލައިދަޅަތައް އެބައިމީހުންގެ އެމަސްތުން ފުރިފައިވާ ލޯބީގެ މައްޗަށް ގުރުބާންވަމުން ދަނީއެވެ.
ދުވަމުން ދުވަމުން ގޮސް ލަތާ މަޑުމަޑު ޒުމައްރަދީ ދޫލައެއްގެ މައްޗަށް ވެއްޓިއްޖެއެވެ. އިރު ދުރުދުރުގެ މައިދާންތަކުގެ އެ ފަރާތަށް ގަސްތަކުގެ ފުރަގަހަށް ގޮސް ފިލައިފިއެވެ.
ދެން ކުޑައިރުކޮޅެއްގެ ފަހުން މުޅި ކާއިނާތު އަނދުން ކުލައިގެ ފަށުވި ފަރުދާއެއްގެ ތެރޭގައި މޫނު ނިވާކޮށްގެން ނިދައިފިއެވެ. އަދި ނޫކުލައިގެ އުޑުމަތީ ބަބުޅަބަބުޅާ ހުރި ތަރިތަކުގެ ދަލެއް ފަތުރައިލައިފިއެވެ.
ގީތާ، ކްރިޝަން ބަގްވާނު ބުދުގެ ކުރިމަތީގައި ނުހަނު އަދަބުވެރިކަމާއެކު ތަވައްރުކަށް އިށީނދެލައިގެން އިނެވެ. އޭނާގެ ލޮލުގައި އޭނާގެ ވަކިވެފައިވާ ލޯބިވެރިޔާގެ ހަނދާނުގެ ދީޕު ވިދަވިދާ ހުއްޓެވެ. ހަނދާނުގެ ވިދަވިދާ ހުރި ދީޕުތަކުގެ އެއްފަރާތުން އޭނާގެ މަހެބޫބު ދެކެއެވެ. ލޯވަނީ ކްރިޝަން ބުދުގެ މައްޗަށް ހުއްޓިފައެވެ. ހިޔާލާތު ވަނީ މަހެބޫބުގެ ފުރިހަމަ ކަމުގެ ތެރެއަށް ގެއްލިފައެވެ.
