ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް މުއިއްޒު، ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި 20 އެމްއޯޔޫއެއްގައި ޗައިނާ ސަރުކާރާ އެކު އިއްޔެ ސޮއިކުރިއެވެ. އޭގެ ތެރެއިން އެއް އެމްއޯޔޫއަކީ ރަސްމާލޭގައި ހައުސިން ޔުނިޓް އެޅުމާ ގުޅޭ އެއްބަސްވުމެކެވެ.
ރަސްމާލޭގައި ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗާއިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
ޗައިނާއާއި ރާއްޖެއާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ބޭއްވި ރަސްމިއްޔާތެއްގައި ރަސްމާލޭގައި ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރުއެވެ. އެ އެމްއޯޔޫގެ ދަށުން ރަސްމާލޭގައި 30,000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިރު، އެ ހުރިހާ ހައުސިން ޔުނިޓެއް އެޅުމުގެ މަސައްކަތް ކުރިއަށްދާނީ އެކުއެކީގައެވެ.
ޗައިނާއާއެކު އިއްޔެ ޤާއިމްކުރި އެއްބަސްވުންތަކުގެ ތެރޭގައި ރަސްމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމުގެ އިތުރުން އެތަނުގައި އަސާސީ އެހެނިހެން ޚިދުމަތްތައް ޤާއިމްކުރުމާއި ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ. މިގޮތުން އެހެނިހެން އުމްރާނީ ވަޞީލަތްތަކާއި ފެނާއި ނަރުދަމާގެ ޚިދުމަތާއި މަގުތައް ތަރައްޤީކުރުން އޭގެތެރޭގައި ހިމެނެއެވެ.
މާލޭގެ ދެކުނަށް އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ "ރަސްމާލެ"ގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 17 ގައެވެ. އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އިރު، އެ މަސައްކަތް ކުރުމަށް އާބަންކޯ އިން ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ.
ފުށިދިއްގަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވާ ޖުމްލަ ބިމަކީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮލުމުން ވާވަރުގެ ތިން ގުނައެވެ. މި ބިން ހިއްކުމުގެ މަސައްކަތް ނިންމާލުމަށް ހަމަޖެހިފައި ވަނީ ކުރިއަށް އޮތް އަށް މަސް ތެރޭގައެވެ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ މި ބޮޑު މައްސަލަ އަށް ޖުމްލަ ހައްލެއް ގެނެސްދޭނެ މަޝްރޫއެއް ކަމުގައި މި ސަރުކާރުން ގަބޫލު ކުރެއެވެ.
