(ބުރާސްފަތި ދުވަހުގެ ނޫހާއިގުޅޭ)
އޭނާގެ ތުންފަތް ތުރުތުރުއަޅައަޅާ ހުއްޓެވެ. އޭނާގެ ނަޒަރަށް ވަނީ ހިތާމަތަކުގެ ކަޅުކަން ހިޔަނިއަޅައިފައެވެ. އޭނާގެ ހިތްވަނީ އާހްތަކުގެ ހިރަފުސްތަކުގެ ތެރެއަށް ވަދެ ފޮރުވިފައެވެ.
ދެން އޭނާ ފިނި ނޭވާއެއްލައިފައި އެތަނުން ތެދުވެއްޖެއެވެ. އަދި ސާޅީގެ ކަނުން އެ ވިދަވިދާ ހުރި ހަނދާނުގެ ބައްތިތައް ނިއްވާލައިފައި އެހެން ކޮޓަރިއަކަށް ހިނގައްޖެއެވެ.
ނޯތޭޖު މީގެ އެތަކެއް އަހަރު ކުރީގެ ޒަމާންވެފައިވާ މަހާކާލީގެ ފައްޅިއެއްގައި މަހާކާލީ ބުދުގެ ކުރިމަތީގައި އަދަބުވެގެން ކޮޅަށް ހުއްޓެވެ.
“އަހަރެންގެ ވީރާނާވެފައިވާ ބަގީޗާ އަނެއްކާވެސް އާބާދު ކޮށްދެއްވާ މަންމާ.” އެނާ ހިތާމައިން ފުރިގެންވާ އަޑަކުން ބުނެލިއެވެ.
“އަޅުގަނޑުގެ އަންހެނުންނާއި ދަރިފުޅާ އަޅުގަނޑު ބައްދަލުކޮށްދެއްވާ.” އޭނާ ތުރުތުރު އަޅައިގެން ދިޔައެވެ.”އެބައިމީހުން ހޯދުމުގައި އަޅުގަނޑުގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހިން. މަންމާ، އެހެން ނަމަވެސް އެބައިމީހުން އަޅުގަނޑަށް އެއްވެސް ތަނަކުން ނުފެނުނު.”
އޭނާގެ ލޮލުން ބޭގަރާރު ކަރުނަތައް ފުރިގެން ޒަމާންވެ ކަންފަތިވެފައިވާ ހިލައިގެ ދޫމައްޗަށް ތިކިތަޅަމުން ދެއެވެ. އޭނާގެ ލޮލުގެ ކުރިމަތީގައި ބުދުގެ ކައިރީގައި ދިއްލައިފައި ހުރި ބައްތީގެ ހުޅުގަނޑު އުޖާލާ ވޭވޭ ހުއްޓެވެ.
“މިއީ މަހާކާލީގެ ފައްޅި.”
“ދެން…” ދީޕު ލަތާ އާ ދިމާއަށް ބަލައިލައިފައި ބުންޏެވެ.”ދެން ކިހިނެއް ހަދަންވީ.”
ލަތާ ކާރުގެ ދުވެލި މަޑުކޮށްލިއެވެ. އަދި ފަރުބަދައިގެ ކައިރިއަށް ގޮސް ހުއްޓައިލިއެވެ. އޭނާ ކާރުން ބޭރަށް ނުކުމެއްޖެއެވެ.
“ދުރުވޭ” އޭނާ ކާރުގައި އިށީނދެގެން އިން ދީޕަށް ބުންޏެވެ.
“މަހާކާލީގެ ފައްޅިއަށް ގޮސް ބުދުގެ ކުރިމަތީގައި ތީޖް ސިންގު ޑާކޫ ހައްޔަރު ކުރުމަށް ބާރު ދެއްވުން އެދި ދުއާ ކުރަން.”
“ހިނގާ…!”
ދެން އެދެމީހުން އެފަރުބަދަ މައްޗަށް އަރަން ފަށައިފިއެވެ. އެފަރުބަދައިގެ އެންމެ ކުރީގައި މަހާކާލީގެ ޒަމާންވީ ފައްޅި ހުއްޓެވެ. ފަރުބަދަ މާކަ އުހެއް ނޫނެވެ. އެދެމީހުން ނޭވާއެއްލާހާ އިރުކޮޅެއްގެ ތެރޭގައި ފަރުބަދައިގެ އެންމެ މައްޗަށް އަރައިފިއެވެ.
އެ ދެމީހުން ނުހަނު މަޑުމައިތިރިކަމާ އެކު މަހާކާލީގެ ފައްޅިއަށް ވަދެއްޖެއެވެ. ބުދުގެ ކުރިމަތީގައި ނޯތޭޖު އަދަބުވެގެން ކޮޅަށް ހުއްޓެވެ. މި ދެމީހުން ގޮސް ހަމަ އެކުއެކީގައި އޭނާގެ ފަހަތުން ހުއްޓިއްޖެއެވެ.
“މަންމާއޭ…!”ނުހަނު މަޑުމަޑު އަޑަކުން ލަތާގެ އަޑު އިވުނެވެ.”އަޅުގަނޑުމެން ކަލާގެ ކައިރިއަށް މިއައީ ވަރަށް ބޮޑު އުންމީދަކާ އެކުގައެވެ.”
“ތީޖް ސިންގު ޑާކޫ މަންމަ ދަންނާނެކަން ގައިމު.” ދީޕުގެ ތުންފަތް މަޑުމަޑުން ތެޅިލައިފިއެވެ. އޭނާ ބުނެއެވެ.
“އަޅުގަނޑަށް އޭނާ ހައްޔަރުވާނޭ ގޮތް މެދުވެރިކޮށްދެއްވާށެވެ. އަޅުގަނޑުގެ މިހިތުގެ އެދުން ފުރިހަމަ ކޮށްދެއްވާ. އޭ މަންމާއެވެ.”
މިއަޑަށް ނޯތޭޖު ކަންފަތް ދީފިއެވެ.
“އާއެނކޭ މަންމާއޭ…” ލަތާ ބުންޏެވެ.
“މި ފުލުހުންގެ ސަބް އިނިސްޕެކްޓަރ ތީޖް ސިންގު ހައްޔަރު ކުރުމުގައި ކާމިޔާބު ވެއްޖެ ނަމަ އޭނާއަށް ވަރަށް ތަރައްގީ ލިބޭނެ މަންމާ. ގަދަރު ވެސް އުފުއްލޭނެ. އިއްޒަތް ވެސް ލިބޭނެ.”
“ހަމަ އެކަނި އަޅުގަނޑަށް އެންމެ ފަހަރަކު ނަމަވެސް ތީޖް ސިންގު ދައްކަވާ.” ވަރަށް ހިތާމައާ އެކު ދީޕު ބުންޏެވެ.
“އަޅުގަނޑަށް އެއްފަހަރު ނަމަވެސް އަޅުގަނޑުގެ ދަރިފުޅު ދައްކަވާ އޭ މަންމާއޭ.” ނޯތޭޖުގެ ހިތުން މިއަޑު ބޭރުވިއެވެ. އޭނާ ފަހަތަށް އެނބުރިލިއެވެ. ދީޕާއި ނޯތޭޖުގެ ހަތަރުކަޅި ހަމަވެއްޖެއެވެ. އަދި އެކަކު އަނެކަކަށް ވަރަށް ވިސްނުންތެރިކަމާ އެކު ބަލަން ފެށިއެވެ.
ކުޑައިރުކޮޅެއް ވަންދެން އެތާނގައި އިނދެލައިފައި ނޯތޭޖު އެތަނުން ބޭރަށް ނިކުމެއްޖެއެވެ. އޭނާގެ މޮޓޯ ސައިކަލް ބަހައްޓައިފައި ހުރީ ފަރުބަދައިގެ އަނެއް ފަރާތުގައެވެ. އެ ފަރާތަށް އޭނާ ފަރުބަދަ މަތީން ފައިބަން ފަށައިފިއެވެ.
އަނެއް ފަރާތަށް އޭނާ ފަރުބަދަ މަތިން ފައިބަނީއެވެ. އަނެއް ފަރާތަށް ދީޕާއި ލަތާ ތިރިއަށް ފައިބަނީއެވެ. ދެން ތިރިއަށް ފައިބައި އެ މީސްމީހުންގެ މަންޒިލުގެ ތަފާތު ފަރާތް ފަރާތަށް ހިނގައްޖެއެވެ.
އެދެބަފައިންގެ ހިތުގެ އެދުން މަހާކަލީ އެއްފަހަރާ ފުއްދަވައިދެއްވައިފިއެވެ. ނަމަވެސް އޭގެ ތެރެއިން އެކަކަށް ވެސް އެދެބަފައިންގެ ހިތުގެ އެދުން އެއްފަހަރާ ފުއްދަވައި ދެއްވައފި ކަމެއް ނޭނގުނެވެ.
ވުމާ އެކު އެ ދެބަފައިންގެ ހިތުގައި އޮތް އެދުމާ އެކު އެކަކު އަނެކަކާ ވަކިވެ ތަފާތު ދިމަދިމާއަށް އެކަކު އަނެކަކާ ދުރަށް ދަނީއެވެ.
ދުރަށެވެ… ނުހަނު ދުރަށެވެ. އާދެ ވަރަށް ވެސް ދުރަށެވެ.
ތީޖް ސިންގު ބޮމްބޭގެ ފުލުހުންނާ މެދު ހީކޮށްފައިވަނީ އެއީ ކުޅޭ އެއްޗެއް ކަމަށެވެ. އޭނާގެ ކަންތައް ވަނީ ވަރަށް މައްޗަށް ގޮސްފައެވެ. އެއް ދުވަހު އެއް ތަނެއް ފަޅާލައެވެ. އަނެއް ދުވަހު އަނެއް ކަމަކެވެ. ފުލުހުންނަށް ޖެހެނީ އަނގަކޮޅު ހާވައިގެން ތިބޭށެވެ. މިހާރު ތަންތަން ފެޅުމާއި މިބާވަތުގެ ކަންތައް ހިންގުމަކީ ކޮންމެ ދުވަހެއްގެ އާދައަކަށް ވެއްޖެއެވެ. ރަށުގެ މުދާވެރި ފަންތީގެ ފުރާނަތައް ރެއާއި ދުވާލު ގެންދަނީ ސަލީބަށް އަރުވަމުންނެވެ.
ފައްކާ ގެތަކާއި ބިލްޑިންގުތަކުގެ ފަޒާއަށް ވަނީ ހަމަހިމޭންކަން ފެތުރިފައެވެ. އެތަންތާނގައި ރެއާއި ދުވާލު އުފުލިފައި އޮންނަ ސަކަރާތާއި ހުނނުމުގެ އަޑުގެ މައްޗަށް ބިރާއި ހައިރާން ކަމުގެ އެތައް ބަރެއް އެއްފަހަރާ އެރުވިފައިވެއެވެ.
މިހާރު އެބިލްޑިންގުތަކާއި ފައްކާ ގެތަކުގައި އުޅޭ މީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅު ހަނދާންވެއެވެ. ބޯލްރޫމްސްތަކާއި ކުލަބުތަކުގެ ބަދަލުގައި ފައްޅިތަކަށް ގޮސް ޠަވާފު ކުރަން ފަށައިފިއެވެ. އަބަދުވެސް ތިމާގެ ފުރާނަ އާއި މުދަލުގެ ރައްކާތެރި ކަމަށް ޓަކައި އެތަންތާނގައި ތިބެ ދުއާ ކުރަން ފަށައިފިއެވެ.
އެއްދުވަހަކު ދީޕު އޭނާގެ އޮފިސަރ އިން ޗާރޖު ގާތުގައި ބުނެފިއެވެ.
“ސަރ….”
“ޔޭސް….” އޮފިސަރު އިސްއުފުލައިލައިފައި ދީޕަށް ބަލައިލިއެވެ.
“ކުށަކަށް ނުވަނީވިއްޔާ އަޅުގަނޑު އެއްޗެއް ނަންގަންނަން ކަމަށް.”
“ބުނޭ ކޯންޗެއްތަ ބުނަން ތިޔަ އުޅެނީ.”
“ތީޖް ސިންގު ހައްޔަރު ކުރުމަކީ އެންމެންގެ ފަރުޟެއް. ނަމަވެސް އަޅުގަނޑުގެ އެދުމަކީ މި މުހިއްމު މަސައްކަތުގެ އިންޗާރޖު ކަން އަޅުގަނޑަށް ދެއްވުން. އަޅުގަނޑު ވަރަށް އަވަހަށް އެބިރުވެރި ޑާކޫގެ ނުރައްކާ ވަކިތަކުން އެންމެން ސަލާމަތް ކޮށްދީފާނަން.”
“ވެރީގުޑް.” އޭނާގެ އޮފިސަރ އިން ޗާރޖު ބުންޏެވެ.
“އަހަރެން ކަލޭގެ ތިޔަ ޖަޒުބާތަށް ތާރީފުކުރަން. އަދި އަހަންނަށް ތިޔަކަން އެނގުނީ މިއަދު. ލަހެއް ނުވެ އައި.ޖީ. ސާހަބުގެ އަރިހަށް ތިޔަ އެދުން އެބަ ހުށަހަޅަން. ކަލެއަށް ކާމިޔާބު ވެއްޖެ ނަމަ ތީޖް ސިންގު ދިރިހުއްޓާ ނުވަތަ މަރާލައިގެން ނަމަވެސް އަހަރެމެން އަތުޖައްސައިދީފި ނަމަ ކަލެއަށް ހުވަފެނަކުން ވެސް ނުފެންނަހާ މަތީ ތަރައްގީ ލިބޭނެ.”
ދީޕުގެ އެދުން އައި.ޖީ ސާހަބު ގަބޫލު ކުރައްވައފިއެވެ. ތީޖް ސިންގު ހައްޔަރު ކުރުމުގެ އިންޗާރޖު ކަން ނުހަނު އުފަލުން އޭނާ އާ ހަވާލުކޮށްފިއެވެ.
އޭނާގެ އޮފިސަރ އިން ޗާރޖު އައި.ޖީ. ސާހަބު ކަލޭގެ ހިތްވަރު ގަދަކާމައި އަޒުމުގެ މަތިވެރިކަމަށް ގަދަރު ކުރަމުން ދީޕުގެ އެދުން އުފަލުން ގަބޫލު ކުރައްވައިފި ކަމުގެ އުފާވެރި ޚަބަރު އޭނާއަށް ދެއްވައފިއެވެ. އަދި ތީޖް ސިންގު ހައްޔަރު ކުރުމުގެ ހުކުމްނާމާ ހިންގައިފިއެވެ. އެވަގުތު ދީޕު އުފަލުން ފަރިވެ ފޮޅިގެން ދިޔައެވެ. އަދި އުފަލުން އޭނާއަށް ނެށުނެވެ.
“ތޭންކްސް ސަރ” އޭނާ ބުންޏެވެ.
“އަޅުގަނޑަށް ވެވުނުހާ އަވަހަކަށް ތީޖް ސިންގު ދިރިހުއްޓާ ނުވަތަ މަރާލައިގެން މަނިކުފާނުގެ އަރިހަށް ގެންނާނަން.”
“ކަލެއަށް ފުލުހުންގެ ފަރާތުންނާއި ސީ.އައި.ޑީގެ ފަރާތުން ހުރިހާ ވައްތަރެއްގެ ފަސޭހައެއް އަބަދުމެ ލިބޭނެ. އަދި މި ހުކުމްނާމާ ވެސް އައި.ޖީ. ސާހަބު ޖާރީ ކުރެއްވިއެވެ. މިސިލްސިލާގައި ކަލެއަށް ހުރިހާ ބާވަތެއްގެ އެހީ ލިބޭނެ. މިއަދުން ފެށިގެން ކަލޭ ކޮންމެހެން އޮފީހަށް ގަޑިއަށް ހާޒިރު ނުވިއަކަސް އެންމެ ރަނގަޅު. ހިތާއި ފުރާނައިން ކަލޭގެ ވަޒީފާ އަދާކުރޭ. އެވަގުތަކު ބޭނުންވި ބާވަތެއްގެ އެހީއެއް އެވަގުތަކު އޮފީހަށް އަންގަމުން ގެންދޭ. މިއަދުން ފެށިގެން ކަލޭގެ ކޮންމެ ހުކުމަކަށް އަމަލު ކުރުން އެއީ މި މަހުކަމާގެ ފަރުޟެއް.”
“ތޭންކްސް ސަރ.” ދީޕުގެ ބޯ ހިސާބަކަށް ގުދުކޮށްލިއެވެ.
“އަޅުގަނޑު އަޅުގަނޑުގެ މަހުކަމާގެ ތިޔަ ހެޔޮފުޅު ކަމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން.”
ދީޕު އޭނާގެ ގެއަށް ވަނީ ވަރަށް ފަޚުރުވެރިކަމާ އެކުގައެވެ. އަދި ގެއަށް ވަނުމާ އެކު މަންމަ އާ އޮޅުލައިގަތެވެ.
“އަނެއްކާ ކިހިނެއްވީ. އަދު ހާދަ އުފާވެރިކޮށް ފެންނަ ދުވަހެއް.” އޭނާގެ މަންމަ ނުހަނު ލޯބިން އޭނާގެ ބޯ އޭނާގެ މޭގައި ޖައްސައިލިއެވެ. އަދި އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި އަތް ފިރުމަމުން ބުންޏެވެ.
“ވަރަށް ބޮޑު ކަމެއްވީ މަންމާ.” ދީޕު އޭނާގެ މަންމަ މޭގައި ޖައްސައިލައިފައި ބުންޏެވެ.
“އަހަރެންގެ މަހުކަމާ އަހަރެން އެދުނު އެދުމުގެ މަތީން ތީޖް ސިންގު ޑާކޫ ހައްޔަރު ކުރުމުގެ ވެރިކަން އަހަންނަށް ދީފި.”
މިހެން ބުނެލައިފައި ހީވީ ވައިގައި އުދުހިލައިފައި ދިޔަ ހެންނެވެ. އޭނާގެ މޭޒުދޮށަށް ހިނގައްޖެއެވެ. ދެން އެތާ ހުރެފައި ކުއްލިއަކަށް އެނބުރިލައިފައި ބުންޏެވެ.
“މަންމަ ނިކަން ބަލަން ހުރޭ. ކޮންމެވެސް އެއް ދުވަހަކުން ތީޖް ސިންގު ހައްޔަރުކޮށްލައިގެން އޭނާކުރި އަނިޔާތަކަށް އަހަރެން ސަޒާ ދޭނަންކަން ޔަގީން.” އޭނާ ދަތްކުނޑިވިކައިލައިފައި ބުންޏެވެ.” އޭނާ ދިރިހުއްޓާ އަތުލައިގަނެވިއްޖެއްޔާ ދަންޖައްސާ ފިލާފޮތީގެ މައްޗަށް އަރުވައިފައި ނޭވާ ލާނީ. މަރުވެފައި އޮތްވާ އަތުލައިގަނެވިއްޖެއްޔާ މުޅި ދުނިޔެ ލައްވާ އެމަސްގަނޑަށް ކުޅުޖައްސުވައިފައި، ތަޅުވާފޮޅުވައިފައި ހިންދަމާލާނީ… ގޮތްކުޑަ…ނުލަފާ. އޭނާގެ ސަބަބުން މިހާރު މިއަމާން ރަށުގެ މީސްތަކުންގެ ދިރިހުރުން ހައިރާންވެއްޖެ.”
އޭނާ މިހެން ބުނެލައިފައި އަނެއް ކޮޓަރިއަށް ހިނގައްޖެއެވެ. އެތާނގައި ހަމަހިމޭނުން އިނދެގެން ގީތާ އެވިސްނަނީ ކޮން އެއްޗެއް ކަމެއްވެސް ނޭނގެއެވެ. އޭނާގެ ކަނާތު ލޯ އިރުއިރުކޮޅުން ނުލާހިކު ބާރަށް ތޮޅިގަނެއެވެ.
ދީޕު ތީޖް ސިންގު ހައްޔަރު ކުރުމާ ހަވާލުވެގެން އެތައް ތަނެއް ހޯދިއެވެ. އަދި އެތައް ތަނެއްގައި އޭނާ ތީޖް ސިންގާއި އޭނާގެ މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ރެއެއް ދުވާލެއް ނެތި ކުރަމުން ގެންދިޔައެވެ. ނަމަވެސް އެހުރިހާ މަސައްކަތެއް ވެސް ވީ ބޭކާރެވެ. ތީޖް ސިންގު އަތުލެވުން އެއްކިބާގައި އޮއްވާ ތާކުން އޭނާގެ ހިޔަނި ވެސް ނުފެނުނެވެ. އަދި ކޮންމެ ފަހަރަކު ރުޅިއައިސް ރަތްވެފައި ތިބެން ޖެހެނީއެވެ.
އެކަމަކު އެނާ ހިތްވަރެއް ދުލެއް ނުކުރެއެވެ. އަދި ތީޖް ސިންގު ހައްޔަރު ކުރުމުގެ ޖޯޝްގައި އޭނާގެ ނާކާމިޔާބީ އަކަށް ފަހު އިތުރު އަޒުމާއި ހިއްމަތާ އެކު ކުރިމަތިލަމުން ދެއެވެ. އަދި ހުވާކުރެއެވެ. ތީޖް ސިންގު ހައްޔަރުކޮށްފައި ނޫނީ އަރާމު ކުރާކަށް ނީންނާނަމެވެ. އެއީ ވަރަށް ވެސް ބޮޑު ތެދެކެވެ. އޭނާ މި އަޒުމާއި ހިއްމަތުގައި އަރާމާއި އުފަލާ ހުރިހާ އެއްޗެއް ހަނދާން ނައްތައިލައިފިއެވެ.
އޭނާ ރޭގަނޑުގެ ނިދި ހަރާން ކުރިއެވެ. ދުވާލުގެ އަރާމުން ވެސް އޭނާ އަތްދޮވެލިއެވެ. ކެއުމާއި ބުއިމާއި ނިދުމާއި ހިތްފަސޭހަ ކުރުމުގެ އެދުމެއް އޭނާގެ ނެތެވެ.
އޭނާ މިހެން އުޅޭތަން ފެނިފައި އެންމެ ފަހުން އެއްދުވަހު އޭނާގެ މަންމަ އަހައިލިއެވެ.
“ދަރިފުޅު ތިޔަހާ ފިކުރެއް ތިޔަ ކުރަނީ ކޮން ކަމަކާ. ދަރިފުޅަށް ތިޔަ ވަމުންދާ ގޮތެއް ނިކަން ބަލައިލަބަލަ. މާތް ރަސްކަލާނގެ އެހެންކަންތައް ނުކުރައްވާށި. ދަރިފުޅަށް ކަމެއްވެއްޖިއްޔާޔޯ. ހަމަ ފިސާރި ތެދެއް. އަހަރެން އަމިއްލައަށް މަރުވާނަން. މަގޭ ލާލް. ދަރިފުޅު އެނުލަފާ ޑާކޫގެ ޚިޔާލުގައި އަރާމާއި އުފާ މުޅިން ނަގައިލައިފީމެއްނު. ކެއުމެއް ބުއިމެއް. އަރާމު ކުރުމެއް ބޭނުމެއް ނެތް. ދުވާލަކަސް، ރޭގަނޑަކަސް، ހެނދުނަކަސް، ހަވީރަކަސް، މެންދަމަކަސް، މެންދުރަކަސް އަބަދު އެއް ޚިޔާލެއްގައި ތިޔަ ހުންނަނީ. ކިހިނެއްތޯ އެ ތީޖް ސިންގު ޑާކޫ ކަލެއަށް އަތުވާނީ. މީހުން އެބައިމީހުންގެ މަސައްކަތާ ހުރެ ތިޔަ ވަރަށް ސިއްހަތަށް ގެއްލުންދޭތަ؟”
“މަންމަ ތިޔަ ހީކުރަނީ ހަމައެކަނި އެއީ މަސައްކަތެއް ކަމަށް. އަހަރެން މި ހީކުރަނީ އެއީ ފަރުޟެއް ކަމަށް. އަހަރެން ހިތުން މަސައްކަތާއި ފަރުޟުގައި މި ވަރަށް ފަރަގު ހުންނަން ޖެހޭނެ.”
ދެން އޭނާ މަންމަ ކުރެން އަހައިލިއެވެ.
“ދެން އަޅޭ މަންމަ މަންމަގެ ދަރިފުޅުގެ ކާމިޔާބީއަށް ޓަކައި ކޮންކޮން ކަންތަކެއް ކުރީ؟”
“ބުނެބަލަ އަހަރެން ކީއްތަ ކޮށްދޭންވީ؟”
“ދުއާ ކޮށްދޭންވީ. މަންމާ އަހަންނަށް ހުރިހާ ވެސް އެއްޗަކީ މަންމަގެ ދުއާ…”
“ދުއާ ވާ އަހަރެން ހޭލާ ހުންނަ އިރު އާއި ނިދާފައި އޮންނަ އިރު ވެސް ކުރަން މަގޭ ދަރިފުޅާ. އަހަރެންގެ ހަޔާތުގެ ކޮންމެ ނޭވާއެއް ނުކުންނަނީ ދަރިފުޅަށް ކުރެވޭ ދުއާއަކަށް ވެގެން.”
“ތިޔަ ހެނެއް ނޫން މަންމާ.” އޭނާ ބުންޏެވެ.
“މަންމަ އާދޭސް ދަންނަވައިދީ. މަންމަ ހަނޫމާންގެ ފައްޅިއަށް ގޮސް ދުއާކޮށްދީ. ދުއާ ކޮށްދޭނީ މިހެން. މާތްރަސްކަލާނގެ ތީޖް ސިންގުގެ ހަޔާތުގެ ބައްތި އަޅުގަނޑުގެ ދަރިފުޅުގެ އަތުން ނިވޭނެ ގޮތް ހައްދަވައިދެއްވާ. އެހެންވެއްޖިއްޔާ މަންމަ ނަދުރުބުނޭ ހަނޫމާންގެ ފައްޅި ރަނުން ހަދައިފައި، ދޮރުފަތް ރިހިން ޖަހައިދޭން.” އަދި އިހަށް ވުރެ ބޮޑަށް ބާރުލައިފައި ބުންޏެވެ.”މަންމާ ވައުދު ކޮށްދީ އަހަންނަށް ޓަކައި މަންމަގެ ދަރިފުޅުގެ ކާމިޔާބީއަށް ޓަކައި ހަނޫމާންގެ ފައްޅިއަށް ގޮސް ދުއާ ކުރަން.”
“ހަމަ ޔަގީން ގޮސްދޭނެކަން.” އޭނާ ހީނިލިއެވެ.
“ދަރިފުޅު މަންމަ ކިބައިން ވައުދު ކުރުވަނީތަ؟ މަންމަ އެއީ ދަރިންގެ ކާމިޔާބީ އާއި ތަރައްގީ އަށް ދިރިދެމި ހުރި ޚުދު ވައުދެއްނު. އަދި މައެއް ދުނިޔޭގައި ހުރުން އެއީ ދަރިންގެ ތަރައްގީ އާއި ކާމިޔާބުގެ ދިރި ދެމިހުރި ހެއްކެއްނު!”
މިއަޑު އަހައިފައި ދީޕު އޭނާގެ މަންމަގެ ފައިތިލަ މައްޗަށް ވެއްޓިގަތެވެ.
