ވާހަކަ: ގެއްލުނު ދުނިޔެ (13)

(ބުރާސްފަތި ދުވަހުގެ ނޫހާއިގުޅޭ)

“މަންމަ ހަމަ މިއަދު ހަނޫމާންގެ ފައްޅިއަށް ގޮސްދީ. ކޮންމެ ދުވަހަކު ވެސް ގޮސްދީ. ތީޖް ސިންގުގެ ބޮޑާ ކަމާއި އޭނާގެ ބާރުވެރިކަން މަގޭ ދަރިފުޅުގެ ފައިދަށަށް ލައްވާނދޭވެ. އަދި ތީޖް ސިންގު އެ ދަރިފުޅުގެ ފައިތިލަމަތީ އޮވެ ފުރާނަ ދުއްވާލަން ޖައްސަވާށިއެވެ.”

“އަހަރެން ހަމަ ދާނެކަން ޔަގީން ދަރިފުޅާ. އަހަރެން އެތަނަށް ގޮސް ދަރިފުޅު ތިޔަ އެދޭ ފަދައިން، ދަރިފުޅަށް ދުއާ ކޮށްދޭނެކަން މާތްރަސްކަލާނގެ ދެނެވޮޑިގެންވާނެ.”

“ޒިންދާބާދު މަންމާ….” އޭނާ ބޭއިޚުތިޔާރުގައި ހަޅޭލަވައިގަތެވެ.

“މިހާރު އަހަންނަށް ކާމިޔާބީއާއި މަތިވެރި ނަންތަކުގެ ސިޑީން އެރުމަކަށް އެކަކަށް ވެސް ހުރަހެއް ނޭޅޭނެ.”

އޭނާ މަންމަ ކުރިމަތީގައި އަދަބުވެލިއެވެ.

“އަހަންނަށް ގިނަގުނަ ހެޔޮ ދުއާތައް ކޮށްދޭތި މަންމާ. އަހަރެންގެ މުހިއްމަށް ޓަކައި އަމިއްލަ ފުރާނަ އަތްތިލަމަތީގައި

ބާއްވައިގެން މިދަނީ.”

މަންމަ ދަރިފުޅަށް ސަލާންކޮށް ހެޔޮ ދުއާ ކުރިއެވެ. ދަރިފުޅު ވަރަށް ހަރުދަނާ އަޒުމަކާ އެކު، އޭނާގެ މުހިއްމަށް ހިނގައްޖެއެވެ.

ގީތާ ހަނޫމާން ފައްޅީގައި ނުހަނު އަދަބުވެރިކަމާ އެކު އިސްދަށަށް ޖަހައިލައިގެން އިނދެ ދުއާ ކުރަނީއެވެ.

“ކަލާ އަޅުގަނޑުގެ ދަރިފުޅަށް މި ކާމިޔާބީ ދެއްވާށި މަހާބަލީއެވެ. އޭނާއަށް އޭނާގެ މަސައްކަތުގައި ކާމިޔާބީ އާ ހަމަޔަށް ދެމިހުރުމުގެ ބާރު ދެއްވާށިއެވެ. އޭނާއަށް ފަތަހަ ދެއްވައިގެން އޭނާއަށް ދަރަޖަ ދެއްވާށި. އިއްޒަތް ދެއްވާށިއެވެ. އަދި މުޅި ދުނިޔޭގައި އޭނާއަށް ޖޭ.ޖޭ ގޮވާނެ ގޮތް މެދުވެރިކޮށް ދެއްވާށިއެވެ. އަޅުގަނޑު ކަލާއަށް އަޅުކަން ކުރުމުގައި މުޅި ދިރިއުޅުން ގުރުބާން ކުރާނަން. ފައްޅީގެ އިމާރާތް ރަނުން ހަދާނަމެވެ. ދޮރުފަތް ރިހިން ލާނަމެވެ.”

ދެން އޭނާ ބޭގަރާރު ވެގެން އިނދެ އަނެއްކާ ދުއާ ކުރިއެވެ.

“ކަލާއަކީ ޝިރީރާމްއަށް އަޅުކަން ކުރި ތަގުވާވެރިޔާއެވެ. އަޅުވެރި ކަމަކީ ކޮންފަދަ ކަމެއްކަން ކަލާއަށް ރަނގަޅަށް އެނގޭނެއެވެ. އަޅުގަނޑަކީ ވެސް އަޅުގަނޑުގެ ފިރިމީހާގެ އަޅަކީމެވެ. އޭނާއަށް އަޅުކަން ކުރާ މީހަކީމެވެ. އެކަލާނގެ އަޅުގަނޑުގެ މި އަޅުކަމަށް ނަފުރަތުވެގެން ގޮސްފައިވާތާ ދިގު ޒަމާނެއް ވެއަތުވެގެން ހިނގައްޖެއެވެ.

މަހާބަލީއެވެ. އޭނާއަށް އޭނާ އަމިއްލައަށް ދިރިއުޅެވޭހާ ބާރު ދެއްވާށި. އަދި ވީ ތަނެއްގައި، ހެޔޮ ހާލުގައި ލަހައްޓަވާށި. އަދި އޭނާގެ އެންމެ އިސްތައްޓަކަށް ދަންދެން ވަކިވިޔަ ނުދެއްވާށި.

ދެން އަޅުގަނޑު އޭނާއާ ބައްދަލުކުރައްވާށި. ޕުރަބޫ އަޅުގަނޑުގެ ހިތާއި ފުރާނައިން ކަލާއަށް ކުރެވޭ އާދޭހަކީ މިއީއެވެ.

އޭނާގެ ދެ ލޮލުން ކަރުނައިގެ ފައްވާރާއެއް އުފެދިގަތެވެ. ދެން ވަރަށް ގިނައިރު ވުމަށްފަހު، އޭނާގެ ހިތުގެ ބުރަދަން ލުއިކޮށްލައިގެން އެތަނުން އެނބުރި އަތުވެއްޖެއެވެ.

އޭނާ އެނބުރިދަނީއެވެ. މަހާބަލީ ހިތަށްއަރަނީއެވެ. ތިމަން ގަބޫލުކުރާނީ ކޮން ދުއާއެއް ބާވައެވެ. ނުކުރާނީ ކޮން ދުއާއެއް ބާވައެވެ. މިހެނީ މި ދުއާގައި ވަރަށް ވެސް ފަރަގު އެބަ ހުއްޓެވެ. އެއް ދުއާ ފުރިހަމަވެއްޖިއްޔާ އަނެއް ދުއާ ފުރިހަމައެއް ނުކުރެވޭނެއެވެ. އެއް ދުއާ އެއް ގަބޫލު ކުރެވިއްޖެ ނަމަ އަނެއް ދުއާ ގަބޫލު ކުރާނެ ގޮތެއް ވެސް ނޯންނާނެއެވެ.

އޭނާ ވިސްނަނީއެވެ. ގުދުރަތު މި ކުޅެމުން ގެންދާ ނާޓަކުގެ މައްޗަށް ހެނީއެވެ. އަދި ހިތަށް އަރަނީއެވެ. ގުދުރަތު އުފައްދަވާފައިވާ އިންސާނުން އަދި ކިހާ ނިކަމެތި ހެއްޔެވެ. އަދި ކިހާ އާރެއް ބާރެއް ނެތް ހެއްޔެވެ. ދެން ވެސް އެކަލާނގެ ރަސްކަންފުޅާ މެދު އެމީހުން އެކުރާ ދައުވާ އިން އެއްކިބާ ވާކަށް ނޫޅެއެވެ.

ދެން ގުދުރަތަށް، އެ ގުދުރަތުގެ މި އިންސާނުންނާ މެދު ވަރަށް ބޮޑަށް ހަމްދަރުދީ ވެވިއްޖެއެވެ.

މެންދުރުގެ ވަގުތެވެ. އަވި ވަރަށް ގަދައެވެ. ދީޕު ހެނދުނުއްސުރެ ހުރީ ވަރުދެރަވެ ވަރުބަލިވެފައެވެ. ދާހިއްލާ ފޯވެފައެވެ. މި ގޮތަށް ހުރެ އޭނާ ހިނގަމުން އާދެއެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ފެންބޮވައިގެންފައެވެ. އޭނާގެ ކުރިމަތިން ކާނިވަލެއް ފެނިގެން އޭނާ އެ ދިމާއަށް ހިނގައިގެންފިއެވެ.

ކުރިމަތީގައި އިސްޓޯލުގެ މަތީގައި ފިނިބުއިމުގެ ފުޅިތައް ހުއްޓެވެ. މީސްތަކުން ޑޭގަމްގައި ނަސީބު އިމްތިހާނު ކުރަނީއެވެ. ޑޭގަމްގެ ކަށިވަނީ އަންހެންކުއްޖެއްގެ ބެލެހެއްޓުމުގެ ދަށުގައެވެ. އޭނާ ކުޅޭ މީހުންނަށް ފޯރި ދީދިގެން ކުޅޭމީހުން ލައްވާ ގިނަގުނަ ފައިސާ ޚަރަދު ކުރުވަނީއެވެ.

އަންހެންކުއްޖަކީ ވަރަށް ހިތްފަސޭހަ ޒުވާން އަންހެންކުއްޖެކެވެ. މީސްތަކުން ޑޭގަމްގައި ނަންބަރުތަކަށް ވުރެ ވެސް އިތުރަށް ވާދަ ކުރުމާ މެދު ވިސްނަނީއެވެ. މި ހިސާބަށް ދީޕަށް އާދެވިއްޖެއެވެ. އެ އަންހެންކުއްޖާ އޭނާއަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ.

އޭނާ އައިސް ގޮނޑީގައި އިށީނދެއްޖެއެވެ. “އޮރެންޖު ކުރަޝްއެވެ.” އޭނާ ބުނެލިއެވެ. އަދި ޖީބުން ރުމާ ނަގައިފައި އޭނާގެ ނިތްކުރިން ހިއްލައިފައިވާ ދާތައް ފޮހެނިކޮށް ކުއްލިއަކަށް ވިލާތުކުންނާރު ކުލައިގެ ދޮޕައްޓާ އެއް އައިސް އޭނާގެ ނިތްކުރިން ހިއްލައިފައވާ ދާތަކުގެ ތިކިތައް އޭގެ ތެރެއަށް އޮއްބައިލައިފިއެވެ. ދީޕު އެ އަންހެންކުއްޖާއަށް ވަރަށް ވިސްނުންތެރިކަމާއެކު ބަލައިލިއެވެ. އަނެއް އަތުން އޮރެންޖު ކުރަޝް ތަށި އޭނާއާ ދިމާއަށް ދިއްކޮށްލިއެވެ.

ދީޕު އެތަށި ތުނބުގައި ޖަހައިފައި އެއް ނޭވާއިން ހުސްކޮށްލިއެވެ.

“ކޮން އިރަކުއްސުރެތަ ކަރުހިއްކައިގެންފައި ތިޔަހުރީ ކަލާ.” އަންހެންކުއްޖާ ވަރަށް ޚާއްސަ ހަރަކާތަކާ އެކު މި ޖުމުލަ އަދާކޮށްލިއެވެ. އަދި ދީޕު އޭނާއަށް މާނައިން ފުރިގެންވާ ނަޒަރަކުން ބަލައިލައިފައި އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރައިލިއެވެ.

“ކަލާގެ ކަރުހިއްކައިގަތުން އަދި ވަރަށް ޒުވާން.”

ދީޕު ބަލައިލިއިރު އޭނާ އަނެއް ތަށި ހިފައިގެން އައިސް ހުއްޓެވެ.

“ކަލޭ ތިޔައީ ބޭނުން ހިފިދާނެ އެއްޗެއްހެން ހީވޭ.” ދީޕު އަނެއް ތަށީގައި ހިފައިފައި ބުންޏެވެ.

“އެއްޗެއް ނޫން. ޚަޒާނާއެއް އިނގޭތޯ؟” އޭނާ ބުންޏެވެ.

“ލަފުޒުތައް ރަނގަޅަށް ބޭނުންކުރަން އެނގުމަކީ ވެސް ރީއްޗެއް.”

“ޝަޝީ…” އޭނާ ބުންޏެވެ.

“އެކަމަކު މާތްރަސްކަލާނގެ ރަސްކަންފުޅަށް ޓަކައި ވިސްނަވާލެއްވުމަކާ ނުލައި ބައްލަވާލެއްވުމަކާ ނުލައި އަނެއްކާ މިހެން ނުބުނުއްވާތި އިނގޭތޯ. ކަލާގެ ނަމަކީ ޕައްނޫ އެއް ނޫންތޯ.”

“ހޫން…!” ދީޕު ތަށި މޭޒުމަތީގައި ބަހައްޓައިފިއެވެ.

“މި ކާނިވަލުގެ ލައިސަންސު ކަލޭގެ އަތުގައި އޮވޭތަ؟”

“މީހުންނާ ސުވާލު ކުރަން ފުލުހުން ގެންގުޅެނީ ތިޔަހާ ދަށް ވާހަކަތަކެއްތޯ؟” އޭނާ ހީނލިއެވެ.

‘މެޝިނަކަށް ނޫން. އިންސާނަކަށް ވާން މަސައްކަތް ކުރައްވާ.”

ދީޕު ފުންމައިގެން ތެދުވެއްޖެއެވެ. އަދި އޭނާގެ ޖީބުން ރުފިޔާއެއް ނަގައިފިއެވެ.

“ބަލަ…!” އޭނާ ބުންޏެވެ.

“ކަލާ އެހާ އަވަހަށް އިންސާނަކަށް ވެލެއްވީތޯ؟”

“ކީކޭ ތިޔަބުނީ.”

“މި ނަންގަތް އެއްޗަކީ ކަލާ ތިޔައީ ފުލުހެއްކަން ހަނދާންނެތިލެއްވީތޯ؟”

“އެޔޯ އަނެއްކާ.”

“ފުލުހުން ކައިބޮއިގެން އެއްޗެއްސަކަށް އަގެއް ނުދޭނެ. އެހެން ނަމަވެސް ތިއޮތްގެން ޖީބުން ރުފިޔާ ނަންގަވަނީ.”

“ކަލޭ ފުލުހުންނާ މެދު އެއީ ޑާކޫން ކަމަށް ހީކުރަން ފެށީ ކޮންއިރަކުއްސުރެ؟”

“އަޅުގަނޑު ހޭވެރިކަން ވާން ފެށީއްސުރެ.”

“ކަލޭގެ ތިމާގެ މީހުންނާ ގާތް މީހުން ހީވަނީ ޑާކޫންނާ ގުޅިފައިވާ ހެން.”

“އަޅުގަނޑު އުފެދުނީ ވެސް އެޖައްވުގައި.”

“އެހެންތަ…!”

“ހޫން…!”

އޭނާ އަޖައިބެއް ކަހަލަ ގޮތަކަށް ލޮލުގެ ކަޅި އަނބުރައިލައިފައި ބޯޖަހައިލިއެވެ.

“ކަލާ ފަހަރެއްގައި ވެސް ތީޖް ސިންގުގެ ނަން އެއްސެވީމުތޯ….؟”

އޭނާ ދީޕުގެ ޖަވާބަކަށް އިންތިޒާރު ކުރުމަކާ ނުލައި ބުންޏެވެ.

“އަޅުގަނޑަކީ އޭނާގެ އަންހެންދަރިފުޅެއް.”

ދީޕު އޭނާއަށް ވިސްނުންތެރިކަމާ އެކު ބަލަން އިނެވެ.

“މިއަޑު އައްސަވައިފައި ހައިރާންވެ އަންތަރީސް ވެލައްވާނެކަން ޔަގީން.” އޭނާ ޅަ ގޮތެއްގައި ބުނެލިއެވެ.

“ކަލާ އޭނާގެ ފަހަތުން އަޅައިގަނެގެން ވަގުތުތައް ނަންގަވާލައްވަން ނުހައްދަވާ.”

“އެއީ ކީއްވެގެން…؟”

“އެއީ އެ މީހަކީ ކަލާގެ ބައްޕަ ކަމަށް ވާތީ.”

މިހެން ބުނީމާ އެންމެން އެއްފަހަރާ ހީނގަތެވެ. ދީޕު ވަރަށް ލަދުގަތެވެ.

“އެއީ މަގޭ ބައްޕައެއް ނޫން. ކަލޭ ތިޔައީ އޭނާގެ އަންހެންދަރިފުޅު.”

“ބަލަ!ބަލަ!” އޭނާ ހީނިލިއެވެ.

“ކަލާ ސަމާސާއަކަށް ވެސް ތެދޭ ހީކުރެއްވީތޯ؟” އެނާ ކުއްލިއަކަށް ދީޕާ ދިމާއަށް ބަލައިލިއެވެ.

“އަޅުގަނޑުމެން މިއީ ދެބެންނަކަށް ފަހަރެއްގައި ވެސް ނުވާނެ.”

“މީގައި ހިފާ.”

ދީޕު ރުފިޔާގެ ނޫޓު އެ އަންހެންކުއްޖާގެ ކަރުމަތިން އެއްލައިފައިވާ ދޮޕައްޓާގެ ތެރެއަށް ވައްޓައިލައިފައި ހަމަ ދާން އުޅެނިކޮށް ކުއްލިއަކަށް އޭނާގެ އަތުގައި ހިފައިފިއެވެ.

“ދުރުވަންވާނީ މިއިން ކުޅިވަރެއް ކުޅުއްވާލައްވައިފައި.”

އޭނާގެ އަތުގައި ހިފާ ދަމައިފައި ޑޭގަމް ބަހައްޓައިފައި ހުރި ކައުންޓަރާ ދިމާއަށް ގެންގޮސްފިއެވެ.

“ރުފިޔާގައި ހިއްޕަވާ. ކޮންމެވެސް ނަންބަރެއްގެ މަތީ ބާއްވަވާ.”

ދީޕު އޭނާގެ ޖީބުން ފަސް ރުފިޔާގެ ނޫޓެއް ނަގައިފައި ހަތް ނަންބަރު މަތީގައި ބޭއްވިއެވެ. އޭނާ ހިތަށްއެރިއެވެ. އަހަންނަށް ކާމިޔާބު ވެއްޖިއްޔާ ތީޖް ސިންގު އަހަރެންގެ އަތުން ސަލާމަތް ވެގެން ނުދާނެ ކަމަށް އަހަރެން ނިންމާނަމެވެ.

އަންހެންކުއްޖާ ޑޭގަމްގެ ކަށިއަނބުރައިލިއެވެ. ބުރުތަކެއް އަޅައަޅައިފައި ކަށި އައިސް ހަތް ނަންބަރަށް ހުއްޓިއްޖެއެވެ.

ވި އުފަލުން ދީޕަށް ހަދާނެ ގޮތެއް ވެސް ނޭނގުނެވެ.

“ނަންގަވާ މި -/25 ރުފިޔާ.”

ދީޕު -/25 ރުފިޔާ އަތުލަތްޕެވެ.

“އަދި އެއްފަހަރު ބައްލަވާ…”

ދީޕު ފަސް ފަހަރު ތަފާތު ނަންބަރުތަކުގެ މަތީގައި ފަސް ރުފިޔާއިން ފަސް ރުފިޔާއިން ބެހެއްޓިއެވެ. ކޮންމެ ފަހަރަކު އޭނާއަށް ކާމިޔާބު ވިއެވެ. މުޅިއެކު އޭނާއަށް ސަތޭކަ ވިހި ރުފިޔާ ފައިދާވިއެވެ.

“މާދަމާ ވެސް ދުރުވާތި އިނގޭތޯ. ސަތޭކަ ވިހި ރުފިޔާއިން ތިޔަ ކުރެއްވުނު ވިޔަފާރި އެއީ އެއްގޮތަކަށް ވެސް ނުބައި އެއްޗެއް ނޫން.”

އޭނާ ދީޕުގެ މުލައްދަނޑީގައި ފޮނިފޮނި ވިކާލުމެއް ވިކާލައިފައި ސަކަވެލައިފައި ބުނެލިއެވެ.

“ކަލާ ކޮންމެ ދުވަހަކު ދުރުވާތި އިނގޭތޯ. އަޅުގަނޑު ކޮންމެ ދުވަހަކު ކަލާއަށް ޓަކައި އީދުގެ ހަނދެއް އަރުވައިދޭނަން.”

ދީޕު އޭނާއަށް ވަރަށް ވިސްނުންތެރިކަމާ އެކު ބަލައިލިއެވެ.

“ތިޔަ ހަނދެއް ފަދަ މޫނު ދެކެންތަ؟” އޭނާ ވަރަށް ލޯބި ގޮތެއްގައި ބުނެލިއެވެ.

ދީޕު ވަރަށް ފުން، މާނައިން ފުރިގެންވާ ނަޒަރަކުން ބަލައިލައިފައި އެތަނުން ހިނގައްޖެއެވެ.

ދީޕު، ޝަޝީ އެއީ އޭނާގެ ސަމާލުކަމުގެ މަރުކަޒަކަށް ހެދީ އޭނާގެ ކިބައިން އޭނާގެ ބޭނުން ހިފޭތީއެވެ. އޭނާ ވަނީ ތީޖް ސިންގާއި އޭނާގެ ޕާޓީގެ މައުލޫމާތު ހޯދުމުގައި މަޝްޣޫލު ވެފައެވެ. ޝަޝީ އެންމެ ފުރަތަމަ ދީޕަށް ސަމާލު ކަމެއް ދިނީ އޭނާގެ ކިބައިން އެބައިމީހުންގެ ޕާޓީއަށް ފައިދާ ހުރި ޖާސޫސްތައް ކުރުމަށް ޓަކައެވެ. ފުލުހުންގެ މި އިނިސްޕެކުޓަރުގެ މައްޗަށް ވަރަށް ޚާއްސަ ނަޒަރެއް ބެހެއްޓުމަށް ތީޖް ސިންގު ވަނީ އޭނާއަށް ބުނެވެސްފައިމެއެވެ. އޭނާ ގަސްދުކޮށްފައިވަނީ އޭނާގެ ޕާޓީ މެދުވެރިކޮށް ގާނޫނަށް ވެވުނު ވަރަކުން ނުހޮރުއްޕާން ކުރުމަށެވެ.

ނަމަވެސް ކަންވީ ގޮތަކީ ޝަޝީ އޭނާގެ ހިތުގެ އަތުން މަޖުބޭރުވެގެން ހަގީގަތުގައި ދީޕުގެ މައްޗަށް ފިދާވެއްޖެއެވެ. އަދި އޭނާ ދީޕު ގެންގުޅޭ ނިކަމެތި ކުޅޭ އެއްޗަކަށް ވެއްޖެއެވެ. ދީޕު ޝަޝީގެ ބަލިކަށިކަން ފެނިފައި އޭނާގެ ކިބައިން ދީޕުގެ މަސައްކަތަށް ފައިދާ ހޯދުމުގެ އަޒުމު އެކަށައެޅިއެވެ.

މިހާރު ދީޕު ކޮންމެ ދުވަހަކު އެތަނަށް އައިސް އުޅޭ ސަބަބަކީ އެއީއެވެ. އޭނާގެ މި މަޖަލުގެ ޚަބަރު ލަތާޢަށް ވެސް އޮތީ ނީވިއެއް ނޫނެވެ. އަދި އެއްދުވަހަކު ދީޕު ވަރަށް މޮޅަށް ހިފައިފި ވެސް މެއެވެ.

“ތީޖް ސިންގަށް ފާރަލައްވަމުން ގޮސް އަންހެންކުދީންގެ ހިތަށް ފާރަލައްވަން ފެއްޓެވީ ކޮންއިރަކުތޯ؟”

“ސިއްރު އޮންނާނީ ހިތުގައި ފޮރުވިފައެއްނު.”

“މަކަރު ހައްދަވަން ނޫޅުއްވާ.” ލަތާ ބުނެލިއެވެ.

“ކަލާގެ ކޮންމެ ހަރަކާތެއްގެ ޚަބަރު އަޅުގަނޑަށް ވަރަށް ސާފުކޮށް ފިލައިފައި އެބަ އޮތް.”

“އެހެންވީއިރު ސީ.އައި.ޑީ ގެ މަގާމަކަށް ލަތާ މިހާރު މާ ދެރައެއް ނުވާނޭނު.”

“ޝަޝީއަކީ ކާކުތަ؟”

“ޝަޝީއަކީ ޝަޝީ.”

“ކަލާ ތިޔައީ އޭނާގެ ޕަންނޫއެއްނު.”

“ކީއްވެ ތިޔަ އަނދަން ފެށީ؟”

“މީހަކު އަންދަންޏާ އަނދާނެނު. އަދި ދިލަވެސް ނަގާނެއެއްނު.”

“އަހަރެން ލަތާއާ މެދު ހީކުރަނީ ވަރަށް ވިސްނުންތެރި އަންހެންކުއްޖެއް ކަމަށް.”

“އަންހެންކުއްޖެއްގެ ބުއްދިވެރި ކަމަކީ އެނގިގެން ފެނިގެން ހުރެ ވިހައެއް ވެސް ކެއުންތޯ؟”

“ނޫނޭ!” ދީޕު ހީނލިއެވެ.

“އެ މީހަކު ބުއްދިން ބޭނުން ހިފާނީ.”

“މިއީ އަޅުގަނޑު ބުއްދިއެއް ނެތް ކަމުގެ ދަލީލެއް!”

“އެހެން ކޯންޗަކަށް ވާނީ؟” ދީޕު ބުނެލިއެވެ.

“އަހަރެން އޭނާ ކިބައިން ސިއްރު ހޯދުމަށް ތަމްސީލު ކުޅެނީ.”

“އެހެންވިއްޔާ އޭނަޔޯ؟”

“އޭނާ ލޯބީގެ މަޅީގައި ބެދިގެން އަހަންނަށް ބޭނުން ހިފޭ އެއްޗަކަށް ވަމުން ދަނީ.”

“އެންމެ ފަހުން ހަގީގަތުގައި ކަލާ އޭނާގެ އިސްތައްޓަކުން ޖެހިފައިވާ މަޅިއެއްގައި ބެދިއްޖެއްޔާޔޯ؟”

“އޭގެ މާނައަކީ، ކަލޭގެ އަމިއްލަ ނަފުސުގެ މައްޗަށް ޚުދު ކަލޭގެ ވެސް އިތުބާރު ނެތީއޭ.” ދީޕު ހީނލިއެވެ.

“ކަލޭގެ އިސްތަށިގަނޑުގެ މަޅިތައް މިހާރު ޅީވީތަ؟”

“މި ވާހަކަ ސަމާސާއަށް ހައްދަވައި މެދުކަނޑުއްވައިލައްވާން ނޫޅުއްވާ.”

“އަހަރެން ސަމާސާއެއް ވެސް ނުކުރަން އަދި ވާހަކަ މެދު ކަނޑައެއް ވެސް ނުލަން.” އޭނާ ހީނގަތެވެ.

“އަހަރެން މިބުނީ މިހެން. ކަލޭގެ އިސްތަށިގަނޑުގެ މަޅިތައް އަހަރެން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ވެސް އަހަރެންގެ ހިތް ސަލާމަތް ނުވާހާ ގަދަފަދައޭ.”

“އެކުއްޖާ ވަރަށް ޗާލުދޯ!” ލަތާ ހީނިލިއެވެ.

“ލަތާ އަމިއްލައަށް ތިމަން މާ ހުތުރު މީހެކޭ ހީކުރީތަ؟”

“އެހެން ކަމަށް ވަނީ ވިއްޔާ ކަލާ ތިޔައީ ދެ އައިނުގައި ކޮށާ އެއް ކުރަނތްގެއްތާ!”

ދީޕު ހޭން ފެށިއެވެ.

“ތިޔަ ބުނެވުނީ އެއްޗެއް.” އޭނާ ލަތާގެ އިސްތަށިގަނޑުގައި ސަމާސާ ގޮތަކަށް ޖަހައިލިއެވެ.

“އަހަރެން އެދެނީ އަހަރެންގެ އަލަތު އަނބިމީހާ ތިޔަ ބާވަތުގެ ވާހަކަ އަބަދުވެސް ދެއްކުން.”

“އެންމެ ރަނގަޅު. އަޅުގަނޑު ހައްދަވަން ނޫޅުއްވާ.” އޭނާ ބުނެލިއެވެ.

“ބުނުއްވަ ބައްލަވާ. މިއަދު ހަވީރު ޝަޝީއާ ބައްދަލުވުމުގެ ޕުރޮގުރާމެއް އެކަށައެއް ނޭޅޭތޯ؟”

“އަދު ހަވީރު ލަތާއާ އެކު ޕުރޮގުރާމެއް އެކަށައެޅިދާނެ. ލަތާ އެދެންޏާ.”

“އެކަށައެޅިދާނެއޭ ނުބުނުއްވާ. އެކަށައަޅަން ޖެހޭނެ.” ލަތާ ލާނެއް ގޮތަކަށް ބުންޏެވެ. “އެހެން ނޫނީ އެއަރލައިންސް

ޕުރޮގުރާމު ބޭކާރު ވެދާނެ ކަން ނޭނގެ.”

“އާނ! ތިޔަ ޕުރޮގުރާމު ބޭކާރުވިޔަ ދީގެން ނުވާނެ. އަހަރެން އިންނާނަން.”

ދެން ދީޕު އޭނާގެ އޮފީހަށް ހިނގައްޖެއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *