ވާހަކަ: ތޫފާން (15)

" މަހަކު ދިހަ ހާސްރުފިޔާ ލިބޭނެ! އެއީ އަހަރެންގެ ކްލާސްމޭޓެއްގެ ބައްޕަގެ އޮފީހޭ! ފައިނޭންސް ޑިޕާރޓްމަންޓްގައި މަސައްކަތް ކުރަން ޖެހެނީ"

ވަގުވަގަށް އާލިމަށް ބަލަމުން ޖެނީ އެނބުރިލިއެވެ. އޭރު އާލިމްގެ މޫނުމަތީގެ ކުލަވަރުވަނީ މުޅިން ބަދަލުވެފައެވެ.

" ތިއީ ޖެނީ ކީކޭ ކިޔައިގެން ހޯދި ވަޒީފާއެއް؟"

އާލިމް އެހިއެވެ. އެއާއެކު ޖެނީ ކުޑަކޮށް ހީލިއެވެ. އަވަސް އަވަހަށް ގައިގައި ލޯޝަންލުމަށްފަހު އާލިމް ގަޔަށް ޓީޝާޓެއް މަހާލިއެވެ. އޭރުވެސް ޖެނީ ހުރީ އާލިމްގެ ހަރަކާތްތަކަށް ބަލާށެވެ. ދެއަތުން ބޯ ރީތިކޮށްލުމަށްފަހު އާލިމް އަނެއްކާވެސް ޖެނީއާ ދިމާއަށް އެނބުރި ސުވާލު ތަކުރާރުކޮށްލިއެވެ. އެއާއެކު ދެއަތް އުރާލަމުން އޭނާ އާލިމްގެ ކުރިމަތީގައި ހުއްޓުމަށްފަހު ވާހަކަ ދައްކަން ފެށީ މަޑުމަޑުންނެވެ.

" އަހަރެން ވަޒީފާއަށް ދާން ޖެހޭ ސަބަބު އާލިމަށް އޮޅިފައެއް ނޯންނާނެ"

ޖެނީ އެހެން ބުނުމާއެކު ހިތްހަމަ ނުޖެހި ހުރެ އާލިމް ޖެނީގެ އަތުގެ މުލައްދަނޑީގައި ހިފާ ޖެނީގެ ގާތަށް ޖެހިލިއެވެ.

" ބުނޭ! ކިހިނެއް ހޯދި ޖޮބެއް؟ "

އާލިމްގެ އަތް ނައްޓުވާލަން މަސައްކަތް ކުރަމުން ޖެނީ ވާހަކަ ދައްކަން ފެށިއެވެ.

" އާލިމަށް އަހަރެންގެ ޚަރަދުތައް ނުބެލެހެއްޓޭތީވެ އަމިއްލައަށް ފައިސާ ހޯދަން ބޭނުންވީ! "

ޖެނީގެ ޖުމްލައިން އާލިމް، އޭނާގެ އަތުން ދޫކޮށްލިއެވެ. އަދި ކުޑަކޮށް ދުރަށް ޖެހިލުމަށްފަހު ދެކޮނޑު ހިއްލާލިއެވެ.

" ޖެނީ ބޭނުންވާ ކޮންކަމެއް އަހަންނަށް ކޮށް ނުދެވުނީ؟ ބުނެބަލަ! "

އަލަމާރި ބިތުގައި ލެނގިލުމަށްފަހު އާލިމް ޖެނީއަށް ބަލަމުން ދިޔައެވެ. އެއާއެކު ޖެނީ އާލިމަށް ފުރަގަސްދީ ބާރުބާރަށް ވާހަކަ ދައްކަން ފެށިއެވެ.

" ބުނާ އެއްޗެއް ހޯދައިދެޔޭ! އެކަމަކު…. އަހަރެން އެންމެ ބޭނުންވާ އެއްޗެއް ނޫން! "

" ތިބުނީ ކީކޭ؟ "

ޖެނީގެ ވާހަކަ ނުވިސްނިގެން އާލިމް ސުވާލު ކުރީ ނުހަނު އަވަހަށެވެ.

" މިބުނީ.. އަހަރެން ފުށްދަޅެއް ގަނެދޭށޭ ބުނީމަ ފުށްދަޅު ގަނެދެޔޭ! އެކަމަކު އަހަރެން ބޭނުންވާ އެއްޗެއް ނޫން.. އަގުހެޔޮ ފުށް! ސެންޓް ފުޅިއެކޭ ބުނީމަ އެވެސް ހޯދައިދޭ.. އަގުހެޔޮ ސެންޓު! ހެދުމެއްގެ ވާހަކަ ބުނީމަ އަހަންނަށް އެންމެ ރީތި ހެދުމެއް ނޫން ނަގަން ޖެހެނީ… އަހަންނަށް ހެޔޮވަރުވަންޏާ އަގަށް ބަލާފައި ހެދުންވެސް ގަންނަން ޖެހެނީ… އަހަރެން ވަޒީފާއަށް ދާން ނިންމީ އެހެންވެ"

ފަސްއެނބުރި އާލިމްގެ މޫނަށް ބަލައިލުމަށްފަހު ޖެނީ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އޭރުވެސް އާލިމަށް ހުރެވުނީ ހުއްޓުން އަރާފައި ޖެނީގެ މޫނަށް ބަލާށެވެ.

" އެންމެ ދުވަހަކު އަހަރެން، އަހަރެންގެ އެކުވެރިންނާއެކު މަޑުކޮށްލީތީ އަހަންނަށް އަހަރެންގެ ފެންވަރު ދަށް މިންވަރު އިޙްސާސް ކުރެވުނު.. އެމީހުންގެ އެ ފުދުންތެރި ދިރިއުޅުން އެނގި އެގޮތަށް އެ އުފާވެރިކަމުގައި އުޅެން ބޭނުންވި.. ދެމީހުން މަސައްކަތްކޮށްގެން ގިނައިން ފައިސާ ލިބޭނެ.."

މަޑު ހިނގުމެއްގައި އައިސް ޖެނީ އާލިމްގެ މޫނުގައި ދެއަތުން ހިފަހައްޓާލީ އާލިމަށް ވިސްނައިދިނުމުގެ ގޮތުންނެވެ. ނަމަވެސް އާލިމް ޖެނީގެ ދެއަތް ނައްޓުވާލުމަށްފަހު ދުރަށް ހިނގައިގަތެވެ.

" ރެޔާ ދުވާލު އަހަރެން މި މަސައްކަތްކުރަނީ ޖެނީއާ އާލް ހިތްހަމަ ޖައްސައިދެވޭތޯ! ލިބޭ އެއްޗަކުން ދެކޮޅު ޖެހޭތޯ! އަހަރެން ހީކުރީ ޖެނީ އަބަދުވެސް އަހަރެންގެ ޙާލަތަށް ރުހިގެންކަމަށް ތި އުޅެނީ! އަދި އަހަންނަށް އަނތްބެއްގެ ފަރާތުން ލިބެންވާ ފުލް ސަޕޯޓް ޖެނީގެ ފަރާތުން ތާ އަބަދަށް ލިބޭނެ ކަމަށް.."

އާލިމްގެ މިލާފައިވާ އަޑުން ޖެނީ ހިތްހަމަ ނުޖެހުނެވެ.

" އޯހް އާލީމް! ކޮން ގޮތަކަށް ތި ވިސްނަނީ؟ އަހަރެން މިއުޅެނީ އާމްދަނީ އިތުރު ކުރާނެ މަގެއް ހޯދަން.. ކީއްވެތަ ތިފާޑަށް ތި ވިސްނަނީ؟ އަހަރެން އާލިމަށް ސަޕޯޓް ދޭތީދޯ ވަޒީފާއަކަށް ދާން މިއުޅެނީ.."

" އޭރުން ދެން އާލް؟ އާލް ބަލަނީ ކާކު؟  އަހަރެން ގުދާރު ބިނދޭވަރަށް މި މަސައްކަތްކުރަނީ އާލް ކައިރީ އަބަދުވެސް އާލްގެ މަންމަ ބަހައްޓަން ވެގެން.. ޖެނީ ވަޒީފާއަށްދާން އަހަރެން ޤަބޫލެއް ނޫން.."

އާލިމް ތަންކޮޅެއް ބާރަށް ބުންޏެވެ. ނަމަވެސް ޖެނީ ހުރީ ގޮތްދޫ ކުރާ ގޮތަކަށް ނޫނެވެ.

" ހުރިހާ ކަމެއް ހަމަޖެހުނީމަ ތިހެން ބުންޏަސް ދެން އަހަރެންގެ ނިންމުން ބަދަލެއް ނުކުރެވޭނެ"

ފޫހި ރާގަކަށް ޖެނީ އެހެން ބުނުމާއެކު އާލިމް އެއްމިޔަކަނުން ހީލިއެވެ.

" ހުރިހާ ކަމެއް ހަމަޖެހުނީމައޭ؟ ހައް… ހުރިހާ ކަމެއް ހަމަޖެއްސީ އަހަރެންގާތު އަހާފައިތަ؟ އަހަރެން ގާތުން ޚިޔާލެއް ހޯދިންތަ؟ "

ޖެނީއާ ދިމާއަށް ކުޑަކޮށް ގުދުވެލުމަށްފަހު އާލިމް ބުނެލިއެވެ.

" ހެޔޮ! އަހަރެން އޮފީހަށް ދާނަން.. އާލް ބަލަން ބޮޑު ޚަރަދުކޮށްފަ މިގެއަށް މީހަކު ގެންނަމެއްނު.. ދެން ކޮބާތަ މައްސަލައަކީ؟ "

ޖެނީގެ ހަރުކަށި އަޑުން މިފަހަރުވެސް އާލިމަށް ޖެހުނީ އިތުރަށް ރުޅި އަންނާށެވެ.

" އަހަރެން މިބުނީނު އާލްގެ ކަންތައްތައް ބަލަހައްޓަން ޖެހޭނީ އާލްގެ މަންމައޭ! "

" އާލިމް ކޮންމެހެން ރުޅި ގަދަ ކުރާނެ ކަމެއް ނެތް! އަހަރެން… ވަޒީފާއަށް ދިޔުމަކަށް އާލިމަށް ހުރަހެއް ނޭޅޭނެ! އެކަމަށް ދެކޮޅުހަދަންޏާ އަހަރެން ވަރިކުރޭ! "

ދުރަށް ބަލަހައްޓައިގެން ހުރެ ޖެނީ އެހެން ބުނުމާއެކު އާލިމަށް ލިބުނީ ކުއްލި ސިހުމެކެވެ. އިރުކޮޅަކު ޖެނީއަށް ބަލަން ހުރުމަށްފަހު އެއްޗެއް ނުބުނެ، އޭނާ ބާރުބާރަށް ކޮޓަރިން ނިކުތެވެ. އެއާއެކު ޖެނީވެސް އެނދުމަތީގައި އިށީނދެ ދެއަތުން ބޮލުގައި އަތް ޖައްސާލިއެވެ.

***

ލިވީ ހޭލާނެ އިރެއްގެ އިންތިޒާރުގައި ޝަޒާ އިނީ ސިޓިންގރޫމް ސޯފާގައެވެ. އޭރު އޭނާގެ ދެލޮލަށްވެސް ނިދި ޖަމާވާން ފަށައިފިއެވެ. ތާއްޔާ ޖެހިޖެހި އިންދާ ކުއްލިއަކަށް އޭނާ ސިހުނީ ދޮރުގައި ތަންކޮޅެއް ބާރަށް ޓަކި ޖަހާލި އަޑަށެވެ.

" މިގަޑީގައި ކާކު؟ "

ޝަޒާއަށް މަޑުމަޑުން ބުނެވުނެވެ. އިރުކޮޅަކު ފިކުރު ކުރަން އިންދާ އަނެއްކާވެސް ޓަކި ޖަހާލި އަޑަށް އިތުރަށް މަޑުނުކޮށް ގޮސް ކުޑަކޮށް ދޮރު ހުޅުވާލިއެވެ. އެއާއެކު ބޭރުގައި ހުރި އާލިމް ނުހަނު އަވަހަށް އެތެރެއަށް ދެމިގަތެވެ. އަދި ބިންމަތީގައި ކުޑަކަކޫ ޖެހުމަށްފަހު ޝަޒާގެ އުނަގަނޑުގައި ބައްދައިގަތެވެ.

" އާލިމް؟ ހޭ! ކިހިނެއްވީ؟ "

އޭރު އާލިމް ގިސްލަމުންދާކަން ޝަޒާއަށް އެނގެއެވެ. އެހެންކަމުން އޭނާގެ މޭ ބާރުބާރަށް ތެޅެން ފެށީ ބިރުންނެވެ. ގުދުވެލާފައި ޝަޒާ ވަރަށް މަސައްކަތުން އާލިމް އޭނާގެ ގައިން ނައްޓުވާލިއެވެ. އަދި އާލިމްގެ ކުރިމަތީގައި އިށީނުމަށްފަހު، ދެއަތުން އޭނާގެ މޫނުގައި ހިފަހައްޓާލިއެވެ. އޭރުވެސް އާލިމް އިނީ އިސްޖަހައިގެންނެވެ.

" ބަލާލަބަ! އަހަރެންގެ މޫނަށް ބަލާލަބަ! ކިހިނެއްވީތަ؟ "

އޯގާތެރިކަމާއެކު ޝަޒާ ކޮށްލި ސުވާލާއެކު އާލިމް ޝަޒާގެ ގައިގައި އަނެއްކާވެސް ބައްދާލިއެވެ. އާލިމްގެ ބުރަކަށީގައި އަތް ޖައްސާލަން ބޭނުންވި ނަމަވެސް ޝަޒާގެ ޟަމީރު އެކަމަށް އެއްބަހެއް ނުވިއެވެ. އެހެންކަމުން މިފަހަރުވެސް ޝަޒާ، އާލިމް އޭނާއާ ދުރުކުރިއެވެ.

" ކިޔައިދީބަލަ ވެގެން އުޅޭ ގޮތެއް.. އާލްއަށް ކަމެއް ވީތަ؟ "

ޝަޒާގެ ސުވާލުން މިފަހަރު އާލިމް ދެފަރާތަށް ބޯ ހޫރާލިއެވެ.

" ތެދުވެބަލަ! އާދޭ ސޯފާގައި އިށީނދެލަން.. އާދޭ! "

ޝަޒާ މަޑުމަޑުން ތެދުވުމާއެކު އާލިމްވެސް ތެދުވެއްޖެއެވެ. އަދި ޝަޒާގެ ފަހަތުން ގޮސް ސޯފާގައި އިށީނެވެ. އެއަށްފަހު ކަކުލުގައި ދެއުޅަނބޮށި ވިއްދާލުމަށްފަހު ދަތްދޮޅީގައި އަތްވިދެލައިގެން އޭނާ އިނީ ޝަޒާގެ މޫނަށް ބަލާލާނެ ހިތްވަރުވެސް ނެތް ކަހަލަ ގޮތަކަށެވެ.

" ފެންތައްޓެއް ގެނެސްދެން؟ "

ޝަޒާގެ ސުވާލު އަޑުއިވުމާއެކު އާލިމް ދެފަރާތަށް ބޯ ހޫރާލިއެވެ.

" ކިހިނެއްވީތަ ދެން؟ އަހަރެން ހާދަ ބިރުގަނެޔޭ! "

މިފަހަރުވެސް ވާހަކަ ދެއްކީ ޝަޒާއެވެ. އެއާއެކު އާލިމް ބޭނުންވީ ހިތުގައިވާ ހުރިހާ އުދާސްތަކެއް ބޭރުކޮށްލާށެވެ.

" ކީކޭ ބުނާނީ ޝަޒާ؟ ދިރިއުޅުމުގައި ދާންވީ މިސްރާބު އަހަންނަށް އޮޅިއްޖެ! އަހަންނަށް މިހާރު އިޙްސާސްވަނީ އަހަރެންގެ ނިކަމެތިކަން.."

ކުރަކިވެފައިވާ އަޑަކުން އާލިމް ބުނި ޖުމްލައިން ޝަޒާ ހިތުގައި ޖެހުނެވެ. ކުޑަކޮށް އާލިމާ ކައިރިއަށް ޖެހިލުމަށްފަހު ޝަޒާ ކުޑަކޮށް ބޯ އަރިކޮށްލީ އާލިމްގެ މޫނު ދެކިލަން ބޭނުން ވެގެންނެވެ.

" ތަންކޮޅެއް ތިލަކޮށް އަހަންނަށް ކިޔައިދީބަލަ! ޖެނީއާ މައްސަލައެއް ޖެހުނީތަ؟ "

ދެލޯ މަރާލަމުން އާލިމް ލަސްލަހުން ބޯ ޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އެއާއެކު ޝަޒާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

" އޭނަ އަހަންނަށް އިޙްސާސްކޮށްދިނީ އަހަންނަކީ ހަރުދަނާ ފިރިއެއް ނޫންކަމަށް.. އަދި ފިރިއެއްގެ މަޤާމުގައި ހުރުމުގެ ޤާބިލްކަމެއްވެސް ނެތްކަމަށް.."

ހިތުގައި ޖެހިފައި އިނދެ އާލިމް ބުނެލިއެވެ. ޝަޒާ އިނީ އަޑުއަހާށެވެ.

" ލިބޭ އެއްޗަކުން ކިރިޔާ ދެކޮޅު ޖެހެމުން މިދަނީ! ޝަޒާ އަހަރެމެންގެއަށް ގެނައީވެސް ޖެނީގެ އެދުމަށް އޭނައަށް ފަސޭހައަކަށް… ޝަޒާއަށް މުސާރަ ދޭނެ ފައިސާ ނެތީމަ އަހަރެން ޑިޔުޓީ ކުރަމުން ރޭގަނޑުވެސް ކާރުދަތުރު ތަކަށް އަރަން! އަހަންނަކީވެސް އިންސާނެކޭ.. ހަމަޖެހިލުމުގެ ނޭވާއެއް އެންމެ ފަހަރަކު ނަމަވެސް ފަޒާގެ ތެރެއަށް ދޫކޮށްލުމުގެ ޙައްޤު އަހަންނަށްވެސް އޮންނަންވާނެއެއްނު.. އެކަމަކު އަހަރެން އެކަންވެސް ހަނދާން ނައްތާލިން.. ކީއްވެ؟ ޖެނީގެ އުފަލަށް! ޖެނީ ބޭނުންވާ ގޮތް ހަދައިދޭން… "

ހުއްޓުމެއްނެތި ވާހަކަތައް ދެއްކުމަށްފަހު އާލިމް ފުން ނޭވާއެއް ދޫކޮށްލީ ވަރުބަލިވެގެންނެވެ. އޭރުވެސް އެއްޗެއް ނުބުނެ ޝަޒާ އިނީ އާލިމްގެ ހިތުގައިވާ ހުރިހާ ޝަކުވާއެއް ބޭރުކުރަން ފުރުޞަތު ދީގެންނެވެ.

" އަހަންނަށް އަހަރެންގެ ދަރިފުޅު ވަރަށް މުހިއްމު! އެއީ އަހަރެންގެ ހުރިހާވެސް މީހަކީ! އުފަލަކީ… އަހަރެން ބޭނުންވަނީ އެދަރިފުޅުގާތު ޖެނީ އަބަދުވެސް ހުންނަން! މަޔަކަށްވުރެ ބޮޑަށް ދަރިއެއްގެ ކަންތައްތައް އެނގޭނެ އިތުރު މީހަކު ނުހުންނާނެއެއްނު.. އެދަރިފުޅުގެ އިޙްސާސްތައް އެންމެ ގާތުން އިޙްސާސް ކުރެވޭނީވެސް މަންމައަށެއްނު.. އެއީ އަހަރެން ދެކޭގޮތް.. އެކަމަކު.. ޖެނީއަށް އާލް މުހިއްމެއް ނުވި.. ޖެނީ ބޭނުންވަނީ މިހާރު ވަޒީފާއަށް ދާން.. އެނގޭތަ ކީއްވެކަން؟ "

ދުރަށް ބަލަހައްޓައިގެން އިނދެ ވާހަކަ ދައްކަމުން އާލިމް ޝަޒާއަށް ބަލައިލިއެވެ. އޭރު އޭނާގެ ދެލޮލުން ކަރުނައިގެ އަސަރުތައް ވިދަވިދާ ހުރިތަން ޝަޒާއަށް ފެނުނެވެ.

" އަހަންނަށް ޖެނީ ބޭނުންވާ ވަރަށް ޚަރަދު ނުކުރެވޭތީ.. ފިރިއެއްގެ ޒިންމާ އަދާ ނުކުރެވޭތީ… ޖެނީގެ އުފަލަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައި ނުދެވޭތީ… މިހެން ޖެނީ ބުނީ… އޭނަ އަހަރެންގެ އަގު ވަރަށް ދަށް ކޮށްފި.. އަހަރެން ރެޔާދުވާލު ކުރަމުން މިދާ މަސައްކަތްތަކާއި އޮހޮރުވާ ދަލުގެ އަގުވަޒަންކޮށްދިނީ ވަރަށްވެސް ހިތްދަތި ގޮތަކަށް! އަހަރެން މިއަދު ވަރަށް ދެރަވެއްޖެ.. ވަރަށް ހިތުގައި ޖެހިއްޖެ.. އަހަރެންގެ ދިރިއުޅުމަށާ ޖެނީއަށްޓަކައި ކުރި ހުރިހާ ކަމެއް އޭނަ ހަނދާން ނައްތާލައިފި! ޝަޒާ ބުނެބަލަ! އަހަންނަކީ ގޯސް ފިރިއެއްތަ؟ އަހަރެން އެމީހުންގެ ބޭނުންތައް ފުއްދައި ނުދޭތަ؟ "

އާލިމްގެ ސުވާލުތަކާއެކު ޝަޒާއަކަށް ކެތެއް ނުކުރެވުނެވެ. އެހެންކަމުން އޭނާގެ އިޙްސާސްތައް ފޮރުވުމަށްޓަކައި އަވަސް އަވަހަށް ސޯފާއިން ތެދުވެ ތަންކޮޅަކަށް ހިނގައިގަތެވެ.

" އާލިމަކީ އަހަރެން ދުވަހަކުވެސް ނުދެކޭފަދަ ރަނގަޅު ފިރިއެއް! އޯގާތެރި ބައްޕައެއް.. ތިއީ ރަޙުމާއި ކުލުނުން ފުރިފައިވާ ހިތެއްގެ ވެރިއެއް! އާލިމްގެ ފަރާތުން އަހަންނަށް ފެނިފައިވާ ސިފަތަކަކީ މީގެ ކުރިން ދުވަހަކުވެސް އަހަންނަށް އެހެން މީހެއްގެ ކިބައިން ނުފެންނަ ކަހަލަ އާދަޔާ ޚިލާފް ސިފަތަކެއް.. އާއިލާއަށް ދޭ އަހަންމިއްޔަތުކަމަކީ މި ޒަމާނުގައި ވަރަށް މަދު ފިރިއެއްގެ ފަރާތުން ފެންނަ ކަންތައްތައް! "

ވާހަކަ ދައްކަމުން ގޮސް ޝަޒާއަށް ވާހަކަ މެދުކަނޑާލަން ޖެހުނީ އާލިމް އައިސް އޭނާގެ ފަހަތުގައި އެހާމެ ގާތުގައި ހުއްޓުނުކަން އެނގުމުންނެވެ. .

" ތިކަންތައްތައް އަހަރެންގެ އަނބިމީހާއަށް ނުފެނުނީ ކީއްވެ؟ "

އާލިމް އަސަރާއެކު ސުވާލު ކުރިއެވެ. ނޭވާ ހިފަހައްޓާލައިގެން ހުރެ ޝަޒާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

" ޖެނީއަށްވެސް އެނގޭނެ.. އެކަމަކު.. ޖެނީވެސް ކޮންމެވެސް ވަރަކަށް މިނިވަންކަން ބޭނުންވަނީ ކަމަށް ވެދާނެ.. "

" ޖެނީއަށް އަހަރެން ފުރިހަމަ މިނިވަންކަން ދޭވަރު ޝަޒާއަށްވެސް މިހާރު ފެނިފައި ހުންނާނީ! ބުނެބަލަ! އަހަރެން ދެން ކިހިނެއް ހަދާނީ؟ ޖެނީ ބުނީ އޭނަ ވަޒީފާއަށް ނުފޮނުވަންޏާ ވަރިކުރާށޭ"

އާލިމްގެ ޖުމްލައިން ޝަޒާއަށް ފަހަތް ބަލައިލެވުނީ ހައިރާންކަމާއެކުގައެވެ.

" ޖެނީ ކީއްވެ އެހިސާބަށް ދާންވީ؟ އާލިމް! އާލްގެ ޙައްޤުގައިވެސް ޖެނީ ދޫކޮށްނުލާތި.. އޭނަ ބޭނުންވާ ގޮތަކަށް އުޅެން ހުއްދަ ދީ!"

ވިސްނައިދޭފަދަ ގޮތަކަށް ޝަޒާ ބުންޏެވެ. އެއާއެކު އާލިމަށް މިފަހަރުވެސް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

" ނުވެވޭނެ އެއްބަހެއް! އަހަރެން ބޭނުމެއް ނޫން ޖެނީ ވަޒީފާއަށް ފޮނުވާކަށް! ޖެނީ ބޭނުމިއްޔާ ޖެނީއަށް އަހަރެންގާތުން މިނިވަން ވެވިދާނެ"

ފަހަތަށް ދެތިން ފިޔަވަޅު އެޅުމަށްފަހު އާލިމް ބުނެލިއެވެ. ކަންބޮޑުވެ ހުރެ އާލިމްގެ މޫނަށް ބަލަހައްޓައިގެން ޝަޒާއަށްވެސް ހުރެވުނީއެވެ.

" އެހެން ނަހަދައްޗޭ! އެހެން ނަހަދާތި! ތިއީ ވަރަށް ބޮޑު ގޯހެއް.. ތިހާ ހިސާބަށް އަދި ދާކަށް ނުވެއެއްނު…"

ޝަޒާގެ ޖުމްލައިން އާލިމް ހުއްޓުނެވެ. އަދި ދެޖީބަށް އަތް ޖަހާލަމުން ވަރުދެރަވެފައި ހުރި ކަހަލަ ގޮތަކަށް ޝަޒާއަށް ބަލައިލިއެވެ.

" ޖެނީ އަހަރެންގާތުން ދިޔައްޔާ ޝަޒާ އަހަރެންގެ ދިރިއުޅުމަށް އަންނާނަންތަ؟ "

އާލިމްގެ ޖުމްލައިން ޝަޒާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ނޭވާ އެތެރެއަށް ހިފަހައްޓާލައިގެން ހުރެ އޭނާއަށް ވަގުތުން އާލިމަށް ފުރަގަސް ދެވުނެވެ.

" ކީއްވެ އެއްޗެއް ނުބުނީ؟ ޝަޒާ އަހަރެންދެކެ ވާ ލޯބި ސިއްރު ކުރަން އުޅުނަސް އަހަންނަށް އިޙްސާސް ކުރެވެޔޭ! އަދި ބުނަންތަ؟ އަހަރެންގެ ދަރިފުޅަށް ތިއަށްވުރެ ރަނގަޅު މަންމައެއްވެސް ނުލިބޭނެ.. ޝަޒާ އައިފަހުން އަހަރެންގެ ދަރިފުޅުގެ ހުރިހާ ކަމެއް ބަދަލުވެއްޖެ.. އަޚްލާޤާއި އުޅުންވެސް ވަރަށް ތަފާތު.. އެއީ ހަމަ ގޭތެރެއިން ޝަޒާ އާލްއަށް ދޭ ތަރުބިއްޔަތު.. "

އާލިމްގެ ވާހަކަ އަޑުއަހަން ހުރެ ޝަޒާ ހަޅޭއްލަވައިގަތެވެ.

" ހުއްޓާލާ! އާލިމް.. ދެން ހުއްޓާލާ… އަހަރެން ކިހިނެއް އާލިމްގެ ޙަޔާތަށް ދާނީ؟ ތިއީ އަހަރެންގެ އެކުވެރިޔާގެ ޙައްޤެކޭ.. އަހަރެން ކިހިނެއް އޭނައަށް އޮޅުވާލާނީ؟ "

" ތިހިތުގައި އަހަންނާމެދު އުފެދެމުންދާ ޖަޒްބާތުތައް ސިއްރު ކުރަން މަސައްކަތް ނުކުރޭ ޝަޒާ! މިއީ ކުށެއް ނޫނޭ.. ޖެނީ ދެކޭގޮތުގައި އަހަންނަކީ ވަރަށް ދަށުފަންތީގެ މީހެއް! އަހަރެންގެ އަނތްބެއްގެ ގޮތުގައި ބައިންދަން ބޭނުންވަނީ އެ ފެންވަރުގެ މީހެއް ނޫން! "

ތަންކޮޅެއް ބާރަށް އެހެން ބުނުމަށްފަހު އާލިމް ނިކުމެގެން ދިޔައެވެ. އޭރުވެސް ޝަޒާއަށް ހުރެވުނީ ދޮރާ ދިމާއަށް ބަލަހައްޓައިގެންނެވެ.

***

ބޭރުގައި އެތައް ވަގުތެއް ހޭދަ ކުރުމަށްފަހު މެންދުރުވީފަހުން އާލިމް ގެއަށް އައިސް ވަނެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ކާމޭޒު ކައިރީ ފޯނެއްގައި ހުރި ޖެނީއެވެ. އޭނާގެ މޫނުމަތީގައިވަނީ ހާސްކަމުގެ އަސަރުތަކެވެ.

" އަހަރެންދެކެ ރުޅި އައިސްގެން ދިޔައިރު ނޭނގޭތަ ދަރިފުޅު ސްކޫލަށް ގެންދަން ޖެހޭނެކަމެއް؟ އެ ޝަޒާވެސް މިއަދު މިގެއަށް ނައިސް ވީނުވީއެއްވެސް އަންގާނުލި! ގުޅީމަ ފޯނެއްވެސް ނުނަގާ.. އަހަރެން މާދަމާ އޮފީހަށްވެސް ނިކުންނަންޖެހޭ.. އޮފީހަށް ދަންޏާ ހެދުންވެސް ހޯދަން ޖެހޭނެއެއްނު.. ލާންކެރޭވަރުގެ އެންމެ ހެދުން ގަނޑެއްވެސް އޮތީއެއް ނޫން.. "

ކަންފަތުގައި ގުގުމަމުން ދިޔަ ރުޅިވެރި ބަސްތަކުން އާލިމް ގާތަށްވެސް ރުޅި އަތުވެއްޖެއެވެ.

" އާލް ސްކޫލަށް ނުގެންދަނީތަ؟ "

" އާނ! އާލް ސްކޫލަށް ދާން ޖެހޭކަން އާލިމަށްވެސް އެނގޭނެއެއްނު.. އަހަރެން ބޭނުން ނުވީ ގުޅައިގެން ގެންނަން.."

ފޫހިވެފައި ހުރެ ޖެނީ އެހެން ބުނުމާއެކު އާލިމްގެ އަތަށް ބާރުކޮށްލެވުނެވެ. ޖެނީގެ މޫނުމަތީގައި އެތިފަހަރެއް ޖަހާނަމޭވެސް އޭނާގެ ހިތަށް އެރިއެވެ.

" ޖެނީއަށް ކީއްވެތަ ނުދެވެންވީ؟ "

ޖެނީއަށް ވުރެ ބާރަށް އާލިމަށް ހަޅޭއްލަވައިގަނެވުނެވެ. އެއާއެކު ކޮޓަރީގައި ކުޅެން އިން އާލް ނިކުތުމާއެކު އާލިމަށް ހިމޭން ވެވުނެވެ.

( ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *