[ނުކެރޭނެ- އަޅުގަނޑު ލަދުގަނޭ-]
[އައްދޭ- ކޮން ލަދެއް- ކަލޭ ދުވަހަކުވެސް ލިބާސް ނުބާލަނީތަ-؟]
ނޫން- ސަމީރާ ލަދުން މޫނުގައި އަތްއެޅިއެވެ.
[ލިބާސް ބާލާނީތަ-؟ ނޫނީ ޒުހުރާ ދައްތައަށް ގޮވަންވީތަ-؟] ޝަބާނާ ހަޅޭއްލަވައިގަތެވެ.
އަޑުގައި ވަނީ އަމުރުވެރި ކަމެވެ. އެއީ އާދައެވެ. ސަމީރާ ލަދުންނާއި ބިރުން ހުރެ ލިބާސް ބާލައިފިއެވެ. އެއަށްފަހު ޝަބާނާގެ އަމުރަށް ކިޔަަަމަން ވުމުގެ ގޮތުން ބިލިގާއަށް އެރިއްޖެއެވެ.
ދެކުދިން ރަނގަޅަށް ފެންވަރައި ނިމިއްޖެއެވެ.
ބޮޑާކަމާއި، އަމުރުވެރިންކަން އެކުލެވިފައިވާ ރާގެއްގައި ޝަބާނާ އަހައިލިއެވެ. [ސަމީރާ- ދެންކަލޭ ލާނީ ކޮން ލިބާހެއް-]
[ލިބާހޭ-؟] ސަމީރާ ޙައިރާން ވިއެވެ. [އަޅުގަނޑު ލާނީ ދެންމެ މިބޭލި ލިބާހެއް ނޫންތޯ-؟]
ޝަބާނާ މޫނު ކުނިކޮށްލިއެވެ. [ތިޔަ ދާ ލިބާސްގަނޑުތަ-؟ ދުވާ ވަހުން ނޯށް ދަމާލަން ނުކެރޭ- ތިޔަ ހަޑި ލިބާސްގަނޑު ލާން ފެންވެރީ ކީއްކުރަން-؟]
ސަމީރާ ޖަވާބު ދިނުމުގެ ބަދަލުގައި ސުވާލެއް ކޮށްލިއެވެ. [ޝަބާނާ ލައްވާނީ ކޮން ލިބާހެއްތޯ-؟]
[އަހަރެން-؟] ޝަބާނާ ފަޚްރުވެރި ކަމާއެކު މޭ ފުއްޕާލިއެވެ.
[އަހަރެން ލާނީ އިހަށް ދުވަހު ފެހި ފަށުވި ލިބާސް- ކަލޭ ތިޔަހެން އެހީ ކީއްވެގެން-]
ސަމީރާ ވިސްނަން ފަށައިފިއެވެ. ކުޑައިރުކޮޅަކު އަނގައިން ނުބުނެ ހުރެފައި ކުއްލިއަކަށް ހީނގެންފިއެވެ. [ހަމަ އަހައިލީ…]
ސަމީރާގެ ވާހަކަ ނުނިމެނީސް އަނެއްކާވެސް ޝަބާނާ އަހައިލިއެވެ. [ކީއްވެގެން-؟]
ސަމީރާ އޭނާ ބުނަން އުޅުނު ވާހަކަ އަވަސް އަވަހަށް ބުނެލިއެވެ. [އަޅުގަނޑު ނަންގަންނަން އުޅުނީ ދެމީހުން އެއްބަނޑު ދެމީހުންނަމަ ޝަބާނާގެ ހުރިހާ ލިބާހެއް އަޅުގަނޑަށް ލެވޭނެތޯއޭ-؟]
[އަހަރެންގެ ލިބާސްތަކޭ-؟ ތިޔަ ބުނީ އަހަރެންގެ ފޮށީގަޔާއި، އަލަމާރީގައި އެހެރަ ހުރިހާ ލިބާހެއްގެ ވާހަކަތަ-؟]
ސަމީރާ ކުޑަކޮށް ބިރުންހުރެ ބޯ ޖަހައިލިއެވެ.
ޝަބާނާ ވަރަށް ބާރަށް ހީނގެންފިއެވެ. [ސަމީރާ- ކަލޭ ހާދަހާ މޮޔައޭ- ކަލެއަކީ ނޯކަރެއް- މިގޭގައި ގެންގުޅޭ ކުއްޖެއް- ކަލޭ ލާން ވާނީ އަހަރެން ލާފައި ހުންނަ ބާ ލިބާސް- މުޅި އުމުރު ދުވަސް ހޭދަކުރަން ޖެހޭނީ ބާ ލިބާސް ލައިގެން- ކަލެއަށް އެވަރުވެސް ނޭނގެނީތަ-؟] ޝަބާނާ އޭނާ ގައިން ބޭލި ލިބާސް ދެއިނގިލި ކުރިން ނަގައި ސަމީރާއާ ދިމާއަށް އެއްލިއެވެ. [އަން- މިއޮތީ- އަހަރެން ދެންމެ ބޭލި ލިބާސް ކަލެއަށް- އަހަރެންގެ އަތުގައި ބައިވަރު އާ ލިބާސް އެބަހުރި-]
ސަމީރާ ގާތަށް ރުޅި އަތުވެއްޖެއެވެ. [އަޅުގަނޑު ތިޔަ ލިބާސް ލާންވީ ކީއްވެގެންތޯ-؟ ޝަބާނާވެސް އަޅުގަނޑުގެ ލިބާސް ލައްވާ-] އޭނާ ގައިން ބޭލި ލިބާހަށް އިޝާރާތް ކޮށްލިއެވެ.
ޝަބާނާ ރުޅިއައިސްގެން ހަޅޭއް ލަވައިގަތެވެ. [ޒުހުރާދައްތާ- ޒުހުރާ ދައްތާ-]
ޒުހުރާ ދޮރު ހުޅުވާފައި އެތެރެއަށް ވަދެއްޖެއެވެ. [ހޫނ- ދެބޭކަނބަލުން އަދިވެސް ތިޔަ ތިއްބެވީ އޮރިޔާމުން-؟] ޒުހުރާ ރުޅި އައި ކަމަށް ހަދާލިއެވެ.
ޝަބާނާ ތުވާލި ނަގައި ގައިގައި އޮޅައިލިއެވެ. ސަމީރާ އެއްވެސް ޙަރަކާތެއް ނެތިފައި ހުރީއެވެ. ޒުހުރާ އޭނާގެ ދަރިފުޅާ ދިމާއަށް ބަލައިލިއެވެ. [ސަމީރާ- ބޮޑެތި މީހުންގެ ފާޚާނާއަށް ވަދެގެން ފެންވަރާކަށް ކަލޭ ލަދެއް ނުގަނޭތަ-؟]
[އަހަރެން އައީ ޝަބާނާ ބުނުއްވީމާ- އަމިއްލައަކަށްނޫން-]
ޒުހުރާ ބިރުން ފަރާތް ފަރާތް ހޯދައި ބަލައިލިއެވެ. އެއްވެސް މީހަކު ބަލަން ހުރިތޯއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޒުހުރާ، ސަމީރާގެ އަތުގައި ހިފާ ދަމައިފައި ގެނެސް ފާޚާނާއިން ބޭރުކޮށްފިއެވެ. [އަވަހަށް ކޮޓަރިއަށްދޭ- ނުހިކި ގިނައިރު ވެއްޖެއްޔާ އަރިދަފުސް އަޅައިދާނެ-]
[އަހަރެންގެ ލިބާސް-] ސަމީރާ އަނެއްކާވެސް ފާޚާނާއަށް ވަންނަން އުޅުނެވެ.
[އެ ލިބާސް ބާއްވާ- އިހަށް ދުވަހު ޝަބާނާ ދެއްވި ލިބާހެއް އޮންނާނެ-]
އުމުރުން އެންމެ ހަތް އަހަރުވީ ސަމީރާއަކަށް މިއިން އެއްވެސް ކަމެއް މާރަނގަޅަކަށް ނުވިސްނުނެވެ. އޭނާ ޖެހިލުން ވެފައި ހުރެ އަހައިލިއެވެ. [އަހަރެން ޝަބާނާގެ ބާ ލިބާސް ލާއިރު، އޭނާއަށް އަހަރެންގެ ބާ ލިބާސް ނުލެވެންވީ ކީއްވެގެން-؟]
[ކަލޭ ތިޔަ ބުނި ވާހަކަ އަހަރެން މަންމައަށް ނަންގަންނާނަން-] ޝަބާނާ ބުނެލިއެވެ.
ޒުހުރާ ބިރުން ޝަބާނާ ގަޔާ ކައިރި ކޮށްލައިފައި ބުންޏެވެ. [ޝަބާނާ- މިއީ ބޮޑު މޮޔައެއް- ބުއްދި ހަމަނުޖެހޭ ކުއްޖެއް- އެކަަހަލަ މޮޔައެއްގެ ވާހަކަ މަންމައަށް ނަންގަތުމުގެ ބޭނުމެއް ނެތް- މީގެ ފަހުން އޭނާ އެއްވެސް ކުޅިވަރެއްގައި ބައިވެރި ނުުކުރައްވާތި- ވާހަކަވެސް ނުދައްކަވާތި-]
ޝަބާނާ ފެންހިއްކައި ރީތިކޮށް ކާންދީ ނިމިގެން ޒުހުރާ ކޮޓަރިއަށް އައި އިރު ސަމީރާ ހަމަ ކުރިންވެސް ހުރި ގޮތަށް އޮރިޔާމުން ކޮޓަރި ތެރޭގައި ހުއްޓެވެ. އޭނާ ފެނުމާއެކު ޒުހުރާ އަމުނައިގަތެވެ.
ޝަބާނާ ބަލާ މީހެއްގެ ގޮތުގައި އެގޭގައި ހުރެވޭކަން އެއީ ވަރަށް ބޮޑު ނަޞީބެކެވެ. ގެއެއް، ދޮރެއް ނެތް މީހަކަށް އެއީ ކިހައި ބޮޑު ކަމެއް ހެއްޔެވެ؟ ޒުހުރާގެ މަސައްކަތަކީ ޝަބާނާ ފެންވެރުވުމާއި، ކާންދިނުމާއި، އަންނައުނު ދޮވެ އިސްތިރި ކުރުމެވެ. އެ މަސައްކަތުގައި އުޅޭ މީހާ އަބަދުވެސް ހުންނަން ޖެހެނީ ސާފު ތާހިރުކޮށް ކަމަށްވާތީ އޭނާއަށް ރީތި އަންނައުނު ލިބެއެވެ. އޭނާގެ ދަރިފުޅު ސަމީރާއަށްވެސް ޝަބާނާ ލައި ބައުވެފައި ހުންނަ ލިބާސް ވަރަށް ގިނައިން ލިބެއެވެ. މުއްސަނދި ބަޔަކަށް ވާތީ ދެފަހަރަކު ލެވޭއިރު އޮންނަނީ ލާން ކަމުނުދާ ވަަރަށް ބައުވެފައެވެ. ޝަބާނާ ބޭނުން ކޮށްފައި، ކަމުނުގޮސްގެން އެއްލައިލާ ތަކެތީގެ ތެރޭގައި ބައެއް ފަހަރަށް ރަނުގެ ގަހަނާވެސް ހުރެއެވެ. ސަމީރާއަށް ވާހަކަ ދެއްކެން ފެށީއްސުރެ ޝަބާނާ ބޭނުން ކޮށްފައި ހުންނަ ބާ އެއްޗެތި ބޭނުން ކުރަން ޖެހޭތީ ޝަކުވާ ކޮށް، މައްސަލަ ޖައްސައި ހަދައެވެ. މޫނު ބަލާ ލޯގަނޑު ދޮށަށް ހުއްޓި ހުރެ ބުނެއެވެ. [މަންމާ- އަހަރެން ޝަބާނާއަށްވުރެ ރީއްޗެއް ނޫންތަ-؟ އެހެންވީއިރު އޭނާގެ ބާލިބާސް އަހަރެން ލާންވީ ކީއްވެގެން-؟]
ޒުހުރާ އޭނާއަށް ވިސްނައި ދެވޭތޯ ވަަރަށް މަސައްކަތް ކުރެއެވެ. ބޮޑެތި މީހުން ވާނީ ބޮޑެތި މީހުންނަށެވެ. ބޮޑެތި މީހުންނަށް އޭނާ އެ ކަހަލަ ވާހަކަ ދައްކާކަން އެނގިއްޖެއްޔާ ވަގުތުން ގެއިން ބޭރަަށް ލާނެއެވެ. މަގުމަތި ކޮށްލާނެއެވެ. ޝަބާނާވެސް އަމިއްލައަށް ކަންތައް ކުރެވޭ ވަރަށް ބޮޑު ވެއްޖެއެވެ. ކިރުބުއި ދުވަސް ފާއިތު ވެއްޖެއެވެ. މިހާރު އޭނާ ނެރެލުމަކީ އެއްގޮތަކަށްވެސް ޖެހިލުން ވާނޭ ކަމެއް ނޫނެވެ. މަޢާފު ކުރެވޭނީވެސް ކުރެވޭވަރުގެ ކުށެއް ނަމަތާއެވެ. ނޯކަރަކާއި ސާހިބު މީހާ އެއްފެންވަރަކަށް ގެންނަން ހިތަށް އެރުވުމަކީވެސް ކުށެކެވެ.
[މީގެ ފަހުން ތިޔަކަހަލަ ވާހަކައެއް ނުދައްކާތި- ކަލެޔަށް ޖެހޭނީ މުޅި އުމުރު ދުވަހު އޭނާގެ ބާ ލިބާސް ލައިގެން އުޅެން- ގޮތްކުޑަ ދަރިޔާ-]
ގޮތްކުޑަ ދަރި ހިމޭނުން ހުރެއްޖެއެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑިން އެޚިޔާލު ނެރެ އެއްލައެއް ނުލެވުނެވެ.
އެންމެ ފުރަތަމަ ޝަބާނާ ނަމާދުކުރީ އުމުރުން ތޭރަ އަަހަރުގައެވެ. ބޮޑުވީމައެވެ. އެދުވަހު އޭނާ ލީ ލިބާސް ވަރުގެ ރީތި ލިބާހެއް ސަމީރާ ދުވަހަކުވެސް ނުދެކެއެވެ. ހީވަނީ ސާފު ރަނުން ފަހާފައި އޮތް ލިބާހެއް ހެންނެވެ. އެދުވަހު އޭނާއަށްވެސް ވަަރަށް އަގުބޮޑު، ރީތި ލިބާހެއް ލިބުނެެވެ. އެހެންނަމަވެސް ޝަބާނާ ލައިފައި އޮތް ލިބާހެކެވެ. އެލިބާސް ލިބުނީމާ ޒުހުރާ ވަރަށް އުފާވިއެވެ. ލިބާސް ގެނެސް ދިނީމާ ސަމީރާ ބުނެލިއެވެ. [މަޖުބޫރީގެ ސަބަބުން އުފާވުމަކީ މުޅިން އެހެން ކަމެއް- އެހެންނަމަވެސް މަންމަ އަހަރެންގެ ކުރިމަތީގައި މިކަހަލަ ބާލިބާހެއް ލިބިގެން އުފާ ފާޅުކޮށް ނުހަދާތި-]
[ދަރިފުޅާ-] ޒުހުރާ ވައިއަޑުން ބުނެލިއެވެ. [މިލިބާހުގެ އަގު ތިން ހަތަރު ސަތޭކަ ރުފިޔާއަކަށްވުރެ ކުޑައެއް ނުވާނެ- މިހައި އަގުބޮޑު ލިބާހެއް ލިބުނުކަން އެއީ އަހަރެމެންގެ ނަޞީބު-]
[މަންމާ-] ސަމީރާ ވަރަށް އަސަރާއެކު ބުންޏެވެ. [އަހަރެންގެ ހިތަށް އަރާ ޝަބާނާއަށް އަހަރެންގެ ބާ ހެދުމެއް ދެވޭނެ ނަމައޭ-]
ޒުހުރާ ބޯ ހޫރައިލިއެވެ. [ކަލޭވެސް މިހާރުބޮޑުވެއްޖެ- ދެންވެސް ނިކަން ވިސްނުމުގެ ބޭނުން ކޮށްބަލަ- ތިޔަކަހަލަ ވާހަކައެއް އަޑުއިވިއްޖެއްޔާ އަހަރެމެންގެ ދުވަސްދާނެ- އެންމެ ކުޑަމިނުން އަހަރެންގެ މުސްކުޅި ޙާލާމެދު ވިސްނާލަބަލަ-]
މަންމަ ރޯންފެށީމާ ސަމީރާ ހިމޭންވެއްޖެއެވެ.
ކިޔަވަން ދާން ފެށީ ޝަބާނާޔާ، ސަމީރާޔާ ދެކުދިން އެކީގައެވެ. އެދުރުގެއަށް ޤުރުއާން ކިޔަވަން ދަނީވެސް އެކީގައެެވެ. ޓެސްޓް ނިމިގެން ނަތީޖާ ލިބުނުއިރު ސަމީރާގެ ނަތީޖާ މާ ރަނގަޅެވެ. އެދުވަހު އޭނާއަށް އާދައިގެ އުއި ފޮތީގެ އާ ލިބާހެއް ލިބުނެވެ. އެއްވެސް މީހަކު ނުލާ އޮތް މުޅިން އާ ލިބާހެކެވެ. އޭގެ ފަހުންވެސް ބާލިބާސް ލިބެއެވެ. އެހެންނަމަވެސް ސަމީރާއަށް އެންމެ ކަމުދާ ކަމަށްވަނީ އޭނާއަށް ލިބުނު އާ ލިބާހެވެ. ކިތަންމެ ދެރަ ފޮއްޗަކުން އޮތަސް އެޔަކުން ނިކަމެތި ކަމުގެ އިޙްސާސެއް ނުކުރެވެއެވެ.
ދުވަސްތައް ފާއިތު ވަމުންގޮސް ދެމީހުންވެސް ކިޔަވާ ނިމި މީހުނާ އިންނަ ފުރާވަަރަށް އަރައިފިއެވެ. ކާވެނީގެ ވާހަކަ ދެކެވެން ފަށައިފިއެވެ. ސަމީރާގެ ހިތުގައި އޮތީ ކާވެނީގެ ދުވަހުވެސް އެއްކަލަ އުއި ލިބާސް ލާށެވެ. އެއީ މީހަކު ލައި ބައުކޮށްފައި އޮތް އެއްޗަކަށް ނުވާތީއެވެ.
ޝަބާނާގެ މަންމަ ވަރަށް ރަނގަޅެވެ. ޝަބާނާގެ ކާވެނީގެ ކަންތައްތައް ހަމަޖައްސަމުންދިޔަ އިރު ސަމީރާއަށްވެސް ރަނގަޅު ފިރިހެން ކުއްޖަކު ހޯދަން މަސައްކަތް ކުރިއެވެ. ޝަބާނާގެ ކާވެންޏަށްފަހު އޭނާގެ ކާވެނިވެސް ކޮށްދޭން ވެގެންނެވެ.
ޝަބާނާގެ ކާވެނި ވާން އެއް ދުވަހަށް ވެއްޖެއެވެ. ކާވެނީގެ ތައްޔާރީތައް ކުރެވެން ފަށައިފިއެވެ. މިފޯރިގަނޑުގެ ތެރޭގައި ޝަބާނާ ބުންޏެވެ. [ސަމީރާ- ކަލޭ ކާވެނި ކުރެވޭ ދުވަހު ކަލޭ ނަލަކޮށް ތައްޔާރު ކޮށްދޭނީ އަހަރެން-]
[ނޫނޭ-] ޒުހުރާ ބުނެލިއެވެ. [އަޅުގަނޑުމެން ފެންވަރު މީހުން ގައިގައި ޝަބާނާ އަތް ލައްވާކަށް ނުވާނެ- ކަމެއް ކޮށް ދެއްވަންޏާ ޝަބާނާއަށް ލިބިލެއްވި ކަހަލަ ރަނގަޅު ވަފާތެރި ފިރިޔަކު ދެއްވާތޯ ދުޢާކޮށް ދެއްވާ-]
[ސަމީރާމީހަކާ އިންނަނީކޮން ދުވަހަކު-؟] އެތަނުން އަންހެން ކުއްޖަކު އަހައިލިއެވެ.
ޝަބާނާ ބޮޑާކަމާއެކު ހީނލިއެވެ. [އަހަރެން ބޭނުން ނުކުރާ ވަރަށް ގިނަ ގަހަނާ ހުންނާނެ- އެތަކެތި ސަމީރާގެ ކާވެނީގައި ބޭނުން ކުރެވިދާނެ-]
ބާލިބާސް… ބާ ގަހަނާ… ސަމީރާގެ ހިތަށް ތޫނު ޚަންޖަަރެއް ހަރައިލީ ކަހަލައެވެ. މިއީ އޭނާ ހަނދާން ހުންނަން ފެށީއްސުރެ ކެނޑިނޭޅި އިވެމުންދާ އަޑެކެވެ. އޭނާއަށް ރޮއިގަނެވުމުގެ ކުރިން ދުވެފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ލައިގެން ހުރި ލިބާހަށް ބަލައިލިއެވެ. އެއީ އެއްވެސް މީހަކު ލައިފައިއޮތް ބައު ލިބާހެއް ނޫނެވެ. ކިތަންމެ ދެރަނަމަވެސް މުޅިން އައު އެއްޗެކެވެ. މިއީ އޭނާގެ އުމުރުން އެންމެ ފުރަތަމަ ލިބުނު އައު ލިބާހެވެ. އެހެން ނޫނީ އަބަދުވެސް ޖެހެނީ ޝަބާނާ ލައިފައި ހުންނަ ބައު ލިބާސް ލާށެވެ. އޭނާ ކަރުނަ ފޮހެލިއެވެ. ކުޑަދޮރުން ބޭރު ބަލައިލިއެވެ. ރޭވެ އަނދިރި ވެއްޖެއެވެ.
އޭނާ ހިތާހިތާ ކިޔައިލިއެވެ. [ޝަބާނާ- ނޯކަރަކަށް ކިތަންމެ މައްޗަށްވެސް އެރިދާނެ- އަހަރެންގެ އަތް ފޯރަނީ ކިހާ ހިސާބަކަށްކަން ދައްކާލާނަން- ކަލޭ އަބަދުވެސް އަހަންނަށް ދެނީ ބޭނުން ކޮށްފައި ހުންނަ ބާއެއްޗެތި- ނިކަން ބަލަން ހުރޭ…]
އޭނާ ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ. ޝަބާނާ އިންނަން އުޅޭ ފިރިހެންމީހާ، ވަހީދު އުޅޭ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. މަސައްކަތް ބޮޑުކަމާއި، ފޯރި ގަދަކަމުން އެކަކުވެސް އޭނާއަކާ އަޅައެއް ނުލައެވެ.
އޭނާ އެދިޔަގޮތަށްގޮސް ވަނީ ވަޙީދުގެ ކޮޓަރިއަށެވެ. މަސައްކަތު ވަރުބައްޔާއެކު ވަހީދު އޮތީ އެނދުގައި ހުރަހަށް އޮށޯވެގެންނެވެ. ސަމީރާ ފެނުނީމާ އޭނާގެ ދެލޯ ދިޔައީ ތަރަތަރަ ޖަހައިގެންނެވެ. ސަމީރާގެ ރީތިކަން ފެނިފައި ޙައިރާން ވިއެވެ.
ވަޙީދު މަޑުމަޑުން އެނދުން ތެދުވެގެން އައިސް ސަމީރާގެ ކައިިރިއަށް ހުއްޓިއްޖެއެވެ. [ކޮން ނަމެއް ކިޔަނީ-؟]
[ސަމީރާ-] ސަމީރާ ހިނިތުން ވެލިއެވެ. އެވަގުތު އޭނާގެ މޫނު އިހަށްވުރެވެސް ރީތި ވެގެން ދިޔައެވެ.
[ވަރަށް ރީތި ނަމެއް- ސިފަޔާ އެއްވަރަށް ނަންވެސް ރީތި-] ވަޙީދު ބިރުންހުރެ ސަމީރާގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ. [ތިޔައީ ކޮން ތަށްޓެއް-] ސަމީރާގެ އަތުގައި ހުރި ތަށްޓަށް އިޝާރާތް ކޮށްފައި ވަހީދު އަހައިލިއެވެ.
ސަމީރާ ގަސްތުގައި އޭނާއަށް ހިތްވަރު ދެނީއެވެ. [މިއީ ސޫޖީ- ވަހީދަށް ދޭން ގެނައި ސޫޖީ-] ވަހީދުގެ ދުވަސް ގޮސް ނިމިއްޖެއެވެ. ސަމީރާގެ ޖާދޫގައި ރަނގަޅަށް ޖެހިއްޖެއެވެ.
[މިވަގުތަކު ސޫޖީ ބޯ ހިތެއް ނެތް- އެކަމަކު…] ވަޙީދު އޭނާއާއި ދިމާއަށް ގުދުވެލިއެވެ. ސަމީރާ ރެކިގަންނާކަށް މަސައްކަތެއް ނުކުރެއެވެ. ވަހީދު ބޭނުން ގޮތަކަށް ހަދަން ދޫކޮށްލިއެވެ. އެއީ ޚުދު ތިމާއަށް ލިބޭ ގެއްލުމެއްކަން އެނގި ހުރެއެވެ.
އަނެއް ދުވަހު ހެނދުނު ޝަބާނާގެ ކާވެނި ކުރެވިއްޖެއެވެ. ދެމަފިރިން އާ ގެއަށް ދާން ނުކުންނަން ހިނގައިގަތުމާއެކު ސަމީރާ ބާރަށް ބުންޏެވެ. [ޝަބާނާ- އުމުރުން މިވީހައި ތަނެއް އަޅުގަނޑު ހޭދަކުރީ ޝަބާނާ ބޭނުން ކޮށްފައި ހުންނަ ބާއެއްޗެތި ބޭނުން ކޮށްގެން- މިއަދުން ފެށިގެން…] އޭނާ ވަރަށް ބާރަށް ހީނގަތެވެ. [މިއަދުން ފެށިގެން އުމުރުގެ ބާކީ އޮތް ބައިގައި ޝަބާނާވެސް އަޅުގަނޑު ބޭނުން ކޮށްފައި އޮތް އެއްޗެއްގެ ބޭނުން ކުރައްވާ…] އޭނާގެ ހުނުންގަނޑު މައިތިރިއެއް ނުވިއެވެ.
އެންމެންވެސް ހީކުރީ އެތައް އަހަރެއް ވާންްދެން އެކީގައި އުޅުނު ރަޙްމަތްތެރިޔަކު ވަކިވެގެން ދާތީ ސިކުނޑިއަށް އުނިކަމެއް އައީ ކަމަށެވެ.
(ނިމުނީ)
