ރައީސް ވަކިކުރެވޭ ގޮތަށް ގެނައި އިޞްލާހު ބާޠިލުކުރަން ސުޕްރީމް ކޯޓަށް

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު އަޒުލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރަނީ، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒަލުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންކަމަށެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.

ނަމަވެސް މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެނައި އިޞްލާހުގައި ވަނީ މަޖިލީހުގެ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ ދާއިރާއެއްގެ ގޮނޑި ދެން ނުގުނާނެކަމަށެވެ. އެހެންކަމުން ސަރުކާރުގެ އެކި މަޤާމުތަކަށް ވަޑައިގަތުމަށް 7 މެންބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެން މިހާރު މަޖިލީހުގައި ތިބި ޖުމްލަ މެމްބަރުންގެ އަދަދަކީ 80 ކަމަށް މަޖިލީހުން ވަނީ ކަނޑައަޅާފައެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން އަޒުލްކުރަން ބޭނުންވާ ވޯޓުގެ ޢަދަދު ވަނީ 54އަކަށް ދަށްވެފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، 18 ޑިސެންބަރުގައި މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހުގައި "މަޖިލީހުގެ ޖުމްލަ މެންބަރުން" މި ޢިބާރާތައް ދީފައިވާ މާނަކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު މާނަކުރުމެއް ކަމަށެވެ.

ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަކި ކުރަން ހުށަހެޅޭނެ ސަބަބުތަކުގެ ތެރޭގައި އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ހިލާފުވުމާއި ރައީސްގެ މަގާމުގައި ނުވަތަ ރައީސްގެ ނައިބުގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަމެއް ކުރުމާއި ރައީސް ނުވަތަ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލްވުން ހިމެނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *