ވާހަކަ: ތޫފާން (16)

(30 ޖެނުއަރީ 2024 ގެ ނޫހާއި ގުޅޭ)

" ޖެނީއަށް ކީއްވެތަ ނުދެވެންވީ؟ "

ޖެނީއަށް ވުރެ ބާރަށް އާލިމަށް ހަޅޭއްލަވައިގަނެވުނެވެ. އެއާއެކު ކޮޓަރީގައި ކުޅެން އިން އާލް ނިކުތުމާއެކު އާލިމަށް ހިމޭން ވެވުނެވެ.

" ބައްޕީ"

އާލް އައިސް އާލިމްގެ ގައިގައި ބައްދާލިއެވެ. އެއާއެކު ހިތްހަމަ ނުޖެހޭ ގޮތަކަށް ޖެނީގެ މޫނަށް ބަލައިލުމަށްފަހު އާލިމް އާލްގެ އަތުގައި ހިފައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

" ޝަޒާ ދައްތަ ނާންނާތީވެ މިއަދު ސްކޫލަށްވެސް ނުދަން"

ކޮޓަރިއަށް ވަތް ގޮތަށް އާލް ބުނެލިއެވެ. އާލްގެ ދުލުން ޝަޒާގެ ނަން އިވުމާއެކު އާލިމްގެ ހިތަށް ފިނިވެގެން ދިޔައެވެ. އެހެންކަމުން އާލިމް ބޭނުންވީ އިތުރަށް އޮޅުން ފިލުވާށެވެ.

" އެހެންތަ؟ އާލްއަށް ޝަޒާ ދައްތަ ރަނގަޅުތަ؟ "

އާލް ގޮސް ކުޅެން އިށީނުމާއެކު އާލިމް އަހާލިއެވެ. އެއާއެކު އާލް ވަރަށް ބާރަށް ބޯޖަހާލިއެވެ.

" މާ ރަނގަޅު.. އާލް ބޭނުންވާ ހުރިހާ އެއްޗެއް ކައްކައިދޭ! ބައްޕިއަށް އެނގޭތަ ޝަޒާ ދައްތައަށް އެނގޭ ޑޯނަޓް ހަދަންވެސް. އާލް ބުނީމަ އާލްއަށް ހަދައިދިން"

އަތުގައި އޮތް ކާރު ދުއްވާލަމުން އާލް ވާހަކަ ދެއްކިއެވެ. އެއާއެކު ޖެނީގެ ސަބަބުން އާލިމްގާތަށް އައިސްފައި ހުރި ރުޅިގަނޑުވެސް މައިތިރި ވެއްޖެއެވެ. އާލްގެ ބޮލުގައި ފިރުމާލުމަށްފަހު އޭނާ އަނެއްކާވެސް ނިކުތީ ސިޓިންގރޫމަށެވެ.

" އަޅެ އާލިމް އަހަރެން ހެދުން ގަންނަން ރުފިޔާ ދީބަލަ!"

އާދޭހުގެ ރާގަކަށް ޖެނީ އެހެން ބުނުމާއެކު އާލިމް ޖީބުން ފޯނު ނެގިއެވެ.

" ދެހާސް ރުފިޔާއިން ވާނެތަ؟ "

" ދެހާހޭ؟ މިހާރު އެހާ އެއްޗެހި އަގުބޮޑު އިރު ދެހާސް ރުފިޔާ ނުވާނެދޯ އެއްޗަކަށް! އޮފީސް ހަރުވާޅަކާ އެންމެ ހެދުމަކަށްވެސް އަރާނެ ހައެއްކަ ސަތޭކަ ރުފިޔާ!"

ކުޑަކޮށް ރުޅި އައިސް ހުރެ ޖެނީ ބުނެލިއެވެ. އާލިމް ވަގުތުން ފޯނު ޖީބަށް ލުމަށްފަހު ސޯފާގައި އިށީނެވެ.

" ދެން ނެތް! އެންމެ ދެހާސް ރުފިޔާ އޮތީ! "

އާދައިގެ ރާގަކަށް އާލިމް އެހެން ބުނެ ޓީވީ ހުޅުވާލިއެވެ. މަންޒަރު ބަލަން ދެއަތް އުރާލައިގެން ހުރި ޖެނީ ގޮސް ސޯފާގައި އިށީނުމަށްފަހު ފުން ނަޒަރަކުން އާލިމްގެ މޫނަށް ބަލަން ފެށިއެވެ.

" ކިހިނެއްވީ؟ "

ޖެނީގެ މޫނަށް ބަލައިލަމުން އާލިމް ސުވާލު ކުރިއެވެ. އެއާއެކު އެއް މިޔަނަކުން ހީލަމުން ޖެނީ ވާހަކަ ދައްކަން ފެށިއެވެ.

" އާލިމް ވަރަށް ބަދަލު ވެއްޖެ މިހާރު! "

" ތިބުނީ؟ ތިބުނި އެއްޗެއް ނުވިސްނުނު.."

ޓީވީއާ ދިމާއަށް ބަލަހައްޓައިގެން ހުރެ އާލިމް ބުންޏެވެ.

" މީގެ ކުރިން ތިއީ އާލިމް އުޅުނު ގޮތެއް ނޫން! ކޮންމެ ޙާލެއްގައިވެސް އާލިމް ބަލާނެ އަހަރެންގެ ބޭނުންތައް ފުއްދައިދެވޭތޯ! އާލިމަށް އެންމެ މުހިއްމުވާނީވެސް އަހަރެންގެ އުފާތައް! އެކަމަކު…. މިހާރު އާލިމް ވަރަށް ތަފާތު ވެއްޖެ"

ފުން ވިސްނުމެއްގައި އިނދެ ޖެނީ އެހެން ބުނުމާއެކު އާލިމްވެސް ކުރު ހިނިގަނޑެއް ޖަހާލިއެވެ.

" ތިވަރު ވިސްނުނުކަން ރަނގަޅު.. އަހަރެން އެގޮތަށް ކަންތައް ކުރާތީއެއްނު ޖެނީވެސް ޖެނީ ބޭނުންހާ ގޮތަކަށް ތި އުޅެނީ؟ ބަލަ އަނބިމީހާ ކޮންމެ ކަމެއް ކުރިޔަސް ފިރިމީހާގެ ރުހުން ހޯދަން ޖެހޭނެޔޭ! ކިތަންމެ ބޮޑުކަމެއް ނިންމާލިޔަސް ޖެނީ އަހަންނަށް އަންގައިވެސް ނުލާ! ޖެނީ އަމިއްލަ އަމިއްލައަށް މިހާރު ކޮންމެ ކަމެއްވެސް ނިންމަނީ! އެހެން ނޫނަސް ތި ވަޒީފާއަކީ ޖެނީ އަމިއްލައަށް ދާން ބޭނުންވެގެން ދާ ތަނެއް.. އަހަރެން ފޮނުވައިގެން ދަނީއެއް ނޫން.. އަހަރެންގެ ކިބައިގައި ޖެނީ ބޭނުންވާ ފެންވަރު ނެތިގެން ޖެނީ ތިދަނީ ވަޒީފާއަށް.. އެހެންވީމަ ފައިސާ ދޭން ބުނާއިރުގައިވެސް ޖެނީއަށް އެނގޭނެ އަހަރެން އަތުގައި ނުހުންނާނެކަން.."

އެންމެ ފަހު ޖުމްލަ ދޫކޮށްލަމުން އާލިމް ޖެނީއަށް ބަލައިލިއެވެ. އޭރު ޖެނީގެ މޫނުމަތިންވެސް ފެންނަމުންދަނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.

" މީހަކު އަތުން ނަގައިގެންވެސް ގެނެވޭނެއެއްނު"

މަޑުމަޑުން އިނދެ ޖެނީ ބުނެލިއެވެ. އެއާއެކު އާލިމް އަވަސް އަވަހަށް ފޯނުނަގައި ޖެނީގެ އެކައުންޓަށް ދެހާސް ރުފިޔާ ޖަމާ ކުރިއެވެ.

" އަހަންނަށް ދެވެން އޮތް ވަރު މި ފޮނުވީ! އެއަށް ގަނެވޭނެ ވަރަށް ގަނެފައި ދެން ޖެނީއަށް މުސާރަ ލިބުނީމަ ބޭނުން ވަރަކަށް ގަންނާނީ… "

އަތުގައި އޮތް ރިމޯޓް މޭޒުމަތީ ބާއްވަމުން އާލިމް އަވަސް އަވަހަށް ތެދުވިއެވެ. އެއީ އިތުރަށް ޖެނީއާ ބަހުސް ކުރަން އިންނަން ބޭނުން ނުވާތީއެވެ

***

" ޝަޒާ އެބައޮތް މެސެޖް ކޮށްފައި… ދެން މިގެއަށް މަސައްކަތު އާދެވެން ނެތް ވާހަކަ އޮތީ ބުނެފައި.. އަހަރެން ކީއްތޯވީ އެހީމަ ބުނީ ބަލިވެ އުޅޭތީވެޔޯ! އަހަރެން ބުނިން ރަނގަޅުވީމަ އަންނާށޭ.. ދެން ބުނެފައި އޮތީ އެހެން މީހަކު ހޯދިޔަސް އެންމެ ރަނގަޅޯ! ލިވީ ވެސް ސްކޫލަށް ވައްދަން އުޅޭތީވެ ވަގުތު ނުވާނެޔޯ، އަޅެ ދެން އަހަރެން އޮފީހަށް ދާއިރު ކޮންމެެވެސް ގޮތެއް ހޯދަން އުޅެބަލަ! "

މާޔޫސްވެފައި އިނދެ ޖެނީ ބުނެލި ޖުމްލަތަކުން އާލިމްގެ ހިތް އިތުރަށް މާޔޫސްވިއެވެ. އަދި ކޮންމެވެސް ވަރަކަށް އެހިތުގައި ރުޅިވެރިކަންވެސް އުފެދެން ފެށިއެވެ.

" ކޮންތާކަށް ތި ދަނީ؟ "

އެނދުގައި އޮވެ އާލިމް ތެދުވުމާއެކު ޖެނީއަށް އަހާލެވުނެވެ.

" މިދަނީ… ރަމްޒީއާއެކު ކޮފީއަކަށް.. ދެންމެ މި ހަނދާންވީ އޭނަ މީގެ ކުޑަ އިރުކޮޅެއް ކުރިން ގުޅިކަންވެސް"

ހީލަމުން އާލިމް ބުނެލިއެވެ.

" އާލިމް އަހަރެން މިހުރީ ހާދަ ކަންބޮޑުވެފައޭ! މާދަމާ އަހަރެން އޮފީހަށް ދާން ޖެހޭނެއެއްނު.. އާލް ބަލަނީ ކާކު؟ "

ޖެނީ ތަންކޮޅެއް ބާރަށް ގޮވާލިއެވެ.

" ދެން އޮފީހަށް ނުދާނީއެއްނު… "

އެހެން ބުނުމަށްފަހު މަޑުކުރުމެއްނެތި ކޮޓަރި ދޮރު ލެއްޕުމަށްފަހު ނިކުތެވެ. ދިޔަ ބާރުމިނުގައި އޭނާ މިސްރާބު ޖެހީ ސީދާ ޝަޒާގެ ގެއާ ދިމާއަށެވެ.

އަވަސް ވެފައިވާ ހިތަކާއިގެން އޭނާ ޝަޒާއަށް ގުޅީ އެގޭ ދޮރުމަތީ ހުއްޓުމަށް ފަހުގައެވެ.

" ދޮރު ހުޅުވާލަބަލަ"

ތަންކޮޅެއް ހަރުކަށި ރާގަކަށް އާލިމް އެހެން ބުނުމާއެކު ކޮޓަރީގައި އޮތް ޝަޒާއަށް ފުންމައިގެން ތެދުވެވުނެވެ.

" ކީއް..ކުރަން؟ "

އާގަންނަމުން ކަހަލަ ގޮތަކަށް ޝަޒާ އެހެން އެހުމާއެކު އާލިމް އަނެއްކާވެސް ދޮރު ހުޅުވައިދިނުމަށް އެދުނެވެ.

" އިރު އޮއްސުނަސް ދޮރު ނުހުޅުވަންޏާ މިތާކުން ނުދާނަން"

އާލިމް އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. އިރުކޮޅަކު ވިސްނަން އޮތުމަށްފަހު ޝަޒާ ތެދުވެގެން ސިޓިންގރޫމަށް ނިކުތެވެ. އަދި ލަސް ހިނގުމެއްގައި ގޮސް ހާސްވެ ހުރެ ދޮރު ހުޅުވާލިއެވެ. އެއާއެކު އަވަސް އަވަހަށް އެތެރެއަށް ދެމިގަތް އާލިމް ދޮރު ލައްޕާ ތަޅު ލުމަށްފަހު ޝަޒާގެ ދެކޮނޑުގައި ހިފައި ބާރަށް ފިތާލިއެވެ. އަދި އަވަސް ހަރަކާތްތަކާއެކު ކުރިމަތީގައި ހުރި ފާރުގައި ޝަޒާ ޖައްސާ ފިއްތާލިއެވެ. ޝަޒާ މޫނު އަނބުރާލި ނަމަވެސް އާލިމްގެ ވަރުގަދަ ދެއަތުން އޭނާގެ ދަތްދޮޅީގައި ތަންކޮޅެއް ބާރަށް ހިފިއެވެ.

" އަހަންނަށް ފިލައިގެން އުޅެން ކަމަށްތަ ތިއުޅެނީ؟ ބުނެބަލަ! ކީއްވެ އަހަރެމެން ގެއަށް ނާންނަން ތި އުޅެނީ؟ އަހަންނަށް ފެނިދާނެތީތަ؟ "

ދަތްތައް ފިއްތައިގެން ހުރެ ރުޅިވެރި އަޑަކުން އާލިމް ވާހަކަ ދައްކަން ފެށިއެވެ.

" ކީއްވެ ޝަޒާ؟"

މިފަހަރު އާލިމް އޭނާގެ މޫނު ޝަޒާގެ މޫނުގައި ޖައްސާ ފިއްތާލިއެވެ. އޭރު ޝަޒާގެ ދެލޮލުން ފައިބަމުންދާ ކަރުނައިން އާލިމްގެ މޫނުވެސް ތެންމަމުން ދެއެވެ. އެވަގުތު އެހާމެ އަވަހަށް ޝަޒާ ދެއަތުން އާލިމްގެ މޭގައި އަޅާ ދުރަށް ކޮށްޕާލުމަށްފަހު ފުންނޭވާތަކެއް އަވަސް އަވަހަށް ދޫކުރަން ފެށިއެވެ.

" ކީއްވެތޯ އަހާއިރު އާލިމަކަށް ނޭނގޭތަ ކީއްވެކަމެއް؟ "

ރޮވިފައި ހުރެ ޝަޒާ އެހެން އެހުމުން އާލިމް ތަންކޮޅެއް ބާރަށް ނޭނގެޔޭ ބުނެލިއެވެ.

" މީހެއްގެ ދިރިއުޅުން ހަލާކު ކުރަން އަހަރެން ބޭނުމެއް ނުވޭ! އަންހެނަކަށްވެ ހުރެ އަންހެނެއްގެ ގެ ހަލާކުކުރަން އަހަރެން ފަހަރެއްގައިވެސް ބޭނުމެއް ނުވެޔޭ! ކުޑަކުޑަ ދަރިޔަކު ގޮވައިގެން އަހަރެން އެކަނިމާއެކަނި މި އުޅޭ ޙާލުވެސް އެނގޭނީ ހަމަ އަހަންނަކަށްނު… އަހަރެންގެ ސަބަބުން އެހެން އަންހެނަކު މި ހިތްދަތި ދިރިއުޅުން ތަޙައްމަލް ކުރާކަށް އަހަރެން ނޭދެން…"

ޝަޒާގެ ޖުމްލަތަކުން އާލިމަށް ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ.

" ދެން؟ އަހަރެންގެ ހިތާ ކުޅެފައި އަހަރެންގެ މި ހިތަށްވާނެ ގޮތާމެދު ވިސްނައެއް ނުލަންތަ؟ އަހަންނަށް ކުރާނެ އަސަރެއް ނޭނގޭތަ؟ ޝަޒާ ތިއުޅެނީ އަހަންނާ ދުރަށް ދާނެ ގޮތެއް ނޭނގިގެންނު! "

އާލިމްގެ ވާހަކަ އަޑުއަހަން ހުރެ ޝަޒާ ވަގުތުން އާލިމަށް ފުރަގަސް ދިނެވެ. އަދި ވަރަށް ހިތްވަރުކޮށްފައި އޭނާ ވާހަކަ ދައްކަން ފެށިއެވެ.

" އާލިމްގެ ހިތާ ކުޅުނީ އަހަރެންތަ؟ އާލިމް އަހަންނާމެދު ޝައުޤުވެރިވުން އެއީ އަހަރެންގެ ކުށެއްތަ؟ "

" ޝަޒާ! ސިއްރު ކުރަން ނޫޅޭބަލަ! ކީއްވެތަ ޝަޒާގެ ހިތުގައި އަހަންނާމެދު އޮތް ލޯބި ހާމަކުރަން ޖެހިލުންވަނީ؟ ޝަޒާ ދުލުން ހާމަ ނުކުރިޔަސް ތި މޫނާ ދެލޮލުން އަހަންނަށް އެބަ ފެނެޔޭ… އަހަންނަށް އެނގެޔޭ! "

އާލިމް ގޮސް ޝަޒާގެ ދެކޮނޑުގައި ހިފާ އޭނާގެ ގައިގައި ލައްކޮށްލިއެވެ. ނަމަވެސް މިފަހަރުވެސް ޝަޒާ ދިޔައީ އޭނާއާ ދުރަށެވެ.

" ހެޔޮނުވާނެ އާލިމް! އަހަންނާ ދުރަށް ދޭ! ތިހެން އުޅެގެން އެންމެ ފަހު ވަގުތު ބޭޒާރުވާނީ އަހަންނޭ…"

ހަމަ އެވަގުތެވެ. އާލިމްގެ ޖީބުގައި އޮތް ފޯން ރިންގްވާން ފެށިއެވެ. ނަމަވެސް ހިތްހަމަ ނުޖެހިފައި ހުރި ވަރުން ވިސްނުމެއްނެތި އާލިމް ޖެނީގެ ފޯނު ކަނޑާލުމަށްފަހު ފޯނު ސައިލެންޓަށްލިއެވެ.

" އާލިމް ދޭ މިގެއިން.."

އަނެއްކާވެސް ޝަޒާ ބުނެލިއެވެ.

" އަހަރެން ދާނީ ޝަޒާ ގޮވައިގެން.."

އާލިމް ބުންޏެވެ. އެއާއެކު ހައިރާންވެފައި ޝަޒާ އާލިމްގެ މޫނަށް ބަލައިލިއެވެ. އޭރުވެސް އާލިމްގެ މޫނުމަތިން ފެންނަމުންދަނީ ނުތަނަވަސްކަމާއި ރުޅިވެރިކަމެވެ.

" އަހަރެން ބުނެފީމެއްނު ދެން ތިގެއަކަށް ނުދާނަމޭ.. އާލިމް އަހަރެން ބުނާ އެއްޗެއް ޤަބޫލު ކޮށްބަލަ "

ޝަޒާއަށްވެސް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ. ޝަޒާއަށް ބަލަން ހުރި އާލިމް ދެފަރާތަށް ބޯ ހޫރާލުމަށްފަހު ބުންޏެވެ.

" އެންމެ ފަހަރަކުވެސް ބުނެބަަލަ އަހަރެންދެކެ ލޯބިވެޔޭ.. ސިއްރު ނުކޮށް ބުނެބަލަ! ޝަޒާ ނުބުންޏަސް އަހަންނަށް އެކަން އެނގޭތީއޭ މި އަހަނީ!"

" އަހަރެން… އާލިމްދެކެ ލޯތްބެއް ނުވޭ! އަހަރެން ލޯބިވަނީ ލިވީގެ ބައްޕަ ދެކެ"

ފެންކަޅިވެފައި ހުރެ ޝަޒާ އެހެން ބުނުމާއެކު އާލިމް ހިނިގަނޑެއް ޖަހާލިއެވެ. އަދި މަޑުމަޑުން އައިސް ނުހަނު ލޯބިން ޝަޒާގެ ދަތްދޮޅީގައި ހިފާލުމާއެކު ޝަޒާ މޫނު އަނބުރާލިއެވެ.

" ތިއީ ދޮގެއް…އަމުދުން ލިވީގެ ބައްޕަދެކެ ނުވާނެ! އަހަންނާ މީގެ ކުރިން ދައްކާފައި ހުރި ވާހަކަތައް އަމިއްލައަށް ހަނދާންކޮށްލަބަލަ! ހަމައެކަނި ލޯބިވެޔޭ ނުބުނާކަން.. ދެން ކީއްވެ އޮޅުވާލަން ތި އުޅެނީ؟ "

އާލިމްގެ އަޑުގައި ލޯބި އޭގެ އިންތިހާއަށް އެކުލެވިފައިވެއެވެ.

" އަހަރެން އޭރުވެސް އުޅުނީ ބިރުން.. ލޯބި ވެވިދާނެތީ ބިރުން! "

" އަހަރެންގެ ޙަޔާތުގައި ޝަޒާއަކީ ވަރަށް މުހިއްމު މީހަކަށް ވެއްޖެ! އަހަންނަށް ދެން ޝަޒާ ދުރަށް ފޮނުވައެއް ނުލެވޭނެ.. މިބުނީ… ޝަޒާއާ ބައްދަލުނުކޮށް ނުހުރެވޭނެޔޭ! ނުފެނި ވާހަކަ ނުދައްކާ ނޫޅެވޭނެޔޭ.."

އާލިމްގެ ވާހަކަ އެހިސާބަށް ދިޔުމާއެކު އަނެއްކާވެސް ވާހަކަ ފެށީ ޝަޒާއެވެ.

" މި ބަހުސް ކިތަންމެ ގިނަ އިރެއް ވަންދެންވެސް ދިގު ދެމިގެން ހިނގައިދާނެ! އަހަރެންގެ ފަރާތުން ދޭނެ ޖަވާބަކީ ނޫނެކޭ! އަހަންނަކަށް އާލިމްގެ ޙަޔާތަށް ދެވޭކަށް ނެތް.. އަހަރެން  ބޭނުންވަނީ އަހަރެމެން ދެމީހުންގެ ދެމެދުގައި މި އޮތް ކުޑަ ގުޅުން ހަނދާން ނައްތާލަން"

އަނެއްކާވެސް އާލިމްގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލު ވެގެން ދިޔަތަން ޝަޒާއަށް ފެނުނެވެ.

" ކުޑަކުޑަ ގުޅުމޭ؟ ޝަޒާ ހީކުރީ މިއީ ހީނަރު ވެގެން ދާހާ ކުޑަ ގުޅުމެއް ކަމަށްތަ؟ އަހަރެންގެ އިޙްސާސްތައް ޝަޒާއަށްވީ ޖޯކަކަށްތަ؟ އަހަރެން ޝަޒާދެކެ ވާ ލޯބި އެއީ އެއްވެސް ބާރެއް ނެތް އެއްޗެއްގެ ގޮތުގައިތަ ތި ދެކެނީ؟ "

އާލިމް މަޑުމަޑުން ފަހަތަށް ޖެހެން ފެށިއެވެ. އެހެންކަމުން މިފަހަރު ޝަޒާ ކަންބޮޑުވާން ފެށިއެވެ.

" އާލިމް! ހިތް އެދޭހާ ގޮތަކަށް ހުރިހާ ކަމެއް ނުވާނެޔޭ!"

ޝަޒާ ބުނެލީ ވަރަށް ބާރަށެވެ. ހަމަ އެވަގުތެވެ. ދޮރުގައި ޓަކި ޖަހާލި އަޑަށް އާލިމް ކުޑަކޮށް ސިހުނެވެ. ޝަޒާއާއި އާލިމަށްވެސް ހުރެވުނީ ދޮރާ ދިމާއަށް ބަލަހައްޓައިގެންނެވެ. ދެވަނަ ފަހަރަށް ޓަކި ޖަހާލުމާއެކު ޝަޒާ  ގޮސް ދޮރު ކައިރީ ހުއްޓި، އެއް ފަރާތަކަށް ޖެހިލުމަށް އާލިމަށް އިޝާރާތް ކޮށްލިއެވެ. މަޑުމަޑުން ޝަޒާ ދޮރު ހުޅުވާލުމާއެކު ދޮރުމަތީގައި ހެވިފައި ހުރި ޖެނީ ފެނި އޭނާގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. ހައިރާންކަމާއެކު ޖެނީއަށް ބަލަން ހުރެވުނެވެ.

" ޖެނީ؟ "

ޝަޒާގެ ތުންފަތް ހަރަކާތްކޮށްލުމާއެކު އާލިމަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ހިތަށް ލިބުނު ނުތަނަވަސްކަމާއެކު ނޭވާވެސް އަވަސްވާން ފެށިހެން އޭނާއަށް ހީވިއެވެ.

 

( ނުނިމޭ)

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *