(އަންގާރަ ދުވަހުގެ ނޫހާއިގުޅޭ)
" އާލިމް! ހިތް އެދޭހާ ގޮތަކަށް ހުރިހާ ކަމެއް ނުވާނެޔޭ!"
ޝަޒާ ބުނެލީ ވަރަށް ބާރަށެވެ. ހަމަ އެވަގުތެވެ. ދޮރުގައި ޓަކި ޖަހާލި އަޑަށް އާލިމް ކުޑަކޮށް ސިހުނެވެ. ޝަޒާއާއި އާލިމަށްވެސް ހުރެވުނީ ދޮރާ ދިމާއަށް ބަލަހައްޓައިގެންނެވެ. ދެވަނަ ފަހަރަށް ޓަކި ޖަހާލުމާއެކު ޝަޒާ ގޮސް ދޮރު ކައިރީ ހުއްޓި، އެއް ފަރާތަކަށް ޖެހިލުމަށް އާލިމަށް އިޝާރާތް ކޮށްލިއެވެ. މަޑުމަޑުން ޝަޒާ ދޮރު ހުޅުވާލުމާއެކު ދޮރުމަތީގައި ހެވިފައި ހުރި ޖެނީ ފެނި އޭނާގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. ހައިރާންކަމާއެކު ޖެނީއަށް ބަލަން ހުރެވުނެވެ.
" ޖެނީ؟ "
ޝަޒާގެ ތުންފަތް ހަރަކާތްކޮށްލުމާއެކު އާލިމަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ހިތަށް ލިބުނު ނުތަނަވަސްކަމާއެކު ނޭވާވެސް އަވަސްވާން ފެށިހެން އޭނާއަށް ހީވިއެވެ.
" ކިހިނެއްވީ؟ ހާދަ ހާސްވީ؟ ޝަޒާގެ ގެއަށް އަަހަރެން ނުވެސް ވައްދާނަންތަ؟ "
ކުރިއަށްވުރެ ބޮޑަށް ހީލަމުން ޖެނީ އެހިއެވެ. އެއާއެކު ޝަޒާގެ ހިތް ބާރުބާރަށް ގުޑައިގަތެވެ.
" އުނހު… ނުވައްދާކަށް ނޫން.. އާދޭ އެތެރެއަށް…"
ފަހަތަށް ޖެހިލުމަށްފަހު ޝަޒާ އެހެން ބުނުމާއެކު އާލިމަށް ދެލޯ މަރާލެވުނެވެ.
" ޖެނީއަކަށް ނުދެވޭނެ ސަޕްރައިޒެއްވެސް…"
ޖެނީ އެތެރެއަށް ވަނުމާއެކު ފާރުގައި ލެނގިލައިގެން ހުރި އާލިމް ހެވިފައި ހުރެ ބުންޏެވެ. އެއާއެކު ސިއްސައިގެން ގޮސް ޖެނީއަށްވެސް ފަހަތަށް ޖެހިލެވުނެވެ. އޭރު އޭނާގެ މޫނުމަތީގައިވަނީ ހައިރާންކަމުގެ އަސަރުތަކެވެ.
" އާލިމް؟ މިގޭގަ ކީއްކުރަނީ؟ "
އެއްފަހަރު އާލިމްގެ މޫނަށް، އަނެއް ފަހަރު ޝަޒާގެ މޫނަށް ބަލައިލުމަށްފަހު ޖެނީ ސުވާލު ކުރުމުން މިފަހަރުވެސް އާލިމް ހިނިގަނޑެއް ޖަހާލީ ދެކޮނޑު އުފުލާލަމުންނެވެ.
" ޖެނީ ކީއްކުރަން ދެން މިގަޑީގައި ތިއައީ؟ އަހަރެން މިއުޅެނީ ޝަޒާ ގޮވައިގެން ގެއަށް ދާން.. ސަޕްރައިޒަކަށް"
އާލިމް ގޮސް ޖެނީގެ އަތުގައި ހިފާލުމާއެކު އެމަންޒަރު ފެނި ޝަޒާ އިސްޖަހާލިއެވެ.
" ޖެނީ ބުނީމެއްނު ޝަޒާ ބުންޏޭ ދެން މަސައްކަތު ނާންނާނަމޭ! ދެން އަނެއްކާ މާދަމާ އޮފީހަށް ދާން ޖެހޭއިރު އާލް ބަލާނެ މީހަކު ނެތިގެން ވަރަށް ކަންބޮޑުވެސް ވީމެއްނު.. އަހަރެން ހިތަށް އެރި ޝަޒާއަށް ޑަބަލް އަގު ކިޔައިގެން ގެންދަން ވެއްޖެޔޭ.. ސަޕްރައިޒަކަށް.. އެހެންވެ ރަމްޒީއާއެކު ކޮފީއަކަށޭ ކިޔާފަ ނިކުތީވެސް"
އާލިމްގެ ވާހަކަތައް އަޑުއަހަން ހުރެ ޖެނީއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
" އަހަރެންވެސް މިއައީ ޝަޒާގާތު އާދޭސް ކުރަން ވެގެން… ދެން އެކަމަކު މިހާރު ހިތަށް އަރާ ނާދެވުނު ނަމައޭ! ގައިމުވެސް ސަޕްރައިޒް ވީހެއްނު ދޯ ޝަޒާ!"
އާލިމްގެ މޭގައި އަތް ޖައްސާލަމުން ޖެނީ ޝަޒާއަށް ބަލައިލިއެވެ. ނަމަވެސް ޝަޒާގެ މޫނުމަތި އޭރުވެސް ހުރީ މިލާ މޯޅިވެފައެވެ.
" އަހަރެން މިބުނީ އާލިމްގާތުވެސް އަހަންނަކަށް ދެން ނުދެވޭނެޔޭ… ތި ދެމީހުންވެސް އަންޑަސްޓޭންޑް ވާނެކަމަށް ހީކުރަން"
" އަޅެ ނޫން ޝަޒާ! ތިހެން ނުބުނޭ.. އަހަރެންގެ އާލް ޝަޒާދެކެ ހާދަ ލޯބިވެޔޭ… އެހެން މީހަކު ގެނަޔަސް އޭނަ ހިތްހަމައެއް ނުޖެހޭނެ.. އަހަންނަށްޓަކައި ނަމަވެސް ހިނގާބަލަ"
މަޑުމަޑުން ހިނގާލާފައި އައިސް، ޝަޒާގެ ކޮނޑުގައި އަތް ޖައްސާލަމުން ޖެނީ ބުންޏެވެ. އެއާއެކު ލުއި ގޮތަކަށް ހިނިތުންވެލަމުން ޝަޒާ މިފަހަރުވެސް އިންކާރު ކުރިއެވެ.
" އަހަރެންގެ މި ނިންމުމަށް ޖެނީވެސް އިޙްތިރާމް ކުރާނެ ކަމަށް ހީކުރަން.."
ޝަޒާގެ ނިންމުން ބަދަލު ނުވާނެކަން އެނގުމުން ޖެނީއަށް އާލިމާ ދިމާއަށް ބަލައިލެވުނެވެ.
" އަހަރެން އޮފީސް ވަގުތު ތަކުގައި އާލް މިގެއަށް ގެނަޔަސް އޯކޭތަ؟ އޭރުންވެސް އާލް އެކަންޏެއް ނުވާނެއެއްނު"
އަނެއްކާވެސް ޖެނީ އެދުނެވެ. މިފަހަރު ޝަޒާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ޖެނީ އެހާވަރަށް އާދޭސް ކުރަން ފެށުމުން އޭނާ މަޑުމަޑުން ބޯ ޖަހާލީ އާލިމަށް ބަލައިލަމުންނެވެ.
" އެންމެ ރަނގަޅު! މިގެއަށް ގެންނަންޏާ އަހަންނަށް އާލް ބެލިދާނެ.. އެކަމަކު މިހާރު ތިގެއަށް ގޮސްގެން މަސައްކަތް ކުރަން އަހަންނަށް ވަރަށް އުނދަގުވޭ"
ވަގު ލޮލަކުން އާލިމަށް ބަލައިލަމުން ޝަޒާ ބުންޏެވެ. އެއާއެކު އާލިމްގެ ތުންފަތް މަތީގައި ލޯބިވެތި ހިނިތުންވުމެއް ކުޅެލިތަން ޝަޒާއަށް ފެނުނެވެ.
" އަހަރެން ވަރަށް އުފާވެއްޖެ…"
ޝަޒާގެ ގައިގައި އަތް ޖައްސާލުމަށްފަހު ޖެނީ ބުންޏެވެ.
" ދެން ހިނގާ ދާން.. އަހަރެން އަދި ޝޮޕިންގ ކުރަންވެސް ޖެހެޔޭ"
އާލިމްގެ އަތުގައި ހިފަމުން ޖެނީ ބުންޏެވެ. އެއާއެކު ހެވިފައި ހުރެ ޝަޒާ ބޯ ޖަހާލިއެވެ. ޖެނީއާއި އާލިމް ދިޔުމާއެކު ޝަޒާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހިތާ ދެކޮޅަށް ނަމަވެސް އޭނާއަށް އަނެއްކާވެސް އާލިމާ ބައްދަލްވާނެ މަގެއް ކޮށުނީތީ އޭރުވެސް ހުރީ ހިތަށް އުނދަގޫ ވެފައެވެ.
***
ލިވީ ނިންދަވާލުމަށްފަހު ޝަޒާ ހަމަޖެހިލިއެވެ. އޭރުވެސް ސިކުނޑީގައި އެނބުރެމުންދަނީ އާލިމްއެވެ. އޭނާގެ ވާހަކަތަކެވެ. އަލަށް މީހަކު ދެކެ ލޯބި ވެވިގެން އުފެދޭފަދަ ޖަޒްބާތުތަކެއް ޝަޒާގެ ހިތުގައި އުފެދެމުންދާކަން އޭނާއަށް އެނގެއެވެ. އާލިމްދެކެ ލޯބިވެވުނުކަންވެސް އޭނާއަށް ހަމަ ރަނގަޅަށް އެނގެއެވެ.
" އެކަމަކު… އަހަރެން ކިހިނެއް އާލިމްއާ ގުޅޭނީ؟ އަދި ކިހިނެއް މިކަން ސިއްރުން ކުރާނީ؟ "
ޝަޒާއަށް ބުނެވުނެވެ. މަޑުމަޑުން އެނދުން ތެދުވެގެން ގޮސް ކުޑަދޮރު ކައިރީ އޭނާ ހުއްޓި ދޮރުފޮތިގަނޑު ކަހާލިއެވެ. ކުރިމަތިން ފެންނަ އިމާރާތުގެ ޓެރަހުގައި ހުރި ބޮޑު ގަހުގެ ފަތްތައް ވަޔާ ވިހުރެމުންދާ މަންޒަރު ބަލަން ޝަޒާ ޝައުޤުވެރިވިއެވެ.
" ހިތަކީވެސް ހަމަ ތިޔަ ކަހަލަ އެއްޗެއް! ބާރެއް ނުފޯރުވޭ… އެ ދާން ބޭނުން ދިމާއަކަށް ދާން ދޫވޭ…"
ދެއަތުން ހަށިގަނޑުގައި ހިފަހައްޓާލަމުން ޝަޒާއަށް ބުނެވުނެވެ. ދޮރުކަނީގައި ބޯ ޖައްސާލައިގެން ހުރި އިރު މިރޭ އޭނާގެ ތުންފަތްމަތީގައިވަނީ އިޝްޤީ ހިނިތުންވުމެކެވެ. އިރުގަނޑެއް ވަންދެން އެހެން ހުރުމަށްފަހު ޝަޒާ ބޭރަށް ނިކުތީ ފެންފުޅިއެއް ބަލައެވެ. ކޮޓަރިން ނިކުމެވުމާއެކު ބާރުބާރަށް މީހަކު ދޮރުގައި ޖަހާލި އަޑު އިވި އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ބާރުބާރަށް ހިނގާފައި ގޮސް ދޮރު ކައިރީ ހުއްޓުނީ އިތުރަށް ބޭރުން ޚަބަރެއް ވޭތޯއެވެ. އެއާއެކު އަނެއްކާވެސް ޓަކި ޖަހާލިއެވެ. ހިތް ބިރުގަނެފައި ހުރެ ޝަޒާ ދޮރު ހުޅުވާލީ ވަރަށް ކުޑަކޮށެވެ. ނަމަވެސް ބޭރުން ދޮރު ކޮށްޕާލި ވަގުތު ޝަޒާއަށްވެސް ދުރަށް ޖެހިލެވުނެވެ. އެއާއެކު އޭނާގެ ދެލޯ ތަންމިނަށް ބޮޑުވެ، ހިތުގައިވެސް ބިރުވެރިކަން އުފެދިގެން ދިޔައެވެ.
" ކީއްކުރަން ތިއައީ؟ "
އެތެރެއަށްވަދެ، ދޮރު ތަޅުލުމާއެކު ޝަޒާއަށް ބާރުބާރަށް ބުނެވުނެވެ. އެއާއެކު އޭނާ ޝަޒާގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލައިލިއެވެ.
" މިހާރު އަދި ވަކިން ރީތި"
" ބުނީމެއްނު އަހަރެންގެ ބޭނުމެއް ނެތޭ! ބުނީމެއްނު އަހަރެންދެކެ ލޯތްބެއް ނުވެޔޭ! އަހަންނަކީ ހަޑި މީހެކޭ އޯލްޑް ފެޝަންގެ މީހެކޭ ނުބުނަންތަ؟ ކޮބާ ގެންގުޅުނުހާ އަންހެން ކުދިންތައް؟ ލިވީ އެހާ ތުއްތު އިރު ވަރިކޮށް އެއްލާލީ އަހަންނަށް ފިއްޓޭ ބޭނުންވާ ކަންތައްތައް ނުކޮށްދެވެޔޭ ބުނެފައެއްނު.. ދެން މިހާރު ކީއްކުރަން ތިއައީ؟ "
ޝަޒާ އެހެން ބުނެ ފަހަތަށް ޖެހެން ފެށިއެވެ. އޭރުވެސް ފިއްޓޭ އޭނާއާ ދިމާއަށް އަންނަމުން ދިޔައެވެ.
" އަހަރު ދުވަސް ވެގެން ދިޔައީ! ލިވީއަށް ޚަރަދެއް ނުކުރާތާ، ލިވީގެ ޙާލުވެސް ބަލައި ނުލާ! "
އަނެއްކާވެސް ޝަޒާ ބުނެލިއެވެ. އޭރުވެސް އޭނާ ހުރީ ވަރަށް ބޮޑަށް ރުޅި ގަދަވެފައެވެ.
" އަހަރެން ފެނުނީމަ އުފަލެއް ނުވޭތަ؟ އެހާ ދުވަސްކޮށްފަ ފެނުނީމަ އަހަރެން ގާތަށް އަންނަ ހިތެއް ނުވޭތަ؟ "
ޝަޒާގެ އަތުގައި ހިފައި ބާރުކޮށްލަމުން ފިއްޓޭ ބުންޏެވެ. އެއާއެކު އަތް ފޮޅުވާލެވޭތޯ ޝަޒާ މަސައްކަތް ކުރަމުން ދިޔައެވެ.
" އަނެއްކާ މިހާރު ތިއީ މީހެއްގެ އަނތްބެއްތަ؟ "
ޝަޒާގެ ކަންފަތާ ދިމާއަށް މޫނު ކައިރިކޮށްލަމުން ފިއްޓޭ އެހިއެވެ.
" ފިއްޓެއާ ބެހޭކަމެއް ނޫން! "
މޫނު އަނބުރާލަމުން ޝަޒާ އެހެން ބުނުމާއެކު ފިއްޓޭ ހިނިގަނޑެއް ޖަހާލިއެވެ.
" ހާދަ ގަދަކޮށްފިއޭ! އަހަންނަށް ހީވަނީ މިހާރު ކޮންމެވެސް މީހަކު ޝަޒާއަށް ބާރު ދޭހެން.. މީގެ ކުރިން އަހަރެން ކިރިޔާ އެއްޗެއް ބުނާއިރަށް ބިރުން ސިހިސިހި ހުންނަ މީހެއްތި! "
" އެއީ ކުރިއެއްނު! ބައެއް ކަންކަމަކީ ބަދަލުވާނެ ކަންތައްތައް! އަހަންނަށް އަނިޔާކޮށް، އަހަރެން ހިތުގައި ޖައްސާ ހެދި އިރު އެއްޗެއް ނުބުނީ އޭރު ތިއީ އަހަރެންގެ ފިރިމީހާއަށްވީތީ! އެކަމަކު މިއަދު އަހަރެން ފިއްޓޭއަށް އިޖާބަދޭން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ.. ބައްޕައަކާ ނުލައި ލިވީގެ ހުރިހާ ކަމެއްވެސް އަހަރެން ކޮށްދިންކަން ފާއިތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި އެއޮތީ ސާބިތުކޮށްދީފައި! އެހެންވީމަ ދެން އަހަރެމެންނަށް ފިއްޓޭގެ ބޭނުމެއް ނެތް.."
ޝަޒާ އެހެން ބުނުމާއެކު ޝަޒާގެ ދިގު އިސްތަށިގަނޑުގައި ހިފައި ބާރުކޮށްލަމުން ފިއްޓޭ ވާހަކަ ދައްކަން ފެށިއެވެ.
" އައްދެ! ކަލޭ ހާދަ އަނގަ ގަދަ ވެއްޖެޔޭ! ތެދަށް ބުނޭ! ކާކު ކަލެއަށް ތިޔަވަރުގެ ބާރެއް ދިނީ؟"
" އައްދޯއި! ތަދުވެޔޭ! އަހަރެންގެ އިސްތަށިގަނޑުން ދޫކުރޭ.. "
ދުރަށް ދާން މަސައްކަތް ކުރަމުން ޝަޒާ ބާރުބާރަށް ބުންޏެވެ. އެއާއެކު ފިއްޓޭ ލުތްކެއް ޖަހާފައި އޭނާ ދޫކޮށްލިއެވެ.
" ނިކުމޭ މިގެއިން… ބުނެފީމެއްނު އަހަރެމެން ދެން ކަލޭ ބޭނުމެއް ނޫނޭ.."
އަނެއްކާވެސް ޝަޒާ ބުންޏެވެ. ނަމަވެސް ފިއްޓޭ ހުރީ ދާ ގޮތަކަށް ނޫނެވެ. ބޮޑު ފިޔަވަޅުގައި ގޮސް ސޯފާގައި އޭނާ އިށީނދެލިއެވެ.
" ސޮރީ އިނގޭ.. އަހަރެން ވަރަށް މަސައްކަތްކުރަމޭ އަތް އިސްނުކޮށް ވޭތޯ! އަހަރެން މިއައީ ޝަޒާއާއެކު އަލުން ގުޅިގެން އުޅެން.. ދަރިފުޅުމަތިންވެސް ހަނދާންވާތީ.. "
މާޔޫސީ ރާގެއްގައި ފިއްޓޭ އެހެން ބުނި ނަމަވެސް ޝަޒާ ހުރީ އޭނާއަށް އިތުބާރު ކުރާ ގޮތަކަށް ނޫނެވެ. ދެއަތް އުރާލަމުން ޝަޒާ ދެފަރާތަށް ބޯ ހޫރަން ފެށީ ނުރުހުންތެރިކަމާއެކުގައެވެ.
" އަހަރެން ކިހިނެއް ޤަބޫލު ކުރާނީ؟ ދެންމެވެސް ތިހުރީ ހެދި ގޮތް! ފިއްޓެ ބަދަލުވާނެހެން އަހަންނަކަށް ހިއެއް ނުވެޔޭ"
ޝަޒާ ބާރުބާރަށް ބުންޏެވެ. އެއާއެކު ފިއްޓޭ އަނެއްކާވެސް ތެދުވެއްޖެއެވެ.
" އަހަންނަށް ފުރުޞަތެއް ދީ! ޕްލީޒް.. އަހަރެން ރަނގަޅުވާން މަސައްކަތް ކުރާނަމޭ.. ޝަޒާ އަހަންނަށް ހެލްޕް ވާނަމެއްނު"
" މިއޮއްހާ ދުވަހު ފިއްޓެ އުޅުނީ ކޮންތާކު؟ ކީއްވެ އަހަރެމެންނަށް ޚަބަރު ނުވީ؟ ކީއްވެ އަހަރެމެންގެ ޙާލެއް ބަލައި ނުލީ! މިހާރު ލިވީއަށް ބައްޕަ ނުވެސް އެނގޭނެ.. އޭނަ ނުވެސް އަހާ ބައްޕަގެ ވާހަކައެއް.."
ފާރުގައި ލެނގިލަމުން ޝަޒާ ވާހަކަ ދެއްކިއެވެ. އެއާއެކު ފިއްޓެ މަޑުމަޑުން ޝަޒާއާ ދިމާއަށް ހިނގައިގަތެވެ. އޭނާ ގޮސް ފާރުގައި އެއްއަތް ވިއްދާލުމަށްފަހު އަނެއް އަތުން ޝަޒާގެ ދަތްދޮޅީގައި ހިފާލިއެވެ. އަދި ޝަޒާގެ ދެލޮލާ ލޯ ސީދާ ކޮށްލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
" އަހަންނަށް އެނގޭ ޝަޒާއަށް އަހަރެން ފިޔަވާ އެއްވެސް މީހަކު ދެކެ އަދިވެސް ލޯބި ނުވެވޭނެކަން.. އެ ޔަޤީންކަމާއެކު މިއައީވެސް.. އަހަރެން ޝަޒާއަށް ލޯބިދިންހެން ލޯބިދޭނެ އެއްވެސް ފިރިހެނަކު ނުހުންނާނެ.."
ޝަޒާގެ ތުންފަތާ ދިމާއަށް ފިއްޓޭ މޫނު ތިރިކޮށްލުމާއެކު، ފިއްޓޭގެ މޭގައި އަޅާ ދުރަށް ޖައްސާލުމަށްފަހު ޝަޒާ ހިނގައިގަތެވެ. ނަމަވެސް ހުށިޔާރުވެ ހުރި ފިއްޓޭ ޝަޒާގެ އަތުގައި ހިފާ އޭނާއާ ދިމާއަށް ދަމައިގަތީ ނުހަނު އަވަހަށެވެ.
" ޕްލީޒް… ދުރަށް ނުދޭ! އަހަރެންގެ ޙަޔާތަށް ދިހަ ބާރަ މީހުން އައި! އެކަމަކު ތި ނޫން މީހަކު ދެކެ ޙަޤީޤީ ލޯތްބެއް ނުވެވުނު.."
ޝަޒާގެ އުނަގަނޑުގައި ބާރުބާރަށް ހިފަހައްޓާލަމުން ފިއްޓެ ބުންޏެވެ.
" ޤަބޫލު ކޮށްބަލަ! އެއް އަހަރު ވަންދެން ރިހެބްގައި އުޅެފައި މިއައީ! ސިނގިރެޓްވެސް ނުބޮން! ކުރިން އުޅުނު ވިޔާ ނުދާ އުޅުން ދޫކޮށްލައިގެން އަހަރެން މިއައީ އަލުން ޝަޒާއާ ގުޅެން ވެގެންނޭ"
ކުރަކި އަޑަކުން ފިއްޓޭ އެހެން ބުނެލި އިރު ޝަޒާ ހުރީ ޤަބޫލުކުރާ ހިތްވެފައެވެ. އިރުކޮޅަކު ފިއްޓޭގެ މޫނަށް ބަލަހައްޓައިގެން ހުރުމަށްފަހު ޝަޒާ ދުރަށް ޖެހިލިއެވެ.
" ތިބުނާ ހުރިހާކަމެއްވެސް އިސްލާޙް ކުރެވިދާނެ.. އެކަމަކު…. ފިއްޓޭގެ ކަށީގައި ހިފާފައި ތިހުރި އަނިޔާ ކުރުމުގެ ސިފަ ދުވަހަކުވެސް ބަދަލެއް ނުކުރެވޭނެ.. އެހެން ނޫން ނަމަ މިރޭ ފިއްޓޭ އަހަންނަށް ތަދެއް ނުކުރީސް.. އަހަރެންގެ އިސްތަށިގަނޑަކު ނުހިފީސް.. އެއީ އަހަރެން ފިއްޓޭދެކެ ފޫހިވާ ސިފައަކީ! "
ދެލޯ ބޮޑުކޮށްގެން ހުރެ ޝަޒާ ބުންޏެވެ.
" މިގެއިން ނިކުމޭ! އަހަރެންގެ ޙަޔާތުގައި ފިއްޓޭއަށް ދޭނެ އެއްވެސް ޖާގައެއް ނެތް.."
ދޮރާ ދިމާއަށް އަތް ދިއްކޮށްލުމަށްފަހު ޝަޒާ ބުންޏެވެ. އެއާއެކު ފިއްޓޭ ދެރަވެ ހުރެ ޝަޒާއާ ވާހަކަ ދައްކަން ފެށިއެވެ.
" ސޮރީ! އަހަންނަށް އާދަވެފައި ހުރި ކަމެއް އެއީ! އެކަމަކު އެކަންވެސް ރަނގަޅުކުރެވޭނެޔޭ! ވަގުތު ނަގާނެޔޭޝަޒާ! ކީއްވެތަ ޤަބޫލު ނުކުރަނީ؟"
ފިއްޓޭ އަސަރާއެކު ބުންޏެވެ. ނަމަވެސް ޝަޒާ އިތުރަށް އެއްވެސް އެއްޗެއް ނުބުންޏެވެ. އެހެންކަމުން މިފަހަރުވެސް ވާހަކަ ދެއްކީ ފިއްޓޭއެވެ.
"އަހަރެން މާލޭގައި ހުންނާނީ ކުޑަ ދުވަސްކޮޅަކު.. އަނެއްކާވެސް ދާން ޖެހޭނެ އަނެއް ޓާރމަށް! މި ދުވަސްކޮޅު އަހަރެންގެ ދަރިފުޅާއެކު ވަގުތު ހޭދަކޮށްލަން އަހަރެން މިގޭގައި ބަހައްޓައިދެވިދާނެތަ؟ "
ފިއްޓޭ އެހެން ބުނާއަޑު އަހަން ޝަޒާއަށް އުނދަގޫވިއެވެ.
( ނުނިމޭ)

ކިޔުންތެރިންގެ ޚިޔާލުތައް
ކޮބާ އަނެއް ބައި… ހާދަ ލަހޭ ސަލް