އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް)ގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއުއެވެ.

އެ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14 ޗާޓުގައި ހިމެނިގެން ކުރިއަށްދާ މަޝްރޫއެކެވެ.

ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް އެ ސްކޫލް ބަދަލުކުރުމަކީ ރައީސް، ޑރ މުއިއްޒުގެ 'ދިވެހީންގެރާއްޖެ' މެނިފެސްޓޯގައި ހިމެނޭ ރިޔާސީ ވައުދެކެވެ.

މީގެ ނުވަ އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ލިބިފައި ހުރުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން އެ ސްކޫލު ހުސްކުރި އެވެ. ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައި އޭގެ ފަހުން ދުވަސްތަކެއް ވަންދެން ކިޔަވައި ދިނެވެ. އަރަބިއްޔާގެ ކުދިންނަށް މިހާރު ދޫކޮށްފައި ވަނީ ދަރުމަވަންތަ ސްކޫލްގެ ކުދިން ބޭނުންކުރި ވަގުތީ އިމާރާތެވެ.

އަރަބިއްޔާ ސްކޫލްގެ ކުދިންނަށް އާ އިމާރާތެއް ނުލިބި، އެއްތަނުން އަނެއް ތަނަށް ބަދަލުވުން އާންމުވުމުން އެ ސްކޫލްގެ ބެލެނިވެރިންގެ ޝަކުވާ މިދިޔަ ސަރުކާރުގައި ވަރަށް ބޮޑުވި އެވެ. އެހެންވެ، ރައީސް މުއިއްޒު ވެރިކަމުގެ ކެމްޕެއިންގެ ތެރޭގައި ދެއްވި އެންމެ ބޮޑު އެއް ޔަގީން ކަމަކީ އެ ކަމަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމެވެ.

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *