ދުޅަހެޔޮ މުޖުތަމަޢަކަށް ޢާއިލާގެ މުހިންމުކަން

ކޮންމެ މުޖުތަމަޢެއްވެސް އެކުލެވިގެންވަނީ އާއިލާތަކެއްގެ މައްޗަށް ކަމަށްވާއިރު އެ މުޖުތަމަޢުގެ ދުޅަހެޔޮކަމާއި އަމާންކަމާއި އުފާވެރިކަން ބިނާވެފައި އޮންނަނީ އެމުޖުތަމަޢުގައި ހިމެނޭ އާއިލާތަކުގެ ފަރުދުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމުގެ މައްޗަށެވެ. އެހެންކަމުން އެއިން ކޮންމެ އާއިލާއެއްގައި އެކުލެވޭ އެންމެހާ މެމްބަރުންނަކީ ވެސް މުޖުތަމަޢަށް މުހިންމު ފަރުދުންތަކެކެވެ.

މިއިން ކޮންމެ ޢާއިލާއެއް އެ ޢާއިލާގެފަރުދުންނަށް ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ތަފާތު ބޭނުންތައް ފުއްދައިދެއެވެ. އެގޮތުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީ، އަމިއްލަވަންތަކަމުގެ އިހުސާސް އުފައްދާ، ތަޢުލީމީ ކުރިއެރުމަށްހިތްވަރުދީ ސިކުނޑިތަރައްގީކުރުމަށް މަގުފަހިކޮށްދެއެވެ.

އިސްލާމްދީނުގައި ޢާއިލާއަކީ މުޖުތަމަޢުގެ އެންމެ މުހިންމު އެއް ތަނބު ކަމުގައިވާއިރު އެއީ އެކަކު އަނެކަކަށް އަޅާލުމާއި ލޯތްބާއި އޯގާތެރިކަމާއި އެހީތެރިކަންދީ އެއްބާރުލުންދިނުމުގެ މައްޗަށް އެކުލެވިގެންވާ އިޖުތިމާއީ ޔުނިޓެކެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ : وَمِنْ آيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَتَفَكَّرُونَ ﴿٢١﴾ މާނަ: ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން ލެއްވިއެވެ. ހަމަކަށަވަރުން ފިކުރުހިންގާބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.

ތަފާތު ދެ ޢާއިލާއެއްގެ ތަރުބިއްޔަތުން އުފެދިފައިވާ ދެ އިންސާނަކު އެކީގައި ދިރިއުޅުމުގެ ދުވަސްތައް ހޭދަކުރަންޖެހުމުން އެދެމަފިރިންނަށް ކިތަންމެ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހެއެވެ. އަދި އެކަކު އަނެކަކުގެ ފަރާތުން ދަސްކުރާނެ އެތައް ކަމެއް ހުރެއެވެ. އަނެކާގެ ކިބައިން ފެންނަ ހިތްހަމަނުޖެހޭ، ތިމާ އެކަމެއް ބަލައިގަންނަންދަތި އުނދަގޫ ކިތަންމެ ކަމަކާ ކުރިމަތިލާންޖެހެއެވެ.  މިފަދަ ޙާލަތްތަކުގައި ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއިއެކު އެކަކު އަނެކަކާއި ވާހަދައްކާ އިޙްތިރާމާއިއެކު މުޢާމަލާތު ކުރުމަކީ އޭގެސަބަބުން އާއިލީމައްސަލަތައް ހައްލުކުރުމަށް ފަސޭހަވެގެންދާނޭ ކަމެކެވެ. އަދި އެ ޢާއިލާއެއްގައި ތަރުބިއްޔަތުވެ އުފެދިގެން މުޖްތަމަޢަށްނިކުންނަ ފަރުދުންނަކީ އެކަކުއަނެކަކަށް އިޙުތިރާމުކުރުންފަދަ ރިވެތި ސިފަތަކުން ސިފަލިބިގެންވާ ފަރުދުންތަކެއް ކަމުގައިވުމާއިއެކު ދުޅަހެޔޮ މުޖުތަމަޢެއް އުފެދުމަށް ލިބޭ ފުރިހަމަ ބާރަކަށް ވެގެންދާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *