ވާހަކަ: ގެއްލުނު ދުނިޔެ (17)

(15 ފެބްރުއަރީ 2024 ގެ ނޫހާއި ގުޅޭ)

އެކަކު އަނެކަކާ ހަމަ ވާހަކަ ދައްކަން ފެށުނުތަނާ ކުއްލިއަކަށް ހަތަރު ފަރާތުން ހަތިޔާރުހިފި ޑާކޫން އައިސް އެންމެން ވަށައިލައިފިއެވެ. އެންމެން ގަންނާ ކުރެއްވި ބިރުން ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައި ތިބެއްޖެއެވެ. މުޅި ސަނދުވާގެ ދަށުގައި ވެސް ފެތުރިފައި ވަނީ، މަރުގެ ހަމަހިމޭން ކަމެވެ.

“ޚަބަރުދާރު އެކަކު ވެސް އެއިން ތާކުން ހެލިލައިފިތަ، ނޫނީ ނޭވާއެއް ވެސް ލައިފިތަ.” ވަރުގަދަ އަޑަކުން ބުނެލިއެވެ.

ކޮންމެ މީހަކު އެއިން ތަނެއްގައި ހަމަހިމޭނުން ތިބެއްޖެއެވެ. މީހަކު ފިސްތޯލައެއް ދިއްކުރަމުން ހުރެ އާދެއެވެ. އޭނާ ދަނީ ޖަވާހިރުތައް އަޅައި ޒީނަތްތެރިވެފައި ތިބި އަންހެނުންގެ ލައިނުގެ ގޮނޑިތަކާ ދިމާއަށެވެ.

“ބާލާ ތިޔަ ޖަވާހިރުތައް.” އޭނާ ހުކުމްވެރި ގޮތެއްގައި ބުންޏެވެ.

އެ އަންހެންމީހާ އޭނާގެ ހުރިހާ ގަހަނާއެއް ބާލައިފައި، އެ ޑާކޫ އާ ހަވާލުކޮށްފިއެވެ. އަދި ދެންއިން އަންހެނަކާ ކުރިމަތިލައިފިއެވެ.

“ކަލޭގެ ހަށިގަނޑުގައި ތިޔަ ވިދަނީ މި ގައުމުގެ ހާސް އިންސާނުންގެ ބާއްޖަވެރިކަން. ބާލާ ތިޔަ އެއްޗެހި.”

އެ އަންހެންމީހާ ވެސް އޭނާގެ ހުރިހާ ޖަވާހިރެއް، ހުރިހާ ގަހަނާއެއް ބާލައިފައި ދީފިއެވެ.

“ކަލެއަށް ތިޔަވިދާ ބެބުޅުން ލިބިފައި ތިޔަހަރީ ގައުމުގެ އެތައް ހާސް އެތައް ލައްކަ އިންސާނުންނެއް ބަނޑަށް މަރައިގެން. އަހަރެމެންނާ ހަވާލު ކުރޭ ތިޔަ އެއްޗެހި.”

އޭނާ އަނެއް ފިޔަވަޅު ކުރިޔަށް އަޅައިފިއެވެ.

“ތިޔައީ އާއްމުންގެ ލެޔާއި ދާ. ކަލޭ ނަލަހެދުމަށް ބޭނުން ހިފައިގެން ތިޔައިނީ.” އޭނާ އެ އަންހެންމީހާގެ އަތުން ވެސް ހުރިހާ ޖަވާހިރެއް ބޭލުވިއެވެ. ދެން އަނެއް މީހަކަށް ކުރިމަތިލައިފިއެވެ.

“ކަލޭ ތިޔަ ޗާލޫކަމާއި ފަރިކަމުގެ ބިންގާ އަޅައިގެން ތިޔަ އިނީ، ގައުމުގެ އެތައް ލައްކަ އިންސާނުންނެއްގެ ބަނޑުހައިކަމުގެ މައްޗަށް.”

އޭނާ މިފަސްވަނަ މީހާގެ ހުރިހާ ޖަވާހިރެއް އަތްދަށުލައިފައި ކުރިޔަށް ފިޔަވަޅެއް އެޅިއެވެ.

ގީތާގެ ލޯ ހައިރާންވިލެއް ބޮޑުކަމުން ބޮޑުވެފައި އިނެވެ. އޭނާގެ އަނގަ ވެސް ފިކުރުބޮޑުވެގެން ހުޅުވިފައި ހުއްޓެވެ.

“މާތްރަސްކަލާކޯއެވެ.” އޭނާގެ ހިތުން މިއަޑު ނުކުތެވެ.”އަހަރެންގެ ވަކިވެފައިވާ ލޯބިވެރިޔާ. މިއީ އަހަރެންގެ ފިރިމީހާއެވެ. އެކަމަކު މި ސިފައިގައިހޭ.”

“ތިޔަ ގަހަނާތައް ބާލާ!” އޭނާ އަންހެނަކާ މުޚާޠަބު ކުރިއެވެ. “ތިޔަޔާހުރެ ބަނޑުހައިވެފައިތިބި ކުޑަކުޑަ ނިކަމެތި ކުދި ދަރިންތަކުގެ ރޫހުތެޅެނީ.”

އެ ގަހަނާތައް ވެސް އޭނާއަށް ލިބިއްޖެއެވެ. އޭނާ އަނެއް ފިޔަވަޅު ކުރިޔަށް އެޅިއެވެ.

“އަދި ކަލޭ….” އޭނާއަކަށް ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. އޭނާގެ ފިޔަވަޅު ހުރިތާ ހަރުލައްޖެއެވެ. އޭނާގެ މޫނުމަތީގެ ކުލަ ތަޣައްޔަރު ވެއްޖެއެވެ. އޭނާއަށް މިހާރު އެއަތް ދިއްކޮށްލެވުނު އަންހެނަކީ، އޭނާގެ އަމިއްލަ އަނބިމީހާ ގީތާއެވެ. އޭނާ ފެނި އޭނާއާ ހަތަރުކަޅި ހަމަވުމުން، އޭނާ އަނދިރިވެއްޖެ ކަހަލައެވެ. އޭނާގެ އަތްތުރުތުރު އަޅަން ފަށައިފިއެވެ. ދެލޮލުގެ ކަޅި ހުއްޓިއްޖެއެވެ. ހީވަނީ ދިރިހުރި މީހެއް ނޫން ހެންނެވެ. އަދި ކީއްތޯއެވެ. ހީވަނީ ކޮންމެވެސް ބުދެއްގެ ދެލޯ ހެންނެވެ. އޭނާ ބުދަކަށް ވެއްޖެއެވެ.

ދެން އޭނާ އެ ހުރިހާ ގަހަނާތަކެއް އުކައިލައިފައި، އައިކޮޅަށް ދުއްވައިގެންފިއެވެ. އަދި އޭނާގެ ހުރިހާ އެކުވެރީންނާ އެކުގައި ރޭގަނޑުގެ އަނދިރީގެ ތެރޭގައި ކޮންމެވެސް ތާކަށް ގޮސް ގެއްލިއްޖެއެވެ.

އޭނާ ހިނގައްޖެއެވެ. ގީތާ އެއިންތާނގައި ހަމަ އެއިން ގޮތަށް ހިއްސެއް ހަރަކާތެއް ނެތި އިނެވެ. ހީވަނީ ކޮންމެވެސް މީހަކު، އޭނާ ބުދަކަށް ހަދައިފައި އެ ގޮނޑީގައި މޮހޮރެއްޖަހާ ހަރުކޮށްފައި އިންހެންނެވެ.

ދެން ދުވުމާއި ކަންތަންގަނޑު ފެށިއްޖެއެވެ. ހަޅޭފަޅޭކުގެ އަޑުތައް ގަދަވެގެންފިއެވެ. ފުލުހުންގެ ޖީޕުތައް ދުއްވަން ފަށައިފިއެވެ މީސްތަކުން އެތަން މިތަނަށް ދުވާން ފަށައިފިއެވެ.

ގީތާ ހިތާމައިން ހިތަށްވެފައި އިން ގޮތުން ނުހިފެހެއްޓިގެން ހޭނެތިގެން ވެއްޓިއްޖެއެވެ.

.

މެންދަމުން އަލިވެ ދެގަޑިބައިއެހާކަށްހާއިރު ވެއްޖެއެވެ. ނަމަވެސް، ގީތާގެ ލޮލުގައި ނިދީގެ ލުއިލުއި އެންމެ އަސަރެއް ވެސް ނެތެވެ. އޭނާ އަދިވެސް އިނީ ހޭލައެވެ. އޭނާ އެދަމުގައި ހަމަހިމޭނުން އިނދެގެން ހިތަށްއަރަނީއެވެ. އޭނާގެ ލޯ އޭނާގެ ފިރިމީހާ، މި ސިފައިގައި، ދުށީ ކީއްވެގެން ބާވައެވެ؟ އެހެން މީހެއްގެ ލެއިން ނިތްކުރީގައި ކުލަޖައްސަން ޖެހުނީ ފަހެ އޭނާގެ ނިތްކުރީގެ ހިންދޫރަތިކީގެ ރަތްކަން ނެތުނީބާވައެވެ؟ އޭނާގެ ހަނދާނުގައި އަހަރެންގެ ލޮލުން ލެއަށްވެގެން މިއޮހޮރޭ ލޭކަރުނަތައް ފަހެ އޭނާގެ ހިންދޫރަތިކި ރަތްކޮށްލުމަށް ޓަކައި ނުފުދުނީބާވައެވެ.

އޭނާ ބޭގަރާރުވެގެން ތެދުވެ އިށީނދެއްޖެއެވެ. އޭނާގެ މޭގައި އަތް އުނގުޅައުނގުޅައިފައި ކޮޓަރިތެރޭގައި، އެތަން މިތަނަށް ހިނގަން ފަށައިފިއެވެ.

މާތްރަސްކަލާކޯއެވެ… އޭނާގެ ހިތް ނުހަނު ވޭނާ އެކުގައި ކަލާނގެ ކިބަފުޅަށް ދަންނަވައެވެ.

“ފަހެ ނިކމެތި އަޅުގަނޑުގެ ދުނިޔޭގައި، ހިތާމައިން ފުރިހަމަ ނުވެ ތަންކޮޅެއް އޮތީތާއެވެ. އިބަ ސުވާމީންގެ ތިޔަ ސިފައިގައި އެ އުނިކަން ތިޔަ ފުރިހަމަކޮށްދެއްވީ، އަޅުގަނޑުގެ ފިރިމީހާ އެހެން މީހުންގެ ފިރިން މަރައިފައި އެ މީހުންގެ ދިރިއުޅުން ވީރާނާ ކޮށްލައިފައި އަޅުގަނޑުގެ ރޫހު ވިހައިގެ ތެރެއަށް ގަންބައިލަން ޖެހުނީ، އަޅުގަނޑަކީ މިފަދަ ބަދުނަސީބުވެރިއަކީތޯއެވެ. އަޅުގަނޑުގެ ފިރިއެއްގެ ސަބަބުން މިހާރު ލަދުގަންނަން ޖެހޭ ކަހަލަ ކުށެއް މިއަޅާގެ ނިތްކުރީގައި ޖެހޭނެ ކަމަށް ހުވަފެނަކުން ވެސް ނުދެކެމެވެ.”

އޭނާ ގިސްލަގިސްލައިފައި ރޯން ފަށައިފިއެވެ.

“މާތް ރަސްކަލާކޯއެވެ. މިހާރު އަޅުގަނޑު ދުނިޔެއަށް ދައްކާނީ ކޮން މޫނެއްތޯއެވެ؟ އަޅުގަނޑުގެ ފިރިމީހާ މިސިފައިގައި

ދެއްކެވުމުގެ ކުރިން، އިބަސުވާމީންގެ އަޅުގަނޑުގެ ދެ ލޮލުގެ އަލިކަން ނުގެންދެވީ ކީއްވެގެންތޯއެވެ.”

ދެން އޭނާގެ އަޑު އޭނާގެ ހިތުގެ އެދުމަށް ބަދަލުވެއްޖެއެވެ.

“އަޅުގަނޑުގެ ލޯބިވާ ފިރިމީހާއެވެ…! ކަލޭ ތިޔަ ހެދީ ކިހިނެއް ހެއްޔެވެ؟ އަންހެނަކަށް ޓަކައި ތިޔައީ ކިހާ ބޮޑު ބޭޒާރެއް ހެއްޔެވެ؟ އަދި ކިހާ ބޮޑު ވޭނެއް ހެއްޔެވެ؟ އޭނާއަށް އެއްވެސް މީހެއްގެ ގާތުގައި އޭނާގެ ފިރިމީހާއަކީ ކާކުކަމެއް ނުބުނެވުނެވެ. އޭނާގެ ފިރިމީހާގެ ނަމަށް ދަންދެންވެސް ނުގަނެވެއެވެ. އޭނާގެ ފިރިމީހާ ދިރިހުއްޓާމެ ފިރިއަކުން މަޙުރޫމު ވެފައިވާ އަންހެނަކަށް ވުރެ ވަކީން ބަދުނަސީބު އެކަކުވެސް ދުނިޔޭގައި ހުންނާނެ ބާވައެވެ؟

ދެން އޭނާގެ ހިތް އުތުރި އަރައިގަތެވެ. އޭނާ، އޭނާގެ ފިރިމިހާގެ ލޯބީގެ ތެރެއަށް ގެނބިއްޖެއެވެ.

“ލޯބިވެރިޔާއެވެ…! އަހަރެންގެ ނޯތޭޖެވެ….! ކަލޭ ދުނިޔޭގައި ދިރި އެބަހުރީމުދޯއެވެ. ތިޔައީ އަހަންނަށް ޓަކައި ކިހައި ބޮޑު އުފަލެއް ހެއްޔެވެ. އެތައް އަހަރެއްގެ ފަހުން މިއަދު، ކަލޭ ދިރި ހެޔޮ ހާލުގައި ހުރިތަން ފެނިފައި، އަހަރެންގެ ހިތަށްވީ ގޮތް ލަފުޒުތަކަކުން ބަޔާނެއް ނުކުރެވޭނެއެވެ. ކަލޭވަނީ ކޮން ތަނެއްގައިހޭ؟ އަހަރެންގެ ހަޔާތުގެ އެކުވެރިޔާއެވެ! އަންނާށެވެ! އޭރުން އަހަރެން ކަލޭ ދެކިގެން އަހަރެންގެ އެތައް އަހަރެއްގެ ކަރުހިއްކައިގެންފައިވާ ދެލޮލަށް ހަޔާތުގެ ނޫރު ދޭނަމެވެ. އަންނާށެވެ. އޭރުން އަހަރެން ކަލެއާ، އަހަރެންގެ ތެޅިތެޅި އޮތް ހިތުގެ ތެޅުން ހަވާލު ކުރާނަމެވެ. އަންނާށެވެ. އޭރުން ކަލޭގެ ފިޔަވަޅުގެ ވެލި، އަހަރެމެންގެ ކައިވެނީގެ ޒީނަތާ އެއްކޮށް އަހަރެން ފަޚުރުވެރި ވާނަމެވެ.”

ދެން އަންނާށެވެ! އޭ ސާހިބާއެވެ. އޭރުން އަހަރެން މިއީ އެހީތެރިއެއް ވާގިވެރިއެއް ނެތް މީހެއް ނޫންކަން ދުނިޔެއަށް ސާބިތުކޮށްދޭނަމެވެ. އަންނާށެވެ. އަހަރެންގެ ކަލާނގެއެވެ. އޭރުން އަހަރެން ކަލެއަށް އަޅުކަން ކޮށްގެން އަހަރެންގެ ވޭން ލިބިފައިވާ ރޫހަށް އުފާވެރިކަން ދީގެން އެ ހިތަށް އާ ދިރުމެއް ހޯދާނަމެވެ.

އޭނާގެ ހިތުގެ ކޮންމެ ތެޅުމެއްގައި، ނޯތޭޖުގެ ގުނާ ވިޔަނުވާ ފަދަ ހަނދާންތައް އައުވެގެން ދެއެވެ. ހަގީގަތުގައި އޭނާގެ ހިތުގެ ތެޅުމަކީ، ނޯތޭޖުގެ ލޯތްބެވެ. ނޯތޭޖުގެ ލޯބި ނުވާނަމަ، އޭނާގެ ހިތުގެ ތެޅުމެއް ވެސް ނެތީހެވެ.

އޭނާ މިހާތަނަށް ދިރިއުޅެމުން އައީ، އަސްލުގައި ނޯތޭޖުގެ ލޯބީގައެވެ. އެ ލޯބި އަދި މަރުނުވާތީއެވެ. އެހެން ނޫން ނަމަ އޭނާ މަރުވީހީ ކޮން އިރަކު ހެއްޔެވެ؟

ކޮޓަރީގައި މޮޔައެއްހެން އޭނާ ހިނގަހިނގާ ހުއްޓެވެ. އޭނާގެ ހިތް އުފަލުން ނަށަނީއެވެ. އެއީ ނޯތޭޖު ދުނިޔޭގައި ހުރި ކަމުގެ އުފައު އިހުސާސް ކުރަމުންނެވެ. އަދި އޭނާ ދިރި ސަލާމަތުން ހުރި ކަމަށް ޓަކައެވެ.

ނޯތޭޖު ވީރާނާވެފައިވާ ފަރުބަދައިގެ ކައިރީގައި މޮޔައެއް ހެން ހިނގަހިނގާ ހުއްޓެވެ. އޭނާގެ މި ރޭގަނޑު ވޭތިކުރަން އުޅުނަސް ވޭތި ކުރެވޭ ގޮތެއް ނުވިއެވެ. އޭނާއަށް ހީވަނީ، ވަގުތުގެ ދައުރުވުން ހުއްޓިއްޖެ ހެންނެވެ. އެތައް ކުރޯޑު އަހަރެއް ވަންދެން ދައުރުކޮށްކޮށް ހުރި، ހުރިހާ ތަރިތަކެއް، ހަނދުތަކެއް ވަރުބަލިވެގެން ނިދައިފި ހެންނެވެ. އޭނާއަށް ހީވަނީ، އިރު ދެން ފަހަރެއްގައި ވެސް ނާރާނެ ހެންނެވެ.

އޭނާގެ ކުރިމަތީގައި ވިދަވިދާ އެހެރަ ހަނދުގެ އަލިކަން ފަހަރެއްގައި ވެސް ގެއްލިގެން ނުދާނެ ހެންނެވެ.

އޭނާގެ ހިތުގެ ހާލު ވަރަށް ބޮޑެވެ. އަޖައިބެވެ. އޭނާއަށް ގީތާ ފެނުނީމާ ހީވީ، މަގުގައި ހިނގާ މީހާ ނުވަތަ ދަތުރު ކުރާ މީހާ ގޮސް ޚުދު މަންޒިލުގައި ބޮސްދިނީ ނޫން ހެންނެވެ. އަދި ކީއްހޭ ޚުދު މަންޒިލު އައިސް ދަތުރުކުރާ މީހާގެ ދެކޮނޑަށް ދެއަތް އެއްލީހެންނެވެ. މިއީ ކިހާ ހައިރާންވާ ކަހަލަ ކަމެއްހޭ؟… މިއީ ކިހާ އަޖައިބު، ކިހާ އުފާވެރި

ކަމެއް ހެއްޔެވެ؟

އޭނާގެ ހިތަށްއަރަނީއެވެ. އޭނާގެ ގީތާ އޭނާއަށް ލިބިއްޖެއެވެ. އެތަކެއް އަހަރުގެ އެދުމާއި އުއްމީދުތަކަށްފަހު، ނޭކަށޭނަ ކަމެއް، އެކަށޭނަ ކަމެއް ކަމަށްވީއެވެ. ހީވީ، ހަނދު ބިންމައްޗަށް ފޭބީހެންނެވެ. ހީވީ އެތަކެއް އަހަރެއް ވަންދެން ވަޅުލެވިފައިވާ ގަބުރެއް ދިރިގެން ތެދުވެގެން އައީހެންނެވެ. ހީވީ އަތްތިލައިގައި ސަރުސޫނު ގަސްތަކެއް ފެޅީހެންނެވެ. ހީވީ ހިލަކޮޅަކުން މާފޮޅުނީހެންނެވެ.

އޭނާގެ ހިތަށްއަރައެވެ. އޭނާގެ ޗަންދަރުދީޕު ވެސް ހުންނާނެތާއެވެ! އޭނާ ހަމަކަށަވަރުން ވެސް ދިރި ހެޔޮ ހާލުގައި

ހުންނާނެއެވެ. އަދި އޭނާ ބޮޑުވެދާނެއެވެ. އަދި މިހާރު އޭނާގެ މަންމަޔަށް އެހީއަކަށް ފުދޭހައި ވެސް ވެދާނެއެވެ.

ދީޕުގެ މަތިން ހަނދާންވުމާ އެކު، ވީއުފަލުން އޭނާގެ މޭގަނޑު ތެޅެން ފަށައިފިއެވެ. އޭނާގެ މުޅި ހަށިގަނޑު ހޫނު ތަވައެއްހެން އަނދައިގަތެވެ. ދެން ފަރުބަދަމަތީގެ ފިނިވަޔާއި ފިނި މޫސުމުގެ ގަދަފަދަ ފިންޏާ އެކުވެސް، އޭނާގެ މުޅި ހަށިގަނޑު ދާހިއްލާ ފޯވެއްޖެއެވެ.

“މަގޭ ދަރިފުޅާއެވެ….”

އޭނާ ކުއްލިއކަށް ނުހަނު ބާރަށް ހަޅޭލަވައިގަތެވެ. އަދި ހޫނުހޫނު ކަރުނައިގެ ސައިލެއް އޭނާގެ ދެލޮލުން ހިނގައިގެންފިއެވެ. އޭނާ މޮޔަވެފައިވާ ގޮތެއްގައި އޭނާގެ މޭގައި ހިފަހައްޓައިގެން މޮޔައެއްހެން އެ ހިމޭން ފަރުބަދަ ކައިރީގައި އެތަން މިތަނަށް ދުވާން ފަށައިފިއެވެ.

ނޯތޭޖު އޭނާގެ ގެއްލިފައިވާ ދުނިޔެ ހޯދަން ފެއްޓިއެވެ. ވަރަށް ސިއްރު ގޮތެއްގައެވެ. އޭނާގެ މި ހިތުގެ ޚާއްސަ ސިއްރުގައި، އެކަކުވެސް ބައިވެރިކުރާކަށް ނޭދެއެވެ. ވުމާއެކު އޭނާގެ މި ހިތުގެ ސިއްރު އެކެއްގެ ގާތަކުވެސް ނުބުނެއެވެ. އަދި މަޑުމަޑުން އޭނާ ގީތާއާ އޭނާގެ ދަރިފުޅު ދީޕު އުޅޭތަން ހޯދަން ފެށިއެވެ.

އޭނާއަށް ދިމާވި އެންމެ ބޮޑު އުނދަގުލަކީ، ފާޅުގައި ރަށާއި އަވަށުތެރެއަށް ގޮސް އަދި ބާޒާރުމަތީގައި ވެސް މިގޮތަށް

އުޅެވޭ ގޮތް ނުވުމެވެ. ނަތީޖާއެއްގެ ގޮތުން، އޭނާ މި ހޯދުމުގެ މުހިއްމަށް ޓަކައި، ލޯކަނު، ކޮރު ފަގީރެއްގެ ސިފައަށް ބަދަލުވިއެވެ.

މިހާރު އޭނާ އަވަށްއަވަށާއި ގޯޅިގޯޅިން ސަލާން ޖަހަން ނުކުމެއްޖެއެވެ. އެންމެ ފުރަތަމަ އޭނާ ދިޔައީ ޑާކޫ އަކަށް ވެގެން ރޭގައި އެ ފޭރިގަންނަން ދިޔަ ފައްކާގެ އަށެވެ.

އޭނާ އެ ފައްކާގޭތެރެއަށް ގޮސްފައި ގޮވައިލިއެވެ.

ސާހިބުންނޭ، ސާހިބާއިންނޭ. މާތްކަލާނގެ މަގުގައި ކޮންމެވެސް އެއްޗެއް ދެއްވާށެވެ. މާތްރަސްކަލާނގެ މަގުގައި،

މާތްރަސްކަލާނގެ ރަސްކަންފުޅަށް ޓަކައި، އަޅުގަނޑަށް ކޮންމެވެސް އެއްޗެއް ދެއްވާށެވެ.

ލަތާ، ޑްރޯއިންގ ރޫމުގައި އިށީނދެލައިގެން އިނެވެ. އޭނާއަށް މިއަޑުތައް އިވިފައި ބޭޜަށް ނުކުމެއްޖެއެވެ. އަދި އޭނާ އެއަނދިރި ކޮރު ފަގީރުމީހާ ދެކެފައި ބުންޏެވެ.

“ތިޔަ ތާނގައި ހުރޭ ބޭބޭ. އަހަރެން އެބަ އަންނަން.”

ގޮސްފައި އޭނާ އަތުވެއްޖެއެވެ.

“އަން…ބޭބޭ.” އޭނާ ފަގީރުމީހާ އާ ދިމާއަށް ހަތަރު އަނާ ދިއްކޮށްލިއެވެ.

“ކޮއްކޮ ހެޔޮ ހާލުގައި ލަހައްޓަވާނެ.” އޭނާ އޭނާގެ ނާށިގަނޑު ދިއްކޮށްލިއެވެ.

“ފަރިވާށެވެ. ފޮޅޭށެވެ. ދެމިތިބޭށެވެ. މަންމަގެ ލޯތްބާއި މަންމަގެ މައިވަންތަކަމާއި ބައްޕަގެ ލޯބި ލިބޭހުއްޓެވެ.”

“މަގޭ މަންމަ ކޮބައިތަ ބޭބޭ.” ލަތާ ބުނެލިއެވެ. “މަންމަގެ ލޯބި އަހަރެންގެ އުމުރުން އެއް އަހަރުގައި،

އަހަރެން ދޫކޮށްފައި ހިނގައްޖެ.”

“މާތްރަސްކަލާނގެ ކުޅަދުންވަންތަ އޭނާ ބުންޏެވެ.

‘ކޮންކޮން ބައެއްތަ، ކޮއްކޮގެ ގޭގައި އުޅެނީ.”

“ބައްޕަ އާއި އަހަންނާ. އެނިމުނީ.”

“ކޮއްކޮމެންނަށް މާތްރަސްކަލާނގެ ހެޔޮ ރަހުމަތް ލައްވާނެ.”

އޭނާ މިގޮތް ގޮތް ފިލުވައިގެން، އެތަނުން ހިނގައްޖެއެވެ. އާނއެކެވެ! އެގެއެއްގައި އޭނާގެ ގީތާއެއް ނޫޅެއެވެ.

ދެން އޭނަ ކޮރުޖަހަމުން އޭނާގެ ލަޓިގަނޑުގެ އެހީގައި އެ ފައްކާގެއިން ބޭރަށް ނުކުމެއްޖެއެވެ.

މި އަނދިރި ފަގީރުމީހާ، އަދި އެހެން ތާކަށް ގޮސްވެސް ސަލާން ޖެއްސެވެ. އެއީ ވަރަށް އާދައިގެ ގެއެކެވެ.

ކަލާނގެ މަގުގައި އެއްޗެއް ދެއްވާ –  ކަލާނގެ އޭރުން ނިއުމަތް ދެއްވާ

ފަގީރު އަޅުންނަށް އެއްޗެއް ދެއްވާ – މަގީ މިއޭ ރުއްސެވުން އެ ދެއްވާ

ދެތިން ދުވަސްވަރު ތަނެއް މިތަނަކީ – މިތިން ދުވަހު ހޭދަކޮށް އުޅުއްވާ

ނަމަވެސް އެތާކުން ވެސް އޭނާއަކަށް ހިތުގެ އެދުމެއް ނުފުދުނެވެ. އޭނާ އެހެން ގެއަކަށް ހިނގައްޖެއެވެ. އޭނާ ސީދާ އެމަގުމައްޗަށް ގޮސްފައި ގޮވައިލިއެވެ.

ރާމުގެ ނަމުގައި ދެއްވާ އެއްޗެއް

އާ ނޫރެއް ދީޕަށް ލިބިދާނޭ

ދީޕުން ހިތްތައް އަލިކޮށްލައްވާ

ގީތާއިން މަގުތައް ފެނިދާނޭ

އެދުމެއް ހުރިހައި ދޫކޮށްލައްވާ

ހެދުމެއް ވިޔަވަތި ލިބިގެންދާނޭ

ގީތާވީ ތަން ދެނަހުރި ބާއޭ

ސީތާ މިކަމަށް މެދުވެރިވާނޭ

ނަމަވެސް އޭނާގެ ގީތާ އެތާކުންވެސް ފެންނަ ގޮތެއް ނުވިއެވެ. އަދި އޭނާގެ ދީޕު އެއްވެސް ތާކުން ނުފެނުނެވެ. ވަރަށް ހަވީރުވެއްޖެއެވެ. ހިނގަމުން ހިނގަމުން ގޮސް އޭނާއަށް އެހެން އަވަށަކަށް ދެވިއްޖެއެވެ. މިފަހަރު އޭނާ އެ ވަންނަން ބިލްޑިންގު ގެ އެއްވަނަ ފުލޯރ އެއީ ގީތާ އުޅޭ ތަނެވެ.

ކަން ދިމާވި ގޮތުން، އޭނާ ހަމަ ގީތާގެ ފުލެޓުގެ ކުރިމަތީގައި ހުރެ ކިޔަން ފެށިއެވެ.

ފަތިހާ ފަތިހާ ނުކުމެއްޖައީމޭ

ދަތިކަން ލިބިހިތްދަތިވެއްޖައީމޭ

ހޭދަވެ ދުވަހެއް، ރޭވެ ދަނީއޭ

މޭގެ ބައެއް ނެތި އުނިވެއްޖައީމޭ

ގީތާ ސީތާ ދީޕަކް ވޭހޭ

ސީދާ މަގުބެދި ގެއްލިއްޖައީމޭ

ގީތާއެއް ނޫޅެއެވެ. އޭނާ ވަނީ ކޮންމެވެސް ކަމަކު ބާޒާރަށް ގޮހެވެ. ދީޕު އޭނާގެ ޔުނީފޯމު ލައިގެން ޑިއުޓީ އަށް ދާން ތައްޔާރުވަނިކޮށް ބޭރުން އިވިއްޖެއެވެ.

“މާތްރަސްކަލާނގެ މަގުގައި މާތްރަސްކަލާނގެ ރަސްކަންފުޅަށް ޓަކައި އަޅުގަނޑަށް ކޮންމެވެސް އެއްޗެއް ދެއްވާށެވެ.”

އެވަގުތު ދީޕު ދޮރުހުޅުވައިލައިފައި ބޭރަށް ނުކުމެއްޖެއެވެ. ޕޮލިސް އިނިސްޕެކްޓަރެއް، އޭނާގެ ކައިރީގައި ހަމަ ދިމާ ކުރިމަތީގައި ހުއްޓަތީ ފެނިފައި ނޯތޭޖު ހިސާބަކަށް ބިރުގެންފައި ބުންޏެވެ.

ކަލާނގެ މަގުގައި އެއްޗެއް ދެއްވާ

ކަލާނގެ އޭރުން ނިއުމަތް ދެއްވާ

ދީޕު ނޯތޭޖުގެ އަތަށް އަނާއެއް ލަމުން ބުންޏެވެ.

“އަން ބޭބޭ ދެން ގެއަށް ދޭ. ގޭގައި އަހަރެން ނޫނީ އެކަކުވެސް ނެތް.”

“އަބަދު ހެޔޮ ހާލުގައި ލަހައްޓަވާނެ ދަރިފުޅާ.” އޭނާ ދުއާ ކުރިއެވެ.

ދީޕު ނުހަނު ހަލުވިކަމާ އެކު ހަރުފަތްތަކުން ފައިބަން ފަށައިފިއެވެ. ދެން ނޯތޭޖު ވެސް އޭނާގެ ފަހަތުން ކޮރުޖަހަމުން ފައިބަން ފަށައިފިއެވެ. އޭނާ މަގުގެ ކަނާތް ފަރާތަށް އެޅުމާ އެކުހެން ވާތް ފަރާތުން ޓެކުސީއެއް ވަރަށް ހަލުއިކޮށް ދުވެލައިފައި އަތުވެއްޖެއެވެ. އަދި ދީޕުގެ ފުލެޓު ހުންނަ ބިލްޑިންގެ ކުރިމައްޗަށް ހުއްޓައިލައިފިއެވެ. އޭގެ ތެރެއިން ނުކުތީ ގީތާއެވެ. ޓެކުސީގެ ބިލު އަދާ ކުރުމަށްފަހު، އޭނާ ފުލެޓުގެ ހަރުފަތްތަކުންލައިފައި އަރަން ފަށައިފިއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *