ރޯދަމަހު އިންތިހާބު ނުބޭއްވޭ ގޮތަށް ބިލް ދެ ވަނަ ފަހަރަށް ފާސްކޮށްފި

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާއިބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިލުމުން، އެ ބިލު އޮތް ގޮތަށް ދެވަނަ ފަހަރަށް މިއަދު ފާސްކޮށްފިއެވެ.

ރޯދަ މަސް ނިމި، 10 ދުވަސް ފަހުން އިންތިޚާބު ބާއްވާ ގޮތަށް ގާނޫނު އިސްލާހުކޮށް، އެ ބިލު ތަސްދީގުކުރަން ރައީސް އޮފީހަށް ފޮނުވީ މި މަހު 12 ގައެވެ. އެކަމަކު، މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުނުކޮށް، އަނބުރާ މަޖިލީހަށް ފޮނުވާލައިފައެވެ. މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ އެ ބިލު އޮތް ގޮތަށް އަލުން ފާސްކޮށްފައެވެ.

އެ ބިލު އަލުން އޮތް ގޮތަށް ފާސްކުރަން މިއަދު ވޯޓަށް އެހުމުން އެ ވޯޓުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ ތެރެއިން 47 މެންބަރުން ވަނީ ބިލަށް ވޯޓު ދެއްވައިފައެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އެންމެ 14 މެންބަރުންނެވެ. މަޖިލީހުގެ ޖުމުލަ 87 މެންބަރުން ކަމުގައި ގުނި ނަމަވެސް 43 މެންބަރުންގެ ވޯޓުން އަޣުލަބިއްޔަތު ލިބޭނެއެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުން ބިލް ފާސްކުރާތާ ހަތް ދުވަސް ތެރޭގައި އެ ބިލް ތަސްދީގު ކުރުމަށް ރައީސަށް ފޮނުވަން ޖެހެ އެވެ. އެ ބިލް ރައީސަށް ލިބިވަޑައިގަންނަވާތާ 15 ދުވަސް ތެރޭގައި ތަސްދީގު ކުރަން ވާނެ އެވެ. ތަސްދީގު ނުކުރައްވާ ނަމަ 15 ދުވަސް ތެރޭގައި މަޖިލީހަށް ބިލް އަނބުރާ ފޮނުވާލަން ޖެހެ އެވެ.

ރައީސް މުއިއްޒު އެ ބިލް އަނބުރާ ފޮނުވައިލެއްމުން އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސްކުރުމުގެ ފުރުސަތު ވެސް މަޖިލީހަށް ލިބެ އެވެ. އެގޮތަށް ދެ ވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އެކަމަށް ވަކި މުއްދަތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނެތެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *