(29 ފެބްރުއަރީ 2024 ގެ ނޫހާއި ގުޅޭ)
އޭނާ އެ އަންނަނީ މަހާލަކްޝަމީގެ ބޮޑު ފައްޅިއަށް ގޮސް، ނަދުރުގެންފައެވެ. މާތްރަސްކަލާނގެ އިރާދަފުޅުން ކޮންމެވެސް ގޮތަކުން އޭނާ އާ ނޯތޭޖު ބައްދަލުކުރެއްވުމަށެވެ.
ގީތާ ވަނީ، ވަރަށް ފިކުރުބޮޑުވެ ހިތްދަތިވެފައެވެ. ނޯތޭޖު ފެނުމުން އޭނާގެ ހިތުގެ އޮބިފައިވާ އަނގުރުތަކުން، ވަރަށް ގަދަފަދަ ކަމާ އެކު ދެވަނަ ފަހަރަށް ހުޅުފަޅައިގެން ދިޔައެވެ. ސޯޅަސަތާރަ އަހަރުއްސުރެ އޭނާގެ ހިތާއި ހަށިގަނޑުގައި ނިވުނަނުދީ ދަމަހައްޓައިފައިވާ އަލިފާންގަނޑު އަނެއްކާ ވެސް ޒުވާން ވެއްޖެއެވެ.
އޭނާ ހިތަށްއަރަނީއެވެ. އޭނާގެ ނޯތޭޖާ ދެވަނަ ފަހަރަށް ބައްދަލުވާނީ ކިހިނަކުން ބާވައެވެ. އޭނާއަށް ދީޕު ގާތަކު، އޭނާގެ ބައްޕައަކީ ކާކު ކަމެއް ވެސް ނުބުނެވުނެވެ. ދީޕު ކީއްކުރަންތޯއެވެ. އެއްވެސް މީހަކު ގާތަކު އެ ވާހަކައެއް ބުނެވޭކަށް ނެތެވެ. އަދި ޚުދު އޭނާއަށް ވެސް ނޯތޭޖާ ހަމަޔަށް ހިނގައިފައި ދެވޭނެ މަގެއް އެނގިފައެއް ނެތެވެ.
ވުމާ އެކު، އޭނާ ވަނީ ވަރަށް ފިކުރުބޮޑުވެ ހައިރާންވުމެއްގެ ތެރޭގައެވެ. އޭނާ ލާވަށައިލައިފައި ވަނީ ވަރަށް ބޮޑު އޮޅުންތަކަކާއި ބޮޅުންތަކެކެވެ. އެތައް ހާސް ދުއާ އަކާއި އާދޭސް ދެންނެވުމެއް ނޫން އޭނާއަށް ދެން ކުރެވޭނީ ވެސް ކޮންކަމެއްތޯއެވެ. އެ ފަކީރު މިހުރިހާ ކަމެއް ވެސް ކުރަމުން ގެންދެއެވެ. ރޭތައް ވޭތިކުރަމުން ގެންދަނީ ހޭލާ އިނދެގެންނެވެ. ސިކުނޑީގައި ވަނީ އެތައް ހާސް ހައިޖާނެއް އުފެދިފައެވެ. ރޭގަނޑުދާ ހަތަރުދަމު އިންނަނީ ތަރި ގުނަގުނައެވެ.
އޭނާގެ ދަރިފުޅު، އޭނާގެ މި ހާލު ދެކެފައި، އިންތިހާ ދަރަޖައަށް ފިކުރުބޮޑުވެ ހައިރާންވެފައި އިނެވެ.
“މިހާރު މަންމައަށް ތިޔަވަނީ ކިހިނެއްތަ މަންމާ.” ރޭގަނޑު ކާމޭޒުދޮށުގައި އިނދެފައި ދީޕު އޭނާގެ މަންމަ އާ ސުވާލުކުރިއެވެ.”އެތަކެއް ދުވަހުއްސުރެ ތިޔަ ގެއްލިގެން އުޅެނީ ކޮންތާކަށްތަ؟”
“ދަރިފުޅުގެ މުސްތަޤްބަލުގެ ހުވަފެންތަކުގެ ތެރެއަށް.” ގީތާ ވަރަށް އަވަހަށް އޭނާގެ ހޭބުއްދި އާއި ހިއްސުތައް
ޖަމާކޮށްލަން މަސައްކަތް ކޮށްލައިފައި ބުންޏެވެ.
“އަހަރެންގެ ހިތަށްއަރަނީއޭ ދެން ލަހެއްނުވެ ވާނީ ކައިވެންޏެވެ. ދެން ދަރިފުޅުގެ ގެ އާބާދުވެދާނެއެވެ. އަދި ލަސްތަކެއް ނުވެ އެ ކޮއްކޮގެ އުނގުން ހީނލައިފައި ފިނިފެންމަލެއް ފޮޅިދާނެއެވެ. އަދި ދެން….”
“ފޮރުވަން ނޫޅޭ މަންމާ… އަހަންނަކީ މިހާރު ކިރުބޯ ޅަކުއްޖެއް ނޫން! ތިޔަ ބާވަތުގެ ވާހަކަތަކުން އަހަރެންގެ ހިތް އުފާ ކުރުވަން އުޅޭކަށް.”
‘އާނ. ތިޔައީ ތެދެއް. ދަރިފުޅު މިހާރު ވަރަށް ވިސްނުންތެރިވެސް ވެއްޖެ. މުޅި ދުނިޔޭގައިވާ ހުރިހާ ބުއްދިއަކާއި
ވިސްނުމެއް ވަނީ ދަރިފުޅުގެ ކިބައިގައި އެހެންނު.”
“ނޫން މަންމާ…” އޭނާ ބުންޏެވެ.
“މަންމަގެ ހިތުގެ ވަގު އަހަންނަށް ދައްކަން ޖެހޭނެ. މިއޮތް ހުރިހާ ދުވަސްވަންދެން ތިޔަ ވަރަށް ފިކުރުބޮޑުވެގެން ގެއްލިގެން ތިޔަ އުޅެނީ ކޮންމެވެސް ބޮޑު ކަމެއްވެއްޖެކަން ޔަގީން.”
“އެންމެ ރަނގަޅު ދެން ކައި.” އޭނާ ނުހަނު މައުސޫމު ފޮނި އިންތިޒާރަކާ އެކު ބުންޏެވެ.”އަހަރެމެންގެ ހިތްވަރުގަދަ
ސާހަބަށް ޕޮލިސް ނޯކިރީއެއް ލިބުނު ލިބުމުން ހީވަނީ ހުރިހާ ތަނެއްގައި ވެސް ވަގުން އުޅޭ ހެން.” ތިޔަ އުޅެނީ އަހަރެންގެ ވާހަކަ މެދުކަނޑާލަން ވެގެން. މަންމާ އަހަރެން އަދިވެސް އަހާނަން.” އޭނާ ބުންޏެވެ.”މަންމަ މުޅިން ހިތާމައިން އިންނަތަން ފެނުމުން އަހަރެންގެ ކެއުމާއި ބުއިން ވެސް މުޅިން ހަރާމްވެގެން ހިނގައިދޭ.” އޭނާ
ގާތްގަނޑަކަށް ރޮއިގަތެވެ.”އަމިއްލައަށް މަރުވެދާނަމޭ ވެސް ހިތަށްއަރާ.”
“އެންމެ ރަނގަޅު ދެން ހެޔޮ.” އޭނާގެ މަންމަ އޭނާގެ ބޮލުގައި އަތްފިރުމައިލިއެވެ.
“އެހެންވީއިރު ދެން ބުނޭ ކީއްތަވީ.”
“ބަލަ ކަމަކަށްވާ ކަހަލަ ކަމެއް ވެއްޖެތަ.” އޭނާ މިކަމުގެ އަހުމިއްޔަތުކަން ކުޑަ ކުރުމަށް މަސައްކަތް ކުރަމުން ބުންޏެވެ.
“ކަމެއްވީކީ ނޫން. މީގެ ދުވަސްކޮޅަކުއްސުރެ އަހަރެންގެ ހިތް ބުރަވަމުން އަންނަނީ.”
“އެހެންވީއިރު ބޭސް ކުރައްވަންވީނު. ބުނެބަލަ މަންމާ. މިހާރު ޑަކުޓަރު ގާތަށް ގެންދަންތަ؟ ޑިއުޓީއަށް ގޮސްފައި
އޭގެ ފަހުން އަތުވެދާނަން.”
“ނޫނޭ…” ގީތާ ބުނެލިއެވެ. “އަހަރެން މި އުޅެނީ ޙަކީމީ ބޭސް ފައްޓައިގެން.”
“ތިޔަހެން މަޑުން ނީނދެބަލަ މަންމާ.” ދީޕުގެ ހިތް ފުރިގެން އައެވެ. “މަންމަ މަޑުން އިނދެއްޖެއްޔާ އަހަންނަށް ހީވަނީ، މުޅި ދުނިޔެ ހާސްވެފައި އޮންނަ ހެން. ދެން އަހަރެން އެއްވެސް މަސައްކަތެއް ކުރާހިތެއް ނުޖެހޭ.”
ދަރިފުޅުގެ މި ލޯބީގެ މައްޗަށް މަންމަގެ ހިތް ފޮޅިގެން އަތުވެއްޖެއެވެ. އޭނާގެ ހިތުގެ އަޑިން އުފެދިގެން އައި އެފަދަ ބޮޑު އޯގާވެރިކަމަށް ޝުކުރިއްޔާ އަދާކުރިއެވެ.
“މާތްރަސްކަލާނގެ ތިޔަ ފަދަ އެކަށީގެންވާ ފިރިހެންދަރިއެއް ދެއްވި މައިންބަފައިންނެއް ކިތަންމެހާ ވެސް ނަސީބުވެރި.” އޭނާ ބުނެލިއެވެ.
“ތިޔަ ފަދަ ކިޔަމަންތެރި ދަރިއަކު އުފެއްދުމަށް މެދުވެރިވި މަންމައަކަށް ވެސް ބާޢްޖަވެރިކަން ހުރި.”
ހަގީގަތުގައި އޭނާއަށް އުފަލުން ނެށިއްޖެއެވެ.
“އަދު އަހަރެންގެ އަމިއްލަ ނަފުސުގެ މައްޗަށް ކިތަންމެ ވަރަކަށް ފަޚުރުވެރިވިޔަސް އެފަޚުރުވެރި ވެވޭލެއް ކުޑަ.”
“ތިޔަ ކަހަލަ މައެއް ލިބިފައިވާ ދަރިއަކީ، ނަސީބުވެރި ދަރިއެއްނު.”
“މި މައްސަލާގައި ދުނިޔޭގެ ކޮންމެ ދަރިއަކު ވެސް ނަސީބުވެރި ދަރިފުޅާ.” ގީތާ ބުންޏެވެ.
“އިންސާނުންނަކީ އިންސާނުންތާ. ޖަނަވާރުންގެ ދަރިންނަށް ދަންދެން ވެސް މި މައްސަލާގައި ނަސީބުވެރި. ކޮންމެ މަންމައެއް އޭނާގެ ދަރިފުޅާ މެދު އޭނާގެ ފުރާނައަށް ވުރެ ބޮޑަށް ގާތްކޮށް ހިތާނެ. އަދި ދަރިފުޅަކު، ތިޔަ ފަދަ ޒުވާންވެފައި، އަދި މަންމަ ދެކެ އެހާ ލޯބިވާ ދަރިފުޅަކަށްވާ ނަމަ އެއީ އެ މަންމައެއްގެ ހުރި ނަސީބު ރަނގަޅުކަން ކަން ޔަގީން.”
“ދެން އެހެންވީއިރު ހިތާމަ ނުކުރަންވީނު.”
“އެއްގޮތަކަށް ވެސް ހިތާމައެއް ނުކުރާނަން، ދަރިފުޅާ.” އޭނާ ނުހަނު ލޯތްބާ އެކު ބުނެލިއެވެ. ދެން ދީޕު ކައިގެން، ނުހަނު އުފަލުން އޭނާގެ ޑިއުޓީއަށް ހިނގައްޖެއެވެ. ޚުދު ގީތާ ގޭގެ މަސައްކަތަށް އެނބުރިއްޖެއެވެ.
“ބަލަ! އެންގޭޖުކޮށްލެއްވީ ހާދަ އެކަނި އެކަންޏެއްކޮށް. އޭ އަޅުގަނޑުމެންނަށް އަންގަވާވެސް ނުލައްވަމުދޯ.” ޝަޝީ ދީޕު ފެނުމާ އެކު އަހައިލިއެވެ.
މިބާވަތުގެ ދަނޑިވަޅަކަށް ނުވާ ކަހަލަ ދަނޑިވަޅެއްގައި، މިފަދަ ސުވާލެއް ކުރުމުން ދީޕަށްވީ، ވަގަކު ވައްކަންކުރަނިކޮށް މީހަކު ހިފީމާ ވާކަހަލަ ގޮތެކެވެ. އޭނާއަށް ޝަޝީއަށް މި ޚަބަރު ލިބިދާނެއޭ އެއްގޮތަކަށް ވެސް ހީވެފައެއް ނެތެވެ.
އޭނާ ވަރަށް ބޮޑަށް ލަދުގެންޖެއެވެ. އޭނާއަށް ޖަވާބެއް ދޭން ނޭނގިގެން އުޅެނިކޮށް، ޝަޝީގެ ހިތުގައި އޭނާގެ މައްޗަށް ހަމްދަރުދީ އުފެދިއްޖެއެވެ. ޚުދު ޝަޝީ އޭނާގެ އުނދަގޫ ފަސޭހަ ކުރުމުގެ ގޮތުން ބުނެލިއެވެ.
“އެއީ އެއްވެސް ކަމެއް ނޫން. އަޅުގަނޑުގެ ހިތުގައި ޖެއްސުމުގެ ޚިޔާލު ކަލާގެ ހިތުގައި އޮންނަކަން ވެސް އަޅުގަނޑު ވަރުގެ މީހަކަށް ނުފުދެއެއް ނޫން. އެފަދަ ޚިޔާލަކީ ވެސް އެއީ ވަރަށް ބޮޑު އެއްޗެއް.”
އޭނާ އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. ހިތުގެ ވޭން ކަރުނައަށް ވެގެން އޭނާގެ ލޮލުތެރެއަށް ގިނަވަމުން ހުރެ އާދެއެވެ. އޭނާގެ ހިތުގެ ވޭން އޭނާގެ ލޮލުން ބޭރަށް އައުމުގެ ކުރިން އޮއްބައިލެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ.
ދީޕަށް ހީވީ ޝަޝީގެ މޮޅީގައި، ޚުދު އޭނާ ގެނބިދާނެ ހެންނެވެ. އޭނާގެ ހިތަށް އަދި އޭނާގެ ސިކުނޑިއަށް ޝަޝީގެ މޮޅިވެރިކަމުގެ އަސަރު ކުރިލެއް ބޮޑުކަމުން، ނޭނގޭ ގޮތެއްގައި އޭނާއަށް ޝަޝީ ދެކެ ލޯބިވާން ފެށިއްޖެކަމުގެ އިހުސާސްވާން ފަށައިފިއެވެ.
އޭނާގެ ސަބަބުން ޝަޝީގެ ލޮލަށް އައިސްފައިވާ މޮޅި އާއި ވޭނުގެ ކުށަށް އޭނާއަށް އަދަބު ދިނުމަށް އޭނާ ގަސްތު ކުރިއެވެ. އަދި އެކަމަށް އެއްޗެހިގޮވާ ޝަކުވާ ކުރުމަށް އޭނާ ނިންމިއެވެ.
ނަމަވެސް ޝަޝީ އެކައްޗެއް ވެސް ނުބުންޏެވެ. މި ޝަޒާ އޭނާއަށް ވަކިން ބޮޑު ޝަޒާ އަކަށް ވިއެވެ. އޭނާ ބޭގަރާރު ވެއްޖެއެވެ. ޚުދު އޭނާ ހިތްވަރުކޮށްފައި ޝަޝީ އާ މުޚާތަބު ކުރިއެވެ.
“އަދި މިވީ ހަމައެކަނި އެންގޭޖު.” އޭނާ ކަރުތެރެ ސާފުކޮށްލައިފައި ބުންޏެވެ.
“ކައިވެނިވެގެން ދައުވަތު ދީފީވިއްޔާ؟”
“އަންގާލެއްވިއްޔާ މުބާރަކްބާދު ދޭން ދާނަންކަން ޔަގީން.”
“ނާންގައިފިއްޔާޔޯ؟” ދީޕު މައްސަލާގެ ގަދަފަދަކަން ނައްތާލުމަށް މަސައްކަތް ކުރިއެވެ.
“އެހެންވެއްޖެއްޔާ ކަލާގެ ފަސްބައިގައި ހިފާހިފާ އެލިގެން އެފަދަ މޫނުއަނބުރާލުމަށް އަދި ފުރަގަސް ދިނުމަށް ޝަކުވާ ކުރާނަންކަން ޔަގީން.”
“އެހެންވިއްޔާ ގޮށްފަތީގައި ހިފައިގެނެއް ނޫންތާ؟”
“އަމިއްލަ ހައިސިއްޔަތު ހަނދާން ނައްތާލާހާ އަހަރެން މޮޔެއެއް ނޫން.”
“ކާކުގެ ހައިސިއްޔަތެއްތަ؟”
“އަހަރެންގެ. އެހެން ކާކުގެ.”
“ކަލޭ ތިޔައީ ހަމަ ރަނގަޅު މޮޔައެއް…”
“ތިޔަ ކަހަލަ މީހަކަށް ހުރީ ހަމަވެފައި…” އޭނާ މޫނުގެ މައްޗަށް ފިނި ހިނނިކޮޅެއް ފެތުރިއްޖެއެވެ.
“މޮޔައަކަށް ނުވާނަމަ، ހިލަގަނޑަކުން ދިޔަފެލަން ކީއްވެގެން މަސައްކަތް ކުރަންވީ؟ އަދި އުޑަކަށް ދުންޏެއް ނުޖެހޭނެކަން އަހަންނަށް ވެސް އެނގެންވާނެނު…”
“ކަލޭ ތިޔަހަރީ އަނެއްކާ މަސްތުވެފައެއް ނޫންތަ؟” ދީޕު އޭނާގެ ކޮނޑުގައި ހިފާ ހަލުވައިލިއެވެ.
“މި މަސްތު ފިލާނެނަމަ، ކިހާ ރަނގަޅު….” އޭނާ އަޑިނޭނގޭ ކަނޑެއްގައި، ފީނައިގެންފައި ބުންޏެވެ.
“ހޭއަރާބަލަ ޝަޝީ…”
“ހޭ އަމިއްލައަށް ވެސް އަރައިދާނެ. އެންމެ ފުރަތަމަ މަސްތުފިލިއަދެއްވާ.”
“ތިޔަހަރީ އަނެއްކާ ހަމަ ރަނގަޅަށް މޮޔަވެފައެއް ނޫންތަ؟” އޭނާ ޝަޝީ އަދިވެސް ބާރަށް ތަޅުވާލިއެވެ.
“މޮޔަވެއްޖައީން.” އޭނާގެ ހިތުގެ ތަދުތައް ދަމައިލައިފައި ބުންޏެވެ.”ނަމަވެސް އޭގެ ބޭހެއް މިހާރު ކަލާގެ އަތަކު ނެތް.”
“ޝަޝީ…”
“އަހަރެންގެ ހިތާ ދެން ތިޔައަށް ވުރެ ބޮޑަށް ކުޅެން ނުހަދާ!” އޭނާ ދިރިހުރި ގަބުރެއް ފަދައިން އެތެރޭގައި ހުރި ފޭލިގެއާ ދިމާއަށް ދަނީއެވެ.
“އަހަރެން ކަލޭގެ އުއްމީދު ކަނޑައެއް ނުލާނަން.” އޭނާ އެތެރެއަށް ގޮސްފައި ބުންޏެވެ.
“ތީޖް ސިންގު ހައްޔަރު ކުރައްވައިގެން އިއްޒަތާއި ޝުހުރަތު، ހާސިލު ކުރައްވާނެކަން ޔަގީން.”
“ކޮން ކަހަލަ ވާހަކައެއް ތިޔަ ދައްކަނީ މިއަދު؟”
“ތިޔަ އައްސަވަން ދުރުވި ވާހަކަ.”
“ޝަޝީ….”
“ދިހަވަނަ ރޭ ދޭއް ޖަހާއިރު، ބޯރީވަލީގެ މުސްކުޅި ކިއްލާއަށް ދޭ.” އޭނާ ފުރާނައެއް ނެތް ބުދެއް ހެން ބުންޏެވެ.
“އެއަށް ވުރެ އިތުރަށް ބުނާކަށް އަހަންނަކަށް އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް.”
“ކަލޭ އަހަންނާ މެދު ކުރިން ކުރިހީ ރަނގަޅު.” ދީޕު ހިތާމަ އާ އެކު ބުނެލިއެވެ.”ނަމަވެސް މިހާރު ކަލޭ އަހަންނާ މެދު ތިޔަ ކުރަންޏާ ކުރާހީއަކީ މުޅިން ކުށްހީއެއް.”
“ކުށްހީއަކަސް ނުވަތަ ރަނގަޅު ހީއަކަސް އަޅުގަނޑު ކަލާ އާ މެދު މި ހީކުރާ ގޮތަށް އަޅުގަނޑުގެ އެންމެ ފަހު ނޭވާއަށް ދަންދެން ހީކޮށްކޮށް ހުންނާނީ. އެއީ މިހާރު އަޅުގަނޑުގެ ހިތުގެ އަތުން އެހެން ގޮތެއް ހެދެން ނެތީތީ… އެ ބޭނުން ނުފުދޭ ހިތް ފަހަރެއްގައި ވެސް ސިކުނޑި ބުނާ އެއްޗެއް ނާހާ. ހީވަނީ ހޭވެރިކަމާއި ބުއްދިޔާ އެއީ ހިތުގެ އަބަދީ ދުޝްމިނުން ހެން.” އޭނާ އިސްއުފުލައިލިއެވެ.”އެންމެ ރަނގަޅު ދެން މިތަނުން ދުރުވޭ.”
“ޝަޝީ….”
“ދުރުވާށޭނުން މި ނަންގަތީ. ދީޕަށް ހެވަކަށް ޓަކައި މިހެން މި ނަންގަތީ.”
“އެކަމަކު…!”
“ދެފައިގައި ހިފާފައި މި ނަންގަތީ ދުރުވޭ.” އޭނާ ފިކުރުބޮޑުވެލައިފައި ބުންޏެވެ. “މީގައި ވަނީ މުޅީންވެސް ކަލާއަށް ފައިދާކަމަށް އަޅުގަނޑުގެ މައްޗަށް އިތުބާރު ކުރައްވާ!”
އޭނާ ގަދަކަމުން ހިސާބަކަށް ކޮއްޕައިގެން ދީޕު އެތަނުން ދިއުމަށް ގަދައެޅިއެވެ. ދީޕު ހިނގައްޖެއެވެ. އޭނާ އަދި ހަމަ ދަނީއެވެ. އޭނާގެ މޮޓޯސައިކަލުގެ އިންޖީނުގެ އަޑު އޭނާގެ ކަންފަތުގައި ގުގުމަގުގުމާ ހުއްޓައި ދިލޭރު ސިންގު އަތުވެއްޖެއެވެ. ދިލޭރްސިންގް….! އެއީ އިންތިހާ ދަރަޖައިގެ އަނިޔާވެރިއެކެވެ. އޭނާ އެތަނަށް އެ އައީ، ހަމައެކަނި ދީޕަށް ޓަކައެވެ.
“މިތަނަށް އެ އަންނަ ސަބްއިނިސްޕެކްޓަރުގެ ކަންތައް ނިންމައިލަން ސަރުދާރު އަމުރު ކުރައްވައިފި.”
ޝަޝީ ބުންޏެވެ. “ދެން އޭނާ މިތަނަށް އަތުވެއްޖިއްޔާ އަހަރެން ކަލޭމެންނަށް ޚަބަރު ދޭނަން. މިހާރު އޭނާ މިތަނުން ހިނގައްޖެ ވެސްމެ.”
“ރަނގަޅަށް ހަނދާންކުރާތި.” މިހެން ބުނެފައި އޭނާ އެތަނުން ހިނގައްޖެއެވެ.
ނޯތޭޖު ގީތާ ދުށީއްސުރެ އޭނާގެ ދުވާލުގެ އުފަލާއި ރޭގަނޑުގެ އަރާމާ ހުރިހާ އެއްޗެއް މި މަސައްކަތުގެ މައްޗަށް ވަގުފުކޮށްފިއެވެ. އާދެ! ވެވުނު ގޮތަކުން ގީތާ ހޯދާށެވެ. ގީތާ ހޯދުމުގައި އޭނާ ވަނީ އިންތިހާ ދަރަޖައަށް ގެއްލިފައެވެ. އޭނާ އެއީ ނުހަނު ބޮޑު ގޭންގެއްގެ ސަރުދާރެއް ކަމެއް ވެސް އޭނާ ހަނދާނެއް ނެތެވެ. އަދި އެ ސިލްސިލާގައި އޭނާގެ ޒިންމާދާރީތައް ނުހަނު މުހިންމުކަމެއް އޭނާގެ ޚިޔާލަކަށް ނާދެއެވެ.
(ނުނިމޭ)
