ބަރަކާތުގެ މައްސަރު

ބަރަކަތާ  ނިޢުމަތާ ލެއްވި  މާތް  މައްސަރޭ

ޙުރުމަތާ ޢިއްޒަތާ ލިބުނު  މާތް  މައްސަރޭ

ދަރުސްތައް  ޢިބުރަތާ ލިބުނު މާތް މައްސަރޭ

ފަރުޟު ރޯދައިގެ އަޅުކަން ވިދާ  މައްސަރޭ

 

ބަސްތަކުން  ނޭދެވޭ  ދޫ  ސަލާމަތް  ވުމާ

ހިއްސުތައް ހެޔޮ ރަނގަޅު ގޮތްމަތީ ދެމިވުމާ

ގަސްތުކޮށް  ހެޔޮ  ޢަމަލުގައިވެ  ސާބިތުވުމާ

އަސްލުތައް ރީތި ދަސްވާ އިތުރު މައްސަރޭ

 

އަޅުކަމަށް ޚާއްޞަވެވިފައިވި އެކި  ގޮތްގޮތުން

ފަޅުކަމާ ހިތު ގެ ކޫރުން ފިލައި ދާގޮތުން

އަޅުތަކުން ދަރަޖަ  މަތިވެރިވެދާ  ގޮތްގޮތުން

އަޅުކަމަށް އޮންނަ މަތިވެރި މާތް މައްސަރޭ

 

އެންމެހައި ނޭދެވޭ އަސަރު ހުރި  ކަންކަމުން

ކޮންމެހެން ވެސް ތިމާ ފޭވެ ދުރުހެލިވެގެން

ކޮންމެ ކަމަކުން  ވެވޭ ހިތް މި ތާހިރުވެގެން

އެންމެ ހެޔޮ ދަރުމަ ލިބުމަށް އެދޭ މައްސަރޭ

 

ހައިވެ ވަރުބަލިވުމަށް  ކެތްކުރަން  ދަސްވުމާ

ހައިގެ ރުޅިއަށް ތިމާ ވިސްނި ކެތްތެރިވުމާ

އައި މި މޫސުމުގެ  ދަރުމައިން ތިމާ ފަރިވުމާ

ހައިނުކޮށް ގިނަ ފިލާވަޅު ލިބޭ  މައްސަރޭ

 

ޢަދުލުވެރިކަމުގެ  މާތް ރީތި ސިފަ އުނގެނުމާ

މަދަދުވެރިކަމު ގެ އަތްތައް  މި  ދީލަތިވުމާ

އަދަދު ނުވެވޭނެ ހެޔޮކަމުގެ މަގު ފަހިވުމާ

ޤަދަރުވެރިކަން އިތުރުގެނުވި ހެޔޮ މައްސަރޭ

 

މުއްސަނދީންނާ ފަޤީރުންމެ އެއް ޙާލުގައި

ހުސްވެ ދުނިޔޭގެ އެދުމުން އެވާ ޝައުޤުގައި

ފުއްސެވުން އެދި އިލާހުގެ މި މާތް އެދުމުގައި

ރުއްސެވުން ހޯދި ދީލަތި މިއީ މައްސަރޭ

 

އެންމެ އަކުރެއްވިޔަސް މާތްވެގެންވީ ފޮތެއް

އެންމެހައި ކަންކަމަށް އޮންނަ ސީދާ މަގެއް

ކޮންމެ ތަނަކާ ޒަމާނެއް ގުޅޭ  މާތް ފޮތެއް

އެންމެ އަލި ނޫރު ޤުރްއާން ވިދާ މައްސަރޭ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *