ރަޙިމުގެ ގުޅުން ބާއްވައި ދެމެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ރަޙިމުގެ ގުޅުން ކަނޑައިފި މީހަކަށް ﷲ ތައާލާ އާއި އެމީހަކާއި ދެމެދުގައި އޮންނަ ގުޅުން ކަނޑުވައްވަވައިލައްވަވާނެކަން އެއީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެކެވެ.
ﷲ ތަޢާލާ އެމީހަކާއި ގުޅުން ކަނޑުއްވަވައިލައްވަވައިފި މީހަކު ހިފާ ރޯދައަކުން ނުވަތަ ކުރާ އެހެން އަޅުކަމަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ. ވީމާ މީސްތަކުންނަށް އެންމެ ފުރަތަމަވެސް ކުރަން މިޖެހޭ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ.
މިއަހަރަކީ ވަރަށް ހިތާމަވެރި އަހަރެކެވެ. ކަރްންޓީނުގެ ޙާލަތުގެ ސަބަބުން ޢާއިލާތައް މިވަނީ ވަކިވަކިވެފައެވެ. މައިންބަފައިންނާއި ދަރިން މިވަނީ ވަކިވެފައެވެ. އަޚުންނާއި އުޚުތުން މިވަނީ ވަކިވެފައެވެ. ރައްޓެހި ރަޙްމަތްތެރިން މިވަނީ ވަކިވެފައެވެ.
މީސްތަކުންނޭވެ! އެކަު އަނެކަކަށް ނުފެނުނު ނަމަވެސް ބައްދަލު ނުވިނަމަވެސް ރަޙިމުގެ ގުޅުން ދަމަހައްޓަން ގަދައަޅައި މަސައްކަތް ކުރާށެވެ! ފޯރުކޮށްދެވެން އޮތް ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދާށެވެ! ގުޅައި ޙާލުބަލާށެވެ! މިވަގުތަކީ ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ބޮޑު އެއް ރަމަޟާންމަހަށްވުމަކީ ވަރަށް ކައިރި ކަމެކެވެ.
އާދޭސްކޮށްފައި ބުނަމެވެ! ޢާއިލާގެ މީހުންގެ ޙާލުބަލައި ހެދުމަށްފަހު ނޫނީ ކައި ބަނޑުބޮޑު ނުކުރާށެވެ! އެމީހުންނަށް އެހީތެރިކަން އިތުރުކުރާށެވެ! އެއިރުން ﷲ ތަޢާލާ އެކަމުގެ ޘަވާބާއި ދަރުމަ އެތައް ގުނައަކަށް އިތުރުކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ
