ﷲ ގެ ރަސޫލާ މުޙައްމަދު صلي الله عليه وسلم ވަނީ އެންމެމަތިވެރި އަދި އެންމެ މާތްވެގެންވާ ޚުލްޤު ފުޅެއްގެ މަތީގައިކަން އަޅުގަނޑުމެން އެންމެންވެސް ޔަގީންކޮށް ގަބޫލުކުރަމެވެ. އެހެންނަމަވެސް އެކަލޭގެފާނުގެ ޒަވާޖީ ޙަޔާތްޕުޅުގައިވެސް މައްސަލަތަކާއި ކުރިމަތިވެފައިވާކަން ޙަދީސްތަކުންނާއި އަދި އިސްލާމީ ތާރީޚުން ހާމަވެގެންވެއެވެ.
މިފަދަމައްސަލަތަކުގައި ރަސޫލާ ޢަމަލުކުރެއްވި ގޮތަކީ އުންމަތުގެ ހުރިހާ މުސްލިމުން އެއިން އިރުޝާދު ލިބިގަންނަންޖެހޭފަދަ ފިލާވަޅުތަކެއްކަމުގައި ނޫނީ ނުވެއެވެ. މިގޮތުން އިސްލާމްދީނުގައި އާއިލީ މައްސަލަތަކުން ދުރުހެލިވެ ތިބުމަށްޓަކައި ޚާއްސަ ގޮތްތަކެއް " ޕްރިވެންޓިވް އެޕްރޯޗް" ވަނީ އެކަށައަޅާފައެވެ. އެގޮތުން ދެމަފިރީންގެ މައްޗަށްވާ ޙައްޤުތަކާއި ވާޖިބުތައްވަނީ ވަރަށް ތަފްސީލުކޮށް އެނގޭނެހެން ބަޔާންކުރައްވާފައެވެ.
ރަސޫލު صلي الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. ( ألا إن لكم على نسائكم حقا، ولنسائكم عليكم حقا، فأما حقكم على نسائكم فلا يوطئن فرشكم من تـكرهون، ولا يأذن في بيوتكم لمن تـكرهون، ألا وحقهن عليكم أن تحسنوا إليهن في كسوتهن وطعامهن) صحيح الترمذي، (الصفحة 3087) މާނަ: ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ އަނބިންނަށް އަދާކޮށްދޭންޖެހޭ ހައްގުތަކެއް ވެއެވެ. އަދި ހަމަ އެހެންމެ ތިޔަބައިމީހުންގެ އަނބިންގެމައްޗަށް ތިޔަބައިމީހުނަށް އަދާކޮށްދޭންޖެހޭ ހައްގުތަކެއްވެއެވެ. ތިޔަބައިމީހުންގެ އަނބިންގެމައްޗަށް ވާހައްގުގެތެރޭގައި، ތިޔަބައިމީހުން ހިތްހަމަނުޖެހޭމީހަކު ތިޔަބައިމީހުންގެ ގެއަށް އެކަނބަލުން ނުވައްދާހުށިކަމެވެ. އަދި ތިޔަބައިމީހުން އެމީހަކުދެކެ ނަފްރަތުކުރާމީހަކު ތިޔަބައިމީހުންގެ ގެއަށް ވެއްދުމަށް އެކަނބަލުން ހުއްދަނުދޭހުށިކަމެވެ. ފަހެ އެކަނބަލުންނަށް ރަނގަޅުކާނާއާއި އަންނައުނު ފޯރުކޮށްދިނުމަކީ ތިޔަބައިމީހުންގެމައްޗަށް ވާ އެކަނބަލުންގެ ހައްގެކެވެ.
މި ޙަދީޡްގައި، ގެއަށް ނުވެއްދުމަށް އިރުޝާދުދެވިފައިވާ ފަރާތްތަކުގެތެރޭގައި ފިރިމިހާ، އެބަޔަކާއިމެދު ނުރުހޭމީހުންގެ ތެރެއިން ކައިވެނި ޙަލާލު ފިރިހެނުންނާއި ކައިވެނި ޙަރާމް ފިރިހެނުން އަދި އަންހެނުންގެތެރެއިންވެސް ގާތްތިމާގެ މީހުންނާއި އަދި އެނޫން މީހުންގެ ތެރެއިންވެސް އެބަޔަކު ގެއަށް ވެއްދުމަށް ބޭނުންނުވާ، އެބަޔަކާއިމެދު ހިތުގައި ރުޅިވެރިކަން އުފެދިފައިވާ މީހުން، ދެމަފިރިން ދިރިއުޅޭ ގެއަށް ނުވެއްދުމަށް ރަސޫލު صلي الله عليه وسلم ވަނީ އިރުޝާދު ދެއްވާފައެވެ. އެހެންކަމުން މިއިން ދޭހަކޮށްދެނީ ދެމަފިރިންވެސް އެކަކު އަނެކަކުގެ އިހުސާސްތަކަށް އިހުތިރާމް ކުރުމާއިއެކު ދެމަފިރިންގެ ގުޅުން ހީނަރުވެދާނެފަދަ ޢަމަލުތަކުން ދުރުވެ ރައްކާތެރިވެ ތިބުމަށް އިސްލާމްދީން ބާރުއަޅާ މިންވަރެވެ.
އަދިހަމަ އެހެންމެ ރަސޫލު صلي الله عليه وسلم ވަނީ ދެމަފިރިން އެކަކު އަނެކަކަށް އުނދަގޫނުވާނެ ފަދަ އަދި ދެމީހުންގެމެދުގައި ނުތަނަވަސްކަމެއް އުފެދިދާނެފަދަ ކަންކަމުން ދުރުހެލިވެ ތިބުމަށް ބާރުއަޅުއްވާފައެވެ. އެގޮތުން އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. ( إذا قدم أحدكم ليلا فلا يأتين أهله طروقا حتى تستحد المغيبة وتمتشط الشعثة) صحيح مسلم،(الصفحة 725) މާނަ: ތިޔަބައިމީހުންގެތެރެއިން މީހަކު ރޭގަނޑުގެ ވަގުތެއްގައި ދަތުރަކުން އެނބުރި އާދެވިއްޖެނަމަ އޭނާގެ އަހުލުންގެ ގާތަށް ނުގޮސް މަޑުކޮށްލާށެވެ. އެއީ އޭނާގެ އަނބިމީހާ ބޮލުގައި ފުނާއަޅާ ތައްޔާރުވުމަށް ވަގުތު ދިނުމަށްޓަކައެވެ.
މިޙަދީޘުން އަންގައިދެނީ ދެމަފިރިން އެކަކު އަނެކަކަށް އިހުތިރާމުކުރުމާއި އުނދަގޫވެދާނެފަދަ ކަންކަމުން ދުރުހެލިވުމާއިއެކު އަނެކާއަށް އޮންނަ ލޯބި ފާޅުކުރުމަށް މަގުފަހިވާފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމާއިއެކު ވަގުތު ދިނުމެވެ. އަދި އެކަކުގެ ފަރާތުން އަނެކާ ހިތްހަމަޖެހުންލިބިގަތުމެވެ.
އިސްވެ ދެންނެވުނު ދެ حديث އަކީވެސް އެއިން ފިލާވަޅުލިބިގަނެ، އަޅުގަނޑުމެންގެ ޒަވާޖީ ޙަޔާތުގައި ދިމާވާ ބައެއްކަހަލަ ޙާލަތްތަކާއި ގުޅުވާލެވިދާނެފަދަ ނަބަވީއިރުޝާދު ތަކެކެވެ.
