ގޭތެރޭގެ މައްސަލަ މަދުކޮށް ރިޒުޤު އިތުރުވުމަށް އެދޭ މީހާއަށް އެންމެ ފަސޭހަ މަގު!

ކޮންމެ މީހަކުވެސް އެންމެ އެދޭނެ އެއް ކަމަކީ ގޭތެރޭގެ މައްސަލަތައް މަދުވުމެވެ. ގޭތެރޭގެ މާޙައުލަކީ އުފާވެރި މާޙައުލެއްކަމުގައި ވުމެވެ. ހަމައެއާއިއެކު ރިޒުޤް ތަނަވަސްވެގެން ވުމެވެ. އެހެން ކަމުން އެނިޢްމަތްތަކަށް އެދޭ މީހާ ފުރަތަމަ ކަމެއްގެ ގޮތުން ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ! އެއަށްފަހު މާފުކޮށް ހިތް ސާފުކުރާށެވެ!

މިއީ ކުރަން ވަރަށް ފަސޭހަ ކަމެކެވެ. އެކަން ކުރަން އެއްވެސް ފައިސާއެއް ބޭނުމެއް ނުވާނެއެވެ. އޯޑަރުކޮށް ޑެލިވަރީ ނުލިބިގެން އިންތިޒާރުކުރާކަށްވެސް ނުޖެހޭނެއެވެ. ހަމަ ހިތަށް އަރުވައިލުމުން ނިމުނީއެވެ. ހިތްސާފުކޮށްލާ ހަމައިން އެއޮތީ އެކައުންޓް ހުޅުވިފައެވެ. ޢަމަލުކުރާ ހައި ހިނދަކު ދާނީ އެކައުންޓަށް ޖަމާކުރެވެމުންނެވެ.

ދެމަފިރިންނާއި ޢާއިލާގެ އެންމެންވެސް އެކަކު އަނެކަކަށް މާފުކޮށް ހިތް ސާފުކުރާށެވެ. ދަރިންނަށް މައިންބަފައިން އަދި ދަރިން މައިން ބަފައިންނަށްވެސް މާފުކޮށް ހިތް ސާފުކުރާށެވެ! އެކަމުގެ ނަތީޖާ މާތް ﷲ ވާގިފުޅާއިއެކު ފެނިގެންދާނީ ވަރަށް އުފާވެރިގޮތަކަށެވެ. ގޭތެރެއިން ތަފާތު ފެނިގެންދާނެއެވެ! ގޭތެރޭގެ މައްސަލަތައް މަދުވެގެންނެވެ! ރިޒްޤް ތަނަވަސްވާނެއެވެ! ހީވެސް ނުކުރެވޭހައި ގިނަ މަގުތަކުން އެ ޢާއިލާޢަކަށް ﷲ ރަހްމަތް އިތުރުކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ!

އަހަރެމެންގެ ހިތްތައް ފެނުން ދޮވެ ސާފުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ހިތް ސާފުކުރެވޭނީ އަހަރެމެންގެ އަމަލުތަކުންނެވެ.

މިކަންކަމާއިއެކު ރަމަޟާން މަސް ކާމިޔާބުކުރަން އިތުރު ހިތްވަރާއިއެކު ހިތުގައި ޢަޒުމް ކަނޑައަޅާށެވެ! އަދި އެ އަޒުމް ތަންފީޒުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެކަންކަމަށް ﷲ ތައާލާ ދެއްވަވާނެ މަތިވެރި ނިޢްމަތްތަކަށް އުންމީދު އިތުރުކުރާށެވެ!

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *