ބައެއް މީހުން ބުނާ ގޮތުން އެމީހުންނަށް ފަރުޟު 5 ނަމާދު ނުކުރެވެނީ، ޚާއްޞަކޮށް ޖަމާއަތަށް ނަމާދަށް ނުދެވެނީ ހަމަ "ބިޒީ" ކަމުންނެވެ. އެފަދައިން ބުނާ ކޮންމެ މީހަކާއިވެސް ކުރަން އޮތް ސުވާލަކީ އެހައި "ބިޒީވެގެން" ތެޅި ފޮޅޭތީ ކުރަން އުޅޭ ހުރިހާ ކަމެއް ކުރެވިއްޖެ ހެއްޔެވެ؟ ދުނިޔެއިން ޙާޞިލުކުރަން ބޭނުންވެގެން ތިއަ އުޅޭ ހުރިހާ އުފާތަކެއް ޙާޞިލުކުރެވިއްޖެ ހެއްޔެވެ؟
ޖަވާބުގައި އާނއެކެވެ ބުނެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ ހަމަ އެކަކުވެސް އެބަހުރި ހެއްޔެވެ؟ ނެތް ކަމާއި ނުހުންނާނެކަން ކަށަވަރެވެ. އެއީ ދުނިޔެ ޙާޞިލުކުރަން ބޭނުންވެގެން އުޅޭ އެއްވެސް މީހެއްގެ ހިތް ދުވަހަކުވެސް ނުފުރޭނެތީއެވެ. ފުރެން ކައިރިވެސް ނުވާނެތީއެވެ!
ނަމަވެސް ކުރަން ހުންނަ ހުރިހާ މަސައްކަތެއް ބަހައްޓާފައި ބަންގިގޮވުމުން ވަގުތުން އިޖާބަދޭ މީހާ އަބަދުވެސް ހުންނާނީ ހިތް ފުރިގެންނެވެ. އެފަދަ މީހުންގެ ޖީބު އެހައި ބޮޑަށް ނުފުރިދާނެއެވެ. ނަމަވެސް ހިތް އަބަދުވެސް އޮންނާނީ އުފަލުން ފޮޅިފައެވެ.
ހަމަ އެއާއިއެކު އަބަދުވެސް ބުނާ އެކަންތައް މިއަދުވެސް ހަނދުމަކޮށްލައި ދޭނަމެވެ.
މީސްތަކުންނޭވެ! މިސްކިތަށް އަރަމުން އަހަރެމެންގެ ފައިވާން ބާލައި ބޭރުގައި ބަހައްޓަމު ނޫން ހެއްޔެވެ؟ އެހިސާބުން ދުނިޔޭގެ ބޭނުންތައްވެސް ހިތާއި ވަކިކޮށް މިސްކިތުން ބޭރުގައި ބަހައްޓާށެވެ. ދުނިޔޭގެ ބޭނުންތައް ހިފައިގެން މިސްކިތަށް އަރާ މީހާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެއީ މިދުނިޔެވެސް އެދުނިޔެވެސް ނުލިބޭނެތީއެވެ. މާނައަކީ އެފަދަ މީހަކަށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ނަމާދު ނުކުރެވޭނެ ކަމެވެ.
– މުފްތީ މެންކުގެ ދަރުސަކުން
