ވާހަކަ: ގެއްލުނު ދުނިޔެ (22)

(28 މާރިޗް 2024 ގެ ނޫހާއި ގުޅޭ)

އަނެކަކު ބުންޏެވެ. …. “އަޅުގަނޑުމެން ގަސްތުގައި އެމީހުން ދިޔަދިނީ. އެހެން ނޫން ނަމަ، އެމީހުންނަކަށް އަޅުގަނޑުމެންގެ ބާރުގެ ދަށުން ސަލާމަތްވެގެންނެއް ނުދެވުނީސް.”

“ވަރަށް ރަނގަޅު ތިޔަ ކަންތައް ކުރި ގޮތް.” ތީޖް ސިންގު ބުންޏެވެ. “އެފަކީރުން އެއީ ބަފައިން ނޫން ކަމެއް ވެސް ނޭނގެ. އެބައިމީހުން ނެތް ފަހަރަކުން އެބައިމިހުންގެ މަހުކަމާއަކުން އެގޭގެއަކަށް އެންމެ ފެންތައްޓެއް ވެސް ދުލެއް ނުކުރާނެ.”

އޭނާ ދީޕާ އަނެއްކާ މުޚާތަބު ކުރިއެވެ.

“އަހަރެން ކަލޭ ދޫކޮށްލައިފިއްޔާޔޯ…؟”

“އަހަރެން އަނެއްކާ ކަލޭ ހައްޔަރު ކުރަން މަސައްކަތް ކުރާނީ.”

“ހޫނ….” އޭނާ ހީނލިއެވެ. “ނާރުތަކުގެ ލޭ ފުދޭ ވަރަށް ހަލުއިކޮށް ހޫނުކޮށް ދަތުރުކުރާކަމަށް ހީވޭ.

އަހަރެން ކަލޭގެ ގަޔަށް ބަޑިޖަހައިފިއްޔާޔޯ…؟”

“ވާނީ ވަކިން ކީއް…!”

“އަހަރެން މިއަހަނީ ކަލޭ މަރުވުމަށްފަހު، ރޯން ތިބީ ކޮންބައެއްހޭ؟”

“ކަލޭ ކަހަލަ ޑާކޫއަކާ އެކަމަކާ ކޮން ބެހޭ ކަމެއް؟” ދީޕު ބުންޏެވެ.”ކަލޭގެ ތިޔަ ޚިޔާލު ހުންނަ ނަމަ، ކަލޭ ތިޔަ އުޅޭ ގޮތުގެ ބަދަލުގައި ކަލޭ އުޅުނީހީ މާތްމީހަކަށް ވެގެން އެކަހަލަ ދިރިއުޅުމެއްނު.”

“އަހަރެންމީކީ އެކަހަލަ މީހެއް ނޫންތަ…؟”

“ހުނ!” ދީޕުގެ މޫނުމަތި މަލާމާތުގެ ތެރެއަށް ގެނބިގެން ދިޔައެވެ. “ލޭމައްޗަށް ލޭއޮރުވައިގެން ކަލޭ އަމިއްލައަށް ކަލޭގެ މައްޗަށް މާތް މީހެކޭ ކިއުއްވަންތަ ތިޔަ އުޅެނީ….”

“އަހަރެން މި އޮހޮރުވަނީ، މާތް ކަމުގެ ބުރުގާ އަޅައިގެން، މާތް މީހުންގެ ކުދީންނާއި ދަރީންގެ އިއްޒަތް ފޭރޭ ބޮޑެތި މާތް މީހުންގެ ލޭ. އެއީ ބަތްމުށެއް ދައްކާލައިގެން އޮރިޔާމުން ބަނޑަށް ތިބި ޒުވާނުން ނުލަފާކުރާ ބޮޑެތި މީހުން. އަހަރެން އޮހޮރުވީ ރިހި ފައިސާތަކުގެ ދަޅައިގެ އާރާއި ބާރުން މާތްމީހުންނަށްވެފައި ތިބި އިއްޒަތްތެރިންގެ ލޭ. އެއީ އެ

މިހުންގެ އެ މާތްކަމުގެ ބާރު ހޯދައިގެން ދުނިޔޭގައި ބަނޑުހައިކަމާއި ދަތިކަމާއި ތަދުކަން އިންދި މީހުން. ފަގީރުންގެ ގަބުރަށް ކުޅުޖަހާ މީހުން. ފަގީރުންގެ އަރުގައި އަތްއަޅައިފައި ކައިކައި އިންނަ ބަތްސުވާ ވެސް ދަމައިގަންނަ މީހުން.”

ދެން އޭނާ ސުޕުރިންޓެންޑެންޓާ މުޚާތަބު ކުރިއެވެ.

“ކަލާ އަޅުގަނޑުގެ ކިބައިން އޯގާވެރިކަމަކަށް ސަލާމެއް ނުޖައްސަވަމު. ނަމަވެސް އަޅުގަނޑު ކަލާގެ ކިބައިން ވަރަށް ބޮޑު ކަމަކަށް ސަލާން ޖަހަން. އެކަމަކީ ކަލާ އަނިޔާ ލިބޭ މީހުންނަށް އަނިޔާ ކުރާ މީހުންގެ އަތުގެ ދިގުބައި ކަނޑާ އެއްލައިލަން އުޅޭ މީހުންގެ މެދަށް ނުވަންނަވާ. ހަމައެކަނި ގާނޫނެއްގެ ގޮތުން ގާނޫނު ނުހިންގަވާ. އެ އަނިޔާވެރިން މަނިކުފާނުމެންގެ ގާނޫނަށް އެއީ ކިހާ ދެރަ ކުޅޭ އެއްޗެކޭ ހީކުރާކަމާ މެދަށް ވެސް ހިސާބަކަށް ޚިޔާލުކޮށްލައްވާ. އެ މީހުން ގާނޫނުގެ އެހީ ހޯދަނީ އެހެން ފަކީރުން އޮރިޔާމުން ބައިތިއްބަން. ބަނޑަށް މަރަން. އެބައިމީހުން ގާނޫނު، ގާނޫނަކަށް ހަދަނީ، އެބައިމީހުންގެ ނުތާހިރު ހަޔާތް ރައްކާތެރިކުރަންވާ ހިނދުހިނދު. އެހެން ކޮންމެ ހިނދަކު، އެނޫން ކޮންމެ ވަގުތަކު އެބައިމީހުން އަބަދުމެ ތިބެނީ ގާނޫނާ ޚިލާފުވޭވޭ. އެއަށް މަލާމާތް ކޮށްކޮށް.

“އަޅުގަނޑަކީ މީ އެއްގޮތަކަށް ވެސް އިންސާނިއްޔަތުގެ ދުޝްމިނެއް ނޫން. އަދި ކީއް. އަޅުގަނޑުގެ ދުޝްމިނުކަން އޮތީ އިންސާނިއްޔަތު ބޮލާލާ ޖަހައިފައި ނިކަމެތި އިންސާނުންނަށް ނިކަމެތި ފަންޏެކޭ، އަދި ޖަނަވާރެކޭ ހީކޮށް އެމީހުންނާ މެދު ނިކަމެތިކޮށް ވިޔާނުދާ ކޮށް ކަންތައްކޮށް، އިންސާނިއްޔަތަށް ވޭން ދެނިވި ގޮތް ގޮތަށް ކަންތައް ކުރަން އާދަވެފައިވާ މީހުންނަށް.”

“އަޅުގަނޑުގެ ފޭރުމަކީ މީ… މަނިކުފާނުމެންގެ ގާނޫނާ އަޅުގަނޑުމެން ކުރާ ހަނގުރާމައަކީ މިއީ…”   ދެން އޭނާގެ މީހުންނަށް ބުންޏެވެ.

“އަހަރުމެންގެ މި އިއްޒަތްތެރި ދެ ރަހުމަތްތެރިން އަހަރެމެންގެ ސަރަހައްދުން ބޭރަށް ގެންގޮސްފައި ދޫކޮށްލަމާ ބަހީ. އެބައިމީހުންނަށް އެންމެ ދުވަހެއްގެ އަދަބު ވެސް ވަރަށް އެކަށީގެންވޭ.”

ދެން ތީޖް ސިންގުގެ މީހުން އެ ދެމީހުންގެ ލޮލުގައި ކަނު ބަނދެގެން ނުހަނު ރައްކައުތެރިކަމާ އެކުގައި ރޭގަނޑުގެ އަނދިރީގައި ޖަންގަލީގެ ނުހަނު ދުރަށް ގެންގޮސް ދޫކޮށްލީއެވެ.

އެމީހުން މި ގެންދިޔައީ ކޮންތާކަށް ކަމެއް އެމީހުންނަކަށް އެއްގޮތަކަށް ވެސް ނޭނގުނެވެ. އަދި އެމީހުން މި ގެނައީ ކޮންތާކުން ކޮންތާކަށް ކަމެއް ވެސް އެ މީހުންނަކަށް ނުމެ އެނގޭމެއެވެ.

އެހެނެއް ނޫނެވެ. އެމީހުންނަށް ކަނޑައެޅިގެން އެމީހުން އަރާތިބި އެއްޗެއްގައި ތިންގަޑިއިރަށް ވުރެ ވެސް ގިނައިރު ވެއްޖެކަން އެނގުނެވެ. އަދި އެއޮތް ހުރިހާ އިރެއްވަންދެންވެސް އެ އެއްޗެއް ދުއްވީއެވެ.

އެމީހުން ޖަންގަލީގެ ތެރެއަށް ދޫކޮށްލިއިރު މެންދަމުން އަލިވެ ދޭއް ޖަހައިފިއެވެ. އެ މީހުން ގަޑިބަލައިލިއެވެ. ދެން އެ މީހުންގެ މޫނުމައްޗަށް ނާކާމިޔާބީ އާއި ލަދުވެތިކަމުގެ ކުލަތައް ވެރިވެފައިވާ ހާލެއްގައި ރަށާ ދިމާއަށް ހިނގައްޖެއެވެ.

ތީޖް ސިންގުގެ ކަންތައް މިހާ ހިސާބަށް ފިލުމުން ފުލުހުންގެ އަޒުމު ވަކިން ހަރުދަނާ ވެއްޖެއެވެ. އަދި އަދު ނޫނީ މާދަން ނޫނީ އަނެއް ދުވަހުން ނަމަވެސް ތީޖް ސިންގު ހައްޔަރު ކުރުމުގައި ކާމިޔާބުވާނޭ ކަމުގެ ޔަގީންކަމުގެ އުއްމީދު އިތުރުވެގެން ހިނގައްޖެއެވެ.

ދީޕަށް. އޭނާގެ މިވީ ކާމިޔާބީއަށް މަހުކަމާގެ ފަރާތުން ވަރަށް ބޮޑު ޑިގުރީއެއް ލިބުނެވެ. އޭނާއަށް ރަށާއި ރަށުން ބޭރުގެ ނޫސްތަކުގައި ވެސް ހިތުގެ އަޑިން ތާރީފުކޮށްފައިވެއެވެ. އޭގެ ސަބަބުން ދީޕުގެ ވަޤާރާއި އޭނާގެ އިއްޒަތުގައި އިތުރުން ހަތަރު ހަނދު ވިދައިގަތެވެ.

ދީޕަށް އޭނާގެ މަހުކަމާއިން ވަރަށް މަތީ ޑިގުރީއެއް ދިނެވެ. އޭނާގެ ޝަރަފުގައި ބޮޑެތި ބޮޑެތި އޮފިސަރުންގެ ޕާޓީއެއް ބޭއްވުނެވެ. މި ޚާއްސަ ހަފުލާގައި ޗީފް ކޮމިޝަނަރު ޚާއްސަ ގޮތެއްގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭނާގެ ނުހަނު ކުރު ތަގުރީރުގައި ދީޕުގެ ހިތްވަރުގަދަކަން ހާމަކުރެއްވިއެވެ. އޭނާގެ ހިންމަތާއި މިންނަތަށް ހިތްޕުޅުގެ އަޑިން ތާރީފު ކުރެއްވިއެވެ. އަދި އޭނާއަށް ސާބަހާއި އައްސަރިބަސް ދެއްވިމެއެވެ.

އޭނާ މި ޖަލްސާގައި ހީކުރަނީ އޭނާއަށް މި ލިބުނު މަތީ ދަރަޖައިގެ އިއްޒަތަކީ، ކޮންމެވެސް އެހެން މީހެއްގެ އަޖައިބެއްފަދަ ލޯތްބާއި ދީލަތިކަމުގެ ނަތީޖާ ކަމުގައެވެ. މީގެ ސަބަބުން އޭނާ މި މަންޒިލާ ހަމައަށް ގެނައުމުގައި އޭނާއާ އެކައްޗަށް ސަވާރުވެގެން އިން އެކެއްގެ ކޮޅެއް ވެސް ނެތް ފަދަ އިޚުލާޞްތެރިކަމަކާއި އަމިއްލަ ކަމަކުން ފުރިގެންވާ ލޯތްބަކަށް ހޭލެވިގެން ދިޔައެވެ. އެއީ، ތެދުވެރި. އަދި އިޚުލާޞްތެރި ލޯތްބެކެވެ. އެ ލޯބީގެ މޫތައް ވަނީ އޭނާގެ ހިތުގެ ދުރުދުރަށްދަންދެން ފެތުރިފައެވެ.

އޭނާގެ ހިތް ޝަޝީއަށް ޓަކައި ބޭއިޚުތިޔާރުގައި ތެޅިގަތް މިއީ ފުރަތަމަ ފަހަރެވެ. އޭނާއަށް ޝަޝީއާ މެދު އަމިއްލަ ހިތާއި ސިކުނޑީގެ ތެރެއިން ޚާއްސަ ބާވަތެއްގެ ހައިޖާނެއް އުފެދެން ފަށައިފިއެވެ.

އޭނާ ހިތަށްއަރައެވެ. އަނެއްކާ އޭނާއަށް ޝަޝީ ދެކެ ހަގީގަތުގައި މި ލޯބިވެވެނީކީ ނޫންބާވައެވެ.މި ސުވާލަށް އޭނާގެ ހިތް ޖަވާބު ހޯދަމުން ދިޔައިރު އޭނާއަށް ޖަވާބު ލިބުނީ ސަތޭކައިން ސަތޭކަ އެގޮތަށެވެ. ދެން އޭނާގެ ހިތުގެ މޫނުބަލާލޯގަނޑަށް ސިއްރުސިއްރުން ބަލައިލިއިރު އޭގައި ހުރީ އޭނާގެއެއް ނޫނެވެ. އަދި ކީއްތޯއެވެ. ޝަޝީގެ

ތަސްވީރެވެ.

“ޝަޝީ…!”

އޭނާގެ ހިތުން މިއަޑު ނުކުތެވެ. އޭނާގެ ހަޔާތުގައި އެންމެ ފުރަތަމަ ފަހަރު ލޯބީގެ ތެދުވެރި ގޮވާލުމަށް ހިފެހެއްޓުމެއް ނެތް ގޮތުގައި މުޅިން ބޭއިޚްތިޔާރުގައި ސިއްސައިގެން ދެވުނެވެ.

ދީޕު އޭނާގެ މޮޓޯސައިކަލް ފަންސާސް މޭލުގެ ދުވެލީގައި ނުހަނު ހަލުއިކޮށް ދުއްވައިފައި އޮވެދެއެވެ. އޭނާގެ ޚިޔާލާތުގެ ދުވެލި، އޭނާގެ ހިތުގެ އެދުމުގެ ދުވެލި މި މޮޓޯސައިކަލުގެ ދުވެއްޔަށް ވުރެން ވެސް އަދި ހަލުއްޔެވެ.

ވަރަށް ވެސް ހަލުޔެވެ. ޝަޝީގެ ލޯބިން މަސްތުވެފައިވާ އޭނާގެ ހިތް އޭނާއަށް ވުރެން ވެސް ކުރީގައި ދުވެފައި އެދާލެއް މިހުރިހައި ދުވެއްޔަކަށް ވުރެން ވެސް ބާރެވެ.

އެންމެ ފަހުން އޭނާއަށް ޝަޝީއާ ފުރަތަމަ ފަހަރު ބައްދަލުވި ތަނަށް ދެވިއްޖެއެވެ. އޭނާއަށް އަދި އޭނާގެ ސައިކަލު ރަނގަޅަށް ނުވެސް ބެހެއްޓެއެވެ. އަދި އެއިން ނުވެސް ފޭބިގެން އުޅެނިކޮށް ޝަޝީ ދީވާނާވެގެން ހުރެ

ދުވަމުން ދުވަމުން އަތުވެއްޖެއެވެ. އޭނާ މޮޓޯސައިކަލް މަޑުކޮށްލައިގެން ފުޓުޕާތުން އެ ބަހައްޓާ ތަނަށް ހަމަ ދަނިކޮށް އޭނާ އައިސް މޮޓޯސައިކަލުގެ ފަހަތުގައި އިށީނދެއްޖެއެވެ.

“މިތާކަށް ނޫން… އެހެން ތާކަށް ހިންގަވާ.” އޭނަ ވަރަށް ފިކުރުބޮޑުވެ ގަބަރާ ވެގެން ހުރެ ބުންޏެވެ. ދެން ދީޕުގެ ދަހޅް-ދަހޅް-ކޮށްކޮށް ހުރި މޮޓޯސައިކަލު ވަރަށް ވަރުގަދަ އަޑުފަށްގަނޑަކާ އެކު ކުއްލިއަކަށް ކުރިއަށް ދުއްވައިގެންފިއެވެ. އޭގެ ފަހަތުން ބުނަން ވެސް ނޭނގޭ ބާވަތެއްގެ އަޑުފަށްގަނޑަކާއި ހިރަފުހެއް އަރަމުން އޮވެ ދެއެވެ. ބަޑިއެއްގެ އުންޑަ ފަދައިން ވުސްއަޅާފައި ހަލުއިކަމާއެކު ވަރަށް ދުރަށް ހިނގައްޖެއެވެ.

“ކީއްތަވީ؟”

“އަޅުގަނޑުމެން ދެމީހުން ނޫން އެކަކު ވެސް ނެތް ތާކަށް ހިންގަވާ….”

މިއަޑު އަހައިފައި ދީޕު އޭނާގެ މޮޓޯސައިކަލުގެ ކުރި، ގަސްތައް ގިނަ އަދި ހަމަހިމޭން ދިމާއަކަށް އަނބުރައިލިއެވެ. އެއީ ބޮމްބޭގެ ޕޫނާއަށް ދާ މަގެވެ.

ދީޕުގެ މޮޓޯސައިކަލުގެ ދުވެލި މިހާރު ފަންސާހަށް ވުރެވެސް މައްޗެވެ. ހަމަ ކުޑަކުޑައިރުކޮޅެއްގެ ތެރޭގައި، ޝަޝީ ގޮވައިގެން ބޮމްބޭއިން ތިރީސްފަސް މޭލުހާ ދުރަށް ނުކުމެއްޖެއެވެ. އެއީ މުޅިން ހަމަހިމޭންކޮށް އޮތް ތަނެކެވެ. ކައިރި އާއި ދުރުން އެއްވެސް މީހަކު ފެންނާން ނެތް ތަނެކެވެ. ބޮމްބޭއިން ޕޫނާއަށް، ޕޫނާއިން ބޮމްބޭއަށް ދާ ރޭލުތައް ވަރަށް މަދުމަދުން ހުއްޓައިއުޅޭ ތަނެކެވެ.

ދީޕުގެ މޮޓޯސައިކަލު ހުޝިޔާރުކަމާ އެކު، ދަތި މަގަކާ ދިމާއަށް އަނބުރައިލިއެވެ. ދެން ތަންކޮޅަކަށް  ގޮސްފައި ވަރަށް ފަތްބޯ އަނބު ގަހެއްގެ ދޮށަށް ހުއްޓައިލައިފިއެވެ.

މަންޒަރުތައް ވަރަށް ހިތްފަސޭހައެވެ. ދުރަށް ދުރަށް ދަންދެން ސަރުސޫނުގެ ދަނޑުތައް ވަޔާ ހެލިލަހެލިލާ ހުއްޓެވެ.

ހަވީރުގެ ފަހެއް ޖަހައިފިއެވެ. ގަސްތަކުގެ ހިޔަނިތައް އިރުމަތިފަރާތަށް ކަޅުކޮށް އަދި ދިގުކޮށް ދެމިފައިވެއެވެ. ދުރުދުރުން ފެންނަ ގިނަގުނަ ފަރުބަދަތައް ވަރަށް ހިތްއުފާ ކޮށްދެއެވެ. ދޫނިތައް އެތަން މިތަނަށް އޮވެ އުދުހެއެވެ. އަދި ގޮވާ ނަގަނީއެވެ. އެ ދެމީހުން މަގުމަތީން ހިސާބަކަށް އެއްފަރާތަކަށް ޖެހިލައި އެދިމާއިން ބިންމަތީގައި އިށީނދެއްޖެއެވެ.

“އާނ ބުނެބަލަ ކީއްތަވީ” ދީޕު ބުންޏެވެ.

“ކަލާ ތިޔަ ވަރަށް ފިކުރުބޮޑުވެފައި ހުންނެވީ ކީއްވެގެން…؟”

ދީޕު ނުހަނު ލޯތްބާ އެކުގައި ޝަޝީގެ މޫނު، އޭނާގެ ދެއަތުގެ ދެމެދަށްލިއެވެ.

“ކިހިނެއްވީތަ….؟”

“ކަމެއްނުވޭ….!”

“ކަލޭ ތިޔައީ ބޮޑު މޮޔަގަނޑެއް…”

މިހެން ބުނެފައި އޭނާގެ މޫނު ދީޕުގެ ދެއަތުގެ ދެމެދުން ވަކިކޮށްލިއެވެ.

“އަހަންނަކީ މޮޔައެއް….؟”

“އާނ….!”

“އެކަމަކު އެއީ ކިހިނަކުން؟”

“އެގޮތް ވާނީ ބުނެދޭން.”

އޭނާ ދީޕާ ދިމާއަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލައިލައިފައި އިސްދަށަށް ޖަހައިލިއެވެ.

“ކަލާއާ އަޅުގަނޑާ ބައްދަލުނުވިނަމަ ކިހާ ރަނގަޅުވީސް.” އޭނާގެ ތުންފަތް ތުރުތުރު އަޅަން ފެށިއެވެ. އޭނާގެ ލޮލުގެ މުތީތައް ބިމުގެ ހަނަފަސް ވެލިތަކުގެ ތެރެއަށް އޮހޭން ފަށައިފިއެވެ.

“ބަލަ ތިޔަ ވަނީ ކީއް؟”

ދީޕުގެ ހިތް ހަމަ ހަގީގަތުގައި ހަމަ އޭނާގެ ކުރިމަތީގައި ތެޅެން ފަށައިފިއެވެ. އޭނާ ބޭގަރާރު ވެގެން ޝަޝީ އޭނާގެ އުނގަށްލިއެވެ. އޭނާ އޭނާގެ އުނގުތެރެއަށް ލުމާ އެކު ހަމަ ރަނގަޅަށް ރޯން ފަށައިފިއެވެ. ގިސްލަމުން ގިސްލަމުން މުޅިން ކުޑަކުއްޖެއް ހެންނެވެ.

ދީޕު އޭނާގެ މިހާލާ މެދު ވަރަށް ފިކުރުބޮޑުވެއްޖެއެވެ.

“ވެގެން ތިޔަ އުޅެނީ ކީއް؟ ނިކަން ކުޑައިކޮށް ބުނެބަލަ!”

“ހީވަނީ ދެން ކަލާއަކާ އަޅުގަނޑަކަށް ބައްދަލެއް ނުވެވޭނެހެން.”

މިހެން ބުނުމުން އޭނާ ވަކިން ބޮޑަށް ބޭގަރާރު ވެއްޖެއެވެ.

“އެއީ ކީއްވެގެން…؟” ދީޕު މުޅިން ފިކުރުބޮޑުވެފައިވާ ގޮތެއްގައި ބުންޏެވެ.

“އަހަރުމެން ބައްދަލުވުން މަނާ ކުރާނީ ކާކު… ދެން އަޅުގަނޑޭ ނުކިޔާތި!”

“އަހަރެންގެ ތަގުދީރު.”

އޭނާގެ މިކުރު ޖަވާބަށް ދީޕު އިހަށް ވުރެ ވެސް ބޮޑަށް ހައިރާންވެއްޖެއެވެ. އޭނާ ނުހަނު ޖަޒުބާތީ ގޮތެއްގައި، ޚުދު އޭނާއަށް އޭނާ ވެސް އޮޅިއްޖެއޭ ހީވާ ފަދަ ގޮތެއްގައި ބުންޏެވެ.

“ސާފުސާފުކޮށް ނުބުނާން ތިއުޅެނީ ކީއްވެގެން؟ ވީކީއްތަ؟”

“ކަލާ އެއްވެސް ޖޯތަޝީ އަކަށް އަތް ދެއްކީމުތަ…؟”

“އާނ ދެއްކިން….” ވަރަށް ހައިރާންކަމާ އެކު ދީޕު ބުންޏެވެ. “އަނެއްކާ ކީއްތަވީ….؟”

“ކަލޭ އޭނާ ގާތުގައި މިރޭ ތީޖް ސިންގު ހައްޔަރު ކުރުމުގައި ކާމިޔާބު ވާނެތޯ ނުވަތަ ނޫންތޯ ސުވާލު ކުރީމުތަ؟”

އޭނާ މިހެން ބުނީމާ ދީޕު ކުއްލިއަކަށް ހައިރާންވެފައި ބުންޏެވެ.

“ޝަޝީ އަށް ތިޔަ ހުރިހާ ގޮތެއް އެނގުނީ ކިހިނަކުން…؟”

“އެހުރިހާ ވާހަކަތަކެއް ކަލޭ އެ އެހީ ޚުދު ތީޖް ސިންގު ކުރެން.”

“އޭނ…!”

ކުއްލިއަކަށް ސިއްސައިގެން ގޮސްފައި ދީޕު ފުންމައިގެން ތެދުވެއްޖެއެވެ. އޭނާގެ ދެލޯބޮޑުވެފައި ހުއްޓެވެ.

“ޝަޝީ….!”

އޭނާ ކުއްލިއަކަށް ޝަޝީ ތަޅުވައިގަތެވެ.

“ކަލޭ ވަރަށް ގޯސް….” ޝަޝީ ވަރުބަލިވެފައިވާ ގޮތެއްގައި ބުންޏެވެ.

“ކަލެއަށް ތީޖް ސިންގާ ބެހޭ ގޮތުން ވަރަށް ގިނަ އެއްޗެހި އެނގޭ. ކަލެއަށް ހުރިހާ އެއްޗެއް ވެސް އެނގޭ ތީޖް ސިންގާ ބެހޭ ގޮތުން.”

އޭނާ އިރުއިރުކޮޅުން ޝަޝީ ތަޅުވައިގަނެއެވެ.

“ހުރިހާ އެއްޗެއް ބުނެދީ އަހަންނަށް ޝަޝީ! ހުރިހާ އެއްޗެއް ބުނެދީ. އަހަރެން ތީޖް ސިންގު ކަހަލަ ބިރުވެރި ޖަނަވާރުންގެ ކިބައިން ދުނިޔެ ސާފުކޮށްލާނަން.”

“އަހަންނަކަށް އެއަށްވުރެ ބޮޑަކަށް ނޭނގެ.”

“ޝަޝީ….!”

އަނެއް ފަހަރު ވަރަށް ބާރަށް ދީޕު ޝަޝީ ހަލުވައިލިއެވެ. އޭނާގެ އަޑުގައި ހަރުކަށިކަމާއި ޖާސޫސް ކުރުމުގެ ރުޅިވެރިކަމާއި ހުރިހާ އެއްޗެއް ވެސް ހުއްޓެވެ.

“އަހަރެން މިއީ ކާކުކަން ކަލެއަށް އެނގޭތ؟ އަދި އަހަރެން…”

ޝަޝީ ދީޕުގެ ޥާހަކަ މެދުކަނޑައިލިއެވެ.

“އަހަރެން ހުރިހާ އެއްޗެއް ވެސް ދެނަހުރިން. އަހަރެން ހުރިހާ އެއްޗެއް ވެސް އެނގިހުރެ ވެސްމެ އަހަރެންގެ ހިތުގެ ބާރު ނުހިފޭއްޓިގެން އަހަރެން ދަންނަ ހުރިހާ އެއްޗެއް ކަލެއަށް ބުނެދިނީ. މިހާރު ކަލޭގެ މަހުކަމާގެ ބާރުހޯދައިގެން އަހަރެން ތަޅުވާ ފޮޅުވައިގެން އަނިޔާ ކޮށްކޮށްފައި މަރާލިޔަސް ވެސް އަހަރެން ކިބައަކުން ލޭނުން އެކައްޗެއް ވެސް

ނުފެންނާނެ.”

“ޝަޝީ…”

“އެއީ ކީއްވެގެން؟”

“އެއަށްވުރެން ބޮޑަށް އަހަންނަށް އެކައްޗެއް ވެސް އެނގިފައި ނެތީތީ.”

ދީޕު އެއްޗެއް ވިސްނަން ފަށައިފިއެވެ. އޭނާ ހިތަށްއެރިއެވެ. ހީވަނީ ޝަޝީ އެބުނަނީ މުޅިން ތެދު ހެންނެވެ. އޭނާގެ ހިތަށްއެރިއެވެ. ޝަޝީއަށް ގަދަބަދަވިކަން ދައްކައިގެން އޭނާއަށް ހެދޭނީ ވަރަށް ބޮޑު ގޯހެކެވެ. ގަދަބަދަވިކަން ނުދައްކައިފިއްޔާ އޭނާ ކިބައިން ކޮންމެވެސް އެއްޗެއް ފިލުމުގެ އުއްމީދު މާ ބޮޑެވެ.

ވުމާ އެކު އޭނާ މަޑުން ހުރީއެވެ. ދެން އޭނާ އެ ތަނުން ޝަޝީ ގޮވައިގެން އެނބުރި އަތުވެއްޖެއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *