ރަންނަމާރިއަކީ އޭރުގެ ރަސްގެފާނުތަ؟

ރަންނަމާރި ވާހަކަގައި ޒުވާން، އަބުރުވެރި، ރީތި އަންހެންކުއްޖަކު ބުދުކޯލަށް ގެންދާ ވާހަކަ ކިޔައެވެ. އަނެއްދުވަހު ރަށު ރައްޔިތުން ބުދުކޯލަށް ދާއިރު އެކުއްޖާގެ އަބުރުވެރިކަން ގެއްލި މަރުވެފައިވެއެވެ. ރަންނަމާރި އަރާ އެކުއްޖާއަށް ހެދީ ކޮންގޮތެއް ކަމެއް ރައްޔިތުންނަކަށް ނޭނގެއެވެ. ރަންނަމާރިއަކީ ކަނޑުން އަރައިގެން އަންނަ ދިއްލާފައިވާ ނަވެކޭވެސް މީހުން ކިޔައެވެ. ނުވަތަ ކަނޑުން އަރާ ފުރާތައެކޭވެސް ކިޔައެވެ. މިޒަމާނުގައި މީހުން ބުނާގޮތުގައި އެއީ ރަސްގެފާނު ކުރާކަމެއް ކަމުގައިވެސް ކިޔައެވެ.

ދިވެހިރާއްޖެ އިސްލާމް ވުމުގައި ރަންނަމާރި ވާހަކައަކީ އޭގެ މާބޮޑު އަސްލެއް އޮތް ވާހަކައެއް ނޫނެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ ހަގީގަތެއް އޮތްކަމަށް ތާރީޚް ދިރާސާ ކުރާފަރާތް ތަކުން ގަބޫލުކުރެއެވެ. "ދިވެހި ރާއްޖެ އިސްލާމް ވީ ހާދިސާއަށް ބަހަވީ ނަޒަކުން" އިޔާޒު ނަސީމް ލިޔުއްވާފައި ލިޔުމެއްގައި ފާހަގަ ކުރަނީ ދިވެހިން ބުދަށް އަޅުކަން ކުރިކަމަށާއި، ބުޑިސްޓުންނަކީ ކަނޑުގެ ދޭވަތާއިންނަށް އަޅުކަން ކުރުމުގެ ގޮތުން ކުދިން ޤުރުބާން ކުރިބައެކެވެ. ނީލަކޯރަށް އަންހެންކުއްޖެއް ޤުރުބާންކުރި ވާހަކައާއި  ރާއްޖެ އިސްލާމްވީ ވާހަކައާއި ގުޅުން އޮތްކަން ޤަބޫލުކުރަން ޖެހެއެވެ. ކަނޑުގެ ދޭވަތާއެއް ނުވަތަ ކަލާނގެއެއް އެޒަމާނުގައި ދިވެހިންގެ ތެރޭގައި އޮތުމަކީ ޤަބޫލު ކުރެވޭ ކަމެކެވެ.

ދިވެހިން ޤަބޫލުކުރާގޮތުގައި ރަންނަމާރިއަކީ އޭރު ހުންނެވި ރަސްގެފާނެވެ. ނަމަވެސް ރަސްގެފާނަކީ ބޭނުންފުޅުވެއްޖެ ނަމަ ދިވެހި ކޮންމެ އަންހެނެއްވެސް ގަނޑުވަރަށް ގެންނަވާ ކައިވެނި ކުރެއްވިދާނެ ދިވެހިން އިހްތިރާމް ކުރާ ބޭފުޅެއްކަމުން ރަސްގެފާނު ސިއްރިޔާތުގައި މިކަން ކުރާކަށް ނުޖެހެއެވެ. ކޮންމެ ދިވެހި މަންމައެއް ބޭނުންވާނީ އެމީހުންގެ ދަރީން ރަސްގެފާނާއި ކައިވެނި ކުރުމަށެވެ. އެހެންކަމުން ބޮޑަށް ލަފާ ކުރެވެނީ ކައިވެނިން މަހުރޫމުވެފައިވާ ނުވަތަ އިންސާނީ އިހުސާސް ތަކާއި ދުރުގައި ހުންނަކަމަށް ބުނާ ބުދުކޯލުގެ ވެރިން ނުވަތަ ސަގުންގެ ހީލަތްތެރި ރޭވުމެއް ކަމަށެވެ.

ބުދުކޯލަށް ގެންދެވޭ ކުދިންގެ ފޮނިމީރުކަން ނަގަނީ އެތަނުގައި އުޅޭ ހާމުދުރުންނެވެ. ރަންނަމާރިއަށް ވެގެން ނާޗަރަންގީ ނިމުމުން އެކުދިން މަރާލަނީ އެމީހުންގެ އަގުވެއްޓި ބޭޒާރު ވެދާނެތީ އެމީހުންގެ ޤަދަރު ހިފެހެއްޓުމަށެވެ. އިސްލާމްވުމަށްފަހު އޭރު އަޅުކަން ކުރި ތަކެތި ދެކެ މީހުން ބިރުގަންނަ ކަމަށް ވިއެވެ. އެހެންކަމުން ބުދުކޯލުގައި އަނިޔާވެރި ހާމުދުރުންނަކީ  ރަންނަމާރި ކަމުގައި ވުން އެކަށީގެންވެއެވެ. އަދި އެޒަމާނުގައި ދިވެހިން ކަނޑަށް އިހުތިރާމްކޮށް ހެދިކަން އެނގެން އޮތްކަމަށާއި، ކަނޑަށް މާދެއްކުމާ،  ބައެއް ސޫފާސޫފި ކަނޑަށް ޤުރުބާން ކުރިކަން އެނގެން އެބައޮތެވެ.

އެހެންކަމުން ރަންނަމާރި ވާހަކައިގައި ގަބޫލު ކުރެވޭ ކޮންމެވެސް ހަގީގަތެއް ވެއެވެ. ބުދުކޯލުގައި މަސައްކަތްކުރާ ހާމުދުރުންގެ އަމިއްލަ އެދުން ހާސިލް ކުރުމަށްޓަކައި ރީތި އަންހެންކުދިން ނަލަހައްދައިގެން ބުދުކޯލަށް ގޮސް އެކުދިންގެ އިއްފަތް ނަގާލައެވެ. އެކުދިންގެ ފަރާތުން އެމީހުން ބޭނުންވާ ކަމެއް ހާސިލްކުރުމަށްފަހު އެ އަނިޔާވެރި ޢަމަލު މީހުންނަށް އެނގިދާނެތީ އެކުދިން މަރާލައެވެ. ނަމަވެސް ދިވެހިން ކިޔައި އުޅޭގޮތަށް ރަސްގެފާނަކީ ރަންނަމާރިއޭ ބުނެވޭނެ ޖާގައެއް ނެތެވެ. ނުވަތަ ރަންނަމާރިއަކީ ކަނޑުން އަރާ ފުރޭތައެކޭ ބުނެވޭނެ ޖާގައެއްވެސް ނެތެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *