(10 އެޕްރީލް 2024 ގެ ނޫހާއި ގުޅޭ)
އެންމެ ފުރަތަމަ އޭނާ އޭނާއާ މެދު ހީކުރީ އޭނާގެ އެންމެ ބޮޑު މަގުސަދު ފުރިހަމަ ކުރުމުގެ އެހީއެއް ކަމުގައެވެ.
މިހާރު އޭނާގެ މަގުސަދުގެ މިއެހީ އޭނާގެ ހަޔާތުގެ އެހީގެ ބާރާނުލައި އަމިއްލަ ދިރިއުޅުން މަގުސަދެއް ނެތް ވީރާނާއެއްގެ ގޮތުގައި ދައްކާ ފަދަ އެހީއަކަށް ވެއްޖެއެވެ.
އޭނާއަށް އިރުއިރުކޮޅުން ޝަޝީގެ އެންމެ ފަހު ލަފުޒު ހަނދާންވެއެވެ.
“ހީވަނީ ދެން އަހަންނަކަށް ކަލެއަކާ ބައްދަލެއް ނުވެވޭނެހެންނެވެ.”
ދީޕު އޮފީހުގައި ގެއްލިފައި އިނެވެ. ޝަޝީ ބުނެފައިވާ އެ ޖުމުލަ، އިރުއިރުކޮޅުން އޭނާގެ ސިކުނޑީގައި ގުގުމަނިކޮށް އޭނާ ކުއްލިއަކަށް ފުންމައިގެން ތެދުވެއްޖެއެވެ.
“ކަލޭ ވީ ތާކުން އަހަރެން ކަލޭ ހޯދާނަން…”
މި ޖުމުލަ އެއްވެސް ގަސްތަކާ ނުލައި އޭނާގެ އަނގައިން ނުކުތެވެ. އެހެން ބުނުމާ އެކު އޭނާގެ ކޮޓަރީގައި ތިބި އެތައް ސާޖެންޓުންނެއް ކަކަކަކަ އަޅައިފައި ހީނގެންފިއެވެ. ދެން އޭނާ އެ ހުރިހާ މީހުންގެ ހުނނުމުގެ މައްޗަށް ހޭވެރިކަން ވެއްޖެއެވެ.
“ކާކުތަ ކަލާ ހޯއްދަވާނީ މިސްޓަރ ދީޕް….” އޭނާގެ ރަހުމަތްތެރިއަކު އޭނާގެ ކޮނޑުމަތީގައި އަތްޖަހައިލައިފައި ސުވާލު ކުރިއެވެ.
“ތީޖް ސިންގު!” އޭނާ ބުންޏެވެ.
“ތީޖް ސިންގު އަހަރެންގެ އަރާމާއި އަހަރެންގެ އުފަލާއި އަހަރެންގެ ރޭގަނޑުގެ ނިންޖާ ހުރިހާ އެއްޗެއް ހަރާންކޮށްފި.”
އޭނާ ތުންފަތުގައި ދަތްއަޅައިލިއެވެ. “އަހަރެން އެ ގޮތްކުޑަ އިންސާނާގެ ކިބައިން ދުނިޔެ ތާހިރުކޮށްފައި ނޫނީ ނޭވައެއް ނުލާނަން.”
މިހެން ބުނެފައި، އޭނާ ފާރު ކައިރިއަށް ޖެހިލައިފިއެވެ. ފާރުގައި އަޅުވައިފައި ހުރި އޭނާގެ ފިސްތޯލަ ބެލްޓު ނެގިއެވެ. އަދި އެ އޭނާގެ އުނގަނޑުގައި އަޅަމުން ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ.
ބޭރުގައި އޭނާގެ މޮޓޯސައިކަލު ހުއްޓެވެ. އޭނާ މޮޓޯސައިކަލަށް އަރައި އިށީނދެފައި ވަރަށް ހަލުއިކަމާ އެކު އެއްފަރާތަކަށް ދުއްވައިލައިފިއެވެ.
އޭނާ ވަރަށް ހަލުއިކަމާ އެކު ދުއްވައިފައި ދަނިކޮށް އޭނާގެ މޮޓޯ ސައިކަލުގެ ދުވެލި މަޑުކޮށްލަން ޖެހިއްޖެއެވެ. އެވަގުތު ފަހަތުން ލަތާގެ ބިޔުކް އައިސް މޮޓޯސައިކަލުގެ ކުރިކަނޑައިލިއެވެ.
“އޭ މިސްޓަރ….!” އޭނާ ނުހަނު ޅަ އަދާ އާ އެކު ގޮވައިލިއެވެ.”ކަލާގެ ފަހަތުން އަހަރެން ދުއްވާތާ ކިހާއިރެއް ވެއްޖެތަ؟” އޭނާ ހީނލިއެވެ.
“އަހަރެންގެ ކުރިމަތިން ވައިގެ އަހަކަށް އަރައިގެން ތިޔަ ދަނީ ކަލޭދޯ…”
ދެން އޭނާ ބިޔުކް ދީޕުގެ މޮޓޯ ސައިކަލުގެ ކުރިމައްޗަށް އަނބުރާލައިފައި ހުއްޓާލިއެވެ.
“ދެންމެ އެކްސިޑެންޓެއް ވީ ނަމަޔޯ…؟” ލަތާ ހީނިލިއެވެ.
ދީޕު ވަރަށް ހުޝިޔާރު ކަމާ އެކު، އޭނާގެ މޮޓޯސައިކަލުގެ ބުރެކި ޖެއްސިއެވެ. އެހެން ނޫން ނަމަ ހަމަ ރަނގަޅަށް އެކްސިޑެންޓު ވީހެވެ. އޭނާގެ މޮޓޯސައިކަލް ކުރީ ފުރޮޅު ލަތާގެ ބިޔުކުގެ ފުރަތަމަ ފުރޮޅުގައި ޖެހުނީސްކަން ގައިމެވެ . އެހެން ނުވީ އޭނާގެ މޮޓޯސައިކަލު ހުއްޓައިފައި އެ ވާތް ފަރާތަށް އަނބުރާލިކަމުންނެވެ.
“އަހަރެން މިހާރު މިދަނީ ވަރަށް ބޮޑު ކަމަކު ލަތާ!” އޭނާ ވަރަށް އާދޭހާ އެކު ބުންޏެވެ.”ފޯރ ގޯޑް ސޭކު…..”
“އޯކޭ މިސްޓަރ.”
ވަރަށް ވަރުގަދަ ކުއްލިއަކާ އެކު ބިޔުކް ވަރަށް ރަނގަޅަށް ފަހަތަށް ސޮއްސާލިއެވެ. ދެން ކުޑައިރުކޮޅަކުން އިންތިޒާރު ކުރުމަކާ ވެސް ނުލައި ނުހަނު ހަލުއިކޮށް ބިޔުކް އޭނާ ގޮވައިގެން ހިނގައްޖެއެވެ.
މިހާރު އޭނާގެ ބިޔުކް މަގު މެދުން ނުހަނު ހަލުއިކޮށް ދީޕުގެ ކުރިމަތިން އޮވެ ދެއެވެ.
ދީޕު އޭނާގެ މޮޓޯސައިކަލުގެ މުށްގަނޑު ތެދުކޮށްލިއެވެ. މިހާރު އެވެސް ވަރަށް ހަލުވިކޮށް ކުރިޔަށް ދާން ފަށައިފިއެވެ. ދެން އަނބުރާލާ ހިސާބަކަށް ގޮސްފައި އޭނާގެ މޮޓޯސައިކަލު ތީރެއްހެން ހަދައިލައިފިއެވެ. ދެން ވަޔާ ވާހަކަދައްކަމުން ވިހުރުވިލައިފައި ގޮސް އަނެއް މަގަށް ގޯޅި އަޅައިފިއެވެ.
ލަތާގެ ބިޔުކް ސީދާ މަގުން ގޮސް ނަޒަރުން އޮބާލައިފިއެވެ.
ދީޕުގެ މޮޓޯސައިކަލް މިހާރު ދުވެފައި އެދާ މަގަކީ، އެއްވެސް މީހަކު ނޫޅޭ ވިރާނާ ވެފައިވާ ތަނެއްގައިވާ މަގެކެވެ. ދީޕު އެދަނީ ކޮންތާކަށް ކަމެއް ވެސް ނޭނގެއެވެ. އޭނާގެ ހިތުގައި އޮތީ ކޮން އެއްޗެއް ކަމެއް ވެސް ނޭނގެއެވެ. އެއްތާކުން ގަސްބޯ ޖަންގައްޔެއްގެ ތެރެއަށް އޭނާގެ މޮޓޯސައިކަލު ގޮސް ވަދެއްޖެއެވެ.
ދެން ތަންކޮޅެއް ދުރަށް ގޮސްފައި އޭނާގެ މޮޓޯސައިކަލުގެ ދުވެލި މަޑުކޮށްލިއެވެ. އަދި އެއްތާކުން، ވަރަށް ބިޔަ ބޮޑެތި ގަސްތަކެއްގެ ދޮށަށް ގޮސްފައި އޭނާ އޭނާގެ މޮޓޯސައިކަލުން ފޭބިއެވެ.
އޭނާ މޮޓޯސައިކލު ބޮޑު ގަހެއްގެ މައްޗަށް އަރައިފައިވާ ފަލަ މުލެއްގެ ކައިރީގައި ބެހެއްޓިއެވެ. ދެން އެއާ ދިމާއަށް އެއްފަހަރު އެނބުރިލައިފައި އޭނާ ވާތް ފަރާތަށް ހިނގައިގެންފިއެވެ.
މިހާރު އޭނާ ގަސްބޯ ކަށިހުރި ގަސްތަކެއްގެ މެދުތެރެއިން ނުހަނު ރައްކައުތެރިކަމާ އެކު ބަލައިގެން ހިނގަމުން އޮވެ ދެއެވެ. އޭނާ މި ބޯގަސްތަކުގެ ތެރެއިން ވަރަށް ދުރަށް ހިނގައްޖެއެވެ.
އެއްތާކަށް ގޮސްފައި، އޭނާ ހިސާބަކަށް ހަމަ ނޭވާ ލުމަށް ޓަކައި މަޑުކޮށްލިއެވެ. ޖީބުން ރުމާ ނަގައިފައި އޭނާގެ ނިތްކުރީގެ ދާ ފުހެލިއެވެ. އަދި އެތަން މިތަނަށް އޭނާގެ ކަޅި އުކައިލިއެވެ.
އޭނާ ބެލްޓުން ފިސްތޯލަ ނަގައިގެން އޭނާގެ ކަނާތުން ވަރަށް ބާރަށް އޭގައި ހިފިއެވެ. އަދި ޝަހާދަތް އިނގިލި ފިސްތޯލައިގެ ތިރީ ބަޔަށް މަހައިލިއެވެ.
މިހާރު އޭނާ ވަރަށް ރައްކާތެރިކަމާ އެކު އެތަން މިތަނަށް އޭނާ ކުރިޔާއި ފަހަތް، އޭނާގެ ވައަތް، ކަނާތް ފަރާތް ބަލަމުން މަޑުމަޑުން ހިނގައިފައި ދެއެވެ. އެ ހިސާބު އަދިވެސް ގަސް ބޯވަމުން ދެއެވެ. ތިރީގައި ގުނާ ވިޔަނުވާ ފަދަ ހިލަތަކާއި ޖަންގަލިން އަމިއްލައަށް ފަޅާ ކަށި ހުންނަ ގަސްގަހާގެހި އެތަން މިތަނަށް ފެތުރިފައިވެއެވެ. ބޯމަތިން ގަސްތަކުގެ ގޮފިތައް ބޯވެ މިހާރު ބޮޑެތިވެ ވަރުގަދަވަމުން ދަނީއެވެ. ބޯ ގުދުކޮށްގެން ހިނގަން އުޅުމާ އެކު ވެސް މަގުމަތީގައި ހިނގުން އުނދަގޫވާ ފަދަ މިންވަރަކަށެވެ.
އޭނާ އިރުކޮޅަކުން އޭނާގެ ވައަތުގެ އެހީއިން، މަގަށް ހުރަސްއަޅާ ގޮފިތައް ފޭކުރަމުން ގަސްތައް ހަލާކު ކުރަމުން ދެއެވެ. މިގޮތަށް ކުރިޔަށް ހިނގަމުން ދަނިކޮށް ވަރަށް ބާރަށް އެއްޗެއްގައި އަޅައިގެންފައި ވެއްޓިއްޖެއެވެ. އޭނާ އަނގަ ވަތަށް ލާ ވެއްޓުނުލެއް ބާރުކަމުން އޭނާގެ މޫނު، ތޫނު ހިލަތަކާއި އަދި ހިކިފައިވާ ކަށިތޫނު ގަސްތަކުގެ ތެރެއަށް ވަދެ ވަރަށް ބޮޑަށް ޒަޚަމްވެއްޖެއެވެ.
ނަމަވެސް އޭނާ ހަމަ ކުއްލިއަކަށް ތެދުވެއްޖެއެވެ. ޖީބުން ރުމާ ނަގައިފައި މޫނު ސާފުކޮށްލިއެވެ. އޭނާގެ ރުމާލުގައި ލެއިން އެތައް ތަނެއްގައި ލައްޖެހުނެވެ. ކުދިކުދި ކަށިތައް ރުމާލުގައި ވަރަށް ގިނައިން ހުއްޓެވެ. އޭނާ އެ ކަށިތަކަށް ވަރަށް އުނދަގޫ ލިބިފައިވާ ނަޒަރަކުން ބަލައިލިއެވެ.ކުޑަކުޑަ ލުއިލުއި ހިނނިކޮޅެއް މޫނުމައްޗަށް ފެތުރުނެވެ. ދެން އޭނާ އަނެއްކާވެސް ކުރިޔަށް ހިނގަންފެށިއެވެ.
މިހާރު އޭނާ ހިނގަނީ ހިސާބަކަށް ހަލުވިކޮށެވެ. ވައަތުގައި އަޅައިފައި އޮތް ގަޑިއަށް ބަލައިލިއިރު ދޭއްޖަހާ ސާޅީސް މިނިޓު ވެއްޖެއެވެ. އޭނާގެ ގަޑީގެ ބިއްލޫރިގަނޑު ވަނީ އެއްތާކުން ހަލާކުވެފައެވެ.
އޭނާ ކުރިއަށް ހިނގަނީއެވެ. ވާ ވަރަށް ބޯވެ އަނދިރިވެއްޖެއެވެ. އިރުގެ ދަޅައެއްވެސް މިހާރު އެހިސާބަށް އަންނަނީ ވަރަށް އުނދަގުލުންނެވެ. ނަމަވެސް އޭނާ ހިނގަނީ ކުރިއަށެވެ. ދެން އެއްތާކަށް ގޮސްފައި އޭނާގެ ފިޔަވަޅަށް ހުއްޓުން އަރައްޖެއެވެ. ދެން އޭނާ ދެތިން ހަތަރު ފިޔަވަޅެއް ފަހަތަށް ޖެހިއްޖެއެވެ. އޭނާ ފިސްތޯލައިގެ ކުޑަކުޑަ ފާލު ސީދާ ކޮށްލިއެވެ.
ކުރިމަތީގައި ޒަމާންވެ ވީރަނާވެފައިވާ ފައްޅިއެއް ހުއްޓެވެ. މުޅިން ފަޅުކޮށް ފުނޑުފުނޑުވެފައިވާ ފައްޅިއެކެވެ. މިފައްޅީގެ ވެއްޓިފައިވާ ފާރުމަތީގައި ވަރަށް ނުބައި ބިރުވެރި ވައްތަރެއްގެ ކަޅު ހަރުފައެއް ކަރުފުއްޕާލައިގެން އޮތެވެ. އެސޮރުގެ ކުލަ މާބުރެއްހާ ކަޅެވެ. މިސޮރު މާދިގެއް ނޫނެވެ. ވާނީ ދޮޅު ކައިވަތެއްހާ ވަރެވެ. އެސޮރުގެ ބޮލުގައި ބޮޑެތި ކަޅު އިސްތަށިތައް ހުއްޓެވެ. އަދި ވަރަށް ރަތެވެ.
އެސޮރުގެ ދެލޯ ނުހަނު ބޮޑުވެފައި ސާފެވެ. އެ އަނދިރިކަމުގެ ތެރޭގައި ވެސް ނުހަނު ސާފުކޮށް ލޯ ފެންނާން ހުއްޓެވެ. އެސޮރުގެ ދެލޯ ދީޕުގެ މައްޗަށް ހުއްޓައިލައިގެން ކަޅިޖަހައިނުލާ ބަލަން އިނެވެ.
“ހަދާނީ ކިހިނެއްބާ.” ދީޕަށް އަމިއްލައަށް ބުނެވުނެވެ.”މިސޮރު މަރާލާނީބާ.”
އޭނާ ހަރުފައަށް ވަރަށް ވިސްނުންތެރިކަމާ އެކު ބަލަންހުއްޓާ ކުއްލިއަކަށް އެސޮރު އެ އިން ތަނުން ފުންމާލައިފިއެވެ. ދީޕު ފިކުރުބޮޑުވެގެން އެތައް ފިޔަވަޅެއް ކުއްލިއަކަށް ފަހަތަށް ޖެހިލިއެވެ.
ހަރުފަ އައިސް ވެއްޓުނީ އޭނާއާ ވަރަށް ކައިރިއަށެވެ. އެސޮރު އެގޮތަށް ކަރުފުއްޕާލައިގެން އޭނާއަށް ވަރަށް ވިސްނުންތެރިކަމާ އެކު ބަލަބަލާ އިނެވެ. މިހާރު ދީޕަކަށް ވިސްނާކަށް އެއްވެސް ދައްޗެއް ނޫނެވެ. މި ނުރައްކާ ހަރުފައަކީ ވަރަށް ނުލަފާ ވައްތަރެއްގެ ޖަނަވާރެކެވެ. އެސޮރަށް ހަމަ ދަނޑިވަޅެއް ލިބޭއިރަށް އެ އަންނަނީ ވިހަލުމުގެފިކުރުގައެވެ.
އޭނާ ހަރުފައާ ދިމާއަށް އެގޮތަށް ކަޅި ހުއްޓާލައިގެން ބަލަން ހުރެފައި ބުންޏެވެ.
“ނާގްދޭވަތާ…!”
“މަގޭ ކުރިމަތިން ދުރަށްދޭ. އެހެން ނޫނީ އަހަރެން ކަލޭގެ ގަޔަށް ބަޑިޖަހާނަން.”
މިހާރު އެ ބިރުވެރި ހަރުފަ ކުރިޔަށް ދުއްވައިގަތްތަނާ ހެން ދީޕުގެ ފިސްތޯލައިން އުންޑައެއް ވުސްއަޅައިފައި ނުކުމެއްޖެއެވެ. އަދި އެހަރުފަ އޮތް ތަނަށް އިދިފުށަށް ޖެހިއްޖެއެވެ. އެސޮރުގެ ރަތްބޯ ފަޅަފަޅައިގެން ހިނގައްޖެއެވެ.
ދީޕު ކުރިޔަށް ހިނގަންފެށިއެވެ. އެފައްޅީގެ ތެރެއަށް އޭނާ ފިޔަވަޅު އެޅުމާ އެކު ހެން އޭނާއަށް އެވައްތަރުގެ އަނެއް ހަރުފަ ފެނިއްޖެއެވެ. އޭނާ އެހުރި ތާނގައި ހައިރާންވެފައި ކޮޅަށް ހުރެއްޖެއެވެ.
މި ހަރުފަ ފައްޅީގެ ތެރޭގައި ބަހައްޓާފައިވާ ބުދުގެ ކަނާތްފަރާތު ކޮނޑުގައި އިށީނދެލައިގެން އިނެވެ.
"ހަރުފަދޭވަތާ!"
އޭނާ އެހަރުފައިގެ މައްޗަށް ކަޅި ހުއްޓާލައިގެން ބަލަން ހުރެހުރެފައި މަޑުމަޑުން ބުންޏެވެ. އޭނާ އުޅުނީ ހަރުފައިން ސަލާމަތްވެގެން ނުކުމެވޭތޯއެވެ. ނަމަވެސް އޭނާ ހުރިތަނުން ހެލިލުމާ އެކު އެ ހަރުފަ ބުދުގެ މަތިން ތިރިޔަށް ފުންމާލައިފިއެވެ. ނުލާހިކު ހަލުވިކަމާ އެކު ދުވެފައި ގޮސް އެއްފަރާތަކަށް ގެއްލިއްޖެއެވެ. ދެން އޭނާ ހަމަޖެހުމުގެ ފުން ނޭވާއެއް ލިއެވެ. އޭނާގެ ނިތްކުރި ދާހިއްލާ ފޯވެފައި ހުއްޓެވެ. ލިބާހު ފަސްބައިން އޭނާ އޭނާގެ ނިތްކުރިން ދާފުހެލިއެވެ.
އޭނާ އަނެއް ފިޔަވަޅު ކުރިޔަށް އެޅުމާ އެކު ހެން ޑަންލާފައި އަޑިއަށް ވެއްޓިއްޖެއެވެ. ތާކުން ހިލަގަނޑެއް އެއްފަރާތްވީއެވެ.
އޭނާ މި ވެއްޓުނީ ފުންވަޅެއް ފަދަ ތަނެއްގެ ތެރެއަށެވެ. އެތާނގެ ހަތަރު ފަރާތުން ވަނީ އަނދިރިކަން ފެތުރިފައެވެ.
ފުން އަނދިރިކަމެކެވެ. މަރުގެ ހަމަހިމޭން ކަމެވެ. އޭނާއަށް އެތާނގައި ނޭވާލައި އުޅުން ވެސް އުނދަގޫވިއެވެ.
އަނދިރީގައި ދެލޯ ބޮޑުކޮށްފައި އެތަން މިތަން ބަލައެވެ. އޭނާއަކަށް އެކައްޗެއް ވެސް ނުފެނުނެވެ. އޭނާ މިތަނުން ތާކަށް ހުއްޓި ހުރެ ހިތަށްއަރައެވެ. ދެން ހަދާނީ ކިހިނެއް ބާވައެވެ. މި މުސީބާތުން ސަލާމަތް ވުމަށް ޓަކައި ކުރަންވީ ކީއްބާއެވެ. އޭނާއަށް ތާކުން ވަރަށް ފަނޑު އަލިކޮޅެއް ފެނުނެވެ. ހީވަނީ އިރުގެ އަލިކަން ނުލާހިކު ކުޑަކުޑަ ލޯވަޅަކުން އެތެރެއަށް އެޅިފައި ހުރީ ހެންނެވެ.
އޭނާ މި އަލިކޮޅާ ދިމާއަށް މަގުހޯދަހޯދައިގެން ނުހަނު ބާރަށް ނޭވާ ލެވެމުން ހިނގަން ފަށައިފިއެވެ. އޭނާ ފިޔަވަޅު އަޅަނީ ވަރަށް މަޑުމަޑުންނެވެ. އޭނާއަށް ސަތޭކަ ނުވަތަ ސަތޭކަ ފަންސާހެއްހާ ފިޔަވަޅު ކުރިޔަށް އެޅުނުތަނާހެން ކުއްލިއަކަށް ކޮންމެވެސް މީހަކު ފަހަތުން އައިސް އޭނާގެ ބޯމައްޗަށް ރަޖާގަނޑެއް އެއްލިއެވެ. މި އައު މުސީބާތުން ސަލާމަތް ވުމަށް އޭނާ އަތްފައި ތެޅުވިއެވެ. ނަމަވެސް އެއިން އެއްކަމެއްގެ ވެސް ބޭނުމެއް ނުހިފުނެވެ. ކޮންމެވެސް މީހަކު އޭނާގެ ބޮލުގައި ޖެހިލެއް ބާރުކަމުން ހަމަ އެތަނަށް ހޭނެތިގެން ވެއްޓިއްޖެއެވެ.
ދެން ދީޕަށް ހޭވެރިކަން ވެވުނުއިރު، އަދި އޭނާއަށް ލޯހުޅުވާބަލައިލެވުނުއިރު އޭނާ އޮއްވާ ފެނުނީ އަޖައިބު ހައިރާނެއް ފަދަ އަޑިގުޑަން ބިމުގެ ދޫލައެއް އޮތް ތަނެއްގައި އަނގަވަތަށްލާ ވެއްޓިފައެވެ.
(ނުނިމޭ)
