(18 އެޕްރީލް 2024 ގެ ނޫހާއި ގުޅޭ)
އެންމެ ފުރަތަމަ އޭނާ ބޯއުފުއްލައިލައިފައި، ނުހަނު ބިރުން އޮވެ އެތަން މިތަން ބަލައިލިއެވެ. ދެން އޭނާގެ ދެއަތްތިލައަށް ބާރުލައިފައި ތެދުވެއްޖެއެވެ. އޭނާ ތެދުވުމާ އެކުގައި ހެން ވަރަށް ބާރު ހުނނުމެއްގެ އަޑު އޭނާގެ ފުރަގަހުން އިވުނެވެ. އޭނާ ފިކުރުބޮޑުވެފައި ފަހަތަށް އެނބުރި ބަލައިލިއެވެ.
“ކަލޭ އަހަރެންގެ އޯގާވެރިކަމުން އެއްވެސް ފައިދާއެއް ނުހޯދީމު…” ދިގު، ވަރުގަދަ މީހެއް މޫނުމަތީ ނިވާކޮށްލައިގެން ހުރެ، ވަރަށް ހުކުމް ވެރި ގޮތެއްގައި، ވަރަށް ސާބިތު އަޑަކުން ބުނަނީއެވެ.
“ތީޖް ސިންގުގެ ފަހަތުން ކަލޭ ދުވުމަކީ، ކަލޭ އަމިއްލައަށް ހިޔަނީގެ ފަހަތުން ދުވުން ކަހަލަ ކަމެއް…” އޭނާ ފިސްތޯލަ މައްޗަށް އެއްލިއެވެ. “އަހަރެންގެ ކައިރިއަށް އައުމަށް ކަލޭ ތިޔަ ހޯދި ހޯދުންތަކާ ކުރި މަސައްކަތަށް އަހަރެން މުބާރަކްބާދީ އަދާކުރަން.” އޭނާ ހީނލިއެވެ.
"ނަމަވެސް އަދި ކަލޭގެ ކޮންމެ ހޯދުމެއް ވަނީ އުނިކޮށް. ކޮންމެ ރޭވުމެއް އޮތީ އެހާމެ ޅަކޮށް.”
"އުނި އެއްޗެހި ކޮންމެވެސް އެއްދުވަހަކުން ފުރިހަމަވާނެކަން ޔަގީން. ކޮންމެ ޅަކަމެއް ކޮންމެވެސް އެއްދުވަހަކުން
ޒުވާން ވާނެކަން ޔަގީން."
"އުނިކަންތައްތައް ފުރިހަމަވެ، ޅަކަންތައްތައް ޒުވާންވެ ހަރުދަނާވާ ދުވަހަކުން ވާނީ ކިހިނެއްކަން ކަލޭ ދެނަހުރީމުތަ؟” އޭނާ ކުރިއަށް ޖެހިލައިފައި އޭނާގެ ފިސްތޯލަ ދީޕުގެ މޭގައި ޖައްސައިލިއެވެ.
"އަހަރެމެންގެ އިނގިލީގެ ލުއިލުއި އެންމެ އިޝާރާތަކުން ކަލޭގެ ހަޔާތުގެ ބައްތި އަބަދަށް ޓަކައި ނިއްވާލަފާނަން.”
"ތިޔަ އިނގިލީގެ އިޝާރާތަށް ވެސް ވަގުތެއްވޭ."
"މީނާ ގެންދޭ އަހަރެންގެ ކުރިމަތިން." ތީޖް ސިންގު ދީޕުގެ މޭމަތިން ފިސްތޯލަ ނައްޓާލިއެވެ.
"ކަލޭގެ މައްޗަށް އަހަރެންގެ ހިތުގައި މި ހަމްދަރުދީ ވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ." ދެން އޭނާ އޭނާގެ މީހުންނާ ކުރިމަތިލިއެވެ.
"މި މޮޔަ ޗުކުރާ އަހަރެންގެ ކުރިމަތިން ގެންދޭ. އަދި އޭނާ، މިކަހަލަ މީހުންނަށް އަހަރެން ތައްޔާރު ކޮށްފައިވާ މެހުމާންޚާނާ އަށް ގެންދޭ." ދެން އޭނާ ދީޕަށް ބުންޏެވެ.
"މިފަހަރަކު އަހަންނެއް ކަލެއެއް ދުލެއް ނުކުރާނަން. އަހަރެންގެ ފުރަތަމަ އޯގާވެރިކަމުން ކަލޭ އެއްވެސް ފައިދާއެއް ނުހޯދީމު."
"މިހިން ހިނގާ…" މޫނުމަތި ނިވާކޮށްގެން ހުރެ ދިލޭރު ސިންގު ދީޕުގެ ހެދުމުގައި ހިފާ ދަމައިގަތެވެ.
"އަދި މާ ހިތްވަރުގަދަ މީހަކަށް ވެގެން އެބައުޅޭނު." އޭނާ ދީޕު ދަމަ ކޫއްތާފައި އޭނައާ އެކު ގެންދެއެވެ.
"ސަރުދާރުގެ އަމުރުވިއްޔަ. އެހެން ނޫން ނަމަ ކަލޭ ކަހަލަ މީހުން ދިރިހުއްޓާ ހަންދަމައިފައި، ތަނެއްގައި އެލުވަންވީ…” އޭނާ ރުޅިއައިސްފައި ބުންޏެވެ. "ބޮޑުވެފައި ތީޖް ސިންގު ހައްޔަރު ކުރަން އަތުވެއްޖެނު. ހުނ. " އޭނާ ފޫހިވެގެންފައި ބިންމައްޗަށް ކުޅެއް ޖެއްސެވެ.
ދީޕު ވަރަށް އަނދިރި އުނދަގޫތަކުން ފުރިފައިވާ ކޮޓަރިއެއްގައި ހައްޔަރުވެފައި އިނެވެ. މިއީ ކޮންކަހަލަ ކޮޓަރިއެއް ކަމަށްތޯއެވެ. އެއީ ފަރުބަދައެއްގެ ހޮހޮޅައެކެވެ. އޭގެ ހަތަރު ފަރާތުގައި ވަނީ ތޫނު ހިލަތައް އުފުލިފައެވެ. ފުރާޅަކީ ވެސް ހިލަގަނޑެކެވެ. އެގޭ ކުރިމަތީ ބައިގައި ދަގަނޑުގެ ގަދަފަދަ ތޭރިތަކެއް ލާފައިވާ ބޮޑުދޮރަކުން ވަނީ ބަންދު ކުރެވިފައެވެ. މިއީ ހީވަނީ އެކޮޓަރީގެ ދޮރު ހެންނެވެ. އެދޮރުގެ ހަމަ ދިމާ މެދުގައި ވަރަށް ބޮޑު ތަޅެއް އެލުވައިފައި ހުއްޓެވެ. މިތަޅުގެ އެތަން މިތާނގައި ދަގަނޑުގެ ހިލިހިލާތައް ޖަހައިފައި ވެއެވެ.
އޭނާ އެތައް ލައްކަ މަސައްކަތެއް ކުރުމާ އެކުވެސް މިކަޅު ކޮޓަރިއަކުން ބޭރަކަށް ނުނުކުމެވޭނޭކަން ދީޕަށް ޔަގީނެވެ. އެހަންކަމާ އެކު ވެސް އޭނާ އުއްމީދެއް ކަނޑައެއް ނުލައެވެ. އަދި ސަލާމަތްވުމަށް މަސައްކަތް ކުރުމަކުން ތައުބާއެއް ވެސް ނުމެވިމެއެވެ.
އޭނާ ވަރަށް ފިނި ކަމާއި ނުހަނު ހިތްހަމަ ޖެހުމާ އެކު ހިތަށްއަރައެވެ. މި މުސީބާތުން އަހަރެން ސަލާމަތް ހޯދާނީ ކިހިނަކުން ބާވައެވެ. ކޮޓަރީގެ ފާރާއި ގުޅިފައިވާ ވަރަށް ބޮޑު ހަތަރެސްކަނަށް ހަދައިފައި އޮތް ހިލަގަނޑެއް ބޭއްވިފައިއޮތެވެ. އެ ހިލަގަނޑުގެ މަތީގައި އޭނާ އިށީނދެލައިގެން އެއްޗެއް ވިސްނަން އިންދާ ކުއްލިއަކަށް އޭނާގެ ކަންފަތަށް
ކޮންމެވެސް މީހެއްގެ ގިސްލުމުގެ އަޑު އިވުނެވެ. މި އަޑަށް ވަރަށް ރަނގަޅަށް އޭނާ ކަންފަތް ދިނެވެ.
އަޑަކީ ކޮންމެވެސް އަންހެނެއްގެ އަޑެވެ. އެ އަޑުގެ މައްޗަށް ނުހަނު ބާރަށް އޭނާގެ ހިތް އެ ތެޅެނީ ކީއްވެގެން ކަމެއް ނޭނގެއެވެ. މިއީ ކާކުގެ އަޑެއްކަން އޮޅުންފިލުވުމަށް ޓަކައި އޭނާ ހައިރާންވެއްޖެއެވެ. އޭނާ މި ކޮޓަރީގެ ހަތަރު ފަރާތުގައި ފިކުރު ބޮޑުވެގެން ހުރެ ހިނގަން ފަށައިފިއެވެ. އޭނާގެ ނަޒަރު އެތަން މިތަނަށް އުކައުކާ ހުއްޓެވެ.
ގިސްލުމުގެ އަޑުތައް މެދުކެނޑުމެއް ނެތި އިވިއިވި ހުއްޓެވެ. އޭނާ ކޮޓަރީގެ ދަގަނޑުން ހަދައިފައިވާ ދޮރުގެ ކައިރިއަށް އައިސް އެތަން މިތަން ބަލަން މަސައްކަތް ކުރަން ފަށައިފިއެވެ. ނަމަވެސް އޭނާއަކަށް އެކައްޗެއް ވެސް ނުފިލިއެވެ.
އޭނާ ހިތަށް އަރާން ފަށައިފިއެވެ. މިއީ ކޮންތާކުން އަންނަ އަޑެއް ބާވައެވެ.
އޭނާ އެގޮތް ބަލަން ޚިޔާލުކޮށްލިތަނާ ކުއްލިއަކަށް ކޮންމެވެސް މީހަކު ވާހަކަދައްކަން ފެށި އަޑު އިވެން ފަށައިފިއެވެ.
“ކަލޭގެ ބަދަލުގައި އެހެން މީހެއްގެ ފުށުން ތިޔަ ބާވަތުގެ ކަމެއް ހިނގި ނަމަ އަހަރެން އެމީހަކު މަރައިލައިފައި އެއްލައިލައިފީމުސް.”
"ކަލޭގެ ތިޔަ ހަރަކާތްތަކުން ކަލޭގެ އަމިއްލަ ރަހުމަތްތެރިންނަށް ވާނީ ކިހިނެއް ކަމެއް ވެސް، ކަލޭ ކުޑައިކޮށްވެސް ވިސްނައެއް ނުލަންދޯ؟”
"ކަރުގައި ހިފާ މަރާލާނަމޭ ވެސް ހިތަށްއަރާ. އެހެން ނަމަވެސް…" އޭނާ ހަމަހިމޭން ވެއްޖެއެވެ.
"އަހަރެން ކަލޭ ގެންގުޅެ މި ބޮޑުކުރީ މި ދުވަހަށް ޓަކައިތަ؟" ދެން އޭނާ ހަޅޭލަވައިގަތެވެ. "ގޮތްކުޑަކުއްޖާ ދުނިޔެއަށް އައިސްފައި ވެސް މަރުވި ނަމަ ކިހާ ރަނގަޅު."
ދީޕު ހައިރާންވެ ފިކުރުބޮޑުވެގެން ކޮޓަރީގެ އެތަން މިތާނގައި ކެތްތެރިކަމެއް ނެތް ގޮތުގައި ހިނގަން ފަށައިފިއެވެ.
އޭނާ ހިތަށްއަރައެވެ. އޭނާގެ ހިތް ބުނަނީއެވެ. މިއީ އެއްވެސް މައްސަލައެއް ނެތް ގޮތުގައި އޭނާގެ ޝަޝީއެވެ.
އޭނާގެ ކުރިމަތީގައި އެމީހުންނާ ބެހޭ ބައެއް ސިއްރު ފާޅު ކުރުމުގެ ކުށުގައި ރުޅި އާއި ގަދަބަދަވިކަމާ އެކު ހައްޔަރު ވުމުގެ ޝިކާރައަކަށް ވެފައިވަނީއެވެ.
ދެން އޭނާ ވަކިން ބޮޑަށް ބޭގަރާރު ވެއްޖެއެވެ. ރުޅިއައިސްގެންނާއި ހަދާނެ ގޮތެއް ނޭނގިގެންނާ އެކު ތުންފަތުގައި ދަތް އަޅައިލައަޅައިލާ ހުރެއެވެ. އޭނާ ކޮޓަރިތެރޭގައި ކުރާނެ ކަމެއް ނެތިގެން ހިނގަހިނގާ ހުއްޓެވެ. ދެން އޭނާގެ ކަންފަތަށް ހިލިހިލާތަކެއް ދެމެމުންދާ ކަހަލަ އަޑެއް އިވުނެވެ. ދެން އެ ދަނގަނޑު ދޮރު ވަރުގަދައަކަށް ބަންދު ވެއްޖެއެވެ. ގިސްލުމުގެ އަޑު އަދި އިހަށް ވުރެން ގަދަވެއްޖެއެވެ.
ދީޕު ބަލައިލިއިރު އޭނާގެ ކޮޓަރީގެ ފާރުގެ ތަންކޮޅެއް މަތީގައި ދޮޅު ފޫޓެއްހާ ދިގު ގާތްގަނޑަކަށް އަށެއް ނުވައެއް އިންޗީގެ ފުޅާ ފެންލައިޓެއް ހުއްޓެވެ. މިތަން ފެނިފައި ދީޕުގެ މޫނު ފޮޅިގެން ހިނގައްޖެއެވެ. އޭނާ ހިތަށްއަރައެވެ. މި ކުޑަދޮރާ ހަމަޔަށް އަހަންނަށް ދެވޭނީ ކިހިނަކުން ބާވައެވެ.
އޭނާ ކުޑަދޮރާ ހަމައަށް ދިއުމަށް ވަރަށް ގިނަ ގޮތްތައް ވިސްނިއެވެ. ނަމަވެސް އެންމެ ގޮތެއް ވެސް ކާމިޔާބެއް ނުވިއެވެ. ދެން ހަދާނީ ކިހިނެއްބާއޭ ހިތަހިތާ އިންދާ ކުޑައިރުކޮޅެއް ފަހުން ކުއްލިއަކަށް ތަންކޮޅެއް މައްޗަށް ބަލައިލެވުނެވެ.
ޝަޝީގެ މޫނު އެ ކުޑަދޮރުން ފެނިއްޖެއެވެ. އޭނާ ހައިރާންވެގެން އެފަރާތަށް ބަލަން ފެށިއެވެ.
“ކަލޭތަ…؟” އޭނާ ބޭގަރާރުވެފައި ނަޒަރު މައްޗަށް އުފުލައިލިއެވެ.
“މަޑުން ހުރޭ.” ޝަޝީ އޭނާގެ ތުންފަތުގައި އިނގިލި ޖައްސައިލައިފައި އޭނާއަށް މަޑުން ހުރުމަށް އިޝާރާތް ކުރިއެވެ. ދެން އޭނާ އެކުޑަދޮރުގެ ދެ ތޭރި ދޭތެރޭގައި އަނގަޖަހައިފައި ބުންޏެވެ.
"އަހަރެން ކަލޭ މިތަނުން ސަލާމަތް ވާނެ ގޮތެއް މި ބުނެދެނީ.”
"ޝަޝީ…!"
އޭނާ އެއްޗެއް ބުނަން ދަނިކޮށް ޝަޝީ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ.
“ކަލޭ އެއްދުވަހު ވެސް މިތާނގައި ހައްޔަރުވެފައި ހުންނަން ޖެހިއްޖިއްޔާ އަނެއް ދުވަހު މި މީހުން ކަލޭ ދުނިޔެއިން ވަކިކޮށްލާނެ." އޭނާ ބޭގަރާރުވެފައި ބުންޏެވެ. "މި މީހުން ކަލޭގެ ފުރާނަ ހިފުމަށް ނިންމައިފި."
"ޝަޝީ…!" ދީޕު އަނެއްކާވެސް ބޭގަރާރުވެފައި ބުންޏެވެ. “ކަލެއަށް ތިޔަ ދުވަސް ދެކެން ޖެހުނީ ހަމައެކަނި އަހަންނާ ހުރެ."
"އަހަރެންގެ ވާހަކަ ދޫކޮށްލާ." ޝަޝީ ބުންޏެވެ.
“އަހަރެން ކަލެއާ ހުރެ އެންމެ ހިތި މަރުގެ ދުވަސް ވެސް ދެކެން މިހިރީ ތައްޔާރަށް. އެހެންނަމަވެސް ދެން ކަލޭ މިތަނުން ނުކުމެގެންދޭ."
"އަހަރެން ކަލެއާ އެކުގައި ނޫނީ މިތަނަކުން ނުދާނަން." ދީޕު ތެޅިގެންފިއެވެ. "އަހަރެންވެސް ނިމޭނީ ކަލެއާ އެކުގައި. އަހަރެންގެ ހިތުގެ އެންމެ ބޮޑު އެދުމަކީ މިހާރު މިއީ."
"މޮޔަ ނުވޭ…" ޝަޝީ ބުންޏެވެ.
"ކަލޭ ތިޔައީ މިހާރު އެހެން މީހެއްގެ މީހެއްނު. ކަލޭގެ އަލަތު އަނތްބެއް އިންކަން ތިޔަ ހަނދާން ނައްތާލަނީ ކީއްވެގެން؟"
"އަލަތު އަނބިމީހާ ދޫކޮށްފައި ނުދާން މި އުޅެނީ އެހެންވެގެން…" އޭނާ ޝަޝީ އާ ދިމާއަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލައިލައިފައި ބުންޏެވެ. "ކަލޭ ނޫނީ އަހަރެންގެ އެހެން އަލަތު އަނތްބެއް ނެތްކަން މާތްރަސްކަލާނގެ ރަނގަޅަށް ދެނެވޮޑިގެންވާނެ."
ދީޕުގެ ލަފުޒުތައް އަޑުއަހައިފައި ޝަޝީގެ ދެލޯ ވިދައިގަތެވެ. އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އަތުވެއްޖެއެވެ.
އޭނާ ތުރުތުރު އަޅައަޅާ އޮތް ތުންފަތުގައި ބީހެމުން މިއަޑު ނުކުތެވެ.
"މިހާރު އަހަރެން ވެސް ދުނިޔޭގައި އުޅޭ ހިތްވެއްޖެ…"
މިހެން ބުނެވޭ އިރަށް އޭނާ ޑަންލާފައި އަޑިއަށް ވެއްޓިއްޖެއެވެ.ދީޕަށް ފިކުރުބޮޑުވެ ބޭގަރާރުވެގެން ކުއްލިއަކަށް ހަޅޭލަވައިގަނެވުނެވެ.
"ޝަޝީ…!"
އޭނާ މޮޔައެއްހެން ފާރުމައްޗަށް އަރަން މަސައްކަތް ކުރަން ފަށައިފިއެވެ. އެއޮތް ތޫނު ހިލަތަކުގެ މައްޗަށް އަރައިގެން ފާރުގެ އެންމެ މައްޗަށް އޭނާ އެ އެރީ ކިހިނެއްކަމެއް ނޭނގެއެވެ. އޭނާ ކުއްލިއަކަށް އެއްކަލަ ކުޑަދޮރުގެ ތޭރިތަކުގައި ހިފަހައްޓައިފިއެވެ.
ޝަޝީ އޮތީ އެދިމާއިން ބިންމައްޗަށް ވެއްޓިފައެވެ. އަދިވެސް އޭނާ އޮތީ އެގޮތަށް ހޭވެރިކަން ނުވެއެވެ. އޭނާއަށް މޮޔައެއް ފަދައިން ހަޅޭލަވައިގަނެވުނެވެ.
"ޝަޝީ….!"
ޝަޝީ ފިކުރު ބޮޑުވެފައި ދެލޯ ހުޅުވާލިއެވެ. އޭނާ ދީޕު ކުޑަދޮރު ކައިރިން ފެނިފައި މޮޔައެއްހެން ތުރުތުރު އަޅައިގެންފައި ތެދުވެ އިށީނދެއްޖެއެވެ.
"އަސްތާ މަޑުން ވާހަކަދައްކާ. އެހެން ނޫނީ ގޯސްވެދާނެ."
އޭނާ އަނެއްކާ ދެވަނަ ފަހަރަށް އެ ފާރުމައްޗަށް އެރޭތޯ މަސައްކަތް ކުރަން ފަށައިފިއެވެ. ޝަޝީ އެ ފާރު މައްޗަށް އަރައިފިއެވެ. މިހާރު އެދެމީހުން އެކަކު އަނެކަކަށް ތުންފަތުގައި ކިސް ކޮށްލައިގެން ތޭރިތަކުގައި ހިފާއްޓައިގެން ކުރިމަތީގައި ކޮޅަށް ތިއްބެވެ. ދީޕު ޝަޝީގެ ކޮނޑަށް ވާތް އެއްލައިގެން ކަނާތުން ތޭރީގައި ހިފާއްޓާއިގެން ހުއްޓެވެ.
"މީހަކާ އަހަންނަށް މި ވަރަށް ލޯބި ކުރެވެނިކޮށް ހުވަފެނަކުން ވެސް ފެނިފައެއް ނެތް."
“ކަލޭ އަހަރެން ދެކެ ހަގީގީ ލޯބިވެދާނެ ކަން އަހަރެންގެ ހިތަށް ވެއްދުނީ ވެސް ކޮން އިރަކު." ޝަޝީ ބުންޏެވެ.
"ދުނިޔޭގެ އެއްވެސް ބާރަކަށް މިހާރު އަހަރެމެން ދެމީހުން އެކަކު އަނެކަކާ ވަތްކެއް ނުކުރެވޭނެ."
"މިހާރު އަހަރެން މަރުވި ކަމުގައި ވިޔަސް އަހަންނަށް އަހަރެންގެ ހަގީގީ ލޯބިވެރިޔާ ވަނީ ލިބިފައި." އޭނާ ވަރަށް އަޒުމާ އެކު ބުންޏެވެ. "މިހާރު އަހަރެމެންނަށް ދެން އޮތީ ދިރިއުޅެވޭނެ ގޮތްތައް ރޭވުން."
“އަހަރެން މިހާރު މަރުވާކަށް އެއްގޮތަކަށް ވެސް ނޭދެން.” ޝަޝީ އޭނާގެ ކޮނޑުމައްޗަށް ދީޕު އެއްލައިފައި އޮތް އަތުގައި ކިސްކޮށްލައިފައި ބުންޏެވެ.
"ދީޕަށް ތިޔަ ކޮޓަރިން ބޭރަށް ނުކުމެވިދާނެ. ތިޔަހަރަ ފެންނަ ކޮޓަރީގެ ކުރިމަތީ ފާރުގެ ދިމާ މެދުގައި އެހެރަ މޮހޮރު ކަލެއާ ދިމާއަށް ބާރަށް ދަމައިގަނޭ. ކަލެއަށް މަގުފެނިދާނެ. މި މަގު ގޮސްފައި އޮންނާނީ ބިރުވެރި ބޯ ޖަންގައްޔެއްގެ ދިމާ މެދަށް. ކަލޭ އެތަނަށް ގޮސްފައި ކަލޭގެ މަގު ހޯދާ. އަވަސްކުރޭ!"
"ދެން ކަލެޔޯ….؟ ދީޕު ބުންޏެވެ."އަހަރެން ކަލޭ ގޮވައިގެން ނޫނީ މިތާކުން އެއްގޮތަކަށް ވެސް ނުނިކުންނާނަން."
ކަލެއަކަށް އަހަރެން ގޮވައިގެންނެއް ނުދެވޭނެ. އެއީ މި ކޮޓަރީގައި ބޭރަށް ނުކުންނަ ތިޔަ ކަހަލަ މަގެއް ނެތީތީ.
އަހަރެން މި ކޮޓަރީގައި ހައްޔަރު ކުރީ ވެސް އެހެންވެ. ކަލޭ ހައްޔަރުކޮށްފައި ތިޔަހަރަ ކޮޓަރީގައި އަހަރެން ހައްޔަރުކުރި ނަމަ އަހަރެން ބޭރަށް ނުކުތީސްކަން އެ މީހުންނަށް ރަނގަޅަށް އެނގޭ. މިހެނީ ތިޔަ ކޮޓަރީގެ ސިއްރު އަހަންނަށް އެނގޭނެކަން އެމީހުން ދަންނާނެ. އެއްވެސް ބީރައްޓެއްސަކަށް މި ސިއްރެއް ނޭނގޭނޭނު.
ކަލެއަށް އެ މީހުން ތިޔަ ކޮޓަރި ހަމަ ޖެއްސީ އެހެންވެ."
"އެކަމަކު… ދެން ކަލޭ…." ޝަޝީ ވާހަކަ މެދުކަނޑައިލައިފައި ބުންޏެވެ.
"އަހަރެންގެ ފިކުރު ނުކުރޭ. ކަލެއަށް ބޭރަށް ނުކުމެވިއްޖިއްޔާ އަނެއްކާވެސް އަހަރެމެން ދެމީހުނަނަށް ދިރިތިބުމުގެ ރޭވުންތައް ރޭވިދާނެ. އެހެން ނޫނީ އެއްގޮތެއް ވެސް ނުވާނެ. އަދި އަހަރެމެން ދެމީހުންނަށް ޖެހޭނީ މިހެން އެކަކު އަނެކަކަށް ޓަކައި ތެޅިތެޅި އަވަދި ވޭވެ ތިބެ މަރުވާން."
ދެން ދީޕު އެތަނުން ނުކުތުމަށް އެތައް އާދޭހެއް ކުރަން ފެށިއެވެ. އެންމެ ފަހުން ދީޕު ނުހަނު ނުގަބޫލުގައި ހުރެމެ އެކަން ގަބޫލު ކުރިއެވެ.
(ނުނިމޭ)
