ރާއްޖޭގައި ނަފްސާނީބަލި ނުވަތަ ހިތާމަކުރާބަލި ވަނީ ވަރަށް ބޮޑަށް ޢާއްމު ވެފައެވެ. ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި އަޅުގަނޑުމެންގެ ދަރީން އެކުދިން ތުއްތު އިރުން ފެށިގެންވެސް ހޭލުންތެރިކޮށް އަމިއްލަ ނަފްސަށް އޯގާވެރިވުމަށް އެކުދިންނަށް ދަސްކޮށްދެން ޖެހެއެވެ. މީހަކަށް ނަފްސާނީ ގޮތުން އުނދަގޫ ކުރުވާ ކަންކަން ތިރީގައި މިވަނީއެވެ.
- ކުދިކުދި ކަންކަމާއި ކަންބޮޑުވުން
- އަވަސްއަވަހަށް ދެރަވާގޮތްވުން
- އަވަސް އަވަހަށް ރުޅިއައުން
- ބަލިމަޑުކަމެއް ނުވަތަ ސިއްޙީ މައްސަލައެއް ދިމާވުމުން
- ގައިން ހަކަތަ ހުސްވާގޮތްވުން
ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ ނަފުސަށް ވަގުތުދީ އަދި އަމިއްލަ ނަފުސަށް އޯގާތެރިވުމުން ބަޔާން ކުރެވިފައިވާ އުނދަގޫތަކުން ސަލާމަތްވާން ފަސޭހަ ވާނެއެވެ. އަމިއްލަ ނަފުސަށް އޯގާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން ތިރީގައި މިވަނީއެވެ.
-
ބޭނުންތެރި އަގުހެޔޮ އެއްޗެއްގަނެލުން:
ބައެއްފަހަރު ތިމާ ބޭނުންވާއެއްޗެއް އަގުހެޔޮ އެއްޗެއް ގަނެލާށެވެ. އެއްޗެއް ގަންނައިރު އެއީ އަގުހެޔޮ އެއްޗެއްތޯ ބެލުން ރަނގަޅެވެ. ވަރަށް ގިނަދުވަސްވަންދެން ބޭނުންވެފައި ނުވަތަ ނުލިބިހުރި އެއްޗެއް ގަނެލުމުން އުފާވެރިކަން ލިބެއެވެ. ދަބަހެއް، ފައިވާނެއް ނުވަތަ ހެދުމެއް ކަހަލައެއްޗެއް ގަނެލުމުން އެއީ ތިމާ އަމިއްލަ އެއްޗެއް ކަމުގެ އުފާ ލިބޭތަން އާދެއެވެ.
-
ދީނީ ކަންކަން އަދާކުރެވޭތޯ ބެލުން:
އިންސާނާއަށް ލިބޭ އެންމެބޮޑު އުފަލަކީ އިސްލާމްދީނުގައި ބަޔާންވެގެންވާ އީމާން ކަމުން ލިބޭ އުފަލެވެ. ފަސްވަގުތު ނަމާދުކޮށް އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އުޅުމުގެ ސަބަބުން ނަމާދު ކުރުމަށް ބާރުއެޅި މީހުންނަށް އެހީތެރިވެ އަމިއްލަ ނަފުސަށް އަޅާލާ އޯގާތެރިވާން ދަސްވެއެވެ. އެގޮތުން ދީނީ ނަސޭހަތްތައް ބެލުމާއި، ދީނީނަސޭހަތް އަޑުއެހުމާއި، ދީނީ ފޮތްތައްކިޔާ ހެދުމުން އީމާންކަން އިތުރުކުރުމަށް މަސައްކަތް ކުރެވެއެވެ. މިހުރިހާ ކަމެއްގައި ސާބިތުވުމުން ތަރުތީބު ކުރެވިފައިވާ ދިރިއުޅުމެއް ލިބި އަމިއްލަ ނަފުސަށް އޯގާތެރިވެވޭނެއެވެ.
-
އަމިއްލަ ޖާނަލްއެއް ލިޔުން:
ކޮންމެ ދުވަހަކުވެސް ދިމާވާ ކަންކަމާއި ޚިޔާލަށް އަންނަ ކަންކަން ފޮތެއްގައި ލިޔެލާށެވެ. މިކަން ކުރުމަށް ތިމާ ވަރަށް ގަޔާވާކަހަލަ ނޯޓްފޮތެއް ނުވަތަ ޖާނަލް ފޮތެއް ގެންގުޅޭށެވެ. ސިކުނޑީގައި އުފެދޭ ޚިޔާލުތަކާއި، ތިމާ ދެކޭ ހުވަފެންތަކާއި އަދި ކުރިމަގަށް ކުރާ އުންމީދުތައް މި ފޮތުގައި ލިޔާށެވެ. މީގެ ސަބަބުން އުދާސްތަކާއި ނައްސަ ވިސްނުންތަކުން ދުރުކޮށްދީ އުފާވެރިކަން އިހުސާސް ވާނެއެވެ. ހަނދާން ބަހައްޓަންވީ ކަމަކީ ތިމާ ހިތަށް އުނދަގޫކުރާ ޚިޔާލުތަކާއި ދިމާވާ މައްސަލަތައް މި ފޮތުގައި ނުލިޔުމަށެވެ. އޭރުން އަބަދުވެސް މައްސަލަތަކެއް ހަނދާންވެ މޫޑަށް އަސަރު ކުރާނެއެވެ.
-
ރަނގަޅު ނިދި ލިބުން.
ފުރިހަމަ ނިންޖަކީ ކޮންމެހެންވެސް ސަމާލުކަމެއް ދީގެން ކުރަން ޖެހޭ ކަމެކެވެ. އޭގެ ސަބަބުން ޞިއްޙީ އެތައް ފައިދާތަކެއް ލިބި ދުވަހުގެ މަސައްކަތްތަކަށްވެސް ފުރިހަމަކަމެއް ލިބެއެވެ. ނިދުމުގެ ކުރިން ފެންވަރާލާ ތާޒާ ވެލާށެވެ. ތިމާގެ މޫޑު ރަނގަޅުވުމާ އުފާވެރިކަމާއި އަމިއްލަ ނަފުސަށް ހެޔޮކޮށް ހިތުމަށްޓަކައި ނިދާނެ ވަކި ތާވަލެއް ތައްޔާރުކޮށް އެގޮތުގައި ދެމިހުންނާށެވެ.
(ނުނިމޭ)
