(16 މެއި 2024 ގެ ނޫހާއި ގުޅޭ)
މިހާރު އޭނާ ފިކުރުބޮޑުވެގެން، ގީތާގެ މޫނުމައްޗަށް އަތްގޮށި އަތްގޮށިން ފެން އަޅަން ފަށައިފިއެވެ. ދެން އޭނާ ފިނިފެންފުޅިއެއް ނުވަތަ އެފަދަ ކޮންމެވެސް އެހެން އެއްޗެއް ހޯދަންވެގެން ހިނގަން ފަށައިފިއެވެ. އޭނާއަށް ކޮންމެ އެއްޗަކުން ޚާއްސަ މުނިއަވަސް ފިލުވުމަކާއި ލޯބި އިހުސާސެއް ވަމުން ދިޔައެވެ. ދެން ދެތިން މިނިޓެއްގެ ކުޑަކުޑަ ހިނދުކޮޅަކަށް އެ އެއްޗެހި ނަގަނަގައިފައި ބަލާލުމުގައި ލަސްކޮށްލިއެވެ. ދެލޯ މިފުލެޓުގައި ހުރި ކޮންމެ އެއްޗެއް ފެނިފައި ވިދައިގަންނަނީ މިފަދަ އެއްޗެއް ފެންނަ އެންމެ ފުރަތަމަ ފަހަރޭ ހީވާ ފަދަ ގޮތެއްގައެވެ.
އޭނާ އެތާނގައި ހުރި ކުޑަކުޑަ ޖަގެއްގެ މަތި ނެގިއެވެ. އޭގައި ހުރީ ހަނާ ކުރި ސަނާމުގު އަޅައިފައެވެ. އެއިން މުގުތައް އަތަށް އަޅައިގެން ބަލަން ފެށިއެވެ. އެއިން މުގު މުށެއް އޭނާގެ އަނގަޔަށް އަޅައިލިއެވެ. ދެން އެހެން ފަރާތަކަށް ހިނގައްޖެއެވެ. އެތާނގައި ހެދިކާއެއްޗެހި ހަދާފައި ހުއްޓާ އޭނާއަށް ފެނުނެވެ. އޭނާ އެތަކެތި ފެނިފައި ތުންފަތް ހަފާލިއެވެ. ދެން އޭނާ އެތަނުން އެއްޗެއް ފަޅައިލައިފައި އޭގެ މަސްކޮޅު އަނގަޔަށް އަޅައިލިއެވެ. އެވަގުތު އޭނާގެ ލޮލުން ކަރުނަ އޮހޮރެން ފަށައިފިއެވެ. އެކަރުނަތައް އޭނާގެ ލޮލުތެރެ ގިރާ ކޮށްފައި، ކޯތާފަތް މައްޗަށް އަތުވެއްޖެއެވެ. އެ އެއްޗެހީގެ ރަހައިން މިއީ އޭނާގެ ގީތާ އަތުން ހަދައިފައިވާ އެއްޗެހިކަން އޭނާއަށް ރަނގަޅަށް ވިސްނުނެވެ. އޭނާ ކޯލާވާޓަރު ފުޅިއެއް ހޯދަން ވެގެން އެހެން ކޮޓަރިއަކަށް ވަދެއްޖެއެވެ. މި ކޮޓަރީގައި ކޮންމެ އެއްޗެއްމެ ބެހެއްޓިފައި ވަނީ ވަރަށް ތަރުތީބުންނެވެ. ހެދުން ލާ އަލަމާރިއެވެ. ވަރަށް އަގުބޮޑު އެނދެކެވެ. އޭގެ މަތީގައި ތަންމަތި އެޅިފައި ހުރީ ނުހަނު ސާފު ކޮށެވެ. މޭޒު މަތީގައި ފޮތްތައް ބެހެއްޓިފައި ހުއްޓެވެ. އަދި ކައިރީގައި ބެހެއްޓިފައިވާ ވޯރޑްރޯބްގެ ކައިރީގައި ޝޫ އިސްޓޭޖުގައި ފައިވާންތަކާއި އިސްޓާކީނުތަކެވެ. ލަކުޑި އިސްޓޭންޑެއްގައި ބާލައިފައި ހުރި ހެދުންތަކާއި ހަރުވާޅުތަކާއި ގަންޖުފަރާސްތަކާއި ހަމުގެ ދެބެލްޓު ހުއްޓެވެ.
އޭނާ ވަނީ އަނެއް ކޮޓަރީގައި އޭނާގެ ދުނިޔެވާކަން މުޅިންވެސް ހަނދާން ނެތިފައެވެ. އޭނާގެ އަމިއްލަ ގީތާ އެތާނގައި ވަނީ ހޭނެތިފައެވެ. އޭނާ މިއުޅެނީ ފިނިފެންފުޅިއެއް ނުވަތަ ކޯލާވާޓަރު ފުޅިއެއް ހޯދާށެވެ. އޭނާ މޮޔައެއްހެން، ހެދުންތަކާއި ފައިވާންތަކުގައި ހިފައިގަތެވެ. އޭނާ ހިތަށްއެރިއެވެ. މިއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި، އޭނާގެ ފިރިހެންދަރިފުޅު ޗަންދަރު ދީޕުގެ ހެދުމެވެ. މިއީ އޭނާގެ ފައިވާނެވެ. މިހިރީ އޭނާގެ ކޮޓަރިއެވެ. މިހިރީ އޭނާގެ ތަންމައްޗެވެ. މިހިރީ އޭނާގެ އަލަމާރިއެވެ. މިހިރީ އޭނާގެ ފޮތްތަކެވެ. އަދި މިހިރީ އޭނާގެ ލިޔެކިޔާ ހަދާ މޭޒެވެ.
އޭނާ ކުއްލިއަކަށް އެކޮޓަރިގެ އިރުމަތީ ފަރާތުގައި ހުޅުވިފައިވާ ކުޑަދޮރު ކައިރީގައި، ބެހެއްޓިފައިވާ މޭޒާ ދިމާއަށް ހިނގައްޖެއެވެ. އެ މޭޒު ކައިރީގައި ބެހެއްޓިފައިވާ ގޮނޑީގައި އިށީނދެއްޖެއެވެ. އަދި މުޅިން ބޭއިޚްތިޔާރީ ދުނިޔެއެއްގައިއޭނާ އޭނާގެ ދެއަތް މޭޒުމަތީގައި ބޭއްވިއެވެ. އަދި އެދެއަތުގެ ދެމެދުގައި އޭނާގެ ބޯ ބާއްވައިފައި ރޯން ފެށިއެވެ. އޭނާ ހަމަ ރަނގަޅަށް ރުއީއެވެ. އޭނާއަށް ރޮވުނުވަރުން މޭޒުމަތި ތެމުނެވެ. ދެން އެތަނުގައި ހަމަ މުޅިން އެގޮތުގައި އިނދެ ދެއަތުގެ ދެމެދުން މަޑުމަޑުން އިސް އުފުލައިލައިފައި، ފިކުރުބޮޑުވެފައި އިނދެގެން އޭނާ އިށީނދެގެން އިން ގޮނޑިން ކުއްލިއަކަށް ފުންމައިގެން ތެދުވެއްޖެއެވެ. ހީވީ ކައްޓެއް ހެރުނު ހެންނެވެ. ނޫނީ ބިޗުލެއް، ނަގުލަންދާއްޓެއް ކަށިޖެހީ ނުވަތަ ހަފައިގަތީ ހެންނެވެ. މޭޒުމަތީގައި ވަރަށް ރީތި ފުރޭމެއްގައި ޕޮލިސް އިނިސްޕެކްޓަރެއްގެ ޔުނީފޯމުގައި އެއް އަތުން ބަޑިއެއް ހިފައިގެން ޒުވާނަކު ކޮޅަށް ހުއްޓެވެ.
ދެން ނޯތޭޖު ހަނދާން ވެއްޖެއެވެ. އެއްފަހަރު، މި ބިލްޑިންގަށް އާދެވިއްޖެއެވެ. މި ފުލެޓުގެ ކުރިމަތީގައި އޭނާ ސާދޫއެއްގެ ހެދުމުގައި ހުރީއެވެ. އޭނާއަށް އެ ދުވަހަކު، މި ފުލެޓުން ނުކުމެ، ހަމަ މި ޕޮލިސް އިނިސްޕެކުޓަރު އެއް އަނާ ވެސް ދިނެވެ.
އޭނާ ވަރަށް ހައިރާންވެގެން އެ ތަނުން ތެދުވެއްޖެއެވެ. އަދި ވަރަށް ވިސްނުންތެރިކަމާ އެކު މި ތަސްވީރަށް ބަލަން ފެށިއެވެ. އޭނާ ހިތަށްއަރަން ފެށިއެވެ. އަނެއްކާ މަގޭ ދަރިފުޅަކީ މިއީ ބާވައެވެ. މިއީ ދީޕު ޕޮލިސް އިނިސްޕެކްޓަރު، އޭނާގެ ޗަންދަރު ދީޕެވެ. އޭނާގެ ގޭންގު ހައްޔަރުކުރަން އެންމެ ވަރުގަދަ ކަމަރެއް ބަނދެފައި ވަނީ މީނާއެވެ.
އޭނާ ހަމަހިމޭންވެއްޖެއެވެ. އޭނާގެ ބުއްދި ގަބުވެއްޖެއެވެ. އޭނާ ހިތަށްއަރަން ފަށައިފިއެވެ. މި އިނިސްޕެކްޓަރުގެ ފުރާނަ ހިފުނު ނަމަ ދެން އެވީ ކިހިނެއް ހެއްޔެވެ؟ ފަހެ ނަސީބުނެތް ބައްޕައެއްގެ ތަގުދީރުގައި އޭނާގެ އަމިއްލަ އަތުން އޭނާގެ ޒުވާން ފިރިހެންދަރިފުޅުގެ ފުރާނަ ހިފުމަށްވެސް ލިޔުއްވާފާނެ ހެއްޔެވެ؟ އެއީ އެކަށީގެންވާ ފިރިހެންދަރިފުޅެކެވެ. ކުޅަދާނަ ފިރިހެންދަރިފުޅެކެވެ. މި ބައްދަލުވީ ސޯޅަ ސަތާރަ އަހަރަށް ފަހުގައެވެ.
އޭނާއަށް ގުދުރަތުގެ މި އަޖައިބު ހައިރާން ކުޅިވަރުގެ މައްޗަށް ހީނ ނުލެވިގެން އަދި ރޮއެވެސް ނުލެވިގެން އުޅެނިކޮށް ގީތާ އެ ކޮޓަރިއަށް އަތުވެއްޖެއެވެ. އޭނާ އެ އުޅުނީ އޭނާ ހޭއަރުވަން އެކަށީގެންވާ ފަދަ ކަމެއް ކުރަން އެއްޗެއް ހޯދަންވެގެންނެވެ. އޭނާ މުޅި ފުލެޓުގައި ފިނިފެންފުޅިއެއް ނުވަތަ ކޯލާވާޓަރު ފުޅިއެއް ހޯދަން ހިނގަނީއެވެ. މިހާރު ގިނައިރުވެގެން ގީތާ އަމިއްލައަށް ހޭއެރީއެވެ. ދެން އޭނާގެ ފިރިމީހާ ހޯދަމުން ހޯދަމުން މި ކޮޓަރިއަށް އާދެވުނީއެވެ.
އޭނަ ކޮޓަރީގައި ނޯތޭޖުގެ ފުރަގަހުން ހުއްޓިގެން އެބަހުއްޓެވެ. ނޯތޭޖަކަށް އެއްގޮތަކަށް ވެސް އެކަމެއް ނޭނގެއެވެ. އާދެ! ގީތާ މި ކޮޓަރިއަށް އައީ ކޮންއިރަކުކަމެއް، އޭނާ މިތަނުގައި ކޮޅަށް ހުންނަން ފެށީ ކިހާއިރަކުން ފެށިގެން ކަމެއް ކުޑަކޮށްވެސް އޭނާއަކަށް އިހުސާސެއް ނުވެއެވެ. އޭނާ ހަމަހިމޭންވެފައި އަޖައިބުވެ ހައިރާންވެފައި އެތާނގައި ކުރިންވެސް މި ދެންނެވި ފަދަ ޢާލަމެއްގައި މި ތަސްވީރު ބަލަން ކޮޅަށް ހުއްޓާ ގީތާ އޭނާގެ ކޮނޑުގައި އަތް ބޭއްވިއެވެ. އަތުގެ ބީހުމުން ކުއްލިއަކަށް އޭނާ ހޭވެރިކަންވެއްޖެއެވެ. ހީވީ ނިދެމުން ނިދެމުން ގޮސްފައި ހޭލެވުނީ ހެންނެވެ. އޭނާގެ ހުވަފެން ވިއްސިވިހާލިވެއްޖެއެވެ. އޭނާ އަނެއްކާ ވެސް މި ކުލަ އާއި މީރުވަހުގެ ދުނިޔެއަށް ނޭވާލާން ފަށައިފިއެވެ. އޭނާ މަޑުމަޑުން އެނބުރިލައިފައި ގީތާ އާ ދިމާއަށް ބަލައިލައިފިއެވެ. އޭނާ ނުހަނު އޯގާވެރިކަމާއި ނުހަނު ލޯތްބާއެކު ބުނަނީއެވެ.
"މިއީ ކާކުކަން ކަލާއަށް އެނގިލައިވައިފިތޯއެވެ؟"
އޭނާ ކުއްލިއަކަށް ތަސްވީރު ނެގިއެވެ. އަދި އެ ތަސްވީރު އޭނާ އާ ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ.
"ކަލާގެ ޗަންދަރު ދީޕަކީ މިއީ. އަދި ކަލާގެ ދަރިފުޅަކީ ކަލާގެ ލެއަކީ މިއީ."
މިހެން ބުނެފައި ގޮސް އޭނާގެ އަޑު ބަންދުވެއްޖެއެވެ. އަނެއްކާވެސް ރޯން ފެށީއެވެ.
"ދެން ނުއޮރި، ގީތާ!"
އޭނާގެ ތުންފަތުގައި ދަތް އަޅައިފައި ކަރުނައިގެ ކޯރު އޭނާގެ މޭގައި ވަޅުލަމުން ނޯތޭޖު ބުންޏެވެ.
"ކަލޭގެ ދުނިޔެ ތިޔަ އާބާދު ކުރީ ތިޔަ ގޮތަށް ރޮއިރޮއިގެން. އެހެންނަމަވެސް އަހަންނަށް މި އޮހޮރުވުނު ކަރުނައިގެ ތެރެއަށް އަހަރެންގެ ދުނިޔެ ޣަރަގު ކޮށްލެވުނީ. ދެން މިހާރު އަހަންނަކަށް ޖަމާއަތާއި ސޮސައިޓީގެ ތެރެއަށް ފާޅުގައި ނުކުމެ އުޅޭކަށް ވެސް ނުކެރޭ. ފަރުދާއަކާ ނުލައި މިނިވަންކަމާއެކު އެންމެ ފިޔަވަޅެއް ވެސް ކުރިޔަކަށް އަޅާކަށް ނުކެރޭ."
ނޯތޭޖަށް ހީވީ އޭނާގެ އުޅަނދު އެނބުރޭ އޮއިގަނޑަކުން ސަލާމަތްވެގެން ގޮނޑުދޮށަށް އެއްލައިލީހެންނެވެ. އެއީ އޭނާގެ އަމިއްލަ ނަވެވެ. އެއީ ރޯލު ކުރަމުން ރޯލު ކުރަމުން ކަނޑުގައި ދުވެފައި ދިޔަ ނަވެވެ. އެއީ އޭނާއަށް އިންތިޒާރު ކޮށްކޮށް އޮތް ނަވެވެ. ނަމަވެސް އެނަވަށް އެރުމާއެކު އޭނާ ކަނޑަށް އެއްލައިލީ ކަހަލައެވެ. އޭނާއަކަށް އޭނާގެ މި ދުނިޔޭގައި އަދި އެންމެ ފިޔަވަޅެއް ވެސް ނޭޅެއެވެ. މިއީ ކިހާ އަސަރުގަދަ ކަމެއް ހެއްޔެވެ؟ މިއީ ކިހާ ބިރުވެރި ހާދިސާއެއް ހެއްޔެވެ؟ މިއީ ކިހާ ބޮޑު ހިތާމައެއް ހެއްޔެވެ؟
އޭނާގެ ސިކުނޑި ފަޅައިގެން ދަނީއެވެ. އޭނާގެ ހިތްވަނީ ހެލިހެލިއެވެ. އެވާ ގޮތެއް ބަޔާނެއް ވެސް ނުކުރެވުނެވެ. އަދި ކީއްތޯއެވެ؟ ހަމައެކަނި ކުރެވެނީ އިހުސާސެވެ. އެ އަސަރުތައް ބަޔާން ކުޅައުމަށް ދުލާއި ގަލަން ވަނީ ނުކުޅެދިފައެވެ.
ނޯތޭޖު ޑުރޯއިންގ ރޫމުގައި ސޯފާއެއްގައި އިށީނދެލައިގެން އިނެވެ. ގީތާ ބިންމަތީގައި އޭނާގެ ފައިގައި އޮޅުލައިގެން އިނެވެ.
"ނޫނޭ…ގީތޯ." ނޯތޭޖު ބުންޏެވެ." އަހަރެން އަމިއްލައަށް އަހަރެންގެ އެ ދުނިޔެއިން އެނބުރިއަންނަން ހީކުރިއަސް މި ދުނިޔެއަށް އަހަރެން އެނބުރި އަޔަކަ ނުދޭނެ. އަހަރެންގެ ދުނިޔެ އާ ދެމެދު ދުރުމިން މިހާރު މަރުވުމަށް ފަހު ނޫނީ ނާދެވޭހާ ދުރުވެއްޖެއެވެ. މާނައަކީ ހަޔާތުގައި އެ ދުރުމިން ކަޑައްތު ކުރުމަށް އަހަރެން މަސައްކަތް ކުރުމަކީ މަރުވުމަށް ފަހު، މިދުނިޔެއަށް އަންނަން މަސައްކަތް ކުރުން ކަހަލަ ކަމެއް."
"ދެނޯ." ގީތާ އޭނާގެ މޭގައި ހިފަހައްޓާލައިފައި ބުންޏެވެ.
“ދެން ހަދާނީ ކިހިނެއްތޯއެވެ؟"
"ކަލާނގެ މިންވަރު ކުރެއްވި ގޮތެއް… ގީތޯ." ނޯތޭޖު ފުން މާނޭވާއެއްލައިފައި ބުންޏެވެ. “މިހާރު އަހަރެންނަށް އަހަރެންގެ ކޮންމެ ކަމެއް ގުދުރަތުގެ އެހީއާ ހަވާލުކުރަން ޖެހެނީ. އެނޫން އެއްވެސް ގޮތެއް މިހާރު އަހަރެމެންނަކަށް ނެތް."
"އެކަމަކު ދެން އަޅުގަނޑު ދިރިއުޅޭނީ ކިހިނެއްތޯ؟"
"މިހާ ތަނަށް ގީތާ ދިރިއުޅެމުން ތިޔަ އައި ގޮތަށް." އޭނާ ހިތްވަރާ އެކު ބުންޏެވެ.
"ކަލޭ ކަލޭގެ ދީޕަށް ޓަކައި ހަމަ ތިޔަ ގޮތަށް ދިރިއުޅެދޭން ވާނީ."
"އެހެންނަމަވެސް މިހެންނެއް އަޅުގަނޑަކަށް ދިރިއެއް ނޫޅެވޭނެ." އޭނާ ގިސްލަގިސްލައިފައި ރޮއިގެންފިއެވެ.
"ކަލާގެ އަތުން އަޅުގަނޑުގެ ކަރުގައި ހިފާ މަރުއްވާލަދެއްވާ…."
"ތިޔަހެން ނުބުނޭ ގީތޯ." ނޯތޭޖު ވަރަށް ހިތާމަޔާ އެކުގައި ބުންޏެވެ.
"އަހަރެން ކަލޭ ގާތުގައި ބުނެފީމެއްނު. އަހަރެންގެ ކޮންމެ ކަމެއްވެސް ދެން ޖެހޭނީ ގުދުރަތާ ހަވާލުކުރާށޭ. އަހަރެން ކަލެއާ ވަރަށް ގިނައިން ބައްދަލުވާނަން. އަދި ވަރަށް ގިނައިން މިތަނަށް އައިސްވެސް އުޅޭނަން. ނަމަވެސް ދުނިޔޭގެ ލޮލަށް ފިލައިގެން އަހަރެން ކަލެއާ ބައްދަލުވާން އަންނަކަން އެގެންވާނީ ހަމައެކަނި އަހަރުމެން ދެމީހުންނަށް. މި ސިއްރުގައި އެއްވެސް ތިންވަނަ މީހަކު ބައިވެރިކޮށްގެންގެން ނުވާނެ." އޭނާ ގީތާގެ ހިތްވަރުގަދަކޮށްލަމުން ބުންޏެވެ.”ކަލޭ ވަރަށް ނަސީބުވެރި ގީތާ. ކަލޭގެ އެހީތެރިއެއް ނެތް ތާ ގުދުރަތުގެ އެހީތެރިވެ ވޮޑިގަނަނަވައިގެން ގޮނޑުދޮށާ ހަމައަށް ފޮނުވައި ދެއްވައިފައި މިހާރު ކަލޭގެ ދަރިފުޅަށް ކަލެއަށް ޖަމާތުގައި ސޮސައިޓީގައި އިއްޒަތް ދިނުމަށް އެކަށީގެންވާހާ ޤާބިލްވެއްޖެ. އަދި ކަލޭ ބެލެވޭވަރުވެސް ވެއްޖެ. އަދި ކަލެއަށް ޚިދުމަތް ކުރެވޭވަރު ވެސް ވެއްޖެ."
"ދެން އަހަރެންގެ ޚިޔާލު ދޫކޮށްލާ. އަހަރެންގެ ތަގުދީރުގެ އެހީގެ މައްޗަށް އަހަރެން ދޫކޮށްލާ. އަދި ހީކުރޭ އަހަރެން ކަލެއަކާ ދުވަހަކު ވެސް ބައްދަލެއް ނުވެއޭ. ކަލޭ މިހާތަނާ ހަމައަށް އަހަންނާ ބައްދަލުނުވެ އިން ގޮތަށް އިން ކަމަށް ހީކުރޭ. އަހަރެން މަރުވެއްޖެއޭ މިހާރު ދުނިޔޭގައި ތިބީ ކަލެއާ ކަލޭގެ ދަރިފުޅާއޭ ހީކުރޭ. އަހަރެން ހުރީ ދިރިއޭ އަދި ކަލޭ ކައިރީގައޭ އެއްގޮތަކަށް ވެސް ހީނުކުރޭ."
"އެހެންވީއިރު ކަލާ ކަލާގެ ދުނިޔެއަށް އަޅުގަނޑު ގެންދަވާ. ކަލާއާ ނުލައި އަޅުގަނޑުމެންނަށް ދުނިޔެ ވަނީ ނަރަކައަކަށް. މި ގޮތަށް ދިރި އިނދެ މި ނަރަކައިގައި އަނދަން ޖެހޭނީ ކިހާ ދުވަހެއްވަންދެން ކަމެއްވެސް ނޭނގެ."
"ތިޔަހެން ނުބުނޭ ގީތޯ. މާތް ރަސްކަލާނގެ ރަސްކަންފުޅަށް ޓަކައި ތިޔަހެން ހީނުކުރޭ. ކަލޭގެ ދަރިފުޅުމަތިން ހަނދާންކޮށްބަލަ. ނިކަން ވިސްނާލަބަލަ. ކަލޭގެ ތިކުއްލި ގެއްލުމުގެ މައްޗަށް އޭނާއަށްވާނީ ކިހިނެއް. އެފަކީރު ކުޑައިރުއްސުރެ ވަނީ ބައްޕަގެ ހިޔަލުން މަހުރޫމުވެފައި. މިހާރު ކަލޭ ތިޔަ އުޅެނީ އޭނާ މައެއްގެ ސުވަރުގޭން ވެސް މަހުރޫމު ކޮށްލަންތަ. އެ ފަކީރުގެ އޮތީ ދެން ކޮން ކުށެއް؟ އޭނާއަށް ތިޔަފަދަ އަނިޔާއެއް ދޭންވެގެން ތިއުޅެނީ ކީއްވެގެން؟ މާތްރަސްކަލާނގެ އެހެން ނުހައްދަވާށި! އަޅެކަލޭ އަހަންނާއެކު ނިމިގެން ހިނގައްޖެއްޔާ ދުނިޔެ ކީކޭ ބުނާނީ؟ ކަލޭގެ ދީޕު ދުނިޔެއަށް ކޮންކަހަލަ މޫނެއް ދައްކާނީ. ކަލޭ އެނގިގެން ފެނިގެން ހުރެ އެފަކީރު ބަދުނާމުގެ
ވަޅުގަނޑަކަށް ވައްޓާލަން ތިއުޅެނީ ކީއްވެ؟ އޭނާގެ ދުނިޔެއަށް އޭނާގެ މޫނު ދެއްކުމަށް އެކަށީގެން ނުވާވަރުގެ ކަމެއް ކުރަން ހެޔޮވެސް ނުވާނެ. އަހަރެން އަހަރެންގެ ހާލުގެ މައްޗަށް ދޫކޮށްލައިފައި ކަލޭ ކަލޭގެ ދަރިފުޅުގެ މުސްތަގުބަލަށް ޚިޔާލު ކުރޭ. މާޒީގައި ބޮވިފައި އޮތް ބޮނޑިތައް ވަކިން މަދުތަ؟ މިހާރު މުސްތަގުބަލް ބަރުބާދު ކޮށްލަން ތިޔަ ގަސްތުކުރަނީ” އޭނާ އޭނާގެ ހިތާއި މޭގެ ޒަޚަމްތައް ފޮރުވަމުން ބުންޏެވެ.
“އަހަންނަކީ ބަދުނަސީބުވެރިއެއް. ދެން އަހަރެން ހުސް އަތާ އަދި ބަދުނަސީބީ އާއިގެން މަރުވިޔަދީ. މި ނޫން އެއްވެސް މަގެއް އަހަންނަކަށް ވެސް އަދި ކަލެއަކަށް ވެސް ނެތް. އަދި ދެވަނަ އެއްވެސް އާ މަގެއް އަހަރުމެން ދެމީހުން މަސައްކަތް ކޮށްގެން ނެރެވޭކަށް ވެސް ނެތޭ.”
އޭނާ ވާހަކަދައްކަމުން ގެންދެއެވެ.
“ދީޕު ގާތުގައި އަހަރެން މިއީ އޭނާގެ ބައްޕައޭ ފަހަރެއްގައި ވެސް ނުބުނާތި. އަހަރެން މީ އޭނާގެ ބައްޕައޭ ކިޔުއްވަން އޭނާ މިހާރު އެހެރަ ހިސާބުން ވެސް ތަނެއް ނުދޭ. އޭނާގެ ގާތުގައި ބުނޭ އޭނާގެ ބައްޕަ މަރުވެއްޖެއޭ. ދިރިހުއްޓާ މަރުވީއޭ ނުވަތަ ވަޅުލިއްޔޭ. ދެން އެ ބައްޕަ ފަހަރެއްގައި ވެސް މި ކުލަ އާއި ވަހުގެ ދުނިޔެއަކަށް އެނބުރިއެއް ނާންނާނެއޭ." އޭނާ މޭގައި ހިފަހައްޓައިގެން އިނދެ ބުންޏެވެ. "އަހަރެންގެ ނަން ގަންދީފައި ކަލޭގެ ގާތުގައި ބުނަން. ދީޕު ގާތުގައި ފަހަރެއްގައި ވެސް ނުބުނާތި އަހަރެން މިއީ އޭނާގެ ބައްޕައޭ."
ދެން އޭނާ ތެދުވެއްޖެއެވެ. ރޮމުން ގިސްލަމުން އޭނާގެ ސުވަރުގެ ދޫކޮށްފައި އެތަނުން ހިނގައްޖެއެވެ. ދާކަށް ޚުދު އޭނާގެ ހިތެއް ވެސް ނޭދެއެވެ. އޭނާއަކީ ކޮންމެ ގޮތެއްގައި ވެސް އާދަމުގެ ދަރިއެކެވެ. އާދެ! ހަމައެކަނި އެންމެ ކުޑަކުޑަ ކުށަކަށް ޓަކައި ސުވަރުގެއިން ނެރެލެވިފައިވާ އާދަމުގެ ދަރިއެކެވެ.
އަދު މިހާރު އެ އާދަމުގެ ދަރިއާ އެހެން ގޮތެއް ނެތިގެން އޭނާގެ ސުވަރުގެ ދޫކޮށްފައި ދުރަށް ދަނީއެވެ. ދުނިޔޭގެ އެއްވެސް ބާރަކަށް ދެވަނަ ފަހަރަށް އަނބުރާ ނުގެންދެވޭހާ ހިސާބު ދުރަށެވެ.
(ނުނިމޭ)
