ފަޤީރަކަށްވީތީ ކައިވެނިކުރަން ފަސްނުޖެހޭށެވެ!

"އަދި ތިއަބައިމީހުންގެ ތެރެއިން މީހުންނާއި ނުއިނދެ ތިބޭ މީހުން، ތިއަބައިމީހުން (މީހުނާ) ދެވާށެވެ! އަދި ތިއަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ. އެއުރެންނީ، ފަޤީންކަމުގައިވާނަމަ، އެކަލާނގެފަޟްލްވަންތަކަމުން، އެކަލާނގެ އެމީހުން މުއްސަނދި ކުރައްވަވައިފާނެތެވެ! ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ." (އައްނޫރު: 32)

މިއާޔަތުން އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވަނީ ކައިވެނިކުރެވޭ މީހާގެ ޝަރުޠެވެ. އެ ޝަރުޠުކަމުގައި ﷲ ތަޢާލާ ކަނޑައަޅުއްވަވާފައި އެވަނީ ހެޔޮލަފާ ޞާލިޙޫން ކަމުގައިވުމެވެ. މީގެ މާނައަކީ އެހެން ހުރިހާ ކަންކަމަށްވެސް ރިޢާޔަތް ނުކުރުމެއްވެސް ނޫނެވެ. ނަމަވެސް ފުރަތަމަ ނުވަތަ އެންމެ ބޮޑަށް އިސްކަންދޭންވީ ކަމަކީ އޭނާގެ ޞާލިޙްކަން ކަމެވެ. ތަޤްވާވެރިކަންކަމެވެ.

ދެން ވިދިގެން ވަޙީކުރައްވަވާފައި އެވަނީ ޞާލިޙް އަޅުތަކުންގެ (މީސްތަކުންގެ) ފަޤީރުކަމަށް ނުބެލުމަށެވެ. އެކަލާނގެ އިރާދަކުރައްވަވާ އަޅަކަށް " އެކަލާނގެފަޟްލްވަންތަކަމުން، އެކަލާނގެ އެމީހުން މުއްސަނދިކުރައްވަވައިފާނެ" ކަމެވެ. ތަނަވަސްކަން ދެއްވަވައިފާނެ ކަމެވެ.

މީސްތަކުންނޭވެ! ކޮންމެ ކަމެއްވެސް ކުރަންވީ އެކަމެއް ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ﷲ ތަޢާލާއަށް އިތުބާރުކޮށް، އެކަލާނގެ އަންގަވާފައިވާ މަގުން ޢަމަލުކުރުމުން އެބައަކަށް، އެމީހަކަށް އިތުރަށް ބޭނުންވާ ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ!

މީސްތަކުންނޭވެ! ޞާލިޙްކަމަށް ނުބަލައި އެހެންކަންކަމަށް ބަލައިގެން ކައިވެނިކުރުމަކީ ދިރިއުޅުމުގައި ކުރިމަތިވާ ކުދިކުދިކަންކަންވެސް ބޮޑެތި ކަންކަމަށްވެ އަބަދުހެން ދެބަސްވާންޖެހޭ ކަމެކެވެ. ވަރަށް އާދައިގެ ކަންކަމުގައިވެސް ދެމަފިރިންނަށް އެއްބަސްނުވެވުން އޮންނަނީ ވަރަށް ޢާންމުކަމަކަށްވެފައެވެ.

ކައިވެނީގެ ވާހަކަތައް މިހައިގިނައިން ދައްކަން ޖެހޭ ސަބަބަކީ ކައިވެނިތައް ރޫޅުން ގިނަވަމުން އައުމެވެ. އެކަމުގެ ސަބަބުން ދީނީ، އިޖުތިމާޢީ މައްސަލަތައް އިތުރުވަމުން ދިއުމެވެ. މިފަދަ ހުރިހާ މައްސަލަތަކެއްގެ ޙައްލުވެސް އޮތީ ހަމަ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކައިވެނިކުރުމާއި ދިރިއުޅެން މަސައްކަތް ކުރުމެވެ.

– އިސްލާމީ ތިލަފަތުގެ ދަރުސަކުން.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *