ނޫމާ: ނަމޫނާ ހުނަރުތަކެއްގެ ކައުންސިލަރު.

ދ. މާއެނބޫދޫ، ނޫމާ މުޙައްމަދަކީ އާއިލާގެ ދެކުދިންގެ ތެރެއިން ދޮށީ ކުއްޖާއެވެ. ދ.މާއެނބޫދޫއަށް އުފަންވީ ކަމުގައިވިޔަސް ކ. ގުޅީގައި ދިރިއުޅެމުންދާ ނޫމާއަކީ އެރަށުގެ ގިނަ ރައްޔިތުންގެ ތާއީދާއެކު ކައުންސިލް އިންތިޚާބު ކާމިޔާބު ކޮށްފައިވާ ހީވާގި ކައުންސިލަރެކެވެ.

އެންމެ ތުއްތުއިރު މައިންބަފައިންގެ ލޯބިން ފެންވަރަމުންދިޔަ ނޫމާ އަށް ދަތިވާ އެއްވެސް ކަމެއް އޭރަކު ނެތެވެ. ލޯތްބާއި އޯގާތެރިކަމާއި އެކުވެރި އާއިލާއެއްގެ ތެރޭގައި ދެބެންގެ ދެދަރި ކުދިންނާއިއެކު ނޫމާ އުޅުނީ ވަރަށް އުފާވެރި ހަޔާތެކެވެ. ދުލުން ބުނެލާ ކޮންމެ އެއްޗެއް ނޫމާއަށް އޭރު ލިބުނެެވެ. އެއްބަނޑު އެއްބަފާ ކޮއްކޮއާއިއެކު ޚިޔާލެއް ފިކުރެއްނެތް ކުޑައިރުގެ ދުވަސްތައް ނިމިގެން ދިޔައީ މައިންބަފައިން ވަކިވީ ހިސާބުންނެވެ.

މަންމައާއި ބައްޕައާއި ދެމީހުންނަކީވެސް ކުދިންދެކެ އިންތިހާއަށް ލޯބިވީ ދެމީހުންކަމުގައިވިޔަސް ދިރިއުޅުމުގައި ދެމީހަކު ވަކިވާން ޖެހިދާނެ ފަދަ ހާލަތެއް މެދުވެރިވެގެން ނަމަވެސް މައިންބަފައިން ވަކިވުމުން ނޫމާއަށްވެސް އޭގެ އަސަރުތަކެއް ކުރިއެވެ. ބައްޕައަކީ ވަޒީފާގެ ގޮތުން ގުޅީގައި އުޅެންޖެހިފައިވާ މީހެއް ކަމަށްވެފައި މަންމައަކީ ދ.މާއެނބޫދޫ މީހެއްކަމުން ދެމީހުން ދެރަށުގައި ތިބެން ޖެހުނުނަމަވެސް ދެމީހުންވެސް ދަރިންނަށް ނުހަނު ރަނގަޅެވެ. މައިންބަފައިން  އެމީހުން ގާތުގައި ކުދިން ބަހައްޓަން ކުރި ހަނގުރާމައިގާ ނޫމާ އެކިއެކި ފަހަރުމަތިން ދެރަށުގައި އުޅެން ޖެހުނެވެ.

"އެއްފަހަރަކު މަންމަ ނޫމާގޮވައިގެން ފ. އަތޮޅުރަށެއްގައި ބައްޕައަށް ފިލައިގެން ހުރީ. ނަމަވެސް ކޮންމެވެސް ގޮތަކުން ބައްޕަ އަޅުގަނޑުމެން ހޯދައިގެން އަޅުގަނޑު ބަލާއައި. އަޅުގަނޑު އުޅޭގޭގެ މީހުންނަށްވެސް އަޅުގަނޑުމެންގެ ކަންކަން ބަލަހައްޓަން ޚަރަދުކުރޭ. އެދެމީހުންވެސް އަޅުގަނޑުމެންދެކެ ވަރަށް ލޯބިވޭ." ނޫމާ ކުޑައިރުގެ ހަނދާންތައް ބަޔާންކޮށްދިނީ އުފަލުން ހުރެއެވެ. ނޫމާގެ ހިތުގައި މައިންބަފައިންނަށް ކުރާ އިޙްތިރާމާއި ލޯބި އޭނާގެ އަޑުންވެސް ފާހަގަވެއެވެ.

ހަޔާތުގައި މާބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ނުވިނަމަވެސް މައިންބަފައިން ވަކިވި ދުވަސްކޮޅު ވަރަށް އެކަނިވެރިވިއެވެ. ކަންކަމާއި ދެރަވުމާއި ރުޅިގަދަވުން އޭނާގެ މިޒާޖުން ފާހަގަ ވިއެވެ. އެދުވަސްތަކުގައި ނަފްސާނީ ބައްޔެއްގައި ފަރުވާ ހޯދަމުންދިޔަ ކާފަޔާއި އެކު ދުވަސްކޮޅަކު މާއެނބޫދޫގައި އުޅެން ޖެހުނެވެ. ކާފައަކީ ނިދާބޭސް ކައިގެން ނިދަން ޖެހޭ މީހެއްކަމުން ވަރަށް ނިދިގަދައެވެ. އެމައުލޫމާތު ރަށުގެ ބައެއް މީހުންނަށް އެނގެއެވެ. އެހެންކަމުން އުމުރުން ބާރައަހަރުގައި ރަށު ބައެއްމީހުންގެ ނުކިއްސަރު ބެލުންތަކާއި ޖިންސީ ގޯނާގެ ހުށަހެޅުން ތަކާއިކުރިމަތިވިއެވެ. ނަމަވެސް މާތްﷲގެ ތަނަވަސް ރަޙްމަތްފުޅުން ޖިންސީގޯނާގެ ޝިކާރައަކަށް ނުވެ ސަލާމަތް ވިއެވެ.

"އެ އަނިޔާދޭން މަސައްކަތްކުރި މީހުންވެސް އެނގޭ. އަދިވެސް ހަނދާން އެބަހުރި." ނޫމާ ބުންޏެވެ.

މައިންބަފައިން ވަކިވުމުން ނަފްސާނީ ގޮތުން އަސަރުތަކެއް ކުރިނަމަވެސް ދޮންމަންމައަކީ ވަރަށް ހެޔޮ މީހެއްކަމުން އެ އުނދަގޫތަކުން ވަރަށް އަވަހަށް ސަލާމަތްވި ނޫމާ ފާހަގަ ކުރާގޮތުގައި ހަޔާތުގައި މާބޮޑު ގޮންޖެހުންތަކެއް ކުރިމައްޗެއް ނުވެއެވެ. ބައްޕަޔާއި ދޮންމަންމައާއި އެކުގައި ގުޅީގައި އޯލެވެލް އާއި ހަމަޔަށް ކިޔެވީ ނުހަނު އުފަލާއިއެކުގައެވެ. ބޭނުން ކަންކަން ފުއްދައި ދިނުމާއި ބޭނުންހާ ތަކެތި ހޯދާދިނުމުގައި ބައްޕަ އަބަދުވެސް ހުންނަނީ ތައްޔާރަށެވެ.

ސިއްޙީ މައްސަލައެއްގެ ސަބަބުން ބޮޑު އޮޕްރޭޝަނެއް ކުރަންޖެހުނު ނޫމާ ބޭނުންވަނީ ދިވެހި އަންހެނުން ހޭލުންތެރި ކުރުމަށް އެވާހަކަ ޙިއްސާ ކޮށްލާށެވެ. އުރަމަތީގެ ކެންސަރަށް ފަރުވާ ކުރުމަށް ކޮންމެ އަންހެނަކަށް ނަސޭހަތްތެރިވަމުން ނޫމާ ބުނީ އޭނާ ވަނީ އެފަދަ ވޭނެއް ތަޙައްމަލުކޮށް ބަލީގެ ކުރީކޮޅުގައި ފަރުވާ ހޯދާ އެކަމުން ސަލާމަތްވެފައެވެ.

ނޫމާއަކީ މިއަދު މޭކަޕް ކޯސް ފުރިހަމަކޮށްފައިވާ ޕްރޮފެޝަނަލް މޭކަޕް އާޓިސްޓެކެވެ. އޭނާގެ މަސައްކަތްތައް ދިވެހި ފިލްމީ ދާއިރާއިން ފެނިގެން ގޮސްފައިވެއެވެ. އެގޮތުން " ހުވާ ސީސަން 2″ އަދި "ހުވާކޮށްފައި ބުނަން" ޑްރާމާ ސީރީޒްތަކަށް ފުރިހަމަކަން ގެނެސް ދިނެވެ. ބްރައިޑަލް މޭކަޕްތަކަށް ފަރިތަ ނޫމާ ބޮޑަށް ކުރާހިތްވަނީ ސްޕެޝަލް އިފެކްޓްސް މޭކަޕްތަކެވެ. މިދާއިރާއިން ނޫމާވަނީ ވަރަށްގިނަ ކުރިއެރުން ހޯދާފައެވެ. ވަރަށް އަވަހަށް އޭނާގެ ޚާއްސަ މަސައްކަތެއް އެހެން ޑްރާމާ ސީރީޒްއަކުން ފެނިގެން ދާނެއެވެ.

މިއަދު ނޫމާއަކީ ކ. ގުޅި ކައުންސިލް އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ގޮނޑިއަށް ވާދަކޮށް ކައުންސިލް ކަމަށް އެންމެގިނަ ވޯޓުން ހޮވިފައިވާ ކައުންސިލް މެންބަރެކެވެ. އޭގެ އިތުރުން ދިވެހި ބަހުގެ އަދަބީ ހަރަކާތްތަކަށް ފަރިތަ، ޅެމާއި، އަދަބިއްޔާތުގެ ތަފާތު ލިޔުންތަކުގައި ހަރަކާތްތެރިވާ ކަނބަލެކެވެ. ރަށުގެ އިޖްތިމާޢީ ކަންކަމުގައި އެންމެ ކުރީސަފުގައި ހަރަކާތްތެރިވާ ނޫމާގެ ޢަޒުމަކީ މައިންބަފައިންނާއި އާއިލާ ގާތުގައި ހުރެގެން އެމީހުންނަށް ޚިދުމަތް ކުރުމެވެ. އެންމެ ބޮޑު އުންމީދަކީ ދިވެހިބަހަށްޓަކައި އޭނާ ކުރަމުންދާ މަސައްކަތް ޝާއިޢުު ކުރެވި ދިވެހިބަހުގެ އެކަޑަމީއިން އެކަން ބަލައިގަނެ، ދިވެހިންނަށް އެ މަސައްކަތް ފޯރު ކޮށްދިނުމެވެ. ވަރަށް ޅަ އުމުރުގައި ތަފާތު ގިނަ މަސައްކަތްތަކެއްގައި ހަރަކާތްތެރިވާ ނޫމާއަކީ ދިވެހި ކަނބަލުންނަށް ނަމޫނާއެކެވެ. ނޫމާއަށް ފަހި ދުވަސްތަކަކާއި އަބަދުވެސް ކާމިޔާބު ލިބުމަކީ ބީފާނު ޓީމުގެ ދުޢާއެވެ.

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކޭކު އަޅާ ، ފަހާ ، މީރުކޮށް ކައްކާ ލޯންޗް ދުއްވަން އެނގޭ ކުއްޖެއް މިއީ . މި ވާހަކަތައްވެސް ލިޔެލިނަމަ ވަރަށް ފުރިހަމަވީސް. އަބަދުވެސް ނޫމާއަށް ކާމިޔާބު ދެއްވައި މަސައްކަތުގައި ބަރަކާޔް ލައްވާށިއެވެ. އާމީން.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *