(6 ޖޫން 2024 ގެ ނޫހާއި ގުޅޭ)
އޭނާ ދެނަހުއްޓެވެ. ދީޕު މިހާރު އެހެން އަންހެންކުއްޖެއްގެ އާދެ! ޝަޝީގެ މީހަކަށް ވެއްޖެއެވެ. އެ ޝަޝީ ވަނީ ދީޕުގެ ހިތުގެ އެންމެ ފުނަށް ވެރިވެފައެވެ. އެހިސާބުން ޝަޝީ ނެރެ އެއްލާލުމަކީ އެކަކަށް ވެސް ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ. އޭނާއަކީ މިނިވަން ޚިޔާލުގެ ކުއްޖަކަށްވުމާ އެކުގައި ވެސް އެއީ ކިޔަވައިގެން އިން ކުއްޖެކެވެ. އެއީ ހަގީގަތެކެވެ. އޭނާއަކީ ވަރަށް ސާފު އިރުމަތީ އަންހެންކުއްޖެކެވެ. މިކަމަށް ޓަކައި އޭނާގެ ބައްޕަގެ އެދުމާއި އުފާވެރިކަމާ ދެމެދަކަށް އޭނާއެއް ނުވަދެއެވެ. އަދި އޭނާގެ ބައްޕަގެ އެދުމަށް ހުރަސް އެޅުމުގެ ބާރެއްވެސް އޭނާ ކިބަޔަކު ނެތެވެ. ވުމާ އެކު އޭނާއާ ދީޕު ކައިވެނި ވުމުގެ ދުވަސް އެކަށައެޅުނީއެވެ. އަދި އޭނާ ވެސް ހަމަ ފާޅުގައި އެތައް ސަތޭކަ އިއްޒަތްތެރި މެހުމާނުންނެއްގެ މެދުގައި މިކަންތައް އެކަށައެޅުނަ ދިނީއެވެ. މާރިޗު މަހުގެ 24 ވަނަ ދުވަހަކީ އޭނާ އަލަތު އަނތްބަކަށް ވާ ދުވަސްކަން އެންމެން ރަނގަޅަށް ދަނެއެވެ.
އޭނާ ހިތުގެ އަޑިން ދީޕުގެ އަލަތު އަނތްބަކަށް ވުމަށް ނޭދުމާ އެކުގައި ވެސް މެއެވެ. އަދި ގަބޫލު ކުރިއަސް ނުކުރިއަސް އަހަރެން މިއީ މެހުމާނެކޭ ހީކުރާ އުސޫލަށް ކަނޑައެޅިގެން ނުރުހުމާ އެކުގައި ވެސް މެއެވެ. ނަމަވެސް އުނދަގުލަކީ އޭނާ އެތައް އުނދަގުލެއްގައި ހައްޔަރުވެފައިވާ ކަމެވެ. އަދި އެ އުނދަގޫތައް ހައްލުކުރާނެ ގޮތެއް އޭނާއަށް ނޭނގޭކަމެވެ. އޭނާގެ ދަތިތަކާއި ބޮއްސުންލައިފައިވާ ފިކުރުތައް ހައްލުކުރުމަށް ޓަކައި އޭނާ ވަނީ ވަރަށް ބޮޑަށް ހައިރާންވެފައެވެ.
މިއަދުވެސް އޭނާ މި މައުޟޫއަށް ދީޕާ ސާފުސާފުކޮށް ވާހަކަދައްކާނީއޭ ހީކޮށްގެން އިނދެ ގެއިން ނުކުތުމާ އެކު އޭނާގެ ހިތްތެޅެން ފެށިއެވެ. އޭނާގެ ދެލޯ ލަދުވެތިކަމާއި ޖެހިލުންވުމުގެ ބުރަކަމުން ވަނީ އިސްޖެހިފައެވެ.
އޭނާއަށް ރަނގަޅަށް އެނގެއެވެ. ދީޕު އޭނާގެ ގޭގައި އޭނާއަށް އިންތިޒާރު ކުރާނެއެވެ.
ލަތާ ދީޕުގެ ފުލެޓުގެ ކުރިމައްޗަށް ދިޔަ ވަގުތު އޭނާއަށް އެތެރެއިން ބަޔަކު ވާހަކަދައްކާ އަޑުއިވިއްޖެއެވެ. ރަނގަބީލު ޖަހަލަން ގޮސްފައި ކުއްލިއަކަށް އޭނާގެ އަތް ހުއްޓިއްޖެއެވެ. އޭނާ ސާފުކޮށް ކޮންމެވެސް ފިރިހެނަކު ގީތާ އާ ވާހަކަދައްކާ އަޑުއެއްސެވެ. އެމީހަކު ބުނަނީއެވެ. “އަހަރެން ކަލެއާ ނުލައި ވަރަށް ގިނަ ދުވަހު އަލިފާން މަގުތަކުގައި ތެޅިފޮޅިއްޖައިން ގީތޯ…. ކަލެއާ ނުލައި އަހަރެންގެ ކޮންމެ ނޭވާއެއް ޒަހަރަށް ގެނބިފައި ބޭރަށް އަންނަނީ.”
ދެން ގީތާގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ.
“ތިޔައީ ހަމަ އަޅުގަނޑުގެ ވެސް ހާލު. އަޅުގަނޑު ކަލާގެ ވަކިވުމުގައި ރޮއިރޮއި މޮޔަވެއްޖެ. މައުސޫމް ދީޕު ނެތް ނަމަ އަޅުގަނޑު މަރުވީހީވެސް ކޮން އިރަކުތޯ. ކަލާ ތިޔައީ އަޅުގަނޑުގެ ދިރިއުޅުން. ކަލާ ތިޔައީ އަޅުގަނޑުގެ ރޫހަކީ. އަޅުގަނޑުގެ ހިތާއި ފުރާނައިގައި އާބާދުވެފައި ވަނީ ހަމައެކަނި ކަލާގެ ލޯބި.” މިއަޑު އަހައިފައި ލަތާ އޭނާގެ ކަންފަތް ބަންދުކޮށްލިއެވެ. އަނެއްކޮޅުން ފިރިހެނެއްގެ އަޑު އަނެއްކާ ވެސް އިވިއްޖެއެވެ.
“އަހަރެން މާދަމާ މިހާއިރު އަންނާނަން ގީތޯ…”
“ހަމަ ކޮންމެހެން ވެސް އިނގޭތޯ.” ގީތާގެ އަޑުއިވުނެވެ.
“ދީޕާމެދު ފިކުރުކުރައްވާނެ ކަމެއް ނެތް. އޭނާ މިދުވަސްކޮޅު ގެޔަކު ނޫޅޭނެ.” މިއަޑު އަހައިފައި ލަތާގެ މޫނުގެ ކުލަ ތަޣައްޔަރު ވެއްޖެއެވެ. އޭނާގެ ދެލޯ ހުޅުވިހުޅުވި ހުއްޓެވެ. އޭނާގެ ހޭ ބުއްދި ފިލައްޖެ ކަހަލައެވެ. އޭނާ ފޫހިކަމާއި ނަފުރަތާއެކު އަނގަ ހަދައިލައިފައި ކަންފަތުގައި އަތް އަޅައިލައިގެން އެތަނުން އެނބުރި ހިނގައްޖެއެވެ.
ދީޕު ހެނދުނު ލަތާ އާ ބޭރު ގޯތިތެރޭން ބައްދަލުވިއެވެ. އޭނާ އާރޯ ތާޒާ އެތަކެއް ހާސް ކުދިކުދި ނާރިނގު ގަސްތަކެއްގެ ތެރޭގައި އިށީނދެ އިނެވެ.
“އަސްތާ ވަރަށް ހިތާމަ ކުރަން. އަހަންނަށް އިއްޔެ ލަތާއަކާ ގެއަކުން ބައްދަލެއް ނުކުރެވުނު. އަދި އެވާހަކަ ބުނަން މިގެއަކަށް ނުވެސް އާދެވުނު.”
އޭނާވެސް އެތާނގައި އިށީނދެއްޖެއެވެ.
“ކަންވީ ގޮތަކީ އިއްޔެ ކުއްލިއަކަށް އަހަންނަށް ތާކުން ޚާއްސަ ޑިއުޓީއެއް ޖެހުނީ. މަންމަ ބުނެފައި އޮތީ އަހަރެން ގާތުގައި ކަލެއަށް ޚަބަރު ދީފައި ދާން މަޑުކުރާނަމޭ. ހީވަނީ މަންމައާ ވެސް އިއްޔެ ގެއަކުން ލަތާއަކާ ބައްދަލެއް ނުވެވޭނެހެން. މަންމަ ވެސް އުޅެނީ ހަނޫމާންގެ ފައްޅިއަށް ދާން. އެހެންވުމާ އެކު އެވާހަކަ ކަލޭ ގާތުގައި ބުނަން މިގެއަށް އަންނަން ކޮންމެހެން މަންމަ ގަދައެޅި.”
ދީޕުގެ އަނގައިން މަންމަ އާ ވެސް ގެޔަކުން ބައްދަލެއް ނުވާނެއޭ ބުނި އަޑު އަހައިފައި ލަތާ ހިސާބަކަށް އެއްޗެއް ވިސްނަން ފަށައިފިއެވެ. ހަގީގަތުގައި މިއީ އިއްޔެގެ ކަންތަކާ ގުޅޭ ކަތްޕެކެވެ. އޭނާ އިނީ ހަމަހިމޭނުންނެވެ. ދީޕު ބުންޏެވެ.
“ބަލަ ކޯންޗެއްތަ ތިޔަ ވިސްނަނީ. އަހަރެން ދެކެ މާ ބޮޑަށް ރުޅި އައީ ދޯ؟”
“ނޫނޭ…” ލަތާ ހަމަޖެހިލައިގެން އިނދެ ބުންޏެވެ. “ތީގައި ދެން މީހަކު ރުޅި އަންނަންވީ ކަމެއް ކޮބާ؟”
ދެން އޭނާ ހުއްޓާލައިފައި ބުންޏެވެ.
“އިއްޔެ އަހަރެން ތިޔަ ގެއަށް ދިޔައިން. ދައްތަ ވެސް ގޭގައި އުޅޭ.”
“އެހެންތަ؟” ދީޕު ބުންޏެވެ. އެކަމަކު މަންމައެއް ކަލޭ ދިޔަ ވާހަކައެއް އެއްގޮތަކަށް ވެސް އަހަރެން ގާތަކު ނުބުނޭ.”
“މަންމަ އަހަރެންގެ ވާހަކަ ދައްކާނީ އަހަރެން މަންމައާ ބައްދަލުވި ނަމަނު.”
“ކީކޭ ތިޔަ ބުނީ؟”
“އަހަރެން އިއްޔެ ތިޔަ ގެޔަށް ވަންނަން އުޅެފައި އެނބުރި އަތުވެއްޖައިން.”
ދީޕުގެ ސުވާލާ މެދު ލަތާ އިސްޖަހައިލައިގެން ހިމޭނުން އިނެވެ. ދީޕު ބަލައިލިއިރު ލަތާގެ މޫނުމަތިން އަޖައިބު ވުމާއި ހައިރާން ވުމުގެ އަސަރުތައް ފެންނާން ހުއްޓެވެ. އޭނާ މިހެން އިންދާ ފެނުމުން ދީޕު ވަރަށް ބޮޑަށް ހައިރާންވެއްޖެއެވެ. އޭނާ އަނެއްކާ އާދޭހުގެ ރާގެއްގައި ލަތާ ކުރެން އެއްސެވެ.
“ނާ ކިހިނެއްތަވީ؟”
“ތިމާގެ މީހުންގެ ތެރެއިން އުޅެނީ ކޮންކޮން ބައެއް؟”
“ދުނިޔޭގައި އަހަރެންގެ އެއްވެސް ތިމާގެ މީހަކު ނެތް.” އޭނާ ހިސާބަކަށް ކަންބޮޑުވެލައިފައި ބުންޏެވެ.”ކަލޭ ދެން ބުނަން ތިޔަ އުޅެނީ ކީކޭތަ؟”
“އިއްޔެ އަހަރެން ކަލޭމެންގެ ގެއަށް ގޮސް ދޮރުމައްޗަށް އެރިއިރު…” ލަތާ އަނެއްކާ ވެސް ހުއްޓައިލައިފިއެވެ. ދީޕު އިހަށް ވުރެ ވެސް ބޮޑަށް ހައިރާންވެއްޖެއެވެ.
“ބަލަ ލަތާ ދެން ނިކަން ބުނެބަލަ. ކޯންޗެއްތަ ބުނަން ތިޔަ އުޅެނީ؟”
“ކަލޭމެންގެ ގެއިން ކޮންމެވެސް ފިރިހެނަކު ވާހަކަދައްކާ އަޑުއެހިން.”
“އޭނ…!”
“އާނ..!” ލަތާ ބުންޏެވެ.
“އަދި ދައްކަމުން ގެންދާ ވާހަކައަކީ ވެސް….”
ލަތާ އަނެއްކާ ހުއްޓާލައިފިއެވެ. ދީޕުގެ މޫނުގެ ކުލަ ބަދަލުވެއްޖެއެވެ. އޭނާ ނުހަނު ބާރަށް ބުންޏެވެ.
“ކޮން ކަހަލަ ވާހަކައެއް ދެއްކީ؟”
“އަންހެނަކާ ފިރިހެނަކާ ދެމެދު ދެކެވޭ ކަހަލަ ވާހަކަ.”
މިހިސާބަށް އަޑުއިވުމާ އެކު އޭނާއަށް ހީވީ ކޮންމެވެސް މީހަކު ބާޒާރުމަތީ އޭނާގެ ހެދުން ބޭލި ހެންނެވެ. އޭނާގެ ދެލޯ ރަތްވެގެން ހިނގައްޖެއެވެ. ހީވީ އޭނާގެ މުޅި ހަށިގަނޑުގެ ލޭ މައްޗަށް ޖަމާވީ ހެންނެވެ. އޭނާ ފުންމައިގެން ތެދުވެއްޖެއެވެ.
“ލަތާ!’
އޭނާ އަޑުގެ ކޮޅަށް ގުގުރައިގަތެވެ.
“ކަލޭ އަދު ދޭއް ޖަހާއިރު ގެއަށް ދަނިކޮށް ކަލޭގެ ކަންފަތަށް ވެސް އެއަޑު އިވިދާނެ.”
އޭނާ މަރުވެފައިވާ އަޑަކުން ބުންޏެވެ.
ދީޕު ހިއްސުތައް ފިލައިފައިވާ މީހެއްގެ ގޮތަށް ރުޅިއައިސް ރަތްވެގެން އެތަނުން ހަލުވި ފިޔަވަޅުތަކެއް އަޅަމުން އެގެއިން ބޭރަށް ނިކުމެއްޖެއެވެ. އަދި ލަތާ ފިކުރުބޮޑުވެފައިވާ ނަޒަރަކުން އޭނާ ދާތަން ބަލަން އިނެވެ.
ޚުދު އޭނާގެ ހިތް ވެސް އޭނާގެ މޭގައި ނުހަނު ބާރަށް އެބަ ތެޅެއެވެ.
ވަރަށް މަޑުމަޑުން ފިޔަވަޅުތައް އަޅަމުން މުޅިން ވަގެއްހެން ސިޑިން ލައިފައި ދީޕު އޭނާގެ ފުލެޓު ކުރިމައްޗަށް ގޮސް ހުއްޓިއްޖެއެވެ. އޭނާ ދޮރުގައި ކަންފަތް ޖަހައިލިއެވެ. ކުޑައިރުކޮޅެއް ފަހުން، އެތެރޭން އަޑެއް އިވުނެވެ.
“އަޅުގަނޑަކަށް ކަލާ އާ ނުލައި ދިރިއެއް ނޫޅެވޭނެ…”
މިއީ އޭނާގެ މަންމަގެ އަޑެވެ. އޭނާއަށް ހީވީ މީހަކު ހޫނުހޫނު ތިމަރައެއްޗެއް އޭނާގެ ކަންފަތަށް އަޅައިލީ ހެންނެވެ. އޭނާގެ މުޅި ހަށިގަނޑުގައި ލޭގެ ބަދަލުގައި ދިޔާ އަލިފާނުގެ މާއްދާއެއް ނުހަނު ބާރަށް ދައުރު ކުރަން ފެށި ހެނެވެ.
“އަހަރެން ކީއްކުރާނީ؟”
“ކުރާނޭ އެއްވެސް ކަމެއް ނެތް ގީތޯ. ކޮންމެ ދުވަހަކު އެއްފަހަރު އަހަރެން މިތަނަށް އައުން ބިރުވެރިކަމުން ހުސްވެގެންނެއް ނުވޭ. މީހަކަށް ފެނިއްޖެއްޔާ ވަރަށް ކަންތައް ގޯސްވެދާނެ.”
މިއީ ކޮންމެވެސް ފިރިހެނެއްގެ އަޑެވެ. މިއަޑު އޭނާގެ ހިތަށް ތީރަކަށް ވަގެން ވަދެގެން ހިނގައްޖެއެވެ. އޭނާގެ މުޅި ހަށިގަނޑުން ހޫނުހޫނު އާތްވެއް ނިކުންނަން ފަށައިފިއެވެ. އެއްވެސް ގަސްތަކާ ނުލައި އޭނަގެ އަތް އޭނާގެ ފިސްތޯލައާ ހަމައަށް ހިނގައްޖެއެވެ. މިހާރު ފިސްތޯލަ އޭނާގެ ކަނާތުގެ އިނގިލިތަކުން ހިފައިގެން ތުރުތުރު އަޅައަޅާ ހުއްޓެވެ.
އޭނާ ވަރަށް ރުޅިއައިސްގެން ހުރެ ދޮރުގައި ޓަކި ތަޅައިގަތެވެ. މުޅިން މޮޔައެއްހެން އޭނާ ދޮރު ތަޅުވައިގަތެވެ. ދޮރު ހުރީ އެތެރޭން ތަންޑު އަޅައިފައެވެ. އޭނާ އަޑުގެ ކޮޅަށ ގުގުރައިގަތެވެ.
“ދޮރު ހުޅުވާ…. ހުޅުވާ ދޮރު!”
އެތެރޭގައި ގީތާ ހޭބުއްދި ފިލައިފައި މޫނުމަތީގެ ކުލަ ތަޣައްޔަރު ވެފައި އިނެވެ. ނޯތޭޖު މޫނުމަތީން ހުރިހާ ކުލައެއް ވަނީ އޮއްސިފައެވެ.
“ކަލާ އަވަހަށް ނުކުންނަވާ.” ގީތާ ގަބަރާވެގެން އިނދެ ބުންޏެވެ.
“އެ އައީ ދީޕު!” ދެން އޭނާ ކުއްލިއަކަށް ބުންޏެވެ.”އެކަމަކު ކަލާ ދުރުވާނީ ކިހިނެއްތޯ؟ ބޭރަށް ދާންވީ މަގު
އެ އޮތީ ބަންދުވެފައި.”
“އެކަކަށް ވެސް އަހަންނަކަށް މަގެއް ބަންދެއް ނުކުރެވޭނެ.” ނޭތޭޖު ބުންޏެވެ. އަދި އޭނާ ވަރަށް ހަލުވިކޮށް ކުޑަދޮރާ ދިމާއަށް ހިނގައްޖ
“އަނެއްކާ ބައްލަވައިގެން ދުރުވާތި…” ގީތާ ބުންޏެވެ.”އަދި ރަނގަޅަށް ހަނދާން ކުރައްވާތި. މާދަމާ ދުވާލު ދޭއްޖަހާއިރު، ފުލުހުން ކަލާގެ މަރުކަޒަށް ހަމަލާދޭނެ.”
“ކަލޭ ތިޔަ ބުނި ވާހަކަ އަހަރެން ހަނދާން އެބަހުރި.” ނޯތޭޖު ކުޑަދޮރުން ފުންމާލަމުން ބުންޏެވެ.”ފުލުހުންގެ ބަފައިންނަށް ވެސް އަހަރެން އަތުލައެއް ނުގަނެވޭނެ. މާދަމާ ދޭއްޖަހާއިރު ފުލުހުންނަށް އެތަން ފެންނާނީ ހިރަފުސްގަނޑެއްހެން.” މިހެން ބުނެފައި އޭނާ ވައިރޯޅިއެއްހެން ކުޑަދޮރުން ފުންމާލައިފިއެވެ. އަނެއްކޮޅުން ދީޕު ރުޅިއައިސް ރަތްވެގެން މޮޔައެއްހެން ދޮރުގައި ތަޅައިގަތެވެ. އޭނާ އަޑުގެ ކޮޅަށް ހަޅޭއްލަވަނީއެވެ.
އެސާހިތަކު ގީތާ އައިސް ދޮރު ހުޅުވައިފިއެވެ.
“ކީއްތަވީ….؟” އޭނާ ބުންޏެވެ. “ތިޔަ ވަރަށް ތިޔަ ހަޅޭއްލަވަނީ ކީއްވެގެން؟”
“ދުރަށްދޭ މަންމާ!”
ދީޕު އޭނާގެ މަންމަ އެއްފަރާތަށް ކޮއްޕާލިއެވެ. މިހާރު އޭނާ މުޅި ފުލެޓުގައި ޝިކާރީ ކުއްތާއެއްހެން އެތަން މިތަނަށް ދުވެދުވެ ހުއްޓެވެ. އޭނާ ފުލެޓުގެ އެކި ދަތި ކަންކަނަށް ދަންދެން ހޯދިއެވެ.
“ތިޔަ އުޅެނީ ކިހިނެއްވެގެންތަ؟” އޭނާގެ މަންމަ ބުންޏެވެ.’ކޯންޗެއްތަ ކަލޭ ތިޔަ ހޯދަނީ؟”
“މަޑުން ހުރޭ މަންމާ!”
އޭނާގެ މަންމަ އާ ދިމާއަށް ރުޅިއައިސްގެން ފޫހިވެގެންފައި ބަލައިލައިފައި އިސްދަށަށް ޖަހައިލިއެވެ.
“ކާކުތަ އައީ ގެޔަށް؟” ހިން ދިރުވާލާފައި މިހެން އޭނާ ބުނެލިއެވެ.
“ކަލޭ އަނެއްކާ ތިހިރީ މޮޔަވެފައެއް ނޫންތަ؟”
“މޮޔަވާވެއްޖައިން.” އޭނާ ބުންޏެވެ. “ކަންފަތަށް އެކަހަލަ އަޑުއިވެންޏާ މީހުން މޮޔަ ނޫން ދެން ވާނީ. އެހެން ކޮންއެއްޗެއް؟”
އޭނާ ގާތްގަނޑަކަށް ރޮއިގަތެވެ…
“އަހަރެން މިހިރަ ކަންފަތުން އެހީ މަންމަ ކޮންމެވެސް ފިރިހެނަކާ ވާހަކަދައްކަނިކޮށް.”
އޭނާ މަންމަގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ.
“ރަނގަޅަށް ބުނޭ މަންމާ! އެއީ ކާކުތަ؟”
“ކީކޭ ބުނާނީ؟”
“ދެންމެ ދިޔަ ލޯތްބާ އިޝްގުގެ ވާހަކަތައް ދެއްކި މީހާގެ ވާހަކަ.”
“ކަލޭގެ ސިކުނޑި ތިހިރީ ހަލާކުވެފައި..” ގަދަފަދަ ނަފުރަތަކާ އެކު އޭނާ ދީޕުގެ އަތްދަށުން ސަލާމަތްވަމުން ބުންޏެވެ. “ކަލޭގެ މަންމަ އާ ތިޔަ ކަހަލަ ވާހަކަދައްކާކަށް ލަދެއް ނުގަނޭތަ؟”
“ލަދޭ…؟” ދީޕު އޭނާގެ ލޮލުން ނަފުރަތުގެ ކަނިތައް ބުރުވައިލައިފައި ބުންޏެވެ.”ލަދާ ތަދާ ހުރެ އަހަންނަށް މިހާރު ދުނިޔެއަށް ލޯ ހުޅުވާލަން ވެސް ނުކެރޭ.”
އޭނާ ރޮއިގަތެވެ.
“އަހަރެން ކީކޭ ބުނާނީ މަންމާ. ތިޔައީ މަގޭ މަންމަ ވިއްޔަ. އެހެން ނޫން ނަމަ…”
އޭނާގެ އަޑު އޭނާގެ އަރުގައި ބަންދުވެއްޖެއެވެ. ކުރާނެ ކަމެއް ނެތިގެން ހަދާނެ ގޮތެއް ނޭނގިގެން ތުންފަތް ހަފަން ފަށައިފިއެވެ.
“މިބާވަތުގެ ވިޔާނުދާ ކަމެއް އަހަރެން ހުވަފެނެގައި ވެސް ނުދެކެން.” އޭނާ ވާހަކަދައްކަމުން ދައްކަމުން ގޮސް ހުއްޓިއްޖެއެވެ.
“ހިތަށް އަރަނީ މި ފިސްތޯލަ ޖަހައިގެން އަމިއްލައަށް މަރުވާން.”
މިހެން ބުނެފައި އޭނާގެ ކަރުގައި ޖައްސާލަން އުޅެނިކޮށް ގީތާ ދުވެފައި ގޮސް އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ. އަދި އޭނާގެ އަތުގައިވާ ފިސްތޯލައިގައި ހިފަހައްޓައިފިއެވެ.
“ތިޔަ ކުރަނީ ކީއް؟ ފިސްތޯލައިން ދޫކޮށްލާ… ދޫކޮށްލާ…”
ދެމައިންގެ ދެމެދުގައި ވަރަށް ވަރުގަދައަށް ހިފާ ތަޅާފޮޅާ ވެއްޖެއެވެ. ދީޕު އަތުން ފިސްތޯލަ ދޫވެއްޖެއެވެ. އަދި ގީތާ ދޫވެގެން އެއްފަރާތަކަށް ވެއްޓިއްޖެއެވެ. ގީތާ އެއްފަރާތަކަށް ވެއްޓުނުލެއް ބާރުކަމުން ބޮލުން ލޭތައް ފައިބައިގެންފިއެވެ.
“މަންމާ…!”
ދީޕު އޭނާގެ ތުންފަތް ހަފާލައިފައި ބުންޏެވެ.
“މަންމާ އަހަރެންގެ މޭގައި ތިޔަ ޖެހީ ވަރަށް ވަރުގަދަ އެތިފަހަރެއް. ބުނާނީވެސް ކީކޭ. ތިޔައީ މަގޭ މަންމަ ނޫންނަމަ އަހަރެން ހަޅޭއްލަވަލަވާފައި އަޑުގަދަކޮށްކޮށްފައި މި ވާހަކަ ގޮވީމުސް.”
ދީޕު އަމިއްލައަށް އޭނާގެ އަނގައިގައި ދެއަތް އެޅިއެވެ. އަދި ބޭގަރާރުވެގެން އޭނާގެ ބޯ، ފާރުގައި ތަޅަން ފަށައިފިއެވެ.
ގީތާ އޭނާއަށް ވެފައި އޮތް ތަދަށް ބެލުމަކާ ނުލައި އޭނާގެ މޮޔަކަމުން ސަލާމަތް ކުރުމަށް އުޅެން ފަށައިފިއެވެ. އޭނާ އާ އިރުއިރުކޮޅުން ބައްދައެވެ. ފޮޅުވާލައެވެ. މިހާރު ދެމައިންގެ ހެދުން ހީވަނީ އެކަކު އަނެކެއްގެ ލެއިން ފޯވެ ލޭގަނޑެއް ހެންނެވެ.
އެންމެ ފަހުން ވަރަށް އުނދަގުލުން ދީޕު ހަމަޖެހިއްޖެއެވެ. ދެން އޭނާ ދީޕުގެ ބޯ ދޮވެފައި އޭނާގެ ބޯ ތެލުން ތެންމައިފައި ބޭސް އަޅާ ބަނެވެ.
(ނުނިމޭ)
