ދެކުނު އެމެރިކާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކޮމެބޯލް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ކާމިޔާބުކޮށްފިއެވެ. ކެނެޑާއާ ބައްދަލުކޮށް މިމުބާރާތުގެ ފުރަތަމަ މެޗު އާޖެންޓީނާއިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ.
އެޓްލާންޓާގެ މާސިޑީޒް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި އާޖެންޓީނާއިން ލީޑު ނަގައިފާވަނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު ވަނަ މިނެޓްތެރޭގައި ހޫލިއަން އަލްވަރޭޒްއެވެ. އަލްވަރޭޒްގެ މި ލަނޑަށްފަހު ވެސް ލީޑު ފުޅާ ކުރަން އިތުރު ފުރުސަތެއް ވަނީ ލިބިފައެވެ. ނަމަވެސް ކެނެޑާގެ ކީޕަރު ވަނީ އަލްވަރޭޒް ފޮނުވާލި ބާރު ހަމަލާ ހުއްޓުވާފައެވެ. މި މެޗުގައި ކެނެޑާގެ ކީޕަރުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ، ކެނެޑާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާވެސް ކެނެޑާގެ ކީޕަރު ވަނީ ހުއްޓުވާފައެވެ.
މިމެޗުގައި އާޖެންޓީނާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ޖަހައިދިނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލައުޓާރޯ މާޓިނޭޒްއެވެ. ލައުޓާރޯ ކުޅެންއެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މެސީއަށް ލިބުނު ހުސް ދެ ފުރުސަތެއް ވެސް ފާހަގަކޮށްލެވުނެވެ.
މިމެޗުގައި މެސީއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް މެސީއަށް ލިބުނު ހުސް ދެ ފުރުސަތެއް ލިބުނެވެ. އޭނާވަނީ މިމެޗާއެކު ގިނަ ރިކޯޑްތަކެއް ގާއިމްކޮށްފައެވެ. މިގޮތުން މިމެޗާއެކު މެސީ ވަނީ ކޮމެބޯލް ކޮޕާ އެމެރިކާގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާއަށް ވެފައެވެ. މިމެޗުގައި ކުޅުމާއެކު އޭނާ މިވަނީ ކޮޕާ އެމެރިކާގައި 35 މެޗުގައި ވާދަކޮށްފައެވެ. އަދި މިމެޗުގައި އޭނާ ކުރި އެސިސްޓާއެކު މެސީ ވެފައިވަނީ ބައިނަލްއަޤްވާމީ ބޮޑު މުބާރާތްތަކުގައި އެންމެ ގިނަ އެސިސްޓް ދިން ކުޅުންތެރިޔާއަށްވެސް ވެފައެވެ.
މީގެއިތުރުން ކޮޕާ އެމެރިކާގެ ހަތް މުބާރާތެއްގައި މަދުވަގެން އެއް އެސިސްޓް ކުރި ހަމައެކަނި ކުޅުންތެރިޔާއަށްވެސް މެސީވަނީ ވެފައެވެ.
މިމުބާރާތުގައި މިރޭ ފަތިހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭއަށް ނިސްބަތްވާ އަނެއް ދެޓީމު ކަމުގައިވާ ޕެރޫ އާއި ޗިލީއެވެ. މި މުބާރާތުގައި ދެން އާޖެންޓީނާ ކުޅުމަށް ހަމަޖެހިފައިވަނީ ޗިލީއާއި ދެކޮޅަށް މިމަހުގެ 26 ވަނަ ދުވަހުއެވެ.
