ފްރާންސާއި ނެދަލެންޑްސް އެއްވަރު

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި ފްރާންސް އަދި ނެދަލެންޑްސް ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރު ވެއްޖެއެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގްރޫޕްގެ ގަދަ ދެބާރު ލަނޑެއް ނުޖެހި އެއްވަރުވުމުން ދެޓީމަށްވެސް ނޮކުއައުޓް ބުރުން ޖާގަ ހޯދަން އިތުރު އިންތިޒާރެއް ކުރަން ވަނީ ޖެހިފައެވެ.

މުބާރާތުގައި ދެޓީމްވަނީ ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކޮށްފައެވެ. މެޗު ފަށައިގެން ފުރަތަމަ ފުރުޞަތު ތަނަވަސް ކުރީ ނެދަލެންޑްސް އިންނެވެ. ދެވަނަ މިނިޓްގައި ކްރެމީ ފްރިމްޕޮންގ އަރިމަތިން ފޮނުވާލިބޯޅަ ދިފާއުކުރީ ކީޕަރެވެ. 16 ވަނަ މިނިޓްގައި ވެސް ނެދަލެންޑްސް އިން ރަނގަޅު އެޓޭކެއް އުފެއްދި އެވެ. ކޯޑީ ގަކްޕޯ އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ ވެސް ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލީ ކީޕަރެވެ.

ފުރަތަމަ ހާފްގައި ފްރާންސްގެ ޑިފެންސުން ދިން ބޯޅަ ތުރާމް އަށް ފޮނުވާލެވުނީ މަތިން ބޭރަށެވެ. ދެވަނަ ހާފްގައި ޑީއޭރިޔާ ތެރޭން ތުރާމް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.
ލަނޑު ޖަހަން ގިނަ ފުރުޞަތުތަކެއް ހޯދާ އެޓޭކް ކުރީ ފްރާންސުންނެވެ. މެޗުގައި ލަނޑު ޖަހަން އެންމެ ގިނަ ރަނގަޅު ފުރުޞަތު ލިބުނީ  ފްރާންސް ފޯވާޑް ގްރިޒް މަނަށެވެ. އެގޮތުން 14 ވަނަ މިނިޓްގައި ގޯލް އޭރިޔާ ތެރެއިން ކީޕަރުވެސް ނައްޓާފަ އެޑްރިއެން ރެބިއޮޓް ގްރިޒްމަން އަށް ޖައްސާލި ބޯޅައިގަ ރަނގަޅަށް ފައި ޖައްސާ ނުލެވުނެވެ. ރެބިއޮޓްއަށް ވެސް ޖެހުމުގެ ފުރުޞަތު އޮތް ބޯޅަ ގްރިޒްމަންއަށް ދިންއިރު އޭނާ ހުރީ އެބޯޅަ ދޭނެ ކަމަށް ވިސްނައިގެނެއް ނޫނެވެ. އޭގެ ސިކުންތު ކޮޅެއް ފަހުން ޕެނަލްޓީ ސްޕޮޓާ ހަމައިން ގްރިޒްމަން ފޮނުވާލި ބޯޅަ ވެސް ގޯލަށް އަމާޒެއް ނުވިއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި ހާފުގައި ނެދަލެންޑްސް އިން ގޯލެއް ކާމިޔާބުކުރިނަމަވެސް އެ ގޯލު ބަލައިގަނެފައެއް ނުވެއެވެ. ދެވަނަ ހާފްގެ ކުރީކޮޅު ގޯލްއޭރިޔާ ރޮނގުމަތިން ކާންޓޭ ގްރިޒަމަން އަށް ޖައްސާލި ރީތި ބޯޅަވެސް ބޭނުން ނުކުރެވުނެވެ. ކޮންޓްރޯލް ކޮށްފަ ގްރިޒްމަންއަށް ބޯޅަ ރަނގަޅަށް ފޮނުވާ ނުލެވުނެވެ. މަޑުމަޑުން ޖައްސާލެވުނު ބޯޅަ ކޯޕަރު އަތުގައި ޖެހިފަ ކޯނަރަކަށް ބޭރުވީ އެވެ. 62 ވަނަ މިނިޓްގައި އޭރިޔާ ތެރެއިން ޗުއަމެނީ ފުންމައިގެން އަރާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. ދެވަނަ ހާފްގައި ޑެމްބެލޭ އަށް ވެސް ރަނގަޅު ފުރުޞަތެއް ލިބުނެވެ. އޭރިޔާ ރޮނގުމަތިން އޭނާ ފޮނުވާލި ބޯޅަވެސް ގޯލާ އަމާޒު ނުވެ ހުރަސް ދަނޑި މަތިން ދިޔައީ ބޭރަށެވެ.

މިއީ މުބާރާތުގައި ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ މެޗެވެ. މިގްރޫޕްގައި ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު ފްރާންސާއި ނެދަލެންޑްސް ވެސް އޮތީ 4 ޕޮއިންޓާ އެކުއެވެ. އޮސްޓްރިއާއަށް ތިން ޕޮއިންޓެވެ. ޕޮލެންޑަށް ޕޮއިންޓެއް ނުލިބެއެވެ. ގްރޫޕް ތަރުތީބުވެފައިވާ ގޮތުން ގަދަ ދެޓީމްގެ ތެރޭގައި ހިމެނުމުގެ އެއްވެސް ފުރުޞަތެއް ޕޮލެންޑަކަށް ނެތެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *