މާދަރީބަހަކީ ކުއްޖެއްގެ ކިބައިގައި އަށަގަންނަ ފުރަތަމަ ބަހެވެ. ނުވަތަ ބަސްތަކެވެ. ކުއްޖަކު ހެދިބޮޑުވުމުގައި އެ ކުއްޖެއްގެ މާދަރީބަހުގެ މައްޗަށް ބަރޯސާ ކުރާން ކޮންމެހެން ޖެހޭ ކަންތައްތަކެއް މައިންބަފައިންގެ މައްޗަށް ލާޒިމްކުރެއެވެ. އެ ކުއްޖާ ތަރުބިއްޔަތު ކުރުމުގެ އިރުޝާދުތައް މާދަރީބަހުން ދިނުމެވެ. ގޯތީގެ ނުވަތަ ގޭތެރޭ މާހައުލުގައި އެކުއްޖަކާ ވާހަކަދައްކާ ބަހަކަށް އެ ކުއްޖެއްގެ މާދަރީބަސް ހެދުމެވެ. އެ ކުއްޖަކަށް ފުރަތަމަ ދަސްކޮށްދޭ ލިޔަންކިޔުމަކަށް މާދަރީބަސް އިސްކުރުމެވެ. މިފަދަ އެތައް ކަމެކެވެ. ދިވެހިބަހަކީ ދިވެހީންގެ މާދަރީބަސް ކަމުގައި ވާން ޖެހޭނެއެވެ. އެހެން ބަސްބަސް އަށަގަތް ކަމުގައި ވިޔަސް ދިވެހި ކުދިންގެ ކިބައިގައި ފުރަތަމައަށް އަށަގަންނަ ބަހަކަށް ދިވެހިބަސް ވުން އެއީ ކޮންމެހެން މުހިންމު ކަމެކެވެ. އެހެނީ ކުއްޖެއްގެ ލެޔާ އެ ކުއްޖެއްގެ މަންމައާ ގުޅިފައި ވާ ފަދައިން އެކުއްޖެއްގެ މަންމަގެ ބަސް ވެސް އެ ކުއްޖަކާ ވާނީ ގުޅި ލައިމެހިފައެވެ.
"މާދަރީބަސް" މިއީ ކޮން ގޮތަކުން އުފެދިފައިވާ ލަފުޒެއްތޯ ދެނެގަތުން މުހިންމެވެ. 'މާދަރީ' މިއީ މަންމައާއި ދަރިފުޅު’އަށް ނިސްބަތްކޮށްގެން ވެސް އެއްބަޔަކު ވާހަކަ ދައްކައެވެ. އެއީ މައިމީހާއާއި ދަރީގެ ވާހަކަ ކަމަށް ބެލެވިގެން ކަމަށް ގަބޫލު ކުރެވެއެވެ. އެހެން އެ ކަން އޮތް ނަމަ އެ ގޮތުގައި ވެސް މުހިންމު މާނައެއް އޮތް ކަމަށް ދެކެމެވެ. ދިވެހިބަސް ފޮތް ބެލި އިރު ފެނުނީ 'މާދަރި' މިހެން އޮއްވައެވެ. މީގެ މާނައަކަށް އޮތީ "ވިހާ އިރު އާދަޔާ ޚިލާފަށް ބޮޑެތިކޮށް ތިބޭ ކުދިން" މިހެންނެވެ. އެހެންވީމާ، މިއީ 'މާދަރީބަހާ' ގުޅުން ހުރި ލަފުޒެއް ކަމުގައެއް ނުދެކެވެ. ދެން ފެންނާން އޮތީ ' މާދަރީބަސް' މި ލަފުޒެވެ. ލަފުޒުގެ މާނައަކަށް ދެ މާނައެއް ވެއެވެ. ފުރަތަމަ މާނައަކަށް އޮތީ، "ތަނެއްގެ އަހުލުވެރިން ވާހަކަދައްކައި އުޅޭބަސް" މިހެންނެވެ. ދެވަނަ މާނައަކަށް އޮތީ ކާބަފައިންގެ ޒަމާނުއްސުރެ ވާހަކަދައްކަމުން އަންނަ ބަސް" މިހެންނެވެ. މި މިންވަރުން އަޅުގަނޑުމެންނަށް މި އެނގުނީ 'މާދަރީބަހަކީ' ކޮން ބަހެއް ކަމެވެ. އެހެން ނޫންތޯއެވެ! އެހެނެއް ކަމަކު "މާދަރީ" މި ލަފުޒު އުފެދިފައިވާ ގޮތެއް ސާފެއް ނުވެއެވެ.
ގޫގުލް ތަރުޖަމާގައި "މަދަރ ޓަންގ" މިހެން ޖަހައި އެކި ބަސްބަހުގައި ކިޔާ ގޮތް ބަލައިލީމެވެ. އިނގިރޭސިބަހުގައި ކިޔަނީ "މަދަރ ޓަންގ ނުވަތަ މަދަރ ލޭންގުވިޖް"މިހެންނެވެ. ޔޫނާނީ ބަހުގައި ކިޔައި އުޅޭ ކަމަށް އެނގުނީ "މިތްރިކީ ގްލޮއްސާ"އެވެ. ޢަރަބިބަހުން އޮތީ އައްލުޣަތުލް އުއްމު' މިހެންނެވެ. ލުޣަތު މިއީ ބަހެވެ. "އުންމު" މިއީ މަންމައެވެ. ވީމާ މަންމަގެ ބަހެވެ. ފާރިސީބަހުގައި ކިޔަނީ "ޒުބާން މާދިރީ" މިހެންނެވެ. އުރުދޫބަހުން ކިޔާ ކަމަށް އަޅުގަނޑަށް ފެނުނީ "މާދިރީ ޒުބާން" މިއެވެ. ފާރިސީބަހުގައި ވެސް އަދި އުރުދޫބަހުން 'ޒުބާން' އެއީ ދުލެވެ. އެބަހީ ބަހެވެ. ޢަރަބިބަހުގައި ވެސް ބަހުގެ މާނައިގައި "ލިސާން" ބޭނުން ކުރެތެވެ. ހަގީގަތުގައި 'ލިސާން' މިއީ ދުލެވެ. އެބަހީ ބަހެވެ. ދިވެހިބަހުގެ އިސް އަދީބް މުޙައްމަދު ޖަމާލުއްދީން އިބްނުއްނާއިބު ޢީސަލް މުލަކީ (ނާއިބުތުއްތު) ރަޙިމަހުﷲ އެކަށައެޅުއްވި ބަހުގެ ގަވާއިދު ފޮތަށް އޭނާ ދެއްވައިފައިވާ ނަމަކީ ވެސް "ތަޤުވީމުއް ލިސާނި"އެވެ. މާނައީ ބަހުގެ ޤަވާޢިދެވެ. ކޮންމެއަކަސް، އަދިވެސް 'މާދަރީ" މި ލަފުޒު ދިވެހިބަހުގެ ތެރެއަށް މިއައީ ކިހިނެއްކަން ސާފެއް ނުވެއެވެ. އެކަމަކު އެއީ އިނގިރޭސިބަހުގައި އެ އޮތް "މަދަރ" މި ލަފުޒުން ތޯ ނުވަތަ ނޫންތޯ ދަނެގަތުމުގެ ޝައުޤު ހިތުގައި ހިނގައިފިއެވެ. އުރުދޫ ފާރިސީބަހުން މަންމަ' އަށް ކިޔަނީ މަދަރއެއް ނޫނެވެ. އުރުދޫ ބަހުގައި މަންމައަށް ކިޔަނީ ' މާ، 'އަންމީ' 'އަންމީޖާން' މިފަދަ ނަންނަމެވެ. އެކަމަކު ފާރިސީ ބަހުގައި "މާމް" އަދި "މާދަރު" މިހެން ކިޔައެވެ.

ދުނިޔޭގައި މާދަރީބަހުގެ ބަހުގެ ދުވަހުގެ ގޮތުގައި ޚާއްޞަ ދުވަހެއް ފާހަގަ ކުރާން ފެށީ 2000ވަނަ އަހަރުން ފެށިގެންނެވެ. އެއީ ބަސްބަސް ނެތި ދިޔުމުގެ ބިރު ހީވެ ބަސްބަސް ހިމާޔަތްކޮށް ބަހުގެ ތަރިކަ ދެމެއްޓުމުގެ މުހިންމު ބޭނުންފުޅުގައި ޔުނެސްކޯއިން 1999ވަނަ އަހަރު ނިންމެވި ނިންމެވުމަކާ ގުޅިގެންނެވެ. އޭގެ މާކުރިން ވެސް ދިވެހިބަސް ފޮތުގައި "މާދަރީބަސް" މި ލަފުޒު އޮވެއެވެ. މިހެންވުމުން މި ލަފުޒު ދިވެހިބަހަށް މާކުރީ ޒަމާނެއްގައި ތައާރަފްވެއްޖެކަން ޔަގީންވެއެވެ. އެކަމަކު ދިވެހިބަހުން ކިޔަނީ "މަންމަ ބަސް" މިހެނެއް ނޫނެވެ. 'މާދަރީބަސް' މިހެންނެވެ. 'މާދަރ ނުވަތަ މާދަރު، ނުވަތަ މަދަރ' މިއީ ދިވެހިބަހުން މަންމައަށް ކިޔައި އުޅޭ ނަންނަމެއް ނޫނެވެ. މިހެންވުމުން 'މާދަރީ' މި ލަފުޒު ދިވެހިބަހަށް ވަނުން ބޮޑަށް ގާތީ އުރުދޫބަހުންނެވެ. ނުވަތަ ފާރިސީ ބަހުންނެވެ. އެއީ މި ދެ ބަހުގައި ވެސް އޮތީ "މާދިރީ" މިހެންނެވެ. ދިވެހިބަހުގެ ބަސްފޮތުގައި "މާދިރީ" މިހެން އޮވެއެވެ. މާނައަކަށް އޮތީ " ނަމޫނާ"މިހެންނެވެ. އަދި "މާދިރި" މިހެން ވެސް އޮވެއެވެ. "މާނައަކަށް އޮތީ "މާދިރީ"އެވެ. ވީމާ، މިއީ އަދި 'މާދަރީބަހާ' ގުޅުމެއް އޮތް ލަފުޒެއް ކަމަށް ނުފެނެއެވެ.
"މާދަރީބަސް" މިއީ މަންމައާއި ދަރީގެ ބަސް ކަމުގައި ބުނާނޭ ޖާގައެއް ނެތެވެ. އެހެނެއް ކަމަކު އެއީ މަންމަގެ ބަހެވެ. މި ލަފުޒުގެ އަސްލެއް ކަމަށް އަޅުގަނޑަށް ބެލެވެނީ ފާރިސީބަހުގެ "މާދަރު"އެވެ. ދިވެހިބަހުގެ ތެރޭ ހިނގާ އަރަބި އުރުދޫ ފާރިސީ ބައެއް ލަފުޒުތަކުގެ ތެރެއިން ރާއެއްގެ އުބުފިއްޔަށް ނުވަތަ ސުކުނަކަށް ހުންނަ ލަފުޒު ނަން އިތުރުގެ ގޮތުގައި ބޭނުން ކުޅައުމުގައި އެ ރާގާއި އީބީފިލި ހުންނަތަން ފެނެއެވެ. މިސާލީ 'މަންޒަރު' މަންޒަރީ، އިންޒާރު- އިންޒާރީ- ޝާޢިރު ޝާޢިރީ' މި ބީދައިން "މާދަރު" މާދަރީއަށް ވީއެވެ. ނުވަތަ މަދަރު- މާދަރީއަށް ވީއެވެ. ނުވަތަ "އުރުދޫ ފާރިސީގައި ބޭނުން ކުރާހެން މާދިރީ ލޯނު ލަފުޒެއްގެ ގޮތުގައި ބޭނުން ކުރާން ފެށީއެވެ.
މާދަރީބަހަކީ ކޮބައިތޯއެވެ؟ މި ސުވާލުގެ ޖަވާބު ތަންކޮޅެއް ފުޅާކޮށް އަރުވަން ގަސްކުރަމެވެ. މާދަރީބަހަކީ ކުއްޖެއްގެ ކިބައިގައި ފުރަތަމަ އަށަގަންނަ ބަހެވެ. އެއީ ދަސްކުރާ އެއްޗަކަށް ވުރެ ބޮޑަށް މާހައުލުން އަށަގަންނަ ބަހަކެވެ. އެއީ ކުއްޖެއްގެ ބެލެނިވެރި ބަހޭ ވެސް ދެންނެވިދާނެއެވެ. ބައެއް ޤައުމުތަކުގައި މާދަރީ ބަސް ނުވަތަ މާދަރީ ބަސް މާނަކުރަނީ ފުރަތަމަ ބަހަށްވުރެ ބޮޑަށް އެ ބައެއްގެ ނަސްލީ ބަހުގެ ގޮތުގައެވެ. ނުވަތަ ނަސްލީ ބަހުރުވައިގެ ގޮތުގައެވެ. ހަމައެހެންމެ ކުއްޖާގެ ފުރަތަމަ ބަހަކީ އެ ކުއްޖެއްގެ އަމިއްލަ، އިޖުތިމާޢީ އަދި ޘަޤާފީ އަމިއްލަވަންތަކަމުގެ ބަހެކެވެ. މިހެންވުމުން، ކުދިން އެކި ކަންކަން ކުރުމާއި ވާހަކަދެއްކުމުގެ ކާމިޔާބު އިޖުތިމާޢީ އާދަތައް ދެނެގަނެ، އެ އާދަތައް ދަސްކުރުން މައިންބަފައިން ބާރު އަޅާން ވާނީ މާދަރީ ބަހުންނެވެ.

މާދަރީ ބަހެއްގެ ގޮތުގައި އެއް ބަހަށް ވުރެ ގިނަ ބަސް އަށަގެންފާނެއެވެ. އަދި ބަހުރުވައެއް ވެސް އަށަގެންފާނެއެވެ. އެއީ ކުއްޖަކު އުފަންވީއްސުރެން އޭނާގެ ޙަޔާތުގައި އަންނަ އެންމެ ނާޒުކު ދުވަސްވަރު އެއީ ވިހޭ ތަނުން ފެށިގެން އުމުން 12 އަހަރާ ދެމެދެވެ. އެމަރުޙަލާތައް ކުއްޖާ ކަޑައްތުކުރަނީ ނޯމް ޗޮމްސްކީ (2006) ބަޔާންކުރައްވާފައިވާ ގޮތުގައި ކްރެޓިކަލް އޭޖް ހައިޕޮތެސިސް ނުވަތަ ކްރެޓިކަލް ޕީރިއަޑުގައެވެ. ނާޒުކު އުމުރޭ މި ދެންނެވީ މި ދުވަސްވަރަށެވެ. މިއީ ބަސް އަށަގަތުމުގައި އެންމެ ފަސޭހަ ދުވަސްވަރުކަމަށް ސްޓެފަން ޑީ.ކްރެޝަން (2003) ބަޔާންކުރައްވައިފައިވެއެވެ.
މަޝްހޫރު ނަފްސާނީ ޢިލްމުވެރިޔާ ޖީން ޕިޔާޖޭއާ ޙަވާލާދެއްވައި ޙުސައިން ފާއިޒާއި އަޙުމަދު ޢަލީ މަނިކު (1997) ހާމަކުރައްވާފައިވާ ގޮތުގައި ވިސްނުމަކީ ކުއްޖާގެ މާހައުލަށް ކުއްޖާ ހޭލައިގަންނަ ހޭލައިގަތުމެކެވެ. އަދި އެ މާހައުލުގައިވާ ތަކެއްޗާއި ކަންކަމަށް ހޭނޭ ހޭނުމެކެވެ. މިގޮތުން ކުއްޖެއްގެ ވިސްނުން ތަރައްޤީވުމުގައި 4 މަރުޙަލާއެއް ކަޑައްތުކުރާކަމަށް ވެސް އޭނާ ހާމަކުރައްވައިފައިވެއެވެ. އެ ހަތަރު މަރުޙަލާ ވެސް ކުއްޖަކު ކަޑައްތުކުރަނީ އެކުއްޖަކު އުފަންވީއްސުރެ 12 އަހަރާ ދެމެދުގައެވެ. މިހެން ވުމުން މި އުމުރު މައިންބަފައިން ކުދިންނާ ވާހަކަ ދައްކާން ވާނީ ދިވެހިބަހުންނެވެ. ތަރުބިއްޔަތުކުރުމުގެ އިރުޝާދުތައް ދޭންވާނީ ދިވެހިބަހުންނެވެ. މާހައުލު ބުނެ ބަޔާންކޮށްދޭން ވާނީ ވެސް ދިވެހިބަހުންނެވެ. ހަގީގީ މާނައިގައި ކުއްޖަކު ތަރުބިއްޔަތު ކުރުމުގައި އެ ކުއްޖަކު އުފަންވާ މާހައުލުގެ އަމިއްލަވަންތަ ބަސް އެއީ މުހިންމު ދައުރެއް އަދާ ކުރާއެއްޗެކެވެ. އެއީ ލޯތްބާއި ކުލުނުގެ މަދެވެ. އޯގާވެރިކަމާއި އެކުލުންތެރިކަމުގެ ރޫހެވެ. އެ ރޫހު ވަނީ މަންމަގެ ހިތާއި އެ ހިތުގެ ވިންދާ ގުޅިފައެވެ.
އާދޭހެވެ! މާދަރީބަހުގެ ހަގީގީ ވިންދަކީ މަންމައެވެ. ކުއްޖާގެ ތަރުބިއްޔަތާއި އަޚްލާޤުގެ ބިނާރަކީ މަންމައެވެ. ކުއްޖާގެ އުޅުމާއި ޅަފަތުގެ ދާނުގެ ހިމާޔަތަކީ މަންމައެވެ. މައިވަންތަ ލޯތްބާއި ކުލުނެވެ. އެ ލޯތްބާއި އެ ކުލުނުގެ ފުރާނައަކީ މަންމަގެ ބަހެވެ. މާދަރީބަހަކީ މިއީ ނޫންތޯއެވެ!
