(27 ޖޫން 2024 ގެ ނޫހާއި ގުޅޭ)
މިހާރު ފޯނުވާ ތާކުން ރިސީވަރު ނަގައިފައި ހަލޯއޭ ބުނުމަކާ ވެސް ނުލައި ބުނަނީއެވެ. “ތީޖު ސިންގު ހައްޔަރުވެއްޖެ!” ނިއުސް އެޖެންސީތަކުންނާއި ރިޕޯޓަރުންނާއި ޕްރެސް ފޮޓޮގުރާފަރުންނާއި މި އެންމެންގެ ފުލީޓެއް ޕޮލިސް އިސްޓޭޝަނަށް ޖަމާވެއްޖެއެވެ.
އަދި ދަންނަވަންތޯއެވެ؟ ރޭޑިއޯ އިސްޓޭޝަން ބޮމްބޭ ވެސް ޕުރޮގްރާމުގެ ތެރޭގައި ކުދިކުދި ހުއްޓާލުންތަކަށް ފަހު، މިހެން އިއުލާނު ކުރެއެވެ.”މައާފު ކުރައްވާ. ވަރަށް މުހިންމު އިއުލާނެއް އައްސަވާ. ރަށުގެ އެންމެ ނުރައްކާ، އަދި އެންމެ މަޝްހޫރު ޑާކޫ ތީޖު ސިންގު ބޮމްބޭގެ ޕޮލިސް އިނިސްޕެކްޓަރު ދީޕު ރޭ 10:15 ގައި ހައްޔަރު ކޮށްފި.”
މި އެންމެ ރެއެއްގެ ތެރޭގައި، އޭނާގެ ފޮޓޯ ނެގުނުވަރުންނާއި އޭނާގެ ކުރިމަތީގައި، ކެމެރާ ކްލިކް ވީވަރުން ތެދުތެދަށް ދަންނަވަނީނަމަ، އޭނާގެ ބަސްހުއްޓި ލޯވެސް ވަނީ މަލަ އެކުލަވައިލައިފައެވެ.
މުޅި ރަށުގެ ޕޮލިސް އިސްޓޭޝަންތަކުގައި، ތީޖު ސިންގު ގެ ހައްޔަރުވުމުގެ ސިލްސިލާގައި ކުލަބޮކި ދިއްލުން ބޭއްވިއެވެ. އަދި ކޮންމެ ފުލުހަކާއި ސީ.އައި.ޑީއެއްގެ ގޭގައި ގިތެލުން ބައްތިތައް ދިއްލުނެވެ.
ޚުދު ހޯމް މިނިސްޓަރ، ޗީފު މިނިސްޓަރ، ޕޮލިސް ކޮމިޝަނަރު، ދީޕަށް މުބާރިކުބާދީ އަދާކުރިއެވެ. ދީޕު މި އެންމެންގެ ތެރޭގައި ގައުމުގެ އެންމެ މަތިވެރި އެއް ހީރޯ ކަމަށް ވެއްޖެއެވެ.
ތީޖު ސިންގު- ދީޕު ދީޕު – ތީޖު ސިންގު، މިއީ އިރުއިރުކޮޅުން ތަކުރާރުވޭވެ އޮންނަ ދެ ނަމެވެ. އެއީ، ސަތޭކައިން ހާހުން އިރުއިރުކޮޅުން ފޮޓޯނެގިނެގި އޮންނަ ދެމީހުންނެވެ.
ތީޖު ސިންގު ހުރީ ވަރަށް ބޮޑަށް ފުލުހުން ފޯރިމަރާ ކުށްވެރިއެއްގެ ގޮތުގައެވެ. އިންޗާޖަކީ، ޚުދު ދީޕެވެ. އޭނާ ވަނީ އޭނާގެ ކަސްޓަޑީގައި ބެހެއްޓިފައެވެ.
ގީތާއަށް މި ޚަބަރު ލިބުމުން، އޭނާގެ މޭގަނޑު ލުއްސައިގެން އައެވެ. އޭނާގެ ލޮލުގެ ކުރިމަތީގައި އަނދިރިކަން ފެތުރިގެން އައެވެ. އޭނާ ހިތް ހަލާކުވެފައި ވާފަދަ އާހަކާއި އެކުގައި ބިންމައްޗަށް ވެއްޓި ހޭނެތިއްޖެއެވެ.
އޭނާ އަމިއްލައަށް ހޭއެރިއިރު، މެންދަމުން އަލިވެ ދޭއްޖަހައިފިއެވެ. ދީޕު އޭރުވެސް އަދި ގެއަކަށް ނާދެއެވެ. އޭނާގެ ތުންފަތުގައި ދަތްއަޅައިލައިގެން އިނދެ ތެދުވެއްޖެއެވެ. އޭނާ ގޮސް އޭނާގެ ބަގުވާން ތަޅުވައިގަތެވެ. ބަގްވާން ކުރިޝަންގެ ބުދު ކައިރިއަށް ދުވެފައި ގޮސް ވެއްޓިގަތެވެ. އަދި ގިސްލާން ފެށިއެވެ.
އޭނާ ބަގްވާން ކްރިޝަންގެ ބުދުގެ ފައި ކަރުނައިން ފޯކޮށްލިއެވެ. ބޭގަރާރުވެފައިވާ ހިތް ތެޅިތެޅިފައި ކިޔަނީއެވެ.
“މިވީ ކިހިނެއްތޯ ބަގްވާން! ތިޔަ ކުރެއްވީ ކީއްތޯ؟ ވީ ގޮތަކުން އަޅުގަނޑުގެ ފިރިމީހާ ހަލާކުން ސަލާމަތް ކޮށްދެއްވާ. އަޅުގަނޑުގެ ހަޔާތުން ޞަދަޤާތް ކުރާނަން. އަޅުގަނޑުގެ ފިރިމީހާއަށް ހަޔާތް ގުރުބާން ކުރާނަން. ކްރިޝަން ކަނައްޔާ! ކަލާ ސަލާމަތް ކޮށްދެއްވާ އޭނާ. ތިޔަހާ އަނިޔާ އަޅުގަނޑަށް ނުދެއްވާ. އަޅުގަނޑުގެ ޕްރަބޫ! އަޅުގަނޑުގެ ބަގުވާން. ކަލާނގެ މިއަޅާގެ މަގުސަދު ފުއްދަވައިދެއްވާ އާދެ! އަޅުގަނޑުގެ ލޯބިވާ ފިރިމީހާގެ މައްޗަށް ގުރުބާންވާނަމެވެ. ނިކަމެތި އަޅާގެ މިއަޑު އައްސަވާނދޭ! އަޅުގަނޑުގެ ހިތުގެ މިއެދުމުގެ އަޑު އައްސަވާނދޭވެ! ތިޔަވަރުގެ ވަރުގަދަ ބޮނޑިއެއް އަޅުގަނޑުގެ ހިތުގައި ނުޖައްސަވާނދޭވެ…..!”
އޭނާގެ ހިތް ތެޅިގެންފައި ބުނެވުނެވެ. އަޅުގަނޑުގެ ފިރިމީހާއަށް ޓަކައި ދަރިފުޅު ގައިގައި ކޮޅުފައިން ޖެހުމަށް ވެސް ތައްޔާރެވެ! އަޅުގަނޑު އަޅުގަނޑުގެ ޒުވާން އަދި ލާއިޤް ފިރިހެންދަރިފުޅު ދީޕު އޭނާގެ މައްޗަށް ގުރުބާންވި ފިރިހެން ދަރިފުޅު ދީޕު އޭނާގެ މައްޗަށް ގުރުބާން ކުރާނަމެވެ.”
މިހެން ދުއާކޮށް ކޮށްފައި، ގިސްލަގިސްލައިފައި ރޯން ފަށައިފިއެވެ. އޭނާގެ މި ގިސްލުމުގެ އަޑު ބަންދުވެއްޖެއެވެ. އޭނާގެ އަނގައިން ލަފުޒުތައް ނުކުތުން މައިތިރިވެއްޖެއެވެ.
އޭނާ ވަރަށް ގިނައިރު ވަންދެން ބަގުވާން ކުރިޝަން ބުދުގެ ކުރިމަތީގައި ސަޖިދާގައި އޮވެ ރޮއި ގިސްލިއެވެ.
ގާތްގަނޑަކަށް ފަތިހު ހަތަރެއް ޖެހި އިރު، ދީޕު މޮޔައެއްހެން ގެއަށް ވަދެގެން އައެވެ. ގެއަށް ވަނުމާ އެކު މަންމައާ ހިފައިގަތެވެ.
“މަންމަގެ ހެޔޮ ދުއާތަކުން އަހަރެން ތީޖު ސިންގު ހައްޔަރު ކޮށްލައިފިން. މަންމާ! އޭނާ ހައްޔަރުވެއްޖެ.” އޭނާ މޮޔައެއް ހެން ނަށައިގެންފައި ބުންޏެވެ.
“ދެނަހުރީމުތަ މަންމާ! މުޅި ރަށް މަންމަގެ ދީޕުގެ ނަމުން ޖޭޖޭ ގޮވަނީ.”
ގީތާ ބުދެއް ހެން ހަމަހިމޭނުން އިނެއެވެ. މަންމައާ ދިމާއަށް ވިސްނުންތެރިކަމާ އެކު ބަލަން ހުރެފައި ދީޕު ބުންޏެވެ.
“ބަލަ. ކީއްވީ މަންމާ…!” އޭނާ ހައިރާންވެފައި ބުންޏެވެ.”މަންމަ އުފަލެއް ނުވޭތަ…؟ ކިހިނެއް ވީތަ މަންމާ؟”
ދެން އޭނާ އަމިއްލައަށް ބުނެލިއެވެ.
“ނޫނޭ މަންމާ. މަންމަ އުފާ ކުރާކަން އަހަރެން ދެނަހުރިން. އެހެން ނޫން ނަމަ ހަތަރެއް ޖަހާއިރު ވެސް އަހަރެންގެ އިންތިޒާރުގައި ދޮރުޙުޅުވައިގެންނެއް ނީނީ ހެއްނުދޯ! އަދިވެސް ހޭލާތަ ތިޔައިނީ މަންމާ.”
ދެން އޭނާ ކާމިޔާބުގެ މަސްތުގައި ނަށައިލިއެވެ.
“މަންމާ! ދެން ބައްލަވަން ހުންނަވާ އަހަރެން ސުޕުރިންޓެންޑެންޓަކަށް ވާކަށް ލަހެއް ނުވާނެ. މުޅި ރަށުގައި އަހަރެންގެ ނަން އޮތީ ވިދާލައިފައި.”
އޭނާ އެ ދައްކަނީ ކޮން ވާހަކައެއް ކަމެއް ވެސް ނޭނގެއެވެ. ގީތާ ގުދުރަތުގެ މި ވަރުގަދަ ސަމާސާގެ މައްޗަށް ބަސްހުއްޓިގެން ހުރެ ހިތަށް އަރަނީއެވެ. ކަލާނގެ ކުޅަދުންވަންތަވެރިކަން ވެސް ކިހާ ނާދިރު ހެއްޔެވެ. ގޭގައި އަލިފާން ޖަހާ މީހާއަށް ޚުދު އޭނާ އަމިއްލައަށް، މިގޭގައި އަލިފާން ޖެހެނީ ކަމެއް ނޭނގެއެވެ. އޭނާ އެހެރީ އުފަލުންނެވެ. ހަމައެކަނި ދުނިޔޭގެ ތަނަވަސްކަމާއި އަރާމާއި ދުނިޔޭގެ ޝުހުރަތާއި ދަރަޖަވެރިކަން ހޯދުމުގެ އެދުމުގައި މޮޔަވެފައިވާ މީހާއަށް އޭނާ ޚުދު އޭނާގެ އަމިއްލަ ފައިގައި ފުރޮއިން ޖެހޭ އިރުވެސް ނޭނގެއެވެ. އޭނާގެ މޫނުމައްޗަށް ކުޅު ޖެހީ ޚުދު އޭނާއެވެ. ތިމަންނައަށް މިބޮސްދެވެނީ އުޑުގައޭ ހީކޮށް އޭނާ އަމިއްލައަށް އެ އުފާކުރަނީ ޚުދު އޭނާގެ ގަބުރުގެ މައްޗަށް ކޮޅަށް ތެދުވެ ހުރެގެންނެވެ.
ކަލޭ ތިޔަ ދަންޖައްސާ މަޅިގަނޑާ ދިމާއަށް ދަމާފައި ގެންދަމުން ތިޔަ އުފާކުރަނީ ހިލޭ މީހެއް ނޫނޭ. އެއީ ޚުދު ކަލޭގެ ބައްޕައޭ އޭނާއަށް ބުނެދޭނީ ކިހިނެއް ބާވައޭ ހިތަށްއަރައިފައި ގިތާ އިނީ މޮޔަވެފައެވެ.
ބައްޕަ…. އޭނާގެ މާތްކަމުގައި ދަރިން ގަންދީ ހަދައެވެ. އެފަދަ ބައްޕައަކަށް ޓަކައި، އޭނާގެ އެކަށީގެންވާ ފިރިހެން ދަރިފުޅު، އޭނާގެ ފުރާނައާ ކުޅުން އެދެކެނީ ފަޚުރެއް ކަމުގައެވެ.
އޭނާ ހިތަށްއަރައެވެ.
“ހަމައެކަނި އޭނާގެ ދަރިފުޅުގެ ހަޔާތް އާބާދު ކުރުމަށް ޓަކައި ބައްޕައަކު އެ ނުހަނު ބޮޑު ގުރުބާނެއް ވީއެވެ. އެއީ ދުވަހަކު ވެސް އަދި މީހަކު ނުވާފަދަ ގުރުބާނީއެކެވެ.”
ގީތާގެ ހިތަށް ޔަގީނެވެ. ދަރިފުޅަކު އޭނާގެ ބައްޕަ ހައްޔަރު ކުރީކީ ނޫނެވެ. އަދި ކީއްހޭ ބައްޕައަކު އޭނާގެ ފިރިހެންދަރިފުޅުގެ ބާއްޖަވެރިކަމަށް ޓަކައި، އިއްޒަތަށް ޓަކައި އަމިއްލައަށް ހައްޔަރުވީއެވެ. އޭނާ ރަނގަޅަށް ދެނަހުއްޓެވެ. އޭނާގެ ފިރި ނޯތޭޖު އޭނާގެ އެދުމާ އިދިކޮޅަށް ދުނިޔޭގެ އެއްވެސް ބާރަކަށް ހައްޔަރު ކޮށެއް ނުލެވޭނެއެވެ.
ތީޖު ސިންގަކީ، ސިންގ ގެ މާނަވެސް ދޭހަކޮށްދޭ ފަދަ ފުރިހަމަ ސިންގާއެކެވެ. އޭނާއަކީ އެފަދަ މީހެއްގެ މަޅީގައި ފަސޭހައިން ބެދޭވަރުގެ ވިސްނުމެއްނެތް ސިންގާއެއް ނޫނެވެ.
ހެނދުނު ނިކުތް ކޮންމެ ނޫހެއްގެ ފުރަތަމަ ސުރުޚީއަކީ، ތީޖު ސިންގު ހައްޔަރުވެއްޖެ މިއެވެ. ކޮންމެ ނޫހެއްގެ ފުރަތަމަ ސަފުހާ ފުރިފައި ވަނީ ތީޖު ސިންގ އާއި ދީޕުގެ ވާހަކަތަކުންނެވެ. ތީޖު ސިންގުގެ އެތަކެއް ތަސްވީރެއް މި ސުރުޚީތަކުގެ ދަށުގައި ޗާޕުވެފައި ވެއެވެ. ކޮންމެ ނޫހެއްގެ މޫނުމަތީގައި ތީޖު ސިންގ ގެ ނުހަނު ބޮޑު ތަސްވީރެއް ކުލަގަދަކޮށް ޗާޕުވެފައި ވެއެވެ.
ހެނދުނު ދީޕުގެ ކުރިމައްޗަށް މި ހުރިހާ ނުސްތަކެއް އައިމާ، އުފާތަކުގެ މެދުތެރޭގައި ދީޕު ދީވާނާ ވެއްޖެއެވެ.
“މަންމާ….!”
އޭނާ ނޫހެއް ގީތާ އާ ދިމާއަށް ދިއްކޮށްލައިފައި އެ ނޫހުގެ މޫނުމަތީގައި ހުރި ތީޖު ސިންގުގެ ތަސްވީރު ދައްކަލައިފައި ބުންޏެވެ.
“ނިކަން ބަލާބަލަ މަންމާ….! މިހިރީ ތީޖު ސިންގަކީ. މީހުންގެ ދިރިއުޅުން ހަރާން ކުރި ޑާކޫއަކީ މިހިރީ. މަންމަވެސް ނިކަން ބަލާބަލަ މީނާ.”
ދީޕު އޭނާގެ އުފާތަކުގެ ތެރޭގައި ފުމެފުމެ ހުއްޓެވެ. އޭނާގެ މަންމަގެ ހާލަކީ ކޮބައިތޯ ކުޑަކޮށް ވެސް ވިސްނައެއް ނުލައެވެ.
އޭނާ ހަމަ އެގޮތަށް އަނގަތަޅަމުން ގެންދެއެވެ. އޭނާގެ މަންމަ ހައިރާންގެ ތަސްވީރަކަށް ވެގެން، އެ ތަސްވީރަކަށް ނޫން އަދި ކީއްތޯއެވެ. ބަލަން އިނީ ދީޕާ ދިމާއަށެވެ.
އޭނާ މަންމައަށް ކުއްލިއަކަށް ބުންޏެވެ.
“އަދި މަންމާ! އަހަރެން މިހިރީ ބުނަން ހަނދާން ނެތިފައި. ތީޖު ސިންގުގެ މަރުކަޒު އަހަންނަށް ބުނެދިނީ ޝަޝީއޭ ކިޔާ އަންހެންކުއްޖެއް. ތީޖު ސިންގު ހައްޔަރުވުމަށް ފަހު އޭނާ އާ އަޅާލާނެ މީހަކު ނެތް. މަންމަ އޭނާ މަންމަ ގާތު ބަހައްޓަންވީނު.”
‘އޭނާ މިހާރު ކޮބާ؟” އޭނާގެ މަންމަ މަޑުމަޑުން އިނދެފައި އަހައިލިއެވެ.
“ރޭގައި ލަތާ، ޕޮލިސް އިސްޓޭޝަނަށް އައިސް ޚުދު އޭނާ ގަދައަޅައިގެން މިބުނާ ކުއްޖާ ގޮވައިގެން ގެއަށް ހިނގައްޖެ.”
އެވަގުތު ބޭރުން، އައި.ޖީ.ސާހަބުގެ ކާރުގެ އަޑު އިއްވާލައިފިއެވެ. އޭނާއަށް ކާރުގެ ބަރުގޮނުގެ އަޑު އިވިފައި، އެއްޗެއް ބުނުމަކާ އެހުމަކާ ނުލައި ބޭރަށް ދުއްވައިގަނެވިއްޖެއެވެ.
ކުރީކޮޅުގެ ހުރިހާ ކަމެއް ހަމަޖެހިއްޖެއެވެ. އަދު ހެނދުނު 11.30އަށް އެންމެ ފުރަތަމަ، ތީޖު ސިންގު ސަރިއަތުގެ ކުރިމައްޗަށް ގެންދެވޭނެއެވެ.
ރޭގަނޑު ހަތަރު ދަމު އެއްގޮތަކަށް ވެސް ގީތާއެއް ނުނިދައެވެ. އޭނާ ރޭގަނޑު ހަތަރު ދަމު ޕޫޖާގަރުގައި “ގީތާ” ކިޔަވަން އިނީއެވެ. މުޅި ރޭ ދުއާ ކުރުމުގައި ހޭދަ ކުރީއެވެ. ވެވުނު ގޮތަކުން އޭނަގެ މި ހިތި ކަރުނަތައް ދެކިވޮޑިގަތުން އެދިއެވެ.
ހެނދުނު ފަތިހު ދީޕު ނިދާފައި އޮއްވާ ގީތާ އޭނާ ގާތަށް ގޮސް ދީޕު ނިދިން ހޭލެއްވިއެވެ. އޭނާ ހަތަރުކަޅި ހަމަވުމާ އެކު، ފުންމައިގެން ތެދުވެއްޖެއެވެ. އޭނާ ދީޕުގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް ޕޫޖާގަރަށް ގެންދިޔައެވެ. ދީޕު ހައިރާން ވެފައި ފިކުރުބޮޑުވެ މަންމައާ އެކު ހިނގައްޖެއެވެ.
“ކީއްތަވީ؟ މަންމާ…!” އޭނާ ހައިރާންވެފައި ސުވާލު ކުރިއެވެ.
“ކަލޭ، ކަލާނގެ ކުރިމަތީގައި ސަޖިދަކޮށްފައި އަހަންނަށް މިހުވާކޮށްދީ އަދި ވައުދު ކުރޭ މަންމަ ބުނާ ކަމެއް ކުރަން ކަމަށް.”
ދީޕު އަދި އިހަށް ވުރެ ބޮޑަށް ހައިރާންވިއެވެ.
“މަންމާ ތިޔަ ބުނަން އުޅެނީ ކީކޭތަ؟”
“ވަރަށް ބޮޑު ވާހަކައެއް.”
“ދެން އެހެންވީއިރު ބުނޭ….”
“ފުރަތަމަ ކަލޭ ވައުދު ކުރޭ އަހަރެން މިބުނާ ކަމެއް ކުރަން.”
“ޔަގީން. ކުރާނަން.” އޭނާ މަންމަ އާ ދިމާއަށް ހައިރާންވެފައި ބަލައިލިއެވެ.”މިއަދާ ހަމައަށް މަންމަގެ ކޮން ކަމަކަށްތަ އަހަރެން ފުރަގަސް ދިނީ.”
“އެހެން ނަމަވެސް ހުވާކުރޭ.”
ދީޕު ކުރިޝަންގެ ކުރިމަތީގައި ބޯލަނބާލައި، ނުހަނު އަދަބުވެރިކަމާ އެކު ބުންޏެވެ.
‘ކުރިޝަން މަހާރާޖް! އަޅުގަނޑު އަޅުގަނޑުގެ މަންމަގެ ކޮންމެ އަމުރަކަށް ކިޔަމަންވާނަން!”
ދެން އޭނާ މަންމަ އާ ދިމާއަށް އެނބުރިލިއެވެ.
“ދެން ބުނޭ މަންމާ އެއީ ކޮންކަމެއް؟”
“ކަލޭ ތީޖު ސިންގު ދޫކޮށްލާ…!”
އޭނާގެ މަންމަގެ އަނގައިން މި އަޖައިބު ވާފަދަ ހައިރާން ވާފަދަ ވާހަކަ އަޑުއަހައިފައި، ދީޕު އަނބުރައިގެންފިއެވެ. ވި ހައިރާނެއްގެ ބޮޑުކަމުން، ދެލޯ ބޮޑުވެފައި ހުއްޓެވެ. އަނގަހުޅުވިފައި ހުއްޓެވެ.
(ނުނިމޭ)
