(4 ޖުލައި 2024 ގެ ނޫހާއި ގުޅޭ)
“ތިޔަ ބުނަނީ ކީކޭތަ މަންމާ…!”
އޭނާގެ މޫނުމަތީގެ ކުލަވަނީ ތަޣައްޔަރުވެފައެވެ. އޭނާ ހައިރާންވެފައި ބުންޏެވެ. “ތިޔަ ބުނަނީ ކީކޭތަ؟”
“މިހެން. ތީޖު ސިންގު ދޫކޮށްލާ-“
“މަންމާ….!”
އޭނާ އަންތަރީސް ވެއްޖެއެވެ.
“މަންމަ ތިހިރީ އަނެއްކާ މޮޔަވެފައެއް ނޫންތަ؟”
މިހެން ބުނެފައި އޭނާ ގީތާގެ އަޅުކަންކުރާ ކޮޓަރިން ބޭރަށް ނިކުމެއްޖެއެވެ. ގީތާ އޭނާގެ ފަހަތުން ހެން ނުކުމެއްޖެއެވެ. އޭނާ ފަހަތުން އައިސް ދީޕުގެ ފަސްބައިގައި ހިފެހެއްޓިއެވެ. އޭނާ އެ ފަސްބައި އަތާލާ އޮޅައިލިއެވެ.
“އަހަރެން އެއްގޮތަކަށް ވެސް ތިޔަހެން ހެދިޔަކު ނުދޭނަން. ކަލޭ ވާނީ ހަމަ ތީޖު ސިންގު ދޫކޮށްލަން-“
“ބަލަ މަންމާ… މަންމަ އެކަމަށް ތިޔަ އެދެނީ ކީއްވެތަ؟” އޭނާ ހަރުދަނާކަމާ އެކު ބުނެލިއެވެ.
“އަހަރެން ފަރުޟު އަކަށް ފަހަރެއްގައި ވެސް ޣައްދާރީއެއް ނުވާނަން.”
“އަހަރެން ކަލެއަށް ދިން ކިރު ވެސް ހަލާލެއް ނުވާނެ. އަހަރެން ދިރި އިންދާ ކަލޭ އަހަރެންގެ ސޫރަ ވެސް ދެކިގެން ނުވާނެ. އަހަރެން އަހަރެންގެ ބޯ ތަންތާނގައި ތަޅަތަޅައިގެން މަރުވާނީ.”
“ތިޔަ ހުރިހާ ކަމެއް ތިޔަ ގޮތަށް ކުރަންވީ ކީއްވެގެން ބަލަ މަންމާ…!” ދީޕު ކުރާނެ ކަމެއް ނެތިގެން ހުރެ ބުންޏެވެ.
“ތީޖު ސިންގ އާ މަންމަ އާ އޮތީ ކޮން ގުޅުމެއްތަ ތިޔަ ވަރަށް ކަންބޮޑުވެފައި ތިޔަހަރީ….؟”
މިހެން ބުނީމާ ގީތާ ހަމަހިމޭންވެއްޖެއެވެ. ދީޕު އޭނާގެ މަންމަ ތަޅުވައިގަތެވެ.
“ބުނެބަލަ! އަހަރެންގެ ފަރުޟު ހަނދާން ނައްތާލަން މަންމަ ތިޔަ ބުނަނީ ކީއްވެތަ ބުނެބަލަ…!”
“އެއީ އަހަންނަށް ދަރިފުޅު ގާތުގައި ބުނެވެން ނެތް ސިއްރެއް!”
“އެހެންވީއިރު ތީޖު ސިންގު ދޫކޮށްލުމަކީ، އަހަންނަކަށް ވެސް ކުރެވެން އޮތް ކަމެއް ނޫން–“
“ކަލޭ ދެނެހުރިންތަ ތީޖު ސިންގަކީ ކާކުކަން.” އޭނާ ވަރަށް ސާބިތުކަމާ އެކު، ތުންފަތުގައި ދަތް އަޅައިލައިފައި ބުންޏެވެ. “ތީޖު ސިންގަކީ ކަލޭގެ ބައްޕަ…!”
އޭނާގެ މަންމަގެ އަނގައިން މިއަޑު އަހާފައި، އޭނާގެ ހޭ ބުއްދި ފިލިކަހަލައެވެ. އޭނާ އަންތަރީސް ވެގެން ހުރެ ބުންޏެވެ.
“ތިޔަ ބުނީ ކީކޭ…؟”
“މި ބުނަނީ ހަމަމުޅިން ތެދެއް—” މަންމަ ރޮއިގަތެވެ.
“އޭނާ ރަނގަޅަށް ދެނަހުރި ތިޔައީ އޭނާގެ ދަރިފުޅުކަން. ހަމައެކަނި ކަލޭގެ ކާމިޔާބީއަށް ޓަކައި، އޭނާ އޭނާގެ ހަޔާތް މަރާ ހަވާލު ކުރީ. އެހެން ނޫން ނަމަ އޭނާގެ ކަނދުރާގައި އެކަކަށް ވެސް އަތްޖައްސައި ނުލެވުނީސް. ތީޖު ސިންގު އެއީ ކަލޭގެ ބައްޕަ ނޯތޭޖު. އެނގިއްޖެތަ؟”
ދީޕުގެ ބޯ އަނބުރައިގެންފިއެވެ. އޭނާ ބޮލުގައި ހިފަހައްޓައިގެން އެ ދިމާ ބިންމަތީގައި އިށީނދެއްޖެއެވެ. ގީތާ ވާހަކަދައްކަމުން ގެންދެއެވެ.
“އެއީ އެއްކަލަ ދުވަހު، އަހަންނާ ވާހަކަދެއްކި މީހާ، އެކަމާ ކަލޭ ރުޅިއައިސްގެން، މަންމަގެ ޠޯހިރުކަމުގެ މައްޗަށް ޝައްކު ކުރި މީހާ… ކަލޭމެންގެ އެންގޭޖުގެ ރޭގައި، އޭނާ ފުރިހަމަ ސޯޅަ ސަތާރަ އަހަރަށް ފަހު، އަހަންނަށް އެސިފައިގައި ހުއްޓާ ފުރަތަމަ ފެނުނީ. ހުރިހާ އެއްޗެއް އެރޭ އެތަނަށް އުކާލާފައި އޭނާ ދުވެފިލީ އަހަރެން ފެނިގެން.”
“އެހެން ނަމަވެސް މަންމާ…!”
ދީޕު އިން ތަނުން ތެދުވެއްޖެއެވެ.
“ތިޔަ ވާހަކަ މަންމަ އަހަރެން ގާތުގައި ކުރިން ނުބުނީ ކީއްވެގެން. އެއިރުން، އަހަންނަށް އޭނާ ހިފާކަށް އަދި ހައްޔަރު ކުރާކަށް ވެސް ނުޖެހުނީސް. މިހާރު އޭނާ ވަނީ އަހަރެންގެ ކަސްޓަޑީގައި. ދެން މަންމަ ބުނެބަލަ. އަހަރެން އޭނާ ދޫކޮށްލާނީ ކިހިނެއް؟ އަހަރެންގެ އެވަރު ފަރުޟަކަށް ޣައްދާރީ ވާނީ ވެސް ކިހިނެއް؟”
އޭނާ މިލައިލައިފައިވާ ގޮތެއްގައި ބުނެއެވެ.
“ލޯތްބާއި ތިމާގެކަން ވަނީ އޭގެ މަގާމުގައި. ފަރުޟުގެ ކުރިމަތީގައި ދުނިޔޭގެ އެއްވެސް ބާރަކަށް ހުރަހެއް ނޭޅޭނެ. ބުނެބަލަ މަންމާ… ދެން އަހަރެން ކިހިނެއް ހަދާނީ…”
“އަހަންނަށް މިހާރު ކޮޅަށް ތެދުވެވިފައި މިހިރީ ފަރުޟާއި ލޯބީގެ ފައްތަރެއްގެ މައްޗަށް މަންމާ… އަހަރެންގެ ޒަމީރު ފަރުޟަށް ޣައްދާރީ ކުރުމުގެ މައްޗަށް އަނިޔާ ކުރަނީ. އަހަރެން ބައްޕައަށް ޓަކައި ފުރާނަ ވެސް ދޫކޮށްލަފާނަން. އެހެންނަމަވެސް ފަރުޟަކަށް ބޭއިންސާފު ކުރާކަށް ނުކެރޭނެ.”
އޭނާ ހިސާބަކަށް ވިސްނައިލައިފައި ބުންޏެވެ.
“ހައްގާއި އިންސާފުގެ ސަރިއަތުގެ ކުރިމައްޗަށް އިހަށް ބައްޕަ ކޮޅަށް ތެދުވިޔަދީ މަންމާ. އަހަރެންގެ ގާނޫނުގެ ނިޔާއާ ހަމަޔަށް އަހަރެންގެ ފަރުޟު އަދާ ކުރާނަން. އެއަށްފަހު އަހަރެންގެ ނޯކިރީ އިން އިސްތިއުފާ ދީފައި، ފަރުޟު އަހަރެންގެ ފަސްބަޔާ ވަކިކޮށްލާނަން. ދެން އަހަރެންގެ ބައްޕަގެ ހަޔާތަށް ޓަކައި ސުޕުރީމް ކޯޓަށް ދަންދެން ހަނގުރާމަ ކުރާނަން.”
“އެހެން ނަމަވެސް ދަރިފުޅާ!” ގީތާ ބުނެލިއެވެ. “އިންސާފަކީ އަނދިރި އެއްޗެއް.”
“އެހެން ނަމަވެސް ގާނޫނަކީ ވަރަށް އުޖާލާ އެއްޗެއް މަންމާ… ގާނޫނުގެ ދާއިރާ އިން ބޭރުވެގެން އެއްވެސް އިންސާފެއް ނުކުރެވޭނެ.”
އޭނާ ތުންތަޅުވަން ފެށިއެވެ.
“މާތް ރަސްކަލާކޯއެވެ. އިބަސުވާމީންގެ އަޅުގަނޑު ތިޔަ ކޮޅަށް ނެންގެވީ ކޮންފަދަ މަންޒިލަކަށްތޯއެވެ؟”
ސަރިއަތުގެ ކަންތައްތައް ފެށުނީ، އެދުވަހު 11.30 ގައެވެ. ބޮމްބޭގެ ހައިކޯޓު އޮތީ ހެނދުނު އަށެއް ޖެހީއްސުރެ މުޅިން ފުރި ބާރުވެފައެވެ. ހައިކޯޓުގެ މުޅި އިމާރާތް ވަނީ މީސްތަކުން ޖަމާވެ ތޮއް ޖެހިފައެވެ. ބޭރުގައި އެތައް ހާސް އިންސާނުންނެއްގެ ރާޅުޖަހަޖަހާ އޮތް ކަނޑެއް ބާރުން ބާރުވަމުން އޮވެދެއެވެ. ސަރިއަތުގެ ބޮޑު ހޯލުގައި ތިނޯހެއްގެ ތުނޑުޖައްސާލެވޭހާ ވެސް ތަންފުކެއް ނެތެވެ. އެތައް ހާސް ލޯތަކެއް ވަނީ ތީޖު ސިންގު ދުށުމަށް ޓަކައި ބޭގަރާރުވެފައެވެ. އެންމެ ފަހުން 11.15 ވީއިރު ތީޖު ސިންގު ސަރިއަތުގެ ކުރިމައްޗަށް ހާޒިރު ކުރެވިއްޖެއެވެ. އޭނާ، އެކެއް ދެމީހެއް ނޫނެވެ. އަދި ކީއްތޯއޭ ހަތިޔާރު ހިފި އެތައް ސިފައިންނެއްގެ ބެލުމުގެ ދަށުން، ސަރިއަތުގެ ކުރިމައްޗަށް ގެނެވިއްޖެއެވެ. އޭނާ ދުށުމަށްޓަކައި، ޕަބްލިކުގެ ޝައުގުވެރިކަން ބޮޑުވެފައި ވަރުން، ފުލުހުންނަށް އިންތިޒާމު ހަމަޖެއްސުމަށް ވެސް ދަތިވެއްޖެއެވެ.
ސަރިއަތުގެ ކަންތައްތައް ފެށިއްޖެއެވެ. އޭނާ ގޮސް ވިޓްނަސް ބޮކްސް އަށް ހުއްޓުނު ހިނދު އާއްމުންގަނޑު “ތީޖު ސިންގު ޒިންދާބާދު” ގެ އަޑުން ފަޒާ ގުގުމައިލި އަޑުން ސަރިއަތް ކުރާ ގޭގެ އެ ބޮޑު ހޯލުގެ ފަންގިފިލާ ތުރުތުރު އަޅައިގެން ދިޔައެވެ. ޖަޖު، ތީޖު ސިންގ އާއި މުޖުތަމައަށް ވިސްނުންތެރިކަމާ އެކު ބަލައިލިއެވެ.
ވަކީލުންނާއި ބެރިސްޓަރުންގެ ފަހަތުގައިވާ ފުރަތަމަ ސަފުގައި، ގީތާ ވެސް އިށީނދެގެން އިނެވެ. ދީޕު، ތީޖު ސިންގުގެ ފަހަތުގައި އޭނާގެ ޔުނިފޯމުގައި ކޮޅަށް ހުއްޓެވެ. ލަތާވެސް ވަކީލުންނާއި ބެރިސްޓަރުންގެ އެ ސަފުގައި ހާޒިރުވެ އިނެވެ.
ޕްރެސް ރިޕޯޓަރުންނާއި ނިއުސް އެޖެންސީގެ މެންބަރުންތައް މިއަށް ވުރެ ވަކިން ގިނަ އަދަދަކަށް މީގެ ކުރިއަކުން އެއްވެސް ސަރިއަތެއް ދެކެފައެއް ނެތެވެ.
އެންމެ ފަހުން ސަރިއަތް ކުރީކޮޅުގައި ހުރިހައި ކަންތައްތަކަށް ފަހު، ސަރިއަތުގެ ފަރާތުން ތީޖު ސިންގ އާ ސުވާލު ކުރިއެވެ.
“ކަލޭގެ ފަރާތުން އެއްވެސް ވަކީލެއް އެބަހުރިތަ؟”
“ނޫން….” އޭނާ ނުހަނު ޝަޚްޞިއްޔަތާ އެކު ޖަވާބު ދިނެވެ.
“ކަލެއަށް ސަރުކާރުގެ ފަރާތުން ވަކީލަކު ލިބިދާނެ.”
“އަޅުގަނޑު އެއްވެސް ވަކީލެއް ބެރިސްޓަރެއް ބޭނުމެއް ނޫން.”
ދެން އޭގެ ފަހުން، ފުލުހުންގެ ފަރާތުން ވަރަށް ދިގު ސިންގާ ރިޕޯޓެއް ހުށަހެޅިއެވެ. ސަރިއަތުގެ ފަރާތުން، ތީޖު ސިންގުގެ ގަދަބަދަވިކަމާއި އަނިޔާވެރިކަމާއި ގަތުލާއި މަރުހިފުމާއި އަތްދިގު ކުރުމާއި ލޫޓުވުމުގެ މި ދިގު ސިންގާ ފެހުރިސްތު އިއްވަމުން ދިޔަހިނދު. އޭނާ ނުހަނު ހިތްހަމަޖެހުމާ އެކު، އެ އަޑުތައް އަހަން ހުއްޓެވެ.
ސަރުކާރުގެ ވަކީލު ފުންމައިގެން ތެދުވެއްޖެއެވެ. އޭނާ ތީޖު ސިންގ ގެ ކައިރިއަށް ގޮސްފައި އޭނާ އާ ދިމާއަށް ބުންޏެވެ.
“ކަލެއަކީ ފުރިހަމަ ކުށްވެރިއެއް….”
ސަރުކާރުގެ ވަކީލުގެ މި އިސްކަމުގެ މައްޗަށް ތީޖު ސިންގު ހީނލިއެވެ.
“ތިޔަހެން ބުނުމުގެ ހައްގު އޮތީ އަދި ކަލެއަކަށް ނޫން….” އޭނާ ޖަޖް އާ ދިމާއަށް އިޝާރާތް ކޮށްލިއެވެ.”ތިޔަ ގޮތަށް ނިޔާ ކަނޑައެޅުން އޮތީ އޭނާގެ ކިބައިގައި.” އޭނާ ބުނެލިއެވެ. “ކަލާ ކޮންމެވެސް އެހެން މައުޟޫއަކުން ފައްޓަވާ. ޖަޖްސާހަބުގެ ހައްގަށް އަރައިގަތުމުގެ ތިޔަ ނާކާމިޔާބު މަސައްކަތް ކަލާ އެއްގޮތަކަށް ވެސް ކުރައްވާއެއްޗެއްނޫން…”
މިހެން ބުނީމާ ކޯޓުގެ އިމާރާތުގެ ކުރިމައްޗަށް ވަރުގަދަ ހިނިގަނޑެއް ވެރިވެގެން ދިޔައެވެ. އަދި ސަރުކާރުގެ ވަކީލު ދެއަތް ފުރަގަހަށް ލާފައި ބުންޏެވެ.
“ކޮން ނަމެއް ކިއަނީ ކަލާއަށް؟”
“ކަލޭ ސަރިއަތުގެ އަގުހުރި ވަގުތުތައް ނަންގަވާލަން ނުހައްދަވާ.” ތީޖު ސިންގު ހިސާބަކަށް ހިނިއައިސްފައި ބުނެލިއެވެ.”ކަލާއަށް އަޅުގަނޑަށް ކިޔަނީ ކޮން ނަމެއްކަން ވެސް އަދި އެނގިނުލައްވަނީ ދޮގެއްތޯ؟”
އަނެއް ހުނުންގަނޑެވެ.
“ދެން ކަލާ އިށީންނަވާ….” އޭނާ ސަރުކާރުގެ ވަކީލާ ދިމާއަށް ނަފުރަތާ އެކު ބުނެލިއެވެ. ދެން އޭނާ ޖަޖް އާއި ޖޫރީގެ މެންބަރުންނާ މުޚާތަބު ކުރިއެވެ.
“މައި ލޯޑް އެންޑ ޖެންޓްލްމެން އޮފަ ދަ ޖޫރީ….” އޭނާ ސަރިއަތުގެ ބަސް ކަމުގައިވާ އިނގިރޭސި ބަހުން ވާހަކަ ދައްކާން ފެށިއެވެ.
“އަޅުގަނޑު ހަމައެކަނި ތިޔަ ބޭފުޅުންގެ އަރިހުން އެންމެ ސުވާލެއް ކޮށްލަން ބޭނުން. މި ކޯޓު ހެދިފަހުން ސަރިއަތުން ކުށް ސާބިތު ކުރުމަށްފަހު، އަދަބު ދެވުނީ ކިތައް ކުށްވެރިންނަށްތޯ؟”
އޭނާ ޖަޖް އާ މުޚާތަބު ކުރިއެވެ.
“ސަރިއަތް ކުރާގެ، ކުށްވެރިންތަކުން ފުރެނީ ކީއްވެތޯ އާއި، ކޮންމެ ދުވަހަކު އެހާ ގިނަ ކުށްތައް ކުރެވެމުންދަނީ ކީއްވެތޯ މަނިކުފާނާ… މަނިކުފާނުގެ ގާނޫނު ފަހަރެއްގައި ވެސް ޚިޔާލު ކޮށްލިބާ؟ ހަމައެކަނި އަދަބުދީގެން، ދަންޖައްސަޖައްސައިގެން ފަހަރެއްގައި ވެސް ކުށް ކުރެވުމެއް މަދެއް ނުވާނެ. އެހެން އެވާން ޖެހެނީ ކީއްވެތޯ؟
އޭގެ ސަބަބު އޮޅުން ފިލުއްވުން ކޮންމެހެން ބޭނުން.”
އޭނާ ސާފުބަހުން ބުންޏެވެ.
“ތިޔަ ބޭފުޅުންގެ ގައިވައިދުތައް ގޯހީ. ތިޔަ ބޭފުޅުންގެ އަމުރުތަކާއި ސޮސައިޓިގެ ގާނޫނުތައް އުނީ. ހަޔާތުގެ މިގޮތްފޮތް ބަދަލުނުވާ ހިނދަކު ސަރިއަތް ކުރާ ގެތައް ހަމަ މިގޮތަށް ކުށްވެރިންތަކުން ފުރެމުންދާނީ… އާއްމުން
ބަނޑަށް ތިބިހާ ހިނދަކު، ބޯލާނެ ފެން ރޯއްޖެއް ނުލިބި، ނިވާކޮށްލާނެ ފޮތިކޮޅެއް ނުލިބި، އެމީހުންގެ ޅަދަރިންނަށް ދޭނެ ކިރު ފޮދެއް ނުލިބި، މައުސޫމް ކުށެއް ނުކޮށް ތިބޭ އަންހެންކުދީން އެމީހުންގެ ބަނޑު ފުރާނަ މުއްތި ކުރުމަށް ޓަކައި، އެކުދީންގެ ހަށިތައް ވިއްކަމުންދާހާ ހިނދަކު، މިފަދަ ކުށްތައް ހަމަ މިގޮތަށް ތަރައްގީވަމުން ދާނެ….”
“ތައުލީމު ހާސިލު ކޮށްގެން ވެސް އެކި ތަންތާނގައި، އެކި ގޮތްގޮތަށް ތެޅިތެޅިގެން ވެސް، މަސައްކަތެއް ނުލިބިއްޖެއްޔާ ދެން ވާނީ ކިހިނެއްބާ؟”
އޭނާ ހިސާބަކަށް ހުއްޓާލައިފައި ބުންޏެވެ.
“އަޅުގަނޑު މަނިކުފާނަށް އަޅުގަނޑުގެ މިސާލު އަރުވަން. އަޅުގަނޑު މަތީ ތައުލީމު ހާސިލް ކުރުމަށްފަހު، މަސައްކަތެއް ލިބޭތޯ ހުރިހާ ތަނެއްގައި ހިނގިން. ހުރިހާ އޮފީހަކަށްހެން ގޮސް އަޅުގަނޑު އާދޭސް ކުރިން. އެންމެ ދުވަހެއް ދެދުވަހެއް ވަންދެނެއް ނޫން. އަދި ކީއްތޯ އެތައް އަހަރެއް ވަންދެން. އެހާ ދުވަސް ވީއިރުވެސް އަޅުގަނޑަށް ލޯ ޕާއީ އެއް ލިބޭ ވަރުގެ ވަޒީފާއެއް ވެސް ނުލިބުނު. ބޮނޑިތައް ބޮމުން ބޮމުން ގޮސް ފައިވާން ކަންފަތި ވަމުން ވަމުން ގޮސް އަޅުގަނޑުގެ ފައިވާން ފަޅަފަޅައިގެން ދިޔަ. އެންމެ ފަހުން އަޅުގަނޑުގެ ދެފައި ބިނދުނު.”
“އަޅުގަނޑު ސަރުކާރުގެ އޮފީސްތަކުގައި އާދޭސް ދެންނެވިން. ބައިވެރިވުމުގެ އިމްތިހާނުގައި އިށީނދެގެން އެއްވަނަ ދަރަޖައިގައި ކާމިޔާބުވި. އެހެންނަމަވެސް އަޅުގަނޑަށް ވަޒީފާއެއް ނުލިބުނު. އެ ނުލިބުނީ ކީއްވެގެންތޯ؟ އަޅުގަނޑަށް ވަޒީރު ބޭފުޅެއްގެ އެދިވަޑައިގަތުން ލިބިފައި ނެތިގެން. އެއާ ޚިލާފަށް ވަޒީރު ބޭފުޅެއްގެ އެދިވަޑައިގަތުމުގެ ފަޚުރު ލިބިފައިވާ ކޮންމެވެސް އެހެން މީހަކަށް އެވަޒީފާ ލިބުނީ…”
ތީޖު ސިންގު ސަރުކާރާއި ގަވައިދުތަކާއި އަދި ގާނޫނުތަކުން ކުށް ދައްކަމުން ވިދިވިދިގެން ތިން ގަޑިއިރު ވަންދެން ވާހަކަދައްކަމުން ގެންދިޔައެވެ.
ދެން އޭގެ ފަހުން ސަރިއަތް އެހެން ދުވަހަކަށް ފަސްކުރެވިއްޖެއެވެ.
(ނުނިމޭ)
