ޙަޤީޤީ ޙާދިސާ: ރީތިކަމުން އޭނާ އެދުނުހައި ކަންކަން ކޮށްދިން

އަޅުގަނޑުގެ ޢުމުރުން މިހާރު ވަނީ 50 އަހަރަށްވުރެ މަތިވެފައެވެ. މިކިޔައިދެނީ އުމުރުން 25 ، 20 އަހަރުގައި ހިނގައިދިއަ ކަމެއްގެވާހަކައެވެ.

އަޅުގަނޑަކީ އެއިރު ވަރަށް "ނޯޓީ ބޯއި" އެކެވެ. މަގުމަތިން ފެންނަ އަންހެނުންނާއި ފޮށި ހަދަމެވެ. ޚާއްޞަކޮށް ނިވާކަން ކުޑަ ހެދުން ލައިގެން ހުންނަ އަންހެނަކު ފެނިއްޖެނަމަ ފަހަތުން އަޅުވައިގެން ހިނގާވެސް ހަދަމެވެ.

މިހެން އުޅުމުގެ ތެރޭގައި ބައްދަލުވި އަންހެނެކެވެ. ވަރަށް ރީތި އަންހެނެކެވެ. ބުނީމެވެ. "އެންމެ ބޮޑަށް ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ ﷲ އަށްޓަކައި އިރާދަކުރެއްވިއްޔާ އެކަމެއް ކޮށްދޭނަމެވެ."

ވާހަކަ ދައްކައިލުމުން ފުރަތަމަވެސް އެދުނީ ކަރަންޓްބިލް ދައްކަން 500 ރުފިޔާއަށެވެ. އެއިރު އެއީ ވަރަށް ބައިވަރު ފައިސާއެވެ. އެކަމަކުވެސް ދިނީމެވެ.

އަނެއް ދުވަހު ބައްދަލުވެ ވާހަކަ ދައްކައިލުމުން އެދުނީ ހެދުން ފަހާނެ ފޮތިގަނޑެއް ގަނެދިނުމަށެވެ. ފިހާރައަކަށް ގެންގޮސް 3 ހެދުން ފަހާވަރަށް ފޮތިވެސް ގަނެދިނީމެވެ.

މިގޮތަށް އެކި ދުވަސްމަތިން ބައްދަލުވެ އެތައް ކަމެއް ކޮށްދީފައި އެގެއަށް އަހަރެން ނުގެންދާނަންތޯ ސުވާލުކުރީމެވެ. ބުނީ އެރޭ ޢިޝާނަމާދުން ފައިބާހާއިރު އެގެއަށް ދިއުމަށެވެ. އަހަރެންގެ ބޭނުމަކަށްވެފައި އޮތީ އެގެއަށް ގޮސް މައިންބަފައިންނާއިވެސް ގުޅުން އުފައްދާފައި ކައިވެންޏަށް އެދުމެވެ.

ކޮންމެއަކަސް އެރޭ ދިއައީމެވެ. ވަރަށް އާދައިގެ ފެންވަރުގެ ގެއެކެވެ. ފެންނަފެނުމަށް ވަރަށް ދަތިޙާލުގައި އުޅޭ ބައެކެވެ. އަހަރެން ދިއުމުން ގެއަށް ވައްދައި ގޮނޑިއެއްގައި ބައިންދާފައި "ޙުސެން" އަކަށް ގޮވާލިއެވެ. އޭނާ އައުމުން ބުންޏެވެ. "މިހިރީ އަހަރެންގެ ފިރިމީހާ ޙުސައިންއެވެ. މިއިނީ ﷲ އަށްޓަކައި އަހަރެންނަށް އެއްޗެތި ގަނެދޭ އަދި މިމަހު ކަރަންޓްބިލް ދައްކައިދިން މީހާއެވެ. މިއީ ވަރަށް ހިތްހެޔޮ މީހެކެވެ. ދެމީހުން ރައްޓެހިވާންވާނެއެވެ. "އެހެން ބުނެފައި ގޮސް ޖޫސްތަށްޓެއް ގިރައިގެން ގެނެސް ކައިރީގައި ބަހައްޓައިފިއެވެ.

އިރުކޮޅަކު ވާހަކަދައްކަން އިނދެލާފައި ދާން އުޅެން ފެށިތަނާ އަންހެން މީހާ ވަރަށް މަޑުމަޑުމަޑުން ބުންޏެވެ. "އަބަދުވެސް އެކުވެރިކަން ބާއްވަންވާނެއެވެ. މިހާރު ފިރިމީހާ އާއިވެސް ރައްޓެހިވެވުނީއެވެ. ކަލޭ ކަހަލަ ހިތްހެޔޮ މީހުން ވަރަށް މަދުވާނެއެވެ. އަބަދުވެސް ކަލެއަށްޓަކައި ހެޔޮދުޢާކުރާނަމެވެ."

ކޮންމެއަކަސް އެގެއިން އަހަރެން ނުކުތީ ވަރަށް ރަނގަޅު ފިލާވަޅެއް ލިބިގެންނެވެ. އެއިގެ ފަހުން އުޅުން ބަދަލުކުރީމެވެ. މަގުމަތީގައި ހޫރިއުޅުން ހުއްޓައިލީމެވެ. ބައެއް އަންހެނުންނަކީ ގޯސްބައެއް ނަމަވެސް ވަރަށް ރަނގަޅު އަންހެނުންވެސް ތިބޭކަން ޤަބޫލުކުރީމެވެ.

ބުނަން ހެއްޔެވެ؟ އެއަންހެން މީހާ އާއިމެދު ފުރަތަމަ ނުބައިގޮތްގޮތަށް ވިސްނުނު ނަމަވެސް ފަހުން ވިސްނުން މުޅިން ބަދަލުކޮށް ﷲ އަށްޓަކައި އެދެމަފިރިންނަށް އެހީތެރިވީމެވެ. މިއަދުވެސް އެއީ އަހަރެންގެ އެއްބަނޑު ބައެއްފަދަ ބައެކެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި އަހަރެންގެ އެއާވާރާ އުޅުން އިޞްލާޙްވާން މެދުވެރިވި ސަބަބަކީ އެއަންހެންމީހާއެވެ.

 އަހަރެންގެ ގާތު ކަންކަމު އެދުނީތީ އެކަން ކުށްވެރިއެއް ނުކުރަމެވެ. ސަބަބަކީ އޭނާއަކީ ދަތިޙާލުގައި ހުރި އަންހެނެކެވެ. އަހަރެން ބުނީ އޭނާ އެދޭކަންކަން ﷲ އަށްޓަކައި ކޮށްދޭނެ ކަމަށެވެ. ވީމާ ﷲ އަށްޓަކައި މީހަކު ކޮށްދޭ ކަމެއްގެ ބޭނުން ނުހިފަންވީ އެއްވެސް ސަބަބެއް ނެތެވެ.

 އަހަރެންނަށް ކުރެވުނު ކަންކަން ވެގެންދިއައީ ލެއްވެވި ވަރަށް ބޮޑު ރަޙްމަތަކަށެވެ. ކުރިން ބުނިފަދައިން އަހަރެންގެ އުޅުން އިޞްލާޙްކޮށް، ކައިވެނިކޮށްގެން ރަނގަޅު ގޮތުގައި ދިރިއުޅެންފަށަން މަގުދައްކައިދިން ސަބަބަކަށްވީތީއެވެ.

–ޙުސައިން ރަޝީދު 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *