މީޑިއާ: ވަސްމީރު މައުމެލާމެލީގެ ބަގީޗާއެއް

މީޑިއާއަކީ ވަސްމީރު ގިނަ މައުމެލާމެލީގެ ބަގީޗާއެއް ކަމަށް ބުނުމުން ޤަބޫލުފުޅު ކުރައްވަން ދަތިފުޅު ވެދާނެއެވެ. އަޅުގަނޑުމެންނަށް މީޑިއާ ބޭނުން ކުރެވެމުންދާ ގޮތުންނެވެ. އެހެންނަމަވެސް ކާމިޔާބު ލަނޑު ދަނޑިއަކަށް ވާޞިލް ވުމަށް، އެދޭ ކޮންމެ މީހަކުވެސް، ޖަމާޢަތެއްވެސް، އަދި ސިޔާސީ ޕާޓީއެއް ކަމަށް ވިޔަސް ޤައުމަަކަށް ވިޔަސް، މިހިތްފަސޭހަ ބަގީޗާއަށް ވަންނަން މަޖުބޫރުވެއެވެ.  

މި ބަގީޗާގައި ނުރައްކައުތެރި ޖަނަވާރެއް ނޫޅެއެވެ. ބިރުވެރިކަމެއް ނޯވެއެވެ. އަޑިގުޑަންތަކެއް ނުހުރެއެވެ. ކުނި ފެންގަނޑު ތަކެއް ނުހުރެއެވެ. އެހެންނަމަވެސް ތަފާތަކީ، މިބަގީޗާވެސް، ބަގީޗާގެ ގޮތުގައި ރީތިކަންމަތީ ބެލެހެއްޓުމަކީ، އެއިރެއްގެ ދިރިތިބީންގެ މައްޗަށް ވާޖިބުކަމެކެވެ. އެހެންނުވެއްޖެނަމަ، ބަގީޗާ ޖަންގައްޔަކަށް ބަދަލުވެ ނުރައްކައުތެރި ބިރުވެރިތަނަކަށް ވެދާނެއެވެ. އަޅުގަނޑުމެން މިދެކޭ މީޑިއާގެ ދައުރު، ބިރުވެރިނާމާންތަނެއްގެ ގޮތުގައި ފެންނަމުން މިދަނީ، ނުވަތަ މީޑިއާ އޭ ބުނާއިރަށް ހީބިހި ނަގައިގެން މިދަނީ، ބަގީޗާ ސާފުނުކޮށް ދާނެގޮތަކަށް ދާން ދޫކޮށް ލެވިގެންނެވެ.  

ޙަޤީޤީ މީޑިއާއަކީ ތެދުބަހުން، މަޢުލޫމާތު ފޯރުކޮށް ދިނުމުގެ ވަޞީލަތެކެވެ. ދިރާސާގެ އަލީގައެވެ. ފެކްޓްސް ގެ މަތީގައެވެ. މީޑިއާ އަކީ، ދޮގު ޚަބަރުގެ މައްޗަށް ޔޯލައިގެ މައްޗަށް ބިނާކުރަންޖެހޭ ވަޞީލަތެއް ނޫނެވެ. މަޑުމައިތިރިކަމާއި އޯގާތެރިކަމާއިއެކު ކުރެވޭ މުޢާމަލާތެކެވެ. ހަރުކަށިކަމާއެކު ހަޅޭއްލެވުމުގެ އުޞޫލެއްނެތެވެ. ރީތި ސިފަކޮށްދިނުން ތަކެކެވެ. ބޭނުންކުރެވެނީ ފެކްޓްސް އެވެ. އައިވިތުނަސް ރިޕޯރޓްފަދަ ތަކެއްޗެވެ. އަނެކާއަށް ތިމާގެ، ތިމާމެންގެ ޙާލަތު ބުނެދިނުމެކެވެ. ވަގުތު ފާއިތުނުކޮށެވެ، ތާޒާކަންމަތީގައެވެ.  

ލޯބިވެރިޔާގެ ލޯބި ކާމިޔާބު ކުރުމަށްވެސް ބޭނުން ކުރަނީ މީޑިއާ އެވެ. ފޯރުކޮށްދެނީ އޯގާވެރި ބަސްތަކެވެ. އެކަމަށް ދަހިވެތިވެ ފެންބޮވާ ގެންފައިވާ މިންވަރު ބަޔާންކޮށް ދިނުމަށެވެ. ޙާޞިލްވެއްޖެނަމަ އުދުހޭނެ "މަންޒިލް" ތަކަުގެ ވާހަކަތައްވެސް ޙަޤީޤަތުގެ މައްޗަށް ބުރަވެއެވެ. ވީހާވެސް "ފަށުވި" ބަސްމޮށުންތެރި ކަމުގެ ތެރެއިން، ސިޓީގެ ޛަރީޢާއިންނެވެ. ސިޓީ، މެސެޖް އިންނެވެ. މީހުން މެދުވެރި ކޮށެވެ. 

ޖަމާޢަތްތަކުންވެސް ހަމަ މިވާހަކަ ތަކެވެ. "ފަށުވީގެ އެހެން ފޭރާމަކުން" ނެވެ. ސިޔާސީ މީހުންވެސް ހަމަ މިވާހަކަ ތަކެވެ. "އަނެއްކާވެސް އެހެން ފަށުވި ފޭރާމެ" ކެވެ.  

މީޑިއާގެ ބާރު، ބޭނުންތެރިކަން، މީހުންނަށް އެގި ދިއުމުގެ ސަބަބުން، މީޑިއާއަކީ ، ކިޔަވައިގެން ކުރެވޭ ޕްރޮފެޝަނަލް މަސައްކަތަކަށް  ހަދައި ފިއެވެ. ސިލަބަސްތަކެއް އުފެދިއްޖެއެވެ. އުގެނިގެން ކުރެވޭ މަސައްކަތަކަށް ހެދީއެވެ.  މީޑިއާ ބެލެހެއްޓުމުގެ ޒިންމާ އުފުލަން ފެށީއެވެ.  މިއަދު އެއީ، ބަލާލަންރީތި ވަސްމީރު އެތައް މައުމެލާމެލީގެ ބަގީޗާ ތަކެކެވެ. މައުމެލާމެލީގެ އިތުރުން، ދޫނީގެ ރީތިއަޑުތައް، ސާފު ފެންގަނޑުތަކުގެ ހިތްފަސޭހަކަން،" ފެންއަރުވާ ވަޑާންފަދަ ތަންތަން" ބަގީޗާ ހިތްފަަސޭހަކަމަށް ވަނީ އިތުރު ކުރެވިފައެވެ. މިރީތި "ބަގީޗާ" އަށް ޗެނެލްތަކުން ވަދެއްޖެނަމަ ، މީޑިއާގެ ހިތްފަސޭކަން، 4 ވަނަ ބާރެކޭ އެބުނާބުން ފެންނާނެ ކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. ބަދަލުވާންވީ އުނގެނިގެން މީޑިއާގެ ބޭނުން ހިފުމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *