މަދަރުސާއަށް ކިޔަވަންދާ ދަރިފުޅަށް އެހީތެރި ވުމުގެ ނަމަުގައި، މައިންބަފައިންނަށް ޚާއްޞަކޮށް މަންމަ އިން ހަދަމުންދާ އެއްގޯހަކީ، އެކުދިންގެ ކިޔެވުމަށް އެހީތެރިވުމުގެ ނަމުގައި، އެކުދީންގެ ފިލާވަޅުތައް މައިންބަފައިން ހަދާދިނުމެވެ. ނުވަތަ ހެއްދެވުމެވެ.
ސަލީމް މަދަރުސާގެ ގަޑި ނިންމާފައި ނުކުތުމުން، މަންމަ ދަރިފުޅުގެ ފޮތްތައް ބެލިއެވެ. މަންމަގެ ވިސްނުން ދިޔައީ ދެން އަންނަ ދުވަހަކަށް ދަރިފުޅު ހޯދަންޖެހޭ ފޮޓޯ ތަކަކަށެވެ. ދަރިފުޅަށް އެ ކަރުދާސްކޮޅު ނުފެންނަނީސް މަންމަ އެކަރުދާސްކޮޅު ނަގާ ޕްރިންޓް ކުރާ ތަންނަށް ދުއްވައިގަތެވެ. ފޮޓޯތައް ޖަމާކޮށް ޕްރިންޓް ކޮށްލުވިއެވެ. އަދި ދަރިފުޅު އަތަށް ގެނެސްދިނެވެ. ދަރިފުޅު އެފޮޓޯތަކަށް މާބޮޑު ބެލުމެއްނެތި ދަބަހަށް ލިއެވެ. މާއްދާ ދެން އޮންނަ ދުވަހަކަށް މަސައްކަތް ނިމުނީ އެވެ. ޓީޗަރ ފޮޓޯތައް ބެއްލެވިއެވެ. ސަލީމްއާ އެކިއެކި ފޮޓޯތަކާ ބެހޭ ގޮތުން ސުއާލު ކުރެއްވިއެވެ. އަދި ފޮޓޯތަކުގެ ތެރެއިން "އަށްކަންވަޅުގެ ފޮޓޯ ނެންގެވިއެވެ. އެ ފޮޓޯއަށް ބައްލަވަން އިންނަވާފައި ބުނުއްވިއެވެ. ހުރިހާކުދިންގެ އަތުގައިވެސް މިހުރީ ހަމަ އެއް ފޮޓޯތަކެކެވެ. މާލޭ ހުކުރު މިސްކިތުގައި ހުރި "އަށްކަން" ވަޅެވެ. އަދި ސަލީމްގެ ފޯނު ސަލީމް އަތުން އަތުލެއްވި އެވެ. ހުކުރުމިސްކިތަށް ގޮސް، މިފޯނުން ސަލީމް ފޮޓޯއެއް ނުނެގީ ކީއްވެ ހެއްޔެވެ. ސަލީމް ބަސްހުއްޓި ހަމަހިމޭންވެފައި އިރުކޮޅަކު ހުރުމަށް ފަހު، ބުނެފިއެވެ. " ސަރ!" "ފޮޓޯ ޖަމާކުރުމަށް ސަރ ދެއްވި ކަރުދާސްކޮޅު، އަޅުގަނޑު މިބަލާލީ ކްލާހަށް އައިސްފައި. ފޮޓޯތައް ހޯއްދަވާ ދެއްވީ މަންމަ."
މިއީ މިއަދު ގެ ދަރިވަރުން ސްކޫލްތަކުގައި ކިޔަވަމުންދާގޮތުގެ ކުޑަ މިސާލެކެވެ. މި ކިޔެވުން ކިޔަވައިގެން ކްލާހަކަށްފަހު، ކްލާހެއް ކަޑައްތުކޮށް، ކުދިން މޮޅުވެ، ސްކޫލްވެސް ނިންމަނީ އެވެ. އޮފީސްތަކަށް ވެސް ވަންނަނީ އެވެ. ނަގައިގެން ހުރި ފާހާއި އެއްވަރުގެ ވަޒީފާތަކަށް ވަދެ، ޒިންމާދާރުކަމާއި އެކު މަސްއޫލިޔަތު އުފުލަން ޖެހުނީއެވެ.
މިހިސާބުން ދެންފެންނަނީ އެ މުވައްޒަފްގެ ނުުކުޅެދުންތެރި ކަމެވެ. ޙަވާލުވެފައި ހުރި މަސައްކަތްތަކާއިގެން ހިގައިގަންނާކަށް ކުރިއަށް ދާކަށް ނޭނގުނެވެ.
އޮފީހުން މިލިބުނު މާޔޫސްކަންމަތީ ، އެކި ކުދިން އެކިކަހަލަ ޙާލަތްތަކަށް ފުރޮޅިގެން އެބަދެއެވެ. ވަޒީފާ ދޫކޮށް ބައެއް ކުދިން ވިޔާނުދާ ކުދީންނާގުޅި ހަލާކުވެ ދަނީއެވެ. މަސްތުވާތަކެތީގައިވެސް ޖެހެނީ އެވެ. އަނެއްބައި ކުދިން މަސައްކަތެއް ނުކޮށް ގޭގައި ނެގިމަޑުވެފައި ތިބޭ ކުދީންނަށް ވަނީއެވެ. ދަރިފުޅަށް އެހީތެރި ވުމުގެ ނަމުގައި ކިޔެވުމުގައި އެ ދަރިފުޅު ނަގަންޖެހޭ މަސްއޫލިއްޔަތުގެ ތެރެއަށް މައިންބަފައިން ވަނުން ދޫކޮށްލައިފިނަމަ، އެކުދިން ނުކުންނާނީ ޙަޤީޤީ މޮޅުކުދީންގެ ގޮތުގައެވެ. ރީތި ފޭރާމުގައެވެ.
ދަރިފުޅަށް މިވީ ގޮތެއް މައިންބަފައިން ނަކަށް ނޭނގުނެވެ. އެމީހުން ބުނަނީ ދަރިފުޅު ރަނގަޅަށް ކިޔަވައިގެން ފާސްވެ، ވަޒީފާއަށް ވެސް ނުކުތްކަމަށެވެ. ކުއްލިއަކަށް އައި ބަދަލެއް ކަމަށެވެ. މިވެސް މުޖްތަމަޢުގެ ފޭރާން ވީދި ޒުވާން ޖީލު ހަލާކު ވުމުގެ އެއް ސަބަބެވެ.
