ފަހުގެ ތާރީޚުގައި ރާއްޖޭގައިވެސް އެ މައްސަލައެއްގެ މައްޗަށް އެންމެ ގަދައަށް ބަހުސް ކުރެވޭ އެއް ވާހަކައަކީ ޖިންސީ ގޯނާގެ ވާހަކައެވެ. ޖިންސީ ގޯނާގެ މައްސަލައެއް ފެންމަތިވާ ދުވަސްވަރެއްގައި މީސް މީޑިއާ ގެ އެކި މަންސަހު ތަކުގައި އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ ރޭޕްގެ ވާހަކައެވެ. އަނިޔާ ދޭ މީހުން ހިފާ ހައްޔަރުކުރުމަށް ގޮވާ އަޑުތަކެވެ. ރޭޕް ކުރި ކުދިންނަށް އިންސާފު ހޯދަން ގޮވާލާ ޖަމާޢަތްތަކުގެ ޚަބަރުތަކެވެ. ނަމަވެސް ދުވަސްކޮޅެއް ވުމާއެކު، ނުވަތަ އިތުރު ޚަބަރެއް ލިބުމުން މިވާހަކައިގެ އަޑު މަޑުވެއެވެ. އަދި ރޭޕްގެ ޝިކާރައަށް ވި ކުއްޖާއަށް ގިނަފަހަރު އިންސާފުވެސް ނުލިބެއެވެ. މިކަމުގެ ނަތީޖާއަށް ވެގެން ދަނީ ކުށްވެރިޔާ މުޖުތަމަޢު ތެރެއަށް ދޫވެ އިތުރު ކުދިންތަކެއްގެ ދިރިއުޅުން ހަލާކުވެ ދިއުމެވެ.
އެންމެ ދެ އަހަރުގެ ތުއްތު ކުދިންވެސް ރޭޕްކޮށްފައި ހުރި މައްސަލަތައް އެބަ ފެންމަތިވެއެވެ. ބައްޕައިން ދަރިންނާއި، ދޮންބައްޕައިން ދޮންދަރިންނާއި އަދި އެކިއެކި މަތީ މަގާމުތަކުގައި ތިބި ވެރިން އެމީހުންގެ ދަށުގައި މަސައްކަތް ކުރާ މުވައްޒަފުންނާއެވެ. އާންމުކޮށް މިފަދަ ކަންކަން ދިމާވަނީ ފުރާވަރުގެ ކުދިންނަށެވެ. ބޮޑެތި މީހުންނަށް ޖިންސީ ގޯނާކުރުމެ މައްސަލަތައް ވެސް ފެންނަވަރު މަދެއް ނޫނެވެ.
މިހާތަނަށް ރާއްޖޭގައި ޖިންސީގޯނާގެ އެތައްސަތޭކަ ކޭހެއް ޖެންޑާ މިނިސްޓްރީގައި ރިކޯޑް ކުރެވިފައި ވެއެވެ. ނަމަވެސް، ލަދުންނާއި، ބިރުގަތުމާއި، މީހުން ކިޔާނެ އެއްޗިސާއި މެދު ވިސްނާ ކަމާބެހޭ ފަރާތްތަކާއި ހިސާބަށް ނައިސް ހުރި މައްސަލަތައް ކޮބާހެއްޔެވެ؟ ގިނަފަހަރު މިފަދަ ކަންކަން އޮބިފައި ނުވަތަ ސިއްރުވެފައި ހުންނަ ސަބަބަކީ، ކުށްވެރިޔަކީ ސިޔާސީ ގޮތުން ނުފޫޒުގަދަ މީހަކަށް ވުމާއި އަދި މުދަލާއި ފައިސާގެ ގޮތުން ބާރުވެރި މީހަކަށް ވުމެވެ. ނުވަތަ އާއިލާއެއްގެ އިސްމީހެއް ކަމުގައި ވުމެވެ. ނަމަވެސް ގޯނާގެ ޝިކާރައަކަށްވި ކުއްޖާގެ ހައްގުތައް ކޮބާ ހެއްޔެވެ؟ އިންސާފު ކޮބާހެއްޔެވެ؟
"އަހަރެންނަކީ ރަށުގެ ތަނަވަސް އާއިލާއަކަށް ނިސްބަތްވާ ކުއްޖެއް. ތިން އަންހެން ކުދިން ގޭގައި ތިބޭއިރު އެންމެ ހަގު އަންހެން ކުއްޖާ. ދައްތަގެ ފިރިމީހާގެ އުނދަގުލާހެދި މިއުޅެނީ ރަށުން ބޭރުގައި." ނަން ހާމަ ކުރަން ނޭދޭ ޒުވާން އަންހެން ކުއްޖެއް ކިޔައިދިނެވެ.
އޭނާއަކީ ތަޢުލީމީ ދާއިރާއިން ކިޔަވައިގެން ހުރި ކުއްޖަކަށް ވާތީ ރަށުން ބޭރުގައި ވަޒީފާ އަދާކުރެވިދާނެއެވެ. އަދި ކުށުގެ ވެށިން ސަލާމަތްވެސް ވެވިދާނެއެވެ. އެހެންނަމަވެސް މައްސަލަތައް ކުރިމަތިވާ ގިނަ ކުދިންނަކަށް މިފަދައިން ކުށުގެ ވެށިން ސަލާމަތެއް ނުވެވެއެވެ.
ކުޑައިރު އާއިލީ މީހެއްގެ ފަރާތުން ޖިންސީ ގޯނާ ލިބޭ ވާހަކަ އަކީވެސް ވަރަށް އާންމު ވާހަކައެކެވެ. ބޮޑުބެއެއްގެ ފަރާތުން ނުވަތަ ކާފައެއްގެ ފަރާތުން ގޯނާ ލިބޭވަރުގިނަ ކަމަށް މީހުންގެ ވާހަކަތަކުންނާއި ނޫސްތަކުގައި ވަރަށް ގިނައެވެ. ފިރިހެނުންގެ ފަރާތުން ފިރިހެން ކުދިންނަށާއި، އަންހެނުންގެ ފަރާތުން އަންހެން ކުދިންނަށް ވެސް ޖިންސީ ގޯނާ ލިބޭ ވާހަކައަކީވެސް ދައްކަން ޖެހޭ ވާހަކައެކެެވެ.
ރާއްޖޭގައި މިފަދަ އެތައް މައްސަލައެއް ފެންމަތިވެ، މި ވާހަކަތައް ދައްކަން ނުކެރި ތިބި އެތައްހާސް ބަޔެއްގެ އުންމީދަކަށް ވީ ފޭސްބުކްގައި އައުސަމް އަލީ އިސްނަގައިގެން ހުޅުވި، "ޖަސްޓިސް ފޯ ސަވައިވާސް" ގްރޫޕެވެ. އެ ވާހަކަ ކިޔައިދޭ ފަރާތަކީ ކާކުކަން ނޭނގޭ ގޮތަށް ދިމާވި ހާދިސާތައް ޙިއްސާކުރުމަށް ފުރުސަތު ހުޅުވަލުމައެކު އެ ގްރޫޕް މެދުވެރިކޮށް، އެތައް ހާސް ދިވެހިންނެއް އަމިއްލަ ވާހަކަތައް ޙިއްސާ ކުރަމުން ގެންދިޔުމެވެ. އެ ޕޯސްޓްތައް ކިޔާލާއިރު ލޮލުން ކަރުނަ ހިލިގެންދާ ވަރުގެ ހިތާމަވެރި އަދި ހިތުގައިޖެހޭ ފަދަ ވާހަކަތައްވެސް ފެނެއެވެ. ނަމަވެސް އެއިން އިންސާފު ލިބިފައިވަނީ އިނގިލިން ގުނާ އަދަދު ކުރެވޭހާވެސް މަދު ބަޔަކަށެވެ.
މައްސަލައެއް ފެންމަތިވެ ކުށްވެރިޔާވެސް ބަންދު ކުރެއެވެ. ނަމަވެސް މަދު ދުވަސްކޮޅެއްގައި ތުހުމަތު ކުރެވޭމީހާ މިނިވަން ކަމާއިއެކީ މަގުމަތީގައި އުޅޭތަން ފެނެއެވެ. އޭގެފަހުން ވާއެއް ނުވާއެއް ނޭނގި އެ ވާހަކަ ދެކެވޭތަނެއް ނާދެއެވެ. ކަމާބެހޭ މުއައްސަސާ ތަކުންވެސް މައްސަލަ ކުރިއަށް ގެންދާ ބާރުމިން ލަސްކަމަށް ވެދާނެއެވެ. މިއާއެކު ކުށްވެރިޔާ ދޫވެ، އިތުރު ބައެއްގެ ދިރިއުޅުމަށް ފައިން އަރަން ފުރުސަތު ލިބިގެން ދެއެވެ.
