މި އަދުގެ ޒުވާން ކުދިން ދަރިމައިނުވުމުގެ މައްސަލަ، ދިވެހި މުޖްތަމަޢުަގައި ކޮންމެވެސް މިންވަރަކަށް އެބަ ގުގުމައެވެ. މީހުންގެ މެދުގައި އެވާހަކަ އެބަ އާދެ އެވެ. ރައްޔިތުންގެ މަޖްލިސްގައިވެސް ބައެއްމެމްބަރުން މަޖްލިސްގެ ސަމާލުކަމަށް ގެނެސްފި އެވެ. އެހެންނަމަވެސް، އަދި އެކަމާއި މެދު މާބޮޑު ބަޙުސްތަކެއް ނުހިނގައެވެ.
އަޅުގަނޑުމެން ބޮޑުވެގެން އައިއިރު، މީހަކާ ނީނދެ ތިބޭ ، އަދި އިނދެގެން ދަރިޔަކު ނުލިބި ތިބޭ، ޒުވާން ފިރިހެން ކުއްޖެއް އަދި އަންހެން ކުޖެއްގެ ގާތުވެސް، އޭނާ، އެންމެ އުފާވާނެ ދުވަހަކީ ކޮބައިތޯ ސުއާލުކޮށްފިނަމަ، ޖަވާބަކަށް ވަނީ، " އެންމެ އުފާވާނެ ދުވަހަކީ ބައްޕާއޭ، ނުވަތަ މަންމާއޭ ގޮވާލާނޭ ތުއްތު ދަރިފުޅު އުފަންވާ ދަުވަސް " ކަމުގައި އެކުދިން ބުނެއެވެ.
ރޭޑިއޯގައި "ތާރީޚާއި އާދަކާދަ" ހަދަމުން ދިޔަ ދުވަސްވަރު، މަޢުލޫމާމާތު ފޯރިކޮށްދެއްވި ބޭފުޅުންގެ ފަރާތުން އެނގުނު ގޮތުގައި، ދިވެހި ޢާއިލާއެއްގެ ތެރެއަށް ކުޑަދަރިފުޅަކުު އުފަންވާން ތައްޔާރުވާ ހިސާބުން، ދެފަރާތުގެ ޢާއިލާއިންވެސް، އުފަންވާން އުޅޭ ދަރިފުޅު ސަމާލުކަމަށް އާދެއެވެ. ﷲ ގެ ރަޙްމަތްފުޅާއި އެކު، ދެއާއިލާއަށް އަންނަން މިއުޅޭދަރިފުޅުގެ މަންމަ ބެލެހެއްޓުމުގެ ޒިންމާ ދެ ޢާއިލާއިންވެސް ނަގަން ފަށައެވެ. ވިހަން ތައްޔާރު ވަމުންދާ ދަރިފުޅު، ދުޅަހެޔޮ ޞިއްހަތެއްގައި ބޭންދުމަށް ގަދަ އަޅާ މަސައްކަތް ކުރެއެވެ. ވިިހެއުމުގެ ދަުވަސް ކައިރި ވެގެން އަންނައިރު، ޢާާއިލާގެ ތެރެއަށް އުފާވެރިކަން އަންނާނެ ހުރި ހާކަމެއް، ދެފަރާތުގެ އާއިލާ ގުޅިގެން ކުރެއެވެ. ފޫޅު މައިންނާ ގުޅުން އުފައްދައެވެ. ޚަރަދަކީ ދުޅަހެޔޮ ލޯބި ދަރިފުޅެއް އުފަންވުމެވެ.
ވިހަން ތައްޔާރުވަމުންދާ އަންހެން ކުއްޖަކީ، މައިންބަފައިންގެ ލޯތްބާއި އަޅާލުން ލިބިފައިވާ، އެކަނިވެރިކަމެއް ބިރުވެރިކަމެއް ނެތް އުފާވެރި އަންހެން ކުއްޖެކެވެ. އަދި މިިކަންވެގެންދަނީ ދެފަރާތުގެ ޢާއިލާގެ ގުޅުންވެސް ބަދަހިވެގެންދާ ކަމެއްގެ ގޮތުގައެވެ.
މިކިޔައިދިން ވާހަކަ ޤަބޫލުކުރަން ދަތިވާނެއެވެ. ޢަޅުގަނޑުގެ ޙަޔާތުގައިވެސް، މިކަން މިގޮތަށް ހިގާފާނެކަމަށް ޤަބޫލުކުރަމެވެ. މިފެންވަރުގައި ނޫނަސް، އަޅުގަނޑުމެންގެ މައިންބަފައިންވެސް، މިކަންކަން ދެކެފައި ވެއެވެ. މިގުޅުން ބަދަހި ވުމުގައި އޭރުގެ ކައިވެނީގެ ގުޅުން އުފެދޭ ގޮތް މިއަދާއި ތަފާތެވެ. އޭރުގެ ގިނަކައިވެނިތައް ކުރެވެމުން ދަނީ، ދެފަރާތުގެ އާއިލާއިން މަޝްވަރާކުރެވިގެން ދެފަރާތުގެ މެދުގައި ޖަހާލެވޭ "ގޮށެއް" ގެ ގޮތުގައެވެ. ބުނެވޭ ގޮތުގައި ޢާއިލީ މި ނިންމުމަކަށް ދެކުދިންވެސް ދެކޮޅު ވަރަށް ނުހަދައެވެ.
މިއަދުގެ ޒަވާޖީ ޙަޔާތުގެ ގުޅުންތައް ތަފާތެވެ. މިއަދު ކުދިން ހޯދަނީ އެކުދިން އަމިއްލަ އަށެވެ. ދިރިއުޅުން އިޚްތިޔާރުކުރަނީ މައިންބަފައިންނާއި ވަކިންނެވެ. އެއް ޢާއިލާއެއްގެ ތެރޭގައި އުޅޭ ޅަ ދެމަފިރިންވެސް ގޭގައިވެސް އިޚްތިޔާރު ކުރަނީ ވަކި ދިރިއުޅުމެކެވެ. ވަކި ބިސީި އެއްގެ ގޮތުގައެވެ. ނަތީޖާއަކީ ގޭތެރޭގައިވެސް އެކަށިގެންވާ ގާތް ގުޅުމެއް އަލަތު ކައިވެންޏަށް ލިބިގެން ނުދިއުމެވެ. އަނެއްބައި ކުދިން އިޚްތިޔާރު ކުރަނީ ކުލީ ތަނެކެވެ. އަލަތު ކައިވެނީގެ މިދެފަރާތަށްވެސް ކައްކައި ކައިބޮއި ހެދުން އޮތީ އުދަނގޫކަމެއްގެ ގޮތުގައެވެ. ނަތީޖާއަކީ ލިބޭ އާމްދަނީންވެސް ދެކޮޅު ނުޖެހުމެވެ.
އަލަތުކައިވެނީގެ ބައިވެރީންނަށް ފްލެޓް ދޭން ރައީސް ޔާމީންގެ ސަރުކާރުން ނިންމެވި ނިންމެވުމަކީ ހާދަ ރަނގަޅު ނިންމެވުމެއް ކަމަށް ދެކެމެވެ. އަލަތު ކައިވެންޏާއި އެކު ފްލެޓެއް ލިބުން ވާނީ "މަރުވަމުންދާ ދިވެހި އާބާދީ" އަލުން އާރޯކަމާއި އެކު ހެދި ފޯދެން ފެށުމެވެ.
