ޒީލަން (3)

(16 މާރިޗު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކުއްލިއަކަށް ފަޒީންގެ ފޯން ރިންގް ވެއްޖެއެވެ. މިއަޑަށް ޒީލަންއަށް ސިހިފައި އަޑުއަންނަ ދިމާއަށް ބަލާލެވިއްޖެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދެމީހުންގެ ހަތަރުކަޅި ހަމަކޮށްލެވިއްޖެއެވެ. ޒީލަން ގަތްލަދުންނާއި ބިރުން ރޫރޫ އަޅައިގަތެވެ. ވަގަކު ވައްކަންކުރަން އުޅުނީމާ ވާފަދަ ގޮތަކަށެވެ. އޭނާ ބޭރަށް ނިކުންނަން އުޅުނެވެ.

”ޒީލަން”  ފަޒީން ގޮވާލެއްވިއެވެ.

ޒީލަންއަށް ހުއްޓެވިއްޖެއެވެ. އަދި  އިސްޖަހާލިއެވެ. އެ ހަރުކަށި އަޑަކީ އޭނާ ބިރުގަންނަ އަޑެކެވެ.

”އަޅު..  އަޅުގަނޑު ފޮތެއް ހޯދަން؟”  އޭނާ ބިރުގެންފައި ހުރިވަރުން ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.

”ޒީލަން ފޮތްކިޔާހިތްވޭތަ؟”

”ލައްބަ.” އޭނާގެ އަޑު ނިކުންނަނީ ކިރިޔާއެވެ. މިފަހަރު ފަޒީނު އަރިހުން އޭނާ ސަލާމަތްކަން ހޯދާނީ ކިހިނެއްކަމެއް ނޭނގުނެވެ. މިފަހަރު އޭނާ މާފުކުރާނެ ކަމެއްވެސް ނޭނގެއެވެ.

”ޒީލަން ބޭނުންނަމަ މިތަނުން ފޮތްނަގައިގެން ކިޔަންވީ. މިގޭގައި އުޅޭ އެއްވެސް މީހެއް ފޮތްކިޔާ ހިތުން މިތަނަށް ވަދެފައެއްނެތް؟” ޒީލަން ފޮތްކިޔަން ޝައުގުވެރިކަން ހުރީތީ އޭނާ އުފާކުރެއްވިއެވެ. އެހެންމީހަކަށް އިތުރަށް އެއްޗެއް އެނގުމަކީ އޭނާއަށް ލިބިލައްވާ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ތައުލީމީ ބޭކަލުން އަބަދުވެސް އެދިލައްވާނީ އެމީހުންގެ ފުށުން އެހެން ބަޔަކަށް އިތުރަށް އެއްޗެއް ދަސްކޮށްދެއްވޭތޯ ބެއްލެވުމަށެވެ. ފަޒީނަކީ ވެސް އެފަދަ ބޭކަލެކެވެ.

ޒީލަން އެއްބަސްވެލުމުގެ ގޮތުން ބޯޖަހާލިއެވެ. ފަޒީނު އިތުރުއެއްޗެއް ނުބުނުއްވަނީސް އޭނާ މަޑުމަޑުމަޑުން އެތަނުން ނިކުންނަން ހިނގައިގަތެވެ. އޭނާ ބޭރަށް ނިކުމެވުމާއެކު ދުއްވައިގަތެވެ. ކޮޓަރިއަށް ވަދެފައި ހަމަޖެހިލިއެވެ. މާނޭވާއެއްލާފައި ގޮނޑީގައި އިށީނެވެ. އަދި ފަޒީނު ރުޅިނުދުރުވެ ސަލާމަތްވެވުނީތީ އުފާވެސް ވިއެވެ. ނަމަވެސް ފަޒީނަކީ އެގަޑީގައި އެތަނަށް ވަންނަވާ ބޭކަލެއް ނޫނެވެ. އަނެއްކާ އޭނާ މިއަދު ވާންޖެހޭނީ ރިސޯޓުގައެވެ. އޭނާ މާލޭގައި އުޅުއްވާކަން އެނގުނުނަމަ ޒީލަން އެކޮޓަރިއަކަށް ނުވަނީހެވެ.

ރިސޯޓުގައި އޮތް މީޓިން ކެންސަލުވުމުގެ ސަބަބުން ފަޒީން ނުދުރުވީއެވެ. އެހެންނަމަވެސް ގޭ މީހުންނަށް އެކަން އެގޮތަށް އަންގަވާފައި ނުވާތީ އެއްވެސް މީހަކަށް އޭނާ ގޭގައި އުޅުއްވާކަމެއް ނޭނގެއެވެ. އޭނާ މެންދުރު ކޭންބެއްލެވީ ވަރަށްގާތް ރައްޓެއްސަކާއެކު ބޭރުންނެވެ. ނަމަވެސް އޭނާ ބޭރުން ކޭންބައްލަވަން އެއްވެސް ޝައުގުވެރިކަމެއް ނުހުރެއެވެ. މެންދުރު ކޭންބެއްލެވުމަށްފަހު އެއްވެސް އެއްޗެއް ކޭންނުބައްލަވާތީ އޭނާވަނީ ވަރަށް ބަނޑުހައިވެލައްވާފައެވެ. އެހެންކަމުން އޭނާގެ އާދައިގެމަތިން އަމިއްލައަށް ކޮފީއެއް ހައްދަވަން ބަދިގޭގައި އުޅުއްވިއެވެ.

ނިދުމުގެ ކުރިން ފެންފުޅިއެއް ބަލާ އައި ޒީލަންއަށް ބަދިގެއަށް އާދެވުނީ އެވަގުތުއެވެ. ފަޒީން ފެނުމުން އޭނާ އަވަހަށް ފަޒީނަށް ފެނިލެއްވުމުގެ ކުރިން އެތަނުން ދިއުމަށްޓަކައި ނިކުންނަން ހިނގައިގަތެވެ.

”ޒީލަން.” އޭނާ ޒީލަންއަށް ގޮވާލެއްވިއެވެ. ޒީލަން އެއައީ ކޮންމެވެސް ބޭނުމެއްގައިކަން ފަޒީނަށް އެނގިލެއްވިއެވެ. އޭނާ ހުރުމުން ޒީލަން ދަނީކަން އިހުސާސް ކުރެއްވުނެވެ. ޒީލަން ހުއްޓުނެވެ.

”ކުކުޅުބިހެއް ނޯންނާނެތަ؟” ފަޒީން ބިސްގަނޑެއް އެޅުއްވުމަށްޓަކައި ބިހެއްފެނޭތޯ ތަންތަން ބެއްލެވުމަށްފަހު ފެނި ނުލެއްވެމުން އެއްސެވިއެވެ.

ޒީލަން ކަބަޑެއް ހުޅުވާލާފައި ބިހެއްނެގިއެވެ.

”އަޅުގަނޑު އަޅައިދެންތޯ؟” ޒީލަން އެގޭގައި އުޅެނިކޮށް ފަޒީނު އަމިއްލައަށް ކަންތައް ކުރެއްވުމަކީ އޭނާ އެދޭކަމެއް ނޫނެވެ. ޒީލަންގެ ވަޒީފާއަކީ އެކަންތައްތައް ހަމަޖެއްސުން ކަމަށްވާތީ ވަރަށް ލަދުންހުރެފައި ނަމަވެސް ނަންގަތެވެ.

”އެންމެ ރަނގަޅު.” ފަޒީން ކޮފީތަށި ބެހެއްޓެވުމަށްފަހު މޭޒުކައިރީގައި ހުރި ގޮނޑިގައި އިށީންނެވިއެވެ. އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. މުޅި ތަނަށްވެރިވެފައިވަނީ ހިމޭންކަމެވެ.

” ޒީލަންގެ މައިންބަފައިންކޮބާ؟” އެންމެ ފަހުން އޭނާ އެއްސެވިއެވެ.

ޒީލަން އެއަޑަށް ސަމާލުވެވުނެވެ. ތަވާ އުދުންމައްޗަށްލާން ގެންދިޔައަތަށް ހުއްޓުން އެރިއެވެ. ފަޒީން އޭނާގެ ހަޔާތާއި މެދު ސުވާލު ކުރެއްވުމުންނެވެ. އޭނާއަކީ ކިހާވަރެއްގެ ކުއްޖެއްކަން އެނގޭނަމަ ފަޒީނުފަދަ ބޭކަލަކު އެސުވާލު ނުކުރައްވާނެކަންެ އެނގޭތީއެވެ. އޭނާއަކީ ބައްޕަ ނެތް ކުއްޖެއްކަން ނަންގަންނަން ޖެހިލުންވާތީއެވެ. ޒީލަން އެއްޗެއް ނަންގަންނަން އުޅުނެވެ. ނަމަވެސް އޭނާގެ އަޑެއް ނުނިކުތެވެ. އޭނާ އެހާވެސް ޖެހިލުންވެއެވެ.

”އަހަރެންނަށް ފަހީމައްތަ ޒީލަންގެ ހަޔާތާއި ބެހޭ ގޮތުން ކޮންމެވެސް ވަރަކަށް ކިޔައިދިން. އަދި ޒީލަން ކޯހެއްގައި ބައިވެރިވާން އެދޭ ވާހަކަ ބުނި. އަހަރެން އެކަންތައް ހަމަޖައްސަމުން އެބަގެންދަން.” ޒީލަން ވާހަކަ ނުދެއްކުމުން ފަޒީން ވާހަކަ ދެއްކެވިއެވެ.

އަނެއްކާވެސް އެދެމެދަށް ހިމޭންކަން ވެރިވެއްޖެއެވެ. ޒީލަން ހީކުރި ފަޒީނަކީ ވަރަށް ހަރުކަށި ބޭކަލެއްކަމަށެވެ. ޒީލަންމެން ކަހަލަ އާދައިގެ ކުއްޖަކާ ވާހަކަވެސް ނުދައްކަވާނެ ކަމަށެވެ. ނަމަވެސް އެހަރުކަށި ފިރިހެނަކީ އެއަށްވުރެ މާ އޯގާތެރިއެކެވެ. އެފަދަ ބޭކަލަކު ޒީލަން ކަހަލަ ކުއްޖަކާ ބެހޭ ގޮތުން އޮޅުންފިލުވުމުން އޭނާއަށް ވާންވީ ދެރަކަމެއް ނުވަތަ އުފާކަމެއް ނޭނގުނެވެ.

”ޒީލަން ކިހާހިސާބަކަށްތަ ކިޔެވީ؟” ކޯހަށް ވަނުމުގެ ކުރިން ތަޢުލީމީ ފެންވަރު އެނގެންޖެހޭތީ އޭނާ އެއްސެވިއެވެ.

”އޭލެވެލްއާއި ހަމައަށް؟”

”ދެންކީއްވެ މިކަހަލަ ވަޒީފާއެއްގައި ތިއުޅެނީ؟” އޭލެވެލް ހަދާފައި ތިބޭ ކުދިން މިކަހަލަ އާދައިގެ މަސައްކަތެއް ކުރާނޭ ކަމަކަށް ގަބޫލެއް ނުކުރެވުނެވެ.

”އަޅުގަނޑަށް އެއްވެސް ތާކުން ވަޒީފާއެއް ނުލިބުނު. އަޅުގަނޑަކީ އަޅާލާނެ އެއްވެސް މީހެއްނެތް ޔަތީމެއް. ބައްޕައެއް މަންމައެއް ތިމާގެ މީހެއްނެތް އެކަނިވެރިއެއް.” ޒީލަންގެ ލޮލުން ކަރުނައައީ ގަސްތަކު ނޫނެވެ. އެފަދަ ބޭކަލަކަށް އޭނާގެ ހަޔާތުގެ ވާހަކަ އެހުމަކީ އޭނާއަށް ވަރަށް ފުން އަސަރުތަކެއް ކުރުވި ކަމެކެވެ.

ޒީލަންގެ މޫނުމައްޗަށް ވެރިވި ހިތްދަތި އަސަރުތަކުގެ ނިޝާންތައް ފަޒީނަށް ނުހަނު ގާތުން ފެނިލެއްވިއެވެ. އެރީތި ލޯވަނީ ރަތްވެފައެވެ. ފަޒީނު މިނިކަމެތި އަންހެން ކުއްޖާއާމެދު ހަމްދަރުދީވެލެއްވިއެވެ. އެސުވާލުގެ ސަބަބުން ޒީލަންއަށް ކުރިއަސަރު  އޭނާއަށް އެނގިލެއްވިއެވެ. އެކަމުގެސަބަބުން ފަޒީން ވެސް ދެރަވިއެވެ. އެހެންކަމުން އޭނާއަށް ކިޔަވައިދިނުމަށް ބޭނުންވެލެއްވިއެވެ. އެފަދަ ނިކަމެތި ކުއްޖަކަށް ކިޔަވައި ދިނުމާއި އެހީވުމަކީ އޭނާގެ އުފަލެކެވެ.

ޖެހިގެންއައި ދުވަހު ޒީލަންކޮލެޖަށް ވެއްދުމުގެ ހުރިހާ ކަމެއް ފަޒީން ހަމަޖައްސަވާ ދެއްވިއެވެ. އަބަދުވެސް މިފަދަ ފުރުސަތެއް ލިބުމަށް އެދި ދުއާކުރަމުން އައި ޒީލަން މިކަމުން ވަރަށް އުފާވިއެވެ. ފަހީމައްތައަށް އޭނާ ވަރަށް ޝުކުރު އަދާކުރިއެވެ. ފަހީމާއްތަގެ ސަބަބުން އެކަންތައް މަގުފަހިވާތީ އޭނާ ފަހީމާއްތަ ދެކެވާލޯބި އިތުރުވެގެންދިޔައެވެ.

ފަހީމާ ރޭގަނޑު ނާންނާތީ ރޭގަނޑުގެ ކެއުން ތައްޔާރުކުރަނީ ޒީލަންއެވެ. އޭނާ ކެއުން ތައްޔާރު ކުރުމަށްފަހު ފަޒީން ދުރުވުމުން ބޭރުގައި މަޑުކުރެއެވެ. ދެން ފަޒީނު ކޭންބައްލަވާ ނިމުމުން ތަށިތައްނަގާ މޭޒު ސާފުކުރެއެވެ. އެހެން ރޭރޭއާއި އެއްގޮތަށް މިރޭވެސް ޒީލަން ކަންތައް ކުރީ މި އުސޫލުންނެވެ. ޒީލަން ސިޓިންރޫމުގައި އިނީ ފަޒީނު ނިމިލައްވާންދެންނެވެ.

” ޒީލަންގެ ކޯހުގެ ހުރިހާކަމެއް ހަމަޖެހިއްޖެ.” އޭނާ ނިކުންނަވަމުން ބުނުއްވިއެވެ.

އެއަޑަށް އަވަހަށް ޒީލަންއަށް ކޮޅަށް ތެދުވުނެވެ. ޒީލަންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މީ އޭނާ އަބަދުވެސް އުންމީދު ކުރަމުން އައި ފުރުސަތެވެ. އެހާ އަވަހަށް ޒީލަންގެ އެދުން ފުރިހަމަ ކޮށްދެވުނީތީ ޝުކުރު އަދާކުރަންވީ ގޮތްވެސް ނޭނގުނެވެ. އޭނާ މިފަދަ ފުރުސަތަކަށް ކިތަންމެ އިންތިޒާރެއް ކުރިނަމަވެސް މިހާ އަވަހަށް ކާމިޔާބު ވެދާނެކަމަކަށް ގަބޫލެއްވެސް ނުކުރެވެއެވެ.

”އަޅުގަޑަށް ތިކޮށްދެއްވީ ވަރަށް ބޮޑުކަމެއް. ނަމަވެސް އަޅުގަނޑަކަށް ދެވޭނެ އެއްޗެއްނެތް.” އޭނާ އިސްޖަހައިލައިގެން އިނދެ  ނަންގަތެވެ.

”އަހަރެން އެއްވެސް ކަމެއް ބޭނުމެއްނޫން. މީ އަހަރެން ކުރިހެޔޮކަމެއް. ތިކަހަލަ ކިތަންމެ ކުއްޖަކަށް އަހަރެން އެހީވަން.”

ޒީލަން އޭނާއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވިއެވެ.

ޒީލަންވީ އަންހެނުންގެ ހައްގުތަކާއި ގުޅޭ މާއްދާއިން ޑިގްރީ ހަދާކުއްޖަކަށެވެ. ކޮލެޖުންދޭ ފިލާވަޅުތައް ރަނގަޅަށް ހަދައި ރަނގަޅު ނަތީޖާއެއް ލިބޭތޯ ގަދައަޅައި މަސައްކަތް ކުރެއެވެ. ނަތީޖާއަކަށް ވެގެންދިޔައީ އޭނާގެ ވާހަކަ އެހެން ކޯސްތަކުގައި އުޅޭ ކުދިންނަށް ވެސް އެނގިގެން ދިއުމެވެ. ތޫނުފިލިކަމާއި މޮޅުކަމެވެ. މަޑުމައިތިރިކަމާއި ރަނގަޅު އަޚުލާގެވެ. އެހެންކަމުން އެތައް ފިރިހެން ކުދިންނެއް އޭނާއަށް ”ދެއްކޭން” ނަމަވެސް ޒީލަންއަކީ މިފަދަ ކަންތަކަށް ޝައުގުވެރިކަން ދޭކުއްޖެއް ނޫނެވެ. އޭނާ އަބަދުވެސް ފިރިހެނުންނަށް ނަފުރަތު ކުރެއެވެ. އެއީ އަންހެނުންގެ ނިކަމެތިކަމާއި މައުސޫމުކަން ހަތިޔާރަކަށް ހަދައިގެން އޭގެ ނުހައްގު ފައިދާ ހޯދާ ބައެކެވެ. ފިރިހެނުންނަކީ ކެހިވެރި ބައެކެވެ. އޭނާގެ މަންމަގެ ހަޔާތްވެސް ބަރުބާދުވީ އެފަދަ މަކަރުވެރި ވަކިތަކެއްގެ ދަށު ވެގެންނެވެ. މަންމަގެ ޅަކަމާއި ޒުވާންކަން ފޭރިގަތުމަށްފަހު އެންމެ ހާލުގައި ޖެހުނު ދުވަހު ދިރިއުޅުމުގެ މައިދާނަށް އެއްލާލާފައި ފިލީ އެފަދަ ނުބައި ފިރިހެނެކެވެ. އޭގެ ސަބަބުން އެދެމައިންނަށް މަލާމާތާއި އެކަނިވެރިކަމާއި ހިތާމަ ނޫން އެއްޗެއް ނުލިބުނެވެ.

”އަލް. މިއަދު ކުލާސް ކެންސަލުވެއްޖެ. ހިނގާ ލައިބްރަރީއަށްދާން.”    ކޮލެޖުން ނިކުންނަމުން ޒީލަން ބުންޏެވެ. އަލްހެނާއަކީ ޒީލަން ކުލާހުގެ އެންމެ ގާތުގައި އިންނަ ކުއްޖާއެވެ. އެދެމީހުން މިހާރުވަނީ ވަރަށް ގާތް ރަހްމަތްތެރިންނަށް ވެފައެވެ.

”ދައްތަ ގޭގައި ނޫޅެތީ ތަންކޮޅެއް ލަސްވީ.” ބާރަށް ހިނގާފައި އައުމުގެ ސަބަބުން އޭނާ ވަނީ ވަރުބަލިވެފައެވެ.

”ކޮބާ މިއަދު އެ ޝައީމުއަކާ ދިމައެއް ނުވޭތަ؟” ޝައީމަކީ ޒީލަންއާއި ހެދި މާވަރަކުން އުޅޭ ކުއްޖެކެވެ. އޭނާއަކީ މިއަހަރު ބިސިނަސް މެނޭޖްމަންޓް ނިންމާ ބެޗްގައި އުޅޭ ދަރިވަރެކެވެ. ކޮންމެ ދުވަހަކު ވެސް ޒީލަން ވާހަކަދައްކާތޯ އުޅެއެވެ. ކާޑު ފޮނުވާ ފޯނުކުރުމަކީ އޭނާގެ އާދައެކެވެ. ނަމަވެސް ޒީލަން އަޅައެއް ނުލައެވެ.

”ޒީލަން ކޮންމެ ފިރިހެނެއް އެއްގޮތެއް ނުވާނެ. ޝައީމަކީ ޒީލަންދެކެ ވަރަށް ލޯބިވާ ރަނގަޅު ކުއްޖެއް”

”އެ ވާހަކަ ނުދައްކާ.” ޒީލަން އެކަހަލަ ވާހަކަ އަޑުއަހަން ވެސް ފޫހިވެއެވެ.

”އެނގޭތަ އަފްނާން ރޭގައި އަހަރެން ގޮވައިގެން ދުއްވައިލަން ދިޔަ.” އަފްނާނަކީ އަލްހެނާ އަބަދުވެސް ވަރަށް ލޯބިވާ ކުއްޖެކެވެ. ނަމަވެސް އަފްނާން ލޯބިވާކަން ހާމަ ނުކުރާތީ އެ ވާހަކައެއް ނުދައްކައެވެ.

”އޭނާ ލޯތްބެއް ނުވެއެއްނު. ދެން ކީއްވެ އޭނާ ފަހަތުން ތިއުޅެނީ.”

”ޒީލަންއަށް އަދި ލޯބިނުވެވޭތީ ނޭނގެނީ.”

”އަފޫ ފެނުމުން އަހަރެން މުޅި ދުވަހު ނުކައި ވެސް ހުރެދާނަން”

”އަލްއަށް އެކަމަކު ސާބަސް. ތީހަގީގަތެއް ނޫން. ތީހުސް ވާހަކަތަކުގައި ލިޔެފައިވާ އެއްޗެއް.”

މިކަހަލަ ކިތަންމެ ޒުވާބެއް އެމީހުން ކުރެއެވެ. އަބަދުވެސް އަލްހެނާއާއި ޒީލަން ކޮލެޖުގައި އުޅެނީ ވަރަށް އެކީގައެވެ. ދެ މީހުންގެ އެއްވެސް ކަމެއް ސިއްރު ވެފައެއް ނޯވެއެވެ. އެކަކަށް ދިމާވާ ކަންތައް އަނެކަކަށް ބަރާބަރަށް ކިޔައިދެއެވެ.

ހުކުރުދުވަހަކީ ގޭއެންމެންގެވެސް ޗުއްޓީ ދުވަހެވެ. އެހެންކަމުން މެންދުރުފަހު ޒީލަން ވެސް ނިޝާއާއެކު ކޮފީއަކަށް ދިޔައެވެ.

” ކޮބާޒީލަން. އަދިވެސް ހަމަ ތިހެން ހުސްކޮށް ހުންނަނީތަ؟”

”ނިޝާވެސް ތިހުންނަނީނު. އަދި ގައިމުވެސް އެއްވެސް މީހަކު އަހަރެންނަކަށް ނުދައްކާ.” ޒީލަން ވެސް ދިމާކޮށްލިއެވެ.

”ނޫން އަހަރެންގެ މިހާރު ވަރަށް ރީތި ކުއްޖެއްހުރޭ.”

”ތިބުނާ ކުއްޖާ އަބަދުވެސް އުޅެއެއްނު. އަބަދުވެސް ކައިވެނި ކުރަން އުޅޭ ވާހަކަ ކިޔާނެ”. ޒީލަން މިއަދު އައިއްސުރެން ނިޝާއާއި ދިމާކުރަނީއެވެ.

”ސީރިއަސްކޮށް ވަރަށް އަވަހަށް ކައިވެނި ކުރާށޭ  މިއުޅެނީ.”

”އެންމެފަހުން ކައިވެނިކުރަން ނިންމީ.”   ޒީލަން ހައިރާންވިއެވެ.

”ނިޝާވެސް އެމީހުންގެ އަވައިގައި ޖެހުނީދޯ.” ގިނައިރުތަކެއްފަހުން ޒީލަން ބުންޏެވެ.

”ނޫންޒީލަން. ތިވިސްނުން މުޅިންގޯސް. އެއީއަވައިގައި ޖެހުމެއްނޫން. މީހަކާއި އިނުމުން ދިރިއުޅުމެއްލިބޭނީ. އޭރުން ކޮންމެ ކަމަކާއި އެހީތެރިވާނެ މީހަކުލިބޭނެ. އަމިއްލަނަފްސަށް ރައްކާތެރިކަން އިހުސާސް ކުރެވޭނެ.” އޭނަ ހީވަނީ މޮޅުވާހަކަ ދެއްކުން ތެރިއެއް ހެންނެވެ.

ނިޝާއާއި ދެމީހުން އަބަދުވެސް ބަހުސްކުރާ މައުޟޫއަކީ އެއީއެވެ. އެހެންނަމަވެސް މިއަދު ޒީލަން އެއްވެސް އެއްޗެކޭ ނުބުނެއެވެ. ނިޝާއަކީ އަބަދުވެސް ފިރިހެނުންނަށް ޝައުގުވެރިވާ މީހަކަށްވާތީއެވެ. އޭނާ ދުވަހަކުވެސް ޒިލަންއަކާއި އެއްގަލަކަށް މިމައުޟޫގައި ނާރާނެތީއެވެ.

”ނިޝާ އަހަރެން މިހާރު ކޯހަށްދާން ފަށައިފިން.” ޒީލަން ކަންތައް ދިމާވިގޮތް ވަރަށް ރަނގަޅަށް އޮޅުން ފިލުވައިދިނެވެ.

”ތިހާއަވަހަށް ކޯހަށްދެވުމުގެ ކަންތައް ހަމަޖެހުނީ ކިހިނެއް؟” ކޯހަށް ނުދެވިގެން އުޅޭ ޒީލަންއަށް އެހާ އަވަހަށް ފުރުސަތު ލިބުމުން އޭނާ އޮޅުންފިލުވަން ބޭނުންވިއެވެ.

”ފަހީމައްތަ އެގޭ ބޮސް ގާތުގައި ނަންގަތީ. ފަޒީން އަހަރެންގެ ގާތުގައި އެވާހަކަ ބުނުއްވީ. އޭނާ ހަމަޖައްސައިދިން ފުރުސަތެއްމީ.” އޭނާ އޮޅުން ފިލުވައިދިނެވެ.

” ޒީލަން ހަމަތެދެއްމިބުނީ. މަށަށްހީވަނީ ފަޒީނަކީ ވަރަށް ރަނގަޅު މީހެއްހެން. ތިކަންތަކާއި އުޅެންވީނު.”

”ސާބަސް ނިޝާ އަހަރެން ކުރިންވެސް ބުނީމެއްނު އެކަހަލަ ވާހަކަ ނުދައްކާށޭ. ޚާއްސަކޮށް ފަޒީނުގެ ވާހަކަ. އެއީ އަހަރެން ވަރަށް އިހުތިރާމު ކުރާ މީހެއް.” ޒީލަން މިފަހަރު ރުޅިއަންނަގޮތް ދައްކާލިއެވެ.

ޒީލަންގެ ކިޔެވުމުގެ ދުވަސްތައް ވަރަށް ހަލުއި ކަމާއެކު ދެއެވެ. އެކި އުމުރުގެ ކުދިން އުޅެމުންދާ ކޯހުގައި ތަފާތު މިޒާޖުގެ ރައްޓެހި ކުދިން ތިބެއެވެ. އެހެންނަމަވެސް އެންމެންވެސް ލޯބީގެ ވާހަކަ ދައްކައެވެ. ކުލާހުގައިވެސް ކުދިންދައްކަނީ އެމީހެއްގެ ހަޔާތުގެ ބައިވެރިޔާގެ ވާހަކައެވެ.

ކޮންމެ ދުވަހަކުވެސް ޝައީމުގެ އުނދަގޫތަކާއި ޒީލަން ކުރިމަތިލާން ޖެހެއެވެ. އޭނާ ފާޅުގައި ދެކޮޅުހަދައެވެ. ނަމަވެސް މިހާރު އޭނާއަކީ ޒުވާން އަންހެން ކުއްޖެކެވެ. ގުދުރަތީގޮތުން އޭނާގެ ހިތުގައި ޝުއޫރުތަކެއް އުފެދެއެވެ. ފިރިހެން ޖިންސާއި ލޯތްބާއި އަޅާލުން ރަށްޓެހިކުދިންގެ ވާހަކަތަކުން އަޑުއިވެއެވެ. އޭނާގެ ހިތުގައިވެސް ފިރިހެނުންނާމެދު އިހުސާސް ތަކެއް އުފެދެއެވެ. ނަމަވެސް އެމީހުންނަކަށް އިތުބާރެއް ނުކުރެއެވެ. އެހެންކަމުން ފިރިހެނުންނާއި ވާހަކަދައްކަން އަދިވެސް އިންކާރު ކުރެވެއެވެ.

”ކީއްވެ އިއްޔެ ކްލާހަށް ނައީ. ބަލީތަ.” ޒީލަން ފަހަތު ގޮނޑީގައި ފޮތެއް ބަލަން އިންދާ ޝައީމު އެހިއެވެ. އޭނާ ކްލާހަށް ނާންނަކަން އެނގުމުންނެވެ.

” ކުޑަކޮށް ބަލިވެއުޅޭތީ.”  ފޮތަށް ބަލަން އިދެ ޖަވާބުދިނެވެ.

”އަނެއްކާ ކިހިނެއްވީ.” ޝައީމު އުޅޭ ގޮތުން ހީވަނީ ޒީލަންއަށް ވަރަށް ބޮޑުކަމެއްވީހެންނެވެ.

” ކުޑަކޮށް ރޯގާޖެހުނީ.” ޒީލަން ފޮތްލައްޕާލާ ދަބަހަށްލިއެވެ. އަދި ހިނގައި ގަންނަމުން ބުންޏެވެ.

” އޭނާއަށް އެހެން ނަހަދަބަލަ ޒީލަން.” އޭރު އަލްހެނާ ބާރަށް ހިގަމުންއައިސް ޒީލަންއާއި އެއްވަރު ކުރަމުން ބުންޏެވެ.

” އަހަންނަށް ފެންނަނީ ޝައީމުއާއި ރައްޓެހިވާން” . މާގާތްކޮށް ނޫޅުނަސް މާބޮޑު އިތުބާރެއް ނުކުރިއަސް ފަހުން ލޯބިވެވިދާނެއެއްނު. ކޮންމެ ގޮތެއްވިޔަސް އެންމެން ކުރާކަމެއް ޒީލަންވެސް ކޮންމެވެސް ދުވަހަކުން ކުރަންޖެހޭނެ. ދުނިޔޭގެ ގާނޫނެއް ޒީލަންއެއްކަމަކު ބަދަލެއް ނުކުރެވޭނެ.” އަލްއަށް ފެންނަގޮތެއް ހުށައެޅިއެވެ.

”ތިކަމާ ދޭތެރޭވިސްނާނަން.” މިއީ އެންމެފަސޭހައިން މިކަން ބޮލުންނައްޓާލެވޭނެ ގޮތްކަން އޭނާއަށް ވިސްނޭތީ އެހެން ބުންޏެވެ. ދެމީހުން ކުލާހަށް ދިޔައިރު ހުރިހާ އެންމެން ކުލާހުގައި ތިއްބެވެ.

” ޒީލަން އިއްޔެ މިސްބުންޏެއްނު. ދޯ! ކޮންމެ ފަސް އަންހެނުންކުރެ އެކަކީ ޖިންސީ ނުވަތަ ޖިސްމާނީ ގޮތުން އަނިޔާ ވެފައިވާމީހެކޭ   ތެދަކަށްވެދާނެ ހެން ހީވޭތަ؟”

”އާނ ވެދާނެ . ގިނައަންހެނުން ތިބެނީ އެކަންތައް ސިއްރުކޮށްގެން އެހެންވުމުން އެމައްސަލައިގެ އަސްލު އަދަދު ބުނެދޭކަށް ނޭނގޭ. އެއްވެސް އަންހެނަކަށް އެފަދަ ގޯނާއެއް ކޮށްފިނަމަ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމުން ރަނގަޅު ހައްލެއް ލިބޭނެ ކަމެއް ގިނަމީހުން ނަކަށް ނޭނގޭ.” ޒީލަން ވިސްނޭގޮތް ބުންޏެވެ.

” އެހެންވީއިރު ރަށްރަށުގައި ހޭލުންތެރި ކުރާނެ ޕްރޮގްރާމް ހެދިއްޖެނަމަ ވަރަށް ގިނަމީހުން އެކަމުން ސަލާމަތްކުރެވޭނެދޯ.” އަލްހެނާވެސް ބައިވެރިވެލިއެވެ.

” ކޮން ހޭލުންތެރި ޕްރޮގްރާމެއް، އަންހެނުންނަކީ ފިރިހެނުންގެ އުފާތަކަށް އެމީހުންގެ ފުރާނަވެސް ދޭންޖެހޭނެ ބައެއް. ނޭގޭތަ އެއީ ފިރިމީހާގެ މުދަލެއް، އެމީހުން ޖެހޭނީ ފިރިހެނުންގެ ކޮންމެ އަމުރަކަށް ކިޔަމަންވާން.” ޒީލަންމެންނާއި އެއްކޯހެއްގައި އުޅޭ އައިޝާ ބުންޏެވެ.

” ހޫން ކަލޭހުރޭ އެގޮތަށް ހެދިގެން. އަހަރެމެންނާ ވާމީހެއްވެސް އެހެން ވިޔަކަ ނުދޭނަން.” އަލްހެނާ އައިޝާއާއި މުޅިން ދެބަހެވެ.

”ޒީލަން މާދަން މިއުޅެނީ އެންމެން ދަތުރުދާން . ދާނަންދޯ.” އަޒުރާ މައުޟޫއު ބަދަލުކޮށްލިއެވެ.

”އާން އޭނަދާނެ.” އަލް ބުންޏެވެ.

”ޒީލަން މިދަތުރު ދާންވާނެ. ކުރީދަތުރުވެސް ނުދަމެއްނު”. އަލްހެނާ އާދޭސް ކުރިއެވެ.

”ބަލާނަންދެވޭތޯ”. އޭނާ ފުރަތަމަފަހަރަށް ދަތުރެއްދާން ބޭނުންވިއެވެ. ޒީލަން ގެއަށްދާން ނިކުތީ ދަތުރުދާން އެއްބަސްވެގެންނެވެ. ޒީލަންގެއަށްދިޔަ މަގުމަތީގައި ޝައީމާއި ދިމާވިއެވެ.

”އެކަނިތަ. އަލްކޮބާ.” އަބަދުވެސް އަލްހެނާއާއެކުދާ ޒީލަން މިއަދު އެކަނި ދާތީ އެހިއެވެ.

”އޭނާގެ އަފޫއާއި އެކު ހިނގައްޖެ”. އަފޫއަކީ އަލްގެ ލޯބިވެރިޔާއަށްވާތީ ޒީލަން އަލްއާއެކު ނުދިޔައައީއެވެ.

”ޒީލަން ހުހަށް ތިހުންނަނީ ކީއްވެ. އޭރުން އެކަނި ދާކަށް ނުޖެހޭނެނު.” އޭނާ ޒީލަންއާއި ވާހަކަ ދެއްކޭތޯ ބެލިއެވެ.

”ފިރިހެނުން އަބަދުވެސް އުޅޭނީ ތިހެން. ކޮންމެވެސް އަންހެން ކުއްޖަކާއި އަޅައިގަނެގެން.” އޭނާގެ ވިސްނުން ހުންނަ ގޮތަށް ބުނެލިއެވެ.

 “އަހަރެން ފެށުނީއްސުރެ މިއުޅެނީ ޒީލަންއަށްޓަކައި. އަހަރެންނާ ދިމާއަށް ތިހެންނުބުނޭ.” ޝައީމު ދެރަވިއެވެ.

ޒީލަންގެ ހިތުގައި މިހާރު ޝައީމާއި މެދު ކޮންމެވެސް އިހުސާސްތަކެއް އެބަ ފެނެއެވެ. ކުރިން ވާހަކަ ނުދެއްކި ނަމަވެސް މިހާރު ވާހަކަ ދައްކާހިތްވެއެވެ. ޝައީމަށްވެސް މިކަން ފާހަގަ ކުރެވެއެވެ.

”އަން ޒީލަން މިއޮތީ އަލްދިން އެއްޗެއް. ތީތި ރަނގަޅަށްބަލާތި؟” ޝައީމު އަތުގައި އޮތް ނޯޓުފޮތް ދީފައި ހިނގައްޖެއެވެ.

ޒީލަން ފޮތްދަބަހަށް ލާން އުޅުނެވެ. ނަމަވެސް ކީއްވެގެން ކަމެއްނޭނގެއެވެ. އޭނާ ފޮތް ހުޅުވާލިއެވެ. އޭނާއަށް ފެނުނީ ޒީލަންއަށް އެޑްރެސް ކޮށްފައި އޮތް ކަރުދާސްކޮޅެކެވެ. އޭނާ އަވަހަށް އެބަލާލިއެވެ.

”ޒީލަން. އަހަރެން ޒީލަންދެކެ ވަރަށް ލޯބިވެއެވެ. އަހަރެން ދެކެ ލޯބިވާނަމަ މާދަމާގެ ދަތުރުން ޒީލަން ފެންނާނެއެވެ. އަދި އެންމެފުރަތަމަ ސަލާންކުރާނީ އަހަރެންނާއެވެ.”

ޒީލަން ނިދަންވީއިރުވެސް ވިސްނެނީ އެނޯޓާއި މެދުއެވެ. ޝައީމާއި ރަށްޓެހިވުމަކުން ގޯހެއްނެތެވެ. އަލްބުނިހެން ރަށްޓެހިވެގެން ދުވަސްކޮޅެއްވުމުން ލޯބިވެވިދާނެއެވެ. ވާގޮތެއް ބަލާލުމަށްޓަކައިވެސް ޝައީމުއާއި ރައްޓެހި ވާން އޭނާ ބޭނުންވެއްޖެއެވެ.

ޒީލަން ދަތުރުދިޔައެވެ. އަދި ޝައީމާއި ރައްޓެހިވިއެވެ. އޭނާހުރީ މިއަދުވަރަށް އުފަލުންނެވެ. އެއީ ޝައީމު އޭނާއި މެދު ބެހެއްޓި އޯގާތެރިކަމާއި ގާތްކަމުންނެވެ. މެންދުރު ކޭވަގުތުގައިވެސް އޭނާގެ ތައްޓަށް ޝައީމު އެއްޗިހި އަޅައިގެން ގެނެސްދިނެވެ. މޫދަށް އެރި ނިމުމުން ރީތި ފެންފުޅިއެއް ގަޔަށް އަޅައިދިނެވެ. އެއްފަހަރަކު ޒީލަންގެ ލޮލަށް ވެލިއެޅުނެވެ. ޝައީމު ވަރަށް ހާސްވިއެވެ. އެހެންކަމުން ޒީލަންގެ ލޮލަށް ފުމެލިއެވެ. އެވަގުތު ޒީލަންގެ ހަށިގަނޑުގައި ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް އުފެދުނެވެ. އޭނާ ދުވަހަކުވެސް ފިރިހެނަކާ މިހާ ގާތުގައި އުޅެފައެއް ނުވެއެވެ.

”ޒީލަންގެ ލޯ ހާދަ ރީއްޗެވެ. ތިލޮލުގައިވަނީ ކޮންފަދަ ޖާދުވީ ބާރެއްހެއްޔެވެ. އަހަރެން ދީވާނާވެދާނެއެވެ.”

ޝައީމު މަޑުމަޑުން ބުނެލި މިޖުމުލަތައް ހީވީ އޭނާގެ ހިތަށް ވިރުވާ އެޅިހެންނެވެ. ހަށިގަނޑުގައި ގަދަ އޮއިވަރެއް ހިނގާލިހެންނެވެ. އޭނާއަށްވީގޮތުން އަނެއްފަރާތަށް އެނބުރުނެވެ. އޭނާ ޝައީމާއި ރައްޓެހިވީނަމަވެސް އިތުބާރެއް ނުކުރެއެވެ. އޭނާ ޝައީމުދެކެ ލޯބިވާކަހަލަ އިހުސާސެއް ކުރެވެއެވެ. އެދަތުރުގައި ވަރަށް ގިނަވަގުތު ޝައީމާއެކު ހޭދަކުރެވުނެވެ. އޭނާގެ ހަޔާތަށް މިފަދަ އުފާވެރި ދުވަސްތައް އަންނަނީ ވަރަށް މަދުންނެވެ.

ޒީލަންގެ ކިޔެވުން ވަރަށް ރަނގަޅެވެ. ގޭގެ މަސައްކަތް ބަރާބަރަށް ކުރުމަށްފަހު އޭނާ ކިޔެވުމަށް ވަރަށް މަސައްކަތްކުރެއެވެ. އެސައިމަންޓްތައް ހެދުމަށްޓަކައި ބައެއްފަހަރު ގޭގައިހުންނަ ލައިބްރަރީއެއްފަދަ ފޮތުން މުއްސަނދިވެފައިވާ ކޮޓަރިއަށްގޮސް މަޢުލޫމާތު ހޯދައެވެ. މިހެން އުޅޭއިރު ބައެއްރޭރޭ ފަޒީނާއިވެސް ދިމާވެއެވެ. އަދި އެހީތެރިވެސް ވެދެއްވައެވެ. އެހެންކަމުން ޒީލަން ނިހާޔަތަށް ފަޒީނަށް ޝުކުރުވެރި ވެއެވެ. އަދި މަޑުމަޑުން ވާހަކަ ދެކެވެން ފެށިއެވެ. ރަސްމީ ރައްޓެހިކަމެއް އުފެދެމުން ދިޔައެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *